ކޮވިޑް-19 އަށް ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ހާލު ސީރިއަސް 4 މީހަކު ވެންޓިލޭޓަރުގައި ފަރުވާދެމުންގެންދާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ ކޮވިޑް-19 އަށް ފަރުވާ ކުރަމުންދާ 4 މީހަކު ވެންޓިލޭޓަރު ގައި އޮތްކަމުގައެވެ.
އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި ޖުމްލަ 3 މީހަކަށް ފަރުވާދެމުންދާކަމަށާއި، އޭގެތެރެއިން 2 މީހަކު ވެންޓިލޭޓަރު ގައި އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ އެކެއްގެ ހާލު ރަނގަޅު ކަމަށާއި އެ މީހާ ވަރަށް އަވަހަށް އައިސޮލޭޝަން ފެސިލިޓީ އަކަށް ގެންދެވޭނަކަމަށް ވެސް އޭނަ ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ދާދި ފަހުން ޚާއްސަ ކުރި ޓްރީ ޓޮޕް ހޮސްޕިޓަލް ގައި މުޅި އެކު 10 މީހަކު ބައްޔަށް ފަރުވާކުރަމުންދާކަމަށް ޑރ މޫސާ މުރާދު ވިދާޅުވިއެވެ. އަދި އެ ހޮސްޕިޓަލްގައި ވެސް 2 މީހަކު ވެންޓިލޭޓަރު ގައި އޮތް ކަމަށާއި، ވެންޓިލޭޓަރަށް ނުލާ އޮތް އެހެން މީހެއްގެ ހާލު ވެސް ސީރިއަސް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 އިން ދިވެހިރާއްޖޭގައި ފަރުވާލިބި ބަލިން ރަނގަޅު ވެފައިވަނީ މިހާތަނަށް 40 މީހެކެވެ. އެއީ 26 ދިވެހިންނާއި 14 ބިދޭސީންނެވެ. އަދި މިހާތަނަށް ބައްޔަށް ފައްސި ވެފައިވަނީ މުޅިއެކު 956 މީހުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.