[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]
ބަންގާޅު ނުވަތަ ބަންލާދޭޝް އަކީ ހަށިވިއްކުމުގެ ވިޔަފާރި ހުއްދަކޮށްފައިވާ މަދު މުސްލިމުގެ ޤައުމުތަކުގެ ތެރެއިން އެއް ގަޢުމެވެ. ‘ކަންދަޕާރާ’ ގެ ނަމުން ނަންދެވިފައިވާ ހަށިވިއްކުމުގެ ވިޔަފާރިކުރާ ސަރަޙައްދު އޮންނަނީ ޓަންގައިލް އަވަށުގަ އެވެ. ކަންދަޕާރާ އަކީ ވޭތިވެ ދިޔަ 200 ވަރަކަށް އަހަރު ތެރޭގައި މުޅި ބަންގާޅުގައި އުފެދުނު އެއްމެ ދުވަސްވީ އަދި ދެވަނައަށް އެއްމެ ބޮޑު ހަށިވިއްކާ ބާޒާރެވެ.
ކަންދަޕާރާ ހަށިވިއްކާ ބާޒާރު ހިމެނޭ ސަރަޙައްދު
ކަންދަޕާރާ ހަށިވިއްކާ ބާޒާރު ހިމެނޭ ސަރަޙައްދު ވަނީ 2014 ވަނަ އަހަރު އެއްކޮށް ނައްތާލާފަ އެވެ. އެހެންނަމަވެސް އެ ސަރަޙައްދުގައި އުޅެބޮޑުވި އަންހެންވެރިންނަށް ދާނެ އެހެން ދިމާއެއް ވަނީ ނޭނގިފައެވެ. ނަތީޖާއެއްގެ ގޮތުން އެ އަވަށްގަނޑަށް ނިސްބަތްވާ ހިލޭސާބަހަށް މަސައްކަތްކުރަ ޖަމުއިއްޔައެއްގެ އެހީގައި އަލުންވަނީ ކުރިން ކުރަމުން އައި ވިޔަފާރި ފަށާފަ އެވެ. ޖަރުމަނުވިލާތަށް ނިސްބަތްވާ ފޮޓޯޖަރނަލިސްޓް، ސެންޑްރާ ހޯއީން ދާދިފަހުން ވަނީ ކަންދަޕާރާއަށް ގޮސް ވަށާފާރަކުން ބަންދުކުރެވިފައިވާ އެ އަވަށްގަނޑުގެ ފޮޓޯ ނަގައި ކިތާބީހެކި ހޯދާފައެވެ. މި ލިޔުމުގައި މި ހިމަނާލަނީ އޭނާ ‘ނެކްސްޓްޝާރކް’ އަށް އީ-މެއިލްގެ ޒަރީޢާއިން ހިއްސާކޮށްފައިވާ ކިތާބީހެކި ހިމެނޭ ފޮޓޯތަކަކާއި އެއާއި ބެހޭ މަޢުލޫމާތެވެ. މި ފޮޓޯތަކުގައި ދިވެހި ޢާއްމު އިޖްތިމާޢީ އަދި އިސްލާމީ މިންގަނޑުތަކާއި ވަރަށް ބޮޑަށް ޚިލާފް ފޮޓޯތައްވެސް ހުއްޓެވެ. ނަމަވެސް އެ ފޮޓޯތައް ވާނީ އުނިކުރެވިފަ އެވެ.
ޓަންގައިލް އަވަށުގެ ކަންދަޕާރާއިން ޚިދުމަތް ހޯދުމަށް ގޮސްތިބި ބައެއް ކަސްޓަމަރުން
“މި ސަރަޙައްދަކީ އަމިއްލަ ސިފަތަކެއް ލިބިފައިވާ ޖަމާއަތެއް އޮންނަ ތަނެކެވެ. އެތަން ހީވަނީ އަވަށެއްގެ ތެރޭގައި އޮންނަ އަވަށެއް ހެން.” ހޯއީން ނެކްސްޓްޝާރކް އަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ. “ހަނިހަނި މަގުތަކުގެ ތެރޭގައި ކާނާ ވިއްކާ ބަނޑަހަތަކާއި، ސައިހޮޓާ ތަކާއި މަގުމަތީ ވިޔަފާރިކުރާ މީހުންވެސް ހުރޭ. އަހަރެން ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން ހަވީރުވާންދެން އެތަނުގައި ވަގުތު ހޭދަކުރިން. އަދި ބައެއް ދުވަސްދުވަހު އަހަންނަށް ހުރެވޭތަންވެސް ހަނދާންނެތޭވަރުވޭ. ބައެއްފަހަރަށް ހީވޭ ހުރެވެނީ އަމިއްލަ ގަވައިދުތަކެއް ގެންގުޅޭ އެހެން އަވަށެއްގެ ތެރޭގައޭވެސް.”
ބަންގާޅުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ މީހުންނާއިމެދު ޢަމަލުކުރެވެނީ ޢާއްމު ރައްޔިތުމީހާ އާއި މެދު ޢަމަލުކުރާ ގޮތަކަށް ނޫނެވެ. އެމީހުންނަށް މިނިވަންކަމެއް ނޯވެއެވެ. އިންސާނީ ޙައްޤުތަކެއް ނޯވެއެވެ. ގިނަފަހަރަށް އެތަނުގައި އުޅޭ އަންހެންކުދިން އައިސްފައިވަނީ ފަޤީރުކަމާއި އަދި ހިއުމަން ޓްރެފިކިންގ ގެ ޝިކާރައަކަށް ވެފައިވާ ހާލުގަ އެވެ. އެމީހުންނަކީ ކޮންމެވެސް އަންހެނެއްގެ އަޅެކެވެ. އެމީހުން އެ އަންހެނުންނަށް ފައިސާ ހޯދައިދޭން ޖެހެއެވެ. ބޭރަށް ނިކުމެ އުޅުމުގެ ހުއްދައެއް ނޯވެ އެވެ. އެމީހުން ހޯދާ ފައިސާ އަމިއްލަ ބޭނުމަށް ބެހެއްޓުމުގެ ފުރުޞަތެއްވެސް ނޯވެ އެވެ.
އުމުރުން 23 އަހަރުގެ މެގްލާ، ކަންދަޕާރާގެ ކޮޓަރިއެއްގައި ކަސްޓަމަރަކަށް ޚިދުމަތް ދިނުމުގައި. އޭނާ އަކީ ފަހާ ފެކްޓަރީއެއްގައި އުމުރުން އެއްމެ 12 އަހަރުގައި މަސައްކަތްކުރަން ފެށި މީހެއް. އެތަނުން ދިމާވި ފިރިހެނެއްގެ ދެއްކި އަވާމެންދުރެއްގައި ޖެހި މިއަދު އޭނާ އެވަނީ ހަށިވިއްކާ ބާޒާރަށް ވިއްކާލެވިފައި.
“ރަސްމީކޮށް، (ކަޝްބީ ވަޒީފާގައި އުޅެވޭނީ) އުމުރުން 18 އަހަރުވުމުން ނަމަވެސް ގިނަ މީހުންނަކީ 18 އަހަރުން ދަށުގެ މީހުން.” ހޯއީން ބުންޏެވެ. “އޭގެ ތެރެއިން ބައެއް މީހުން ‘އޮރެޑެކްޒޮން’ ނަމަކަށްކިޔާ ސްޓެރޮއިޓް (ކުކުޅުފަދަ ތަކެތި ގެންގުޅޭ މީހުން އެމީހުން ގެންގުޅޭ ކުކުޅުތައް ފަލަކޮށް މޮޓަން ކުރުމަށް ދޭ ބޭހެއް) ބޭހެއް ކައިގެން އުމުރުން ދުވަސްވެފައިވަ ސިފަ ޖައްސާ ފަލަ ވެގެން ތިބެނީ. މީގެ އެއްމެ ނާޒުކް ސްޓޭޖަކީ ޒުވާން އަންހެންކުދިން އެތަންތަނަށް ވައްދަނީ ‘ބޮންޑެޑް ގަރލްސް’ ނުވަތަ ގުލާނުކޮށްދޭ ކުދިންތަކެއްގެ ގޮތުގައި. އެއީ އުމުރުން 12 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިން.”
އުމުރުން އެއްމެ 14 އަހަރުގެ އަސްމާ، ކަސްޓަމަރަކާއި އެކު. އޭނާ އުފަންވެފައިވަނީވެސް ކަންދަޕާރާ އަށް
އަސްމަ ސްކޫލަށް ދިއުން ހުއްޓާލީ ސްކޫލްތެރެއިން ކުއްޖަކު އޭނާއާއި ހަނގާކޮށް ފުރައްސާރަ ކުރުމުންނެވެ. ހަނގާގެ ޝިކާރައަކަށްވުމުގެ ސަބަބަކަށްވީ އޭނާގެ މަންމައަކީ ކަޝްބީ އަންހެނަކަށް ވުމެވެ. އެހެންކަމުން އަސްމާވެސް ކިޔެވުން ދޫކޮށްލައި ހަށިވިއްކުމުގެ ވިޔަފާރިއަށް ވަންނަން މަޖުބޫރުވީ އުމުރުން އެއްމެ 14 އަހަރުގައެވެ. ހަށިވިއްކަން ފެށުމުގެ ކުރިން އޭނާ މަސައްކަތްކުރީ ކަސްޓަމަރުންނަށް ނާޗަރަންގީ ކުޅެދިނުމުގައެވެ.
އެފަދަ އަންހެންކުދިންގެ އަގު އެމީހުން ގެންގުޅޭ އަންހެނުންނަށް ލިބުމުން (ގާތްގަނޑަކަށް ފަސްއަހަރު ފަހުން) އެމީހުންނަކީ މިނިވަން ކަޝްބީންނަށް ވެއެވެ. އެހިސާބުން ކަސްޓަމަރުންނަށް ނޫނެކޭ ބުނުމުގެ އިޚްތިޔާރާއި ބާރު ލިބިގެން ދެއެވެ.
ކަސްޓަމަރަކު، އުމުރުން އެއްމެ 19 އަހަރުގެ ޕްރިޔާ ގެ މޫނަށް ބޮސްދޭން މަސައްކަތްކުރަނީ. އޭނާ އަކީ އުމުރުން 17 އަހަރުގައި ކަންދަޕާރާ ގައި ފެހުމުގެ މަސައްކަތުގައި އުޅެމުން އަންނަ ކަޝްބީ އަންހެނެއް..
“އަންހެނަކަށް އޭނާގެ އަގު ދައްކައި ނިމޭ ހިސާބުން، އޭނާ އެ ބާޒާރު ދޫކޮށް ދިއުމުގެ އިޚްތިޔާރު އޮވޭ.” ހޯއީން ބުންޏެވެ. “އެހެންނަމަވެސް އެފަދަ އަންހެނުން ވެފައިވަނީ މުޖުތަމަޢު ބަލައިނުގަންނަ ދަށްފެންވަރުގެ ބަޔަކަށް. ނަތީޖާއެއްގެ ގޮތުން އެމީހުން ނިންމަނީ ގޭގައި ތިބެގެން ހަށިވިއްކައިގެން ލިބޭ އެއްޗަކުން ޢާއިލާއަށް ހޭދަކުރުމުގައި ދެމިތިބުމަށް.”
ކާޖޮލް އޭނާގެ 6 މަހުގެ ތުއްތު ދަރިފުޅު ގޮވައިގެން އަދި ޚިދުމަތް ހޯދަން އައިސް އޮތް ކަސްޓަމަރެއް އެނދު މަތީގައި. ކާޖޮލް އަށް ހީވާގޮތުން މިހާރު އޭނާގެ އުމުރަކީ 17 އަހަރެވެ. އޭނާ ކައިވެނިކޮށްފައިވަނީ އުމުރުން އެއްމެ 9 އަހަރުގަ އެވެ. ކަންދަޕާރާ އަށް އޭނާ ވިއްކާލީ އޭނާގެ ބޮޑުދައިތަ އެވެ. އުނގުގައި އެ އޮތް ދަރިފުޅު ވިހޭތާ ދެ ހަފުތާ ފަހުން އޭނާއަށް މަޖުބޫރު ކުރުވައިގެން ހަށިވިއްކަން ޖެހުނެވެ. ތުއްތު ދަރިއެއް އޮތުމުގެ ސަބަބުން އެކަށީގެންވާ ވަރަށް ކަސްޓަމަރުންނަށް ޚިދުމަތް ނުދެވެއެވެ.
ހޯއީން ކަންދަޕާރާއަށް ގޮސް އެއްމެ ފުރަތަމަ ހަފުތާގައި އެއްވެސް ވަރަކަށް ފޮޓޯއެއް ނުނަގައެވެ. ތަރުޖަމާނެއް ގޮވައިގެން މުޅި އަވަށްތެރޭގައި ހިނގަމުން ޢާއްމުން އުޅޭގޮތް ބަލަމުން ދިޔައީ އެވެ.“
އުމުރުން 15 އަހަރުގެ ޕާކީ ކަސްޓަމަރަކާއި އެކު. އުމުރުން 14 އަހަރުން ފެށިގެން އޭނާ ދިރިއުޅެމުން އަންނަނީ އެ ސަރަޙައްދުގަ. އުމުރުން އެއްމެ 12 އހަރުގައި އޭނާ ގެ ކައިވެނި ކުރެވުނު. ނަމަވެސް އޭނާ ފިލައިގެން ދިޔައީ. މަގުމަތީގައި އުޅެނިކޮށް ފިރިހެނަކު އޭނާ ގެންގޮސް ކަންދަރާޕާ އަށް ލީ.
“އެއްމެ ފުރަތަމަ އަހަންނަށް ވަރަށް އުނދަގޫވި ހަށިވިއްކާ އަންހެނުންނާއި ކަސްޓަމަރުންނާއި ހަމައަށް ދިއުމަށް. ބައެއް ކަސްޓަމަރުން ބޭނުމެއްނުވޭ ފޮޓޯއަށް އަރާކަށް، ޚާއްޞަކޮށް މުއްސަނދި އާއިލާތަކަށް ނިސްބަތްވާ ކަސްޓަމަރުން. އެކަމަކު އަނެއްބައި ކަސްޓަމަރުން އޭގެ އެއްވެސް ކަމަކާ ފަރުވާލެއް ނުބަހައްޓާ. ބައެއް މީހުން އަހަރެން ކައިރީގައި ބުނި އެމީހުން ބޭނުންވަނީ ސިކުނޑި ތާޒާކޮށްލުމަށްކަމަށް. އެތަނަށް ގޮސް އެހެން އުޅެލުން އެއީ އެއްވެސް ގޯހެއް އޮތްކަމެއް ނޫންކަމަށާއި ފިލާތިބެންވީ އެއްވެސް ސަބަބެއް ނެތްކަމަށްވެސް ބުނި.”
“ބައެއް އަންހެނުންކުދިން އެމީހުންގެ މޫނު ފޮރުވައި އެމީހުންގެ މަޢުލޫމާތު ނުދޭން އުޅުނު. އަނެއްބަޔަކު ވަރަށް ކެރިގެން އެމީހުންގެ ވާހަކަތައް ކިޔައިދޭން ބޭނުންވި.”
ކަންދަޕާރާ ގައި ހަށިވިއްކުމުގެ ވިޔަފާރީގެ އަގުތައް ބަރޯސާ ވެފައި އޮންނަނީ ޚިދުމަތްދޭ އަންހެންކުއްޖާގެ އުމުރާއި ރީތިކަމުގެ މައްޗަށެވެ. އަދި އެމީހުން އުޅޭ ކޮޓަރީގެ ރީތިކަމުގެ މައްޗަށެވެ. ކަންދަޕާރާގެ ކަޝްބީ އަންހެނަކަށް ދުވާލެއްގެ މައްޗަށް ބަންގާޅު ރުފިޔާގެ 1000 އާއި 2000 އާއި ދެމެދުގެ ޢަދަދެއް (11-22 ޑޮލަރު) ލިބެ އެވެ. އެއީ ކަސްޓަމަރެއްގެ ބޮލުގެ ނިސްބަތުން ގާތްގަނޑަކަށް 300 ބަންގާޅު ރުފިޔާ(ޓާކާ) އެވެ.
އުމުރުން 17 އަހަރުގެ ސުމައްޔާ އާއި އޭނާ ރައްޓެހިވެގެން އުޅޭ އުމުރުން 23 އަހަރުގެ ޓީޓޫ ކަންދަޕާރާގެ ކޮޓަރިއެއްގައި. ޓީޓޫ އަކީ ސުމައްޔާގެ ކިބައިން އާއްމުކޮށް ޚިދުމަތް ހޯދާ ކަސްޓަމަރެއްވެސް މެ. އޭނާ އަކީ ޑާކާގެ ރައްޔިތެއް. ކޮންމެ މަހަކު އެއްފަހަރު އޭނާ ސުމައްޔާ ކައިރިއަށް އާދޭ. މި ދެމީހުން އަބަދުވެސް ތިބޭނީ އަރައިރުންވުމެއްގައި. ސަބަބަކީ ޓީޓޫ ބޭނުންވަނީ ސުމައްޔާ އާއި ކައިވެނިކުރަން. ނަމަވެސް ސުމައްޔާ އެގޮތެއް ބޭނުމެއް ނުވޭ. ސުމައްޔާ ޖެހިލުންވާ ސަބަބަކީ ކައިވެންޏަށް ފަހުން އޭނާގެ ހުރިހައި ފައިސާއެއް ސުމައްޔާގެ އަތުން ފޭރިގަނެފާނެތީ. ޓީޓޫ ހަސަދަވެރި ވަނީ ޓީޓޫ ގެ އެތަކެއް ރައްޓިހިންނާއި އެކުގައި އޭނާ ޖިންސީގުޅުން ހިންގާފައި ވާތީ. ސުމައްޔާ ހަސަދަވެރިވަނީ ކަންދަޕާރާގައި އުޅޭ އެހެން ކަޝްބީ އަންހެނުންގެ ކިބައިން ޓީޓޫ ލައްޒަތު ހޯދާތީ..
ސުމައްޔާ އަށް އޭނާ ރައްޓެހިވެގެން އުޅޭ ޓީޓޫ އަނިޔާ ކޮށްފައި.
“ހަށިވިއްކާ ގިނަ އަންހެނުންގެ ވާހަކަ ތަކަކީ އަސަރުން ފުރިގެންވާ ހިތާމަވެރި ވާހަކަތަކެއް. އެހެންނަމަވެސް އެ އަންހެނުންނަކީ ވަރަށް ވަރުގަދަ ބައެއް. އެމީހުން މިގޮތަށް ނަމަވެސް އުއްމީދު ގެއްލުވައިނުލައި ދިރިއުޅޭތީ އަހަރެން އެކަމަށް ސާބަސްދެން.”
ކަންދަޕާރާ ގައި މަސައްކަތްކުރަމުން އަންނަ ކަޝްބީ އަންހެނެއްކަމަށްވާ އުމުރުން 27 އަހަރުގެ ބޮންނާގެ އަތުން ‘ސުންނި އުރައެއް’ ހިފައިގެން އިނދެ ހެމުންދަނީ. އޭނާގެ އުމުރުން އެއްމެ 7 އަހަރުގައި އޭނާގެ ދޮން ބައްޕަ ވަނީ އޭނާ ރޭޕްކޮށްލާފަ. އުމުރުން 10 އަހަރު ތެރޭގައި ގެއިން ނިކުމެ ފިލައިގެން މަގުމަތީގައި އުޅެނިކޮށް ފެނިގެން ނުލަފާ ފިރިހެނަކު ވަނީ އޭނާ ވިއްކާލާފަ. އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް އޭނާ 1500 ޓާކާ (19 އެމެރިކާ ޑޮލަރު) ހޯދާ
ކަންދަޕާރާގެ ކޮޓަރިއެއްގެ އެނދެއްގައި އުމުރުން 18 އަހަރުގެ ޕަޕިއާ، ދެ ކަސްޓަމަރުންނާއި އެކު. އުމުރުން ވަރަށް ކުޑައިރު މައިންބަފައިން ނިޔާވުމާއި ގުޅިގެން އޭނާވަނީ ކައިވެންޏެއް ކޮށްފަ. އޭނާގެ ފިރިމީހާއާއި ދެމީހުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ބޭނުންކުރުމުގެ ކުށުގައި ޖަލަށް ލެވުނު. އޭނާ ބުނާގޮތުން ޖަލަކީ އޭނާއަށް މިހާތަނަށް ދެވުނު އެއްމެ ފައްކާތަން. ސަބަބަކަށް ވަނީ އެތަނުގައި އެއްވެސް މީހަކު އޭނާއަށް އަނިޔާ ނުކުރާތީ ކަމަށް ބުނޭ. ޖަލުން ދިމާވެ ދަސްވި އަންހެނެއް އޭނާ ކަޝްބީ ވިޔަފާރީގެ ތެރެއަށް ގެނެސް ވެއްދި
“ކަންދަޕާރާ ގައި އުޅޭ އަންހެނުންނަށް ހުސްވަގުތެއް ވުމުން އެމީހުން ނެށުމާއި ހުނުމުގައި މަޖާ ވަގުތު އެކުގައި ހޭދަކުރޭ. އެކަކު އަނެކަކަށް ޖޯކް ޖަހައި، ކަސްޓަމަރުންގެ ވާހަކަތައް ދައްކައި އުޅޭ. އަންހެންކުދިން ފެންނަނީ ވަރަށް ދިރުންހުރި މަޖާ ބައެއްގެ ގޮތުގައި. އެމީހުންގެ ހިތާމަތައް އެހެން އުޅޭއިރު ހަނދާން ނައްތާލައި. އަދިވެސް އެމީހުންގެ ފޮނި ހުވަފެންތަކެެއް އެބަހުރި.”
އުމުރުން 19 އަހަރުގެ ޕްރިޔާ އޭނާގެ ރައްޓެއްސަކާއި ސަމާސާ ކުރުމުގެ ގޮތުން ބޮނޑިއެއް ޖެހުމަށް މަސައްކަތް ކުރަނީ. އޭނާއަކީ ކަޝްބީ އަންހެނެއްގެ ގޮތުގައި އުމުރުން 17 އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަ މީހެއް
“ގިނަ އަންހެނުންގެ ހުވަފެނަކީ އެމީހުން މުސްކުޅިވާދުވަހު ދިރިއުޅޭނެ ގެއެއްގަތުން. އެމީހުން ފައިސާ ހޯދަމުންދަނީ އެކަމަށް ހިތުލައިގެން. އެމީހުން ބޭނުމެއް ނުވޭ ފިރިހެނަކަށް ބަރޯސާވެގެން ދިރިއުޅޭކަށް. އެމީހުން ފައިސާ ހޯދަން ބޭނުންވަނީ އެއްމެ ކުޑަމިނުން ދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުމަށް. އެމީހުން ބޭނުންވަނީ އެމީހުންނަށް މިންވަރު ނުވި ރަނގަޅު މުސްތަޤްބަލް ދަރިންނަށް ހޯދައިދިނުމަށް.”
ކަންދަޕާރާ ސަރަޙައްދުގެ މަގެއްމަތީގައި ހުރި ބޭނުންކޮށްފައިވާ ‘ސުންނިއުރަ ތަކެއް’
“ގިނަ އަންހެނުންގެ ހުރޭ ‘ރައްޓެހިވެގެން އުޅޭ ކުއްޖެއް’ ނުވަތަ ޢާއްމުކޮށް ޚިދުމަތް ލިބިގަންނަ މީހެއް. އަހަންނަށް ވަނީ އެފަދަ އެއް އަންހެނެއް އެނގިފަ. އޭނާއާއި ކައިވެނިކުރަން ހުށައެޅި މީހާއަށް ފުރަގަސްދިނީ އޭނާގެ ފައިސާގައި ޖެހިދާނެ ކަމުގެ ބިރު ހީވާތީ. އޭނާ ބޭނުންވީ މިނިވަންކަމާއެކު ހަށިވިއްކުމައިގެން ކުރިއަށްދާން.”
26 އަހަރުގެ ޑިޕިޔާ ރޮމުން ގެންދަނީ. މިހާރު އޭނާ ހޭދަކުރަމުން އެގެންދަނީ ހަށިވިއްކުމުގައި ދިމާވި ކަސްޓަމަރެއްގެ ދަރިއަކަށް ބަލިވެ އިނދެ ދުވަސްގުނަމުންދާ ދިއުން. މިއީ މިގޮތަށް އޭނާ އާއި ދިމާވި ދެވަނަ ފަހަރު.
“އަހަންނަށް އެތަނުން ދިމާވި އަންހެނެއް. އޭނާ އަކީ ކުރިން ފަހާ ފެކްޓަރީއެއްގައި މަސައްކަތްކުރި މީހެއް. އެތަނުން އޭނާއާއި ބައްދަލުވި އަންހެނެެއް ބުނީ މާ ރަނގަޅު ވަޒީފާއެއް ދީފާނަމޭ. ޚުދު އޭނާ ބޭނުންވެގެން ކަންދަޕާރާގެ ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ވަނީ. އެތަނުން އޭނާ ދުރަށް ދާން ބޭނުން ނުވަނީ ފައިސާ ހޯދަން ރަނގަޅު ތަނެއްކަމަށް ވާތީ ކަމަށް ވެސް އޭނާ ބުނޭ.”
މި ލިޔުމުގައި ބޭނުންކޮށްފައިވަ ހުރިހައި ފޮޓޯތަކެއްގެ ކޮޕީރައިޓްސް ވަނީ ސަންޑްރާ ހޯއިން އަށެވެ.
ނޯޓް: މިލިޔުން ހުރިގޮތަށް މި ގެނެސްދެނީ ހަށިވިއްކުމުގެ ވިޔަފާރިއަށް ހިތްވަރު ދިނުމަށް، ނުވަތަ އެފަދަ ކަމަކަށް މަގުފަހިކުރުވައި މީހުން ލެންބުމަކަށް ނޫނެވެ. މައިގަނޑު މަޤްޞަދަކީ މަޖްބޫރީ ހާލަތެއް ނުވަތަ އެހެންވެސް ޙާލަތެއްގެ ސަބަބުން މިފަދަ ދަށުދަރަޖަ އަކަށް ވެއްޓިފައިވާ ބައެއްގެ ވާހަކަތައް ހިއްސާކޮށްލުމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
-
އަޙްމަދު ރަޝީދު
-
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
.Mikaha habaraai foto nujahafaanantha mi ditah vannairah mifoto fennsvarun undhagu vegen mi comment kohli
Sitah vannairah