މަޢުލޫމާތު ހޯދާ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ހަމަ ގައިމުވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. ހަތަރު ފަރާތުން އުދަރެސް ބައްދާލާ ނަގާ ކޮންމެ ކޮޅިގަނޑެއްގައި، އެންމެ ކައިރީގައި ތިބޭނީ މި ބުނާ މަޢުލޫމާތު ހޯދާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ މީހުންނެވެ. ގައުމަށް ކުރިމަތިވާ ކޮންމެ ގިލަންވެރިކަމެއްގެ ފަހަތުގައްޔާއި، ކޮންމެ އުފާވެރިކަމެއްގެ ފަހަތުގައިވެސް އެމީހުންގެ ގަލަމުގެ ދެލި ހުސްނުވެ، ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި ކަމަރު ބަނދެލައިގެން ތިބޭނެއެވެ. އާދެ އަޅުގަނޑު މިދެންނެވީ ނޫސްވެރިންގެ ވާހަކައެވެ.
އަޅުގަނޑުގެ ގަލަމުގެ ތުނޑު މި އަމާޒުކޮށްލަނީ އައްޑޫ ސިޓީ ހުޅުދޫއަށް އުފަން އުމުރުން 22 އަހަރުގެ މާހަތު ހުސެއިން، ތިޔަބޭފުޅުންގެ ނަމުންނަމަ މާތު އަށެވެ. ނޫސްވެރިކަމުގެ ބަހާރުގައި ފޮޅުނު ތާޒާ މަލެކެވެ. މާތުގެ ނޫސްވެރިކަމުގެ ގުލްޝަނުން ފޮނުވާލި ކޮންމެ ތީރަކީ އެތައް ދިވެހި ރައްޔިތުންނަކަށް އެތަކެއް މުހިންމު މައުލޫމާތެެއް ފޯރުކޮށްދިން ތީރެކެވެ. ކެރޭ ހިތްވަރުގަދަ ނޫސްވެރިއެއްގެ ގޮތުގައި އެތައް ބަޔަކު އޭނާ ފާހަގަ ކުރެއެވެ.
ނޫސްވެރިކަމުގެ އާލަމުގައި ހިތްވަރާއި، އަޒުމާއެކު ދެފައި ސާބިތުކޮށްގެން ހުރި މާތު، ނޫސްވެރިކަމުގެ ޢާލަމަށް ދެލޯ ހުޅުވިގެން ދިޔަ ގޮތް އޭނާ މުނިއަވަސް އަށް ޙިއްޞާކޮށްދިނެވެ.
“އެންމެ ފުރަތަމަ މަސައްކަތް ކުރީ ދިޓީވީގަ. އެއީ ކުޑުދިންގެ ޝޯވ އެއް ހޮސްޓު ކުރަން. ދިކިޑްސްގެ ނަމުގަ އެ ޝޯވ ގެނައީ. ދެން އޭރު އެކަންތަކުގައި އެކީގަ އުޅުނީ ނައްތު އާ މިހޫ. ދެން އެތަނަށް ދިމާވި ބައެއް ކަންތަކަށްފަހު ބަންދުކޮށްގެން ސަންގުއަށް އާދެވެނީ. އެ ވެސް ހަމަ ކުޑަކުދިންގެ ޝޯވއަކަށް. އެހެން އުޅެމުން އައިސް ސްޓާފް ޝޯޓްއޭޖެއް އައި ދުވަސްވަރަކާއި ދިމާވީމަ އަމިއްލަ އަށް ބުނީ ބޭނުމޭ ނޫސްވެރިކަން ކުރަން. އެންމެ ފުރަތަމަވެސް ލައިވްއަކަށް އެރީ، އެދުވަހުން ފެށިގެން މިއަދަށް ވެސް އެ ޕްރޮގްރާމް ހޯސްޓަކީ މާތު،”
ނޫސްްވެރިން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ، މި ދާއިރާ ކުރިއަރަމުން އަންނައިރު، އަޅުގަނޑުމެންނަށް ދަނީ ތަފާތު ރަހަތަކުގެ ލިޔުންތައް ކިޔާލަން ލިބެމުންނެވެ. ނޫސްވެރިކަމުގެ ވިއްސާރަ ވިލާތަކުން އޮހިގެންދާ ތަފާތު ހުނަރުން ފުރިގެންވާ އެތައް މައުލޫމާތު ތަކަކުން އަޅުގަނޑުމެންގެ ހިތްތައްް ތެމިގެން ދެއެވެ. މިގޮތަށް ކިޔާލަަން ލިބޭ ކޮންމެ މަޢުލޫމާތުތަކެއްގެ ފަހަތުގައިވަނީ ނޫސްވެރިން ކޮށްފައިވާ ބުރަ އެތައް މަސައްކަތްތަކެކެވެ. އެ ގޮތުން މާތުވެސް ފާހަގަ ކުރީ ނޫސްވެރިކަމަކީ ބުރަ މަސައްކަތެއްގެ ގޮތުގައެވެ.
“އަސްލު ގަބޫލު ކުރަނީ ބުރަ އަދި އުނދަގޫ މަސައްކަތެއްގެ ގޮތުގައި. ހާއްސަކޮށް ޓީވީ މީޑިއާއެއް. ގިނަ ވަގުތު ހޭދަވާ އަދި ވަގުތު ހޭދަ ވެސް ކުރަންޖެހޭ ދާއިރާއެއްގެ ގޮތުގައި”
މާތު ބުންޏެވެ.
ނޫސްވެރިކަމުގެ ގަދަ ކަނޑުގައި ހުރަސްތަކެއްގެ ގޮތުގައި ނަގަމުން ދިޔަ ބިޔަ ބޮޑެތި ރާޅުތައް މުގުރަމުން، ސަންގު ޓީވީގެ އޮޑީގައި މާތު ދަތުރުކުރަމުން ދަނީ ސަންގު ޓީވީގެ ބަދަހި ޓީމުން ހިތްވަރު ލިބިގެންނެވެ. މާތު ފާހަގަކުރި ގޮތުގައި މާތު، މާތުއަށް ވަނީ ސަންގު ޓީވީ އޮވެގެންނެވެ.
މާތު މިވަގުތުވެސް ހުރީ ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޚިދުމަތުގައި އޮފީސް ލޮކްޑައުންގައި ސަންގު ޓީވީގައެވެ. މުނިއަވަސް ޓީމުގެ ފަރާތުން މާތުއާއި އިންޓަވިއު ކޮށްލީމެވެ.
ނޫސްވެރިކަމުގެ ދާއިރާގަަައިި މަަސައްކަތް ކުުުުުުުުުރާާތާ ކިތައް އަހަރު ވެއްޖެ؟
ތިން އަހަރު ވެއްޖެ. މި އަހަރުގެ ސެޕްޓެންބަރު ނޫނީ އޮކްޓޫބަރު މަހަށް ވާނެ ހަތަރު އަހަރު. ނޫސްވެރިކަން ފެށީ ސީދާ ސަންގުޓީވީން.
ނޫސްވެރިކަމުގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތާމަވެރި ދުވަހަކީ ކޮބާ؟
ވަކި ދުވަހެއް އެހެން ނޭނގެ ބުނާކަށް. އެކަމަކު ހުންނާނެ ޑީމޯޓިވޭޓް ވާ ކަންތަކެއް ދިމާވެފަ. ދެން އެއީ އެންމެނަށް ވެސް އަންނަ ޗެލެންޖެއްހެން ހީވަނީ. ދެން އޭރު މީޑިއާތައް ޖޫރިމަނާކޮށް، ނޫސްވެރިންނަށް ވަމުންދިޔަ ގޮތްފެނިފަ ވަރަށް ބިރު ގަތް. ދެން އޭރު 2018 ވަނަ އަހަރު ގެންދިޔަ މުޒާހަރާތައް ވަރަށް ގާތުން ކަވަރު ކުރިން. އޭރު ބައެއް މީހުން ބުނާނެ މިއީ އަންހެން ކުދިން ކުރާ ކަމެއް ނޫނޭ. ނޫނީ، ތި ނޫން މީހެއް ތިތާ ނުހުންނަނީހޭ. އެއީ އަބަދުހެން ފެންނާތީ. އެކަހަލަ ކުދި ކުދި ކަންކަން ހުންނާނީ. ވަކި ސްޕެސިފިކް ކަމެއް ނެތް.
ނޫސްވެރިކަމުގެ ހަޔާތުގައި އެންމެ އުފާވި ދުވަހަކީ ކޮބާ؟
ނޫސްވެރިކަމުގަ އެންމެ އުފާވީ، ހަމަ މިބުނާ މުޒާހަރާތައް ކަވަރުކޮށްގެން އައި ބަސްތަކުގެ ތެރެއިން އެ ވާހަކަ ސްޓާފު މީޓިންއެއްގަ ދެކެވުނީ. މީހުން ބުނާނެ ކުޑަ ކުއްޖެކޭ. ދެން އިސްކޮޅަށް އެހެން އެ ބުނަނީ. ދެން އަސްވާޑު ބުނީ ތިމަންނަ ބުނަމޭ މާތު ކުރަން ބޭނުން ކަމެއް ކުރަން ތިމަންނަ ފުރުސަތު ދޭނަމޭ. ކުރިޔަށް ދާން ބޭނުން ކުއްޖަކަށް އެ ފުރުސަތު ދޭނަމޭ. ވަކި ތަފާތެއް ނުކުރާނަމޭ. އެ ދުވަހު ވަރަށް އުފާވި. ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އެ ދުވަސް. އެހެން މީހުން ހަނދާންވެސް ނުހުރެދާނެ.
ކޮވިޑް-19 ކަވަރޭޖްގައި އުޅުން ސިފަކުރަނީ ކިހިނެތް؟
މިކަހަލަ ދުވަހެއް އައިސްދާނެ އޭ ދުވަހަކުވެސް ހިތަކަށް ނާރާ. ވަރަށް އުނދަގޫ ދުވަސްތަކެއް މިއީ. އެންމެ ފުރަތަމަކޮޅު ކޯޕް ކުރަން ވަރަށް އުނދަގޫވި. އެހެން ކަހަލަ ބިރެއް ގަންނަން ފެށީ. ވަރަށް ޕެނިކް ވެސް ވި. މި ބަލި މިގޮތަށް ރާއްޖެއަށް އައިސް މުޅި މާލެ މިހާލަތަކަށް ދާނެކަމަށް ހިތަކަށް ވެސް ނާރާ. ބިރުވެސް ގަނޭ. އޮފީސް ލޮކްޑައުންގެ މިތިބީ. ކޮންމެ ދުވަހަކު އޮންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގަ ބައިވެރިވަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން. މަޢުލޫމާތު އެއް ކުރެވޭ. އުންމީދަކީ ވީހާވެސް އަވަހަށް މިހާލަތުން އަރައިގަނެވުން.
ދުވަހަކުވެސް ހިތަށް އެރިތަ ނޫސްވެރިކަމުން ދުރަށްދާން؟
އެންމެ ކުޑައިރުން ފެށިގެން ވަރަށް ބޭނުންވި ކަމެއް މިއީ. އޭރު އޮންކެމްސް ފެނުނީމަ، އެކަން ކުރަން ބޭނުންވީ. އޭރަކު ނޭނގެ މި ވޯކް ކުރާ ގޮތެއް. ދެން ފަހުން ފަހުން އައިސް ޚަބަރުތައް އޮންލައިންތަކުން ކިޔާ އެހެން ހަދަން ފެށީ. އެކަމަކު ހިތަކަށް ނާރާ މިހާ އަވަހަށް ހުވަފެން ހަގީގަތަކަށް ވެދާނެޔޭ.
ރާއްޖޭގައި ތިބި އެންމެ ކަމުދާ ނޫސްވެރިންނަކީ ކޮބާ؟
ވަރަށް ގިނަވާނެ. އެންމެންގެ ނަންވެސް ނުބުނެވި ހިނގައިދާނެ. އެކަން ވަރަށް ފޮލޯކުރަން އެންމެވެސް. ދެން މިސާލަކަށް އަވަސް އިން ނާޒިމް، މޫސަ ވަރަށް ކަމުދޭ. މިހާރު އޮންލައިންގެ ފަޒީ، ހަމްދޫން. ދެން އަނެއްހެން ސީނިއާ އެންމެންގެ ޚަބަރުތަކާ ރިޕޯޓުތައް ކިޔަން ހަމަ އަބަދުވެސް.
ދުވަހަކުވެސް އާންމުންގެ ތެރޭގައި ލަދުގަންނަ ކަމަކާ ދިމާވިތަ؟
އެހެނެއް ނުހުންނާނެ.
ކުޑައިރުގެ އެންމެ ބޮޑު ހަނދާނަކީ ކޮބާ؟
ޓިއުޝަން ކްލާސް ނިންމާފަ، އެންމެން ބައިސްކަލުގަ ޖޫސްޕެޓީ ގަންނަން ދާ ދުވަސްތައް. ދެން ވާރޭ ވެހޭ ދުވަސްތަކުގަ ގެކައިރި އަށް އެންމެން އެއްވާނެ ކުޅެން. އެކަހަލަ ވަރަށް ގިނަ ހަނދާންތައް ހުންނާނެ. ކަޒިންސްތައް އެންމެން ގޭގަ ޖަހާ ސަކަރާތްތަކާ.
ބުނެވިދާނެތަ މާތު ތީ ވަރަށް ރުޅިގަދަ މީހެކޭ؟
ރުޅި އަޔަސް، ވަރަށް އެކަން ނުދެއްކޭ މީހެއް މާތުއަކީ، އެއްވެސް ވާހަކައެއް ނުދައްކާނަން އެ ގަޑީ އެއްވެސް މީހަކާއެއް. ރުޅި ގަދަވާ ގަޑީ ވަރަށް ގަދަވޭ. އެކަމަކު ކޮންޓްރޯލް ވޭ. ޝޯޓް ޓެމްޕާޑް އަނެއްހެން ބުނާނަމަ.
މާތު ގަބޫލުކުރާ ގޮތުގަ މާތު މިހިސާބަށް އައުމުގެ އެންމެ ބޮޑު އަސްލަކީ ކޯބާ؟
ވަރަށް ގިނަ މީހުން އަސްލު. މާތު ދައްތަ ނައްތު ވަރަށް އެހީވި. މިހާހިސާބަށް އާދެވުމުގެ ސިއްރު އެއީ. އޭރު އެކަކު ވެސް ބޭނުން ނުވީ ކަމެއްގެ ތެރެއަށް ނެރެދިނީ. މަންމަ ބައްޕަ ވަރަށް ސަޕޯޓިވް. އާއިލާ އެންމެން ވެސް. ދެން ސަންގު މީހަކަށް ހަދާ ދިނީ. އެކަން އޮންނާނީ އެހެން. މާތު، މާތުއެއްގެ ގޮތުގަ ވާނީ ސަންގު އޮތިއްޔާ. އެހެން އެއްވެސް ތަނަކުން ނުލިބޭނެ އެތައް ސަތޭކަ ފުރުސަތެއް މިތަނުން ދިނީ. އެހެން ވީމަ މިތަން ދޫކޮށް ދާން ބޭނުން ނުވަނީ ވެސް. އެކަން މާތު އެޕްރިޝިއޭޓް ކުރާވަރު އެކީގަ އުޅޭ އެންމެނަށް އެނގޭނެ.
މުނިއަވަސް އާއި މެދު މާތު ބުނެލާނީ ކީކޭ؟
މުނިއަވަސް ކުރިން ބޮޑަށް ބޭސްޑްއީ، އެންޓަޓެއިންމެންޓަށް. އެކަމަކު މިހާރު ކަރަންޓް އެފެއާޒް އެބަ ކަވަރު ކުރޭ. އެއީ ވަރަށް ރަނގަޅު މޫވްއެއްހެން ހީވަނީ. ނޫސްވެރިކަމަށް ގާބިލު ޒުވާން ކުދިންތަކެއް ހަމަ ތިބީ. އުންމީދަކީ ކުރިއެރުން ލިބުން.
އަޅުގަނޑުމެން މުނިއަވަސް ޓީމުން މާތު އަށް އެދެނީ ކުރިއެރުމާއި ކާމިޔާބެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 ޖުލައި 2020ރިޕޯޓްމުޅި އާއިލާއާއި އަރިއަތޮޅުވެސް ޝާހުގެ އިންތިޒާރުގައި!
- 25 ޖޫން 2020ޚަބަރު“އަރި އަރި” އަށް ޖެހިލާ ސިމްބޮލިކްސް ގާދޫ ކޮލުން ބޭރަށް
- 2 ޖޫން 2020ޚަބަރުމުނިއަވަސް، ޤުރުއާން މުބާރާތުގެ ވީޑިއޯތައް ޝާއިޢުކުރި ފަހުންވެސް ބޮޑު ތަރުހީބެއް!
- 2 ޖޫން 2020ޚަބަރުމުނިއަވަސް ވާހަކަ މުބާރާތުގެ އެއްވަނަ “ތާދި” އަށް