އިތުރު ތިން ޓްރާންސިޓް ކަރަންޓީނު ފެސިލިޓީ ހަމަޖައްސައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު ފުރަބަންދު ކުރުމާއެކު، ކުރު މުއްދަތަކަށް މާލެއަށް ބޭސްފަރުވާ އަށް އައިސްފައިވާ މީހުންނާއި، އެނޫން ގޮތް ގޮތުގައި ރަށްރަށަށް ނުދެވި ތާށިވެފައި ތިބި މީހުން އެ ރަށްރަށަށް ފޮނުވުމުގެ ކުރިން ކަރަންޓީނު ކުރުމަށް އިތުރު ތިން ރިސޯޓެއް ހަމަޖައްސައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަލަށް ހަމަޖެހިފައިވަނީ ހދ އަތޮޅާއި، ފ އަތޮޅާއި، މ އަތޮޅުގެ ރައްޔިތުންނަށް އެ ބޭފުޅުންގެ ރަށްރަށަށް ދިއުމަށް ޓަކައި ގާއިމު ކުރެވުނު ރިސޯޓުތަކެވެ. އަލަށް ހަމަ ޖެހުނު މި ރިސޯޓުތަކަކީ ހދ. ހޮނޑާފުއްޓާއި، ފ. ފިލިތެޔޮ އަދި މ. މެދުފުއްޓެވެ. ޢަލީ ވަހީދު ވިދާޅުވީ މިއީ ކުރަން ކިތަންމެ އުނދަގޫ ކަމަކަސް ނުހަނު ބޭނުންތެރި ކަމެއްކަމަށެވެ.

ރިސޯޓްތަކުގައި 14 ދުވަހު ކަރަންޓީނު ކުރުމަށް ފަހު، ކޮވިޑް-19 އަށް ކުރާ ޓެސްޓް ނައްސިވުމުން އެ މީހެއްގެ ރަށަށް އެމީހަކު ފޮނުވައިދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކުރީ ދުވަހެއްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޢަލީ ވަހީދު ވިދާޅުވެފައިވަނީ 5000 ވަރަކަށް މީހުން ރަށްރަށަށް ދިއުމަށް އެދިފައިވާ ކަމުގައެވެ. މީގެތެރެއިން 350 މީހުން މިފަދަ ޓްރާންސިޓް ކަރަންޓީނަށް ފޮނުވައިފައިވާކަމަށް ރޭގެ މީޑިއާ ބްރީފިން ގައި މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ރަށްރަށަށް ނުދެވި ތިބި މީހުން ކަރަންޓީނު ކުރަމުން ފޮނުވަމުންދިޔައީ އައްޑޫ ހެރަތެރެ އާއި، ދ. އިރުވެލި ރިސޯޓުގެ އިތުރުން ޅ. ފުށިފަރު ރިސޯޓާއި، ރ. ފުރަވެރި ރިސޯޓަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.