[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]

މަޔޫރިކާ ގޮވައިގެން ކިއްލާ ގެ ފުރަގަހުގައި އޮންނަ ބަގީޗާ ތެރެއަށް ބިޝާރާ ނިކުމެއްޖެ އެވެ. އެއީ ސަރާސަރު ބިޔަ ބަގީޗާ އެކެވެ. ވަރަށް ދުރުދުރުން ފަރުބަދަ ތަކެއްގެ މޭގަ ވާތަން ފެންނަން އޮތެވެ.

“ސާހިބާ؟”

“ހޫމް، ކީކޭ މަޔޫރިކާ؟ ޕްލީޒް އަހަންނަށް ތިގޮތަށް ސާހިބާ ނުކިޔާ ބިޝާރާ ކިޔާފާނަންތަ؟” މަޔޫރިކާ ގެ ދެއަތުގައި ހިފަމުން ބިޝާރާ އެދުނެވެ. ބިޝާރާ ގެ ދެލޮލަށް މަޔޫރިކާ ބަލައިލި އެވެ. ބިޝާރާ ގެ ލޮލުން ފެންނަމުންދިޔަ އޯގާތެރިކަން ފެނިފައި މަޔޫރިކާ ބިރުގަތެވެ. އޭނާގެ ކަޅު މާޒީގެ ހަނދާންތައް ފޮޓިގިރާ އަކުން ރޯލުވަމުންދާ ޑިސްކަކުން ފެންނަހެން ފެންނަން ފަށައިފިއެވެ.

 

އޭރު މަޔޫރިކާ އަކީ ހެދިބޮޑުވަމުން އަންނަ އުމުރުން އެއްމެ ބާރަ އަހަރުގެ ކުއްޖެކެވެ. މަޔޫރިކާ ދިރިއުޅެމުން ގެންދިޔައީ މެދުފަންތީގެ އާއިލާ އެއް ކައިރީގައެވެ. އެމީހުންނަށް ގުލާނުކޮށްދިނުމަށެވެ. މަޔޫރިކާ ދިރިއުޅެމުން ދިޔަ ގެއަކީ ފުދޭވަރަކަށް ގިނައިން މީހުން އައިސްގޮސް ވާ ގެއެކެވެ. އެއްދުވަހަކު ނުއެގުމެއްގެ ތެރޭގައި މަޔޫރިކާ އަށް ވޭމްޕަޔަރެއްގެ ކުރި ކަނޑާ ހުރަސްކުރެވުނީ އެވެ. ވޭމްޕަޔަރެއްގެ ކުރިކަނޑާ ހުރަސް ކުރެވުމަކީ ހެދޭ ކިހާވަރެއްގެ ބޮޑު ގޯހެއްކަން އޭރުވެސް މަޔޫރިކާ އަށް އެނގެއެވެ. ނަމަވެސް އޭނާއަށް ކުރި ކެނޑުނީ ވޭމްޕަޔަރެއްގެ ކަން ނުއެނގުނު ކަމީ އޭނާއަށް ހެދުނު އެއްމެ ބޮޑު ގޯހެވެ. އެ ވޭމްޕަޔަރަކީވެސް މަޔޫރިކާ އުޅުނު ގެއަށް ޒިޔާރަތްކުރި މެހެމާނެކެވެ. އެ ވެމްޕަޔަރު ނިކުތީ އެގޭ ބަގީޗާ ތެރެއަށެވެ. އެހެން ވޭމްޕަޔަރަކާއި ބައްދަލުކުރުމަށެވެ. އެ ވެމްޕަޔަރާއި މަޔޫރިކާ އާއި ދިމާވީ ހިނގަން އޮންނަ ހަނިހަނި ކޮރިޑޯ ތެރެއިންނެވެ. އޭރު މަޔޫރިކާ ގެ އަތުގައި ދޮވެފައި ހުރި އަންނައުނު ތަކެއް އަޅާ ފުރާފައިވވަށިގަނޑެއް އޮތެވެ. މަޔޫރިކާ އެ ވަށިގަނޑު ހިފައިގެން ގޮސްގޮސް ހުރީ އެގޭގައި މެހެމާނުން ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ކޮޓަރިތަކާއި ދިމާއަށެވެ. ކޮޓަރިތައް ހުންނަ ދިމާއަށް ދިއުމަށް ލަނބާލިވަގުތު މަޔުރިކާ އަށް އެ ވޭމްޕަޔަރުގެ ކުރިމައްޗަށް އެރުނެވެ. ރުޅިއައިސް ރަތްވެގެން އެ ވޭމްޕަޔަރު މަޔޫރިކާއަށް ވަރަކަށް ދިނެވެ. އެވަގުތު ބިރުންގޮސް މަޔޫރިކާއަށް ފަހަތަށް ޖެހިލެވުނެވެ. ވީ ކިހިނެތްކަމެއް ނޭނގޭ ހާލުގައި އޭނާއަށް ހުރެވުނީ ޝޮކެއްގެ ތެރޭގައެވެ. އެ ވޭމްޕަޔަރުގެ މޫނަށް މަޔޫރިކާ ބަލައިލި އެވެ. އެއީ ފަން އިންތަށިކޮޅެއް އޮތް ރީތި ޒުވާން މޫނެކެވެ. އެއްމެ ފުރަތަމަ ބަލައިލުމުން އެއީ ވޭމްޕަޔަރެއް ކަން އޭނާއަށް ނުވެސް އެނގުނެވެ. އެހެންކަމުން އޭނާ މީގެ ކުރިން އެފަދަ ގޮތަކަށް ދިމާވުމުން ކަން ކޮށްފައިނުވާ ގޮތަކަށް ކަން ކުރެވުނެވެ. އެ ވޭމްޕަޔަރު އޭނާއަށް ބަވައިލުމުން ރައްދުގައި ކިޔުނު އެއްޗެއް މަޔޫރިކާވެސް ކިޔަންފެށި އެވެ. އެވަގުތު ޒާތެއްގެ ބިރުވެރި އަޑުފަށްގަނޑެއް ލައްވާލާފައި އޭނާގެ ތޫނު ފޭރާ ދަތްނެރެ ދައްކާލިއެވެ.

 

“އަޅުގަނޑަށް މަޢާފް ކުރައްވާ! އަޅުގަނޑަށް ތިޔައީ ކޮން ބޭފުޅެއްކަން ނޭނގުނީ، އާދޭސްކޮށްފަ މި ބުނަނީ އަޅުގަނޑަށް މަޢާފް ކުރައްވާ….” މަޔޫރިކާ ރޮމުން އާދޭސްކުރި އެވެ. ނަމަވެސް މަޔޫރިކާ އަށް މަޢާފް ދޭކަށް އެ ވެމްޕަޔަރު ހިތަށްވެސް ނާރުވައެވެ.

“ކޮންއިރަކުތަ ކަލޭ ފަދަ އެއްވެސް އަގެއް ނެތް ނޯކަރުން ވޭމްޕަޔަރުންނަށް ރައްދު ދޭން ފެއްޓީ؟ ކަލެއަށް ނޭނގެނީތަ އެއީ ވަރަށް ބޮޑު ގޯހެއްކަން އިންސާނަކަށް ހެދޭ؟”

“އާދޭސްކޮށްފަ ބުނަން، އަޅުގަނޑަށް ނޭގުނީ ތީ އޭގެ މީހެއްކަން؟” އޮޅުމަކުން ނަމަވެސް އަނެއްކާވެސް މަޔޫރިކާ އަށް އެ ބުނެވުނީ އެއްގޮތަކަށްވެސް ބުނެގެން ނުވާނެ އެއްޗެކެވެ.

“އޭގެ މީހެއް ކަމޭ؟” ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިން އެ ވޭމްޕަޔާ އަޑުލައްވާލި އެވެ. “އޭގެ މީހެކޭ ތިބުނި ބަހުގެ މާނައަކީ ކޮބައޭ؟ ކަލޭ ވާހަކަދައްކާ ގޮތުން ހީވަނީ އަހަރުމެންނަކީ އެއްވެސް އަގެއް ނެތް މާ ދަށްފެންވަރުގެ ބައެއް ކަމަށް. ކަލެއަށް އެނގޭތަ ވޭމްޕަޔަރަކާއިމެދު އިހްތިރާމު ކުޑަކުރުމުން ލިބޭ އަދަބަކީ ކޮބައިކަން؟”

މަޔުރިކާ އަށް ހަމަ ރަނގަޅަށްވެސް ރޮވެން ފަށައިފި އެވެ. “ނޫން. އާދޭސްކޮށްފަ ބުނަން. އަޅުގަނޑަށް މަޢާފް ކުރައްވާ.”

“މަޢާފޭ؟ ކަލެޔަށް؟” ވޭމްޕަޔަރު ގާތަށް ރުޅިއަންނަމުން ދިޔައެވެ. މަޔޫރިކާ އަށް ފަހަތަށް ޖެހެން ފެށުނެވެ. އެވަގުތު މަޔޫރިކާ ފަހަތަށް ޖެހިލާ ކޮންމެ ތަންކޮޅަކަށް، ވޭމްޕަޔަރު ކުރިއަށް ޖެހެމުންދެއެވެ.

“ކަލެއަށް މަޢާފް ކުރާށޭ؟ ކީއްވެޔޯ އަހަރެން ކަލެއަށް މަޢާފް ކުރަންވީ؟” އެމީހުން ތިބި ހޯލު ނިމޭ ހިސާބުގެ އެއްމެ ފަހަތާއި ހަމައަށް ދެވެންދެން މަޔޫރިކާ ފަހަތަށް ޖެހެމުން ދިޔައެވެ.

“އަޅުގަނޑަށް ނޭނގުނީ.” ދެކޯތާފަތް މައްޗަށް ކަރުނަ ބާލަމުން މަޔޫރިކާ އާދޭސް ކުރަމުންދިޔައެވެ. ވޭމްޕަޔަރު ގެ ބިރުވެރި ލޮލުން މަޔޫރިކާ އަށް ކަޅިއަޅަން ފެށުމުން އިސްދަށަށް ޖަހައިލެވުނެވެ.

“އަޅުގަނޑު އޭރު ބުނިބަސް އަނބުރާ ގެނެސްފިން. އަޅުގަނޑަށް ހީވީ ތިޔައީ…..” މަޔޫރިކާ އަށް ބުނެވުނީ މިހިސާބަށެވެ. އޭނާގެ މޫނުމަތީގައި ވޭމްޕަޔަރުގެ އަތުން ބާރު ބޮނޑިއެއް ވިހެލިއެވެ. މަޔޫރިކާ ވިއްސައިގެންގޮސް ފާރު ބުޑަށް ގުޅައަކަށް ޖެހިއްޖެ އެވެ. ޖެހުނުލެއް ބާރުކަމުން މަޔޫރިކާ ގެ ހެއަށްވެސް ކޮންމެވެސް ވަރަކަށް ގޮތް ވިއެވެ.

ރުޅިން ކަނިބުރަބުރާ ހުރި ވޭމްޕަޔަރު ގޮސް މަޔޫރިކާ ގެ އިސްތަށިގަނޑުގައި ހިފާފައި މައްޗަށް ނެގިއެވެ. މަޔޫރިކާ ގެ މޫނު ވޭމްޕަޔަރުގެ މޫނާއި ކައިރިކޮށްލި އެވެ. އޭރުވެސް ވޭމްޕަޔަރު ގެ ދިގުވެފައިވާ ދެ ފޭރާ ދަތް ހާމައަށް ދައްކައިގެން ހުއްޓެވެ. ދެބަދޭތެރޭގައި އޮތް މަޔޫރިކާ އަށް އެ ދެދަތް ފެނުމުން މަޑުމަޑުން ކުކުރާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެވުނެވެ. މަޔޫރިކާ ގެ އަނގަ ވަނީ ތަންމިނަށް ހުޅުވިފައެވެ. ނޭވާ ވަނީ ލަގޮނޑިވަޅާއި ހަމައިގައި ތާށިވެފައެވެ. ވޭމްޕަޔަރު ގެ އެ ދެދަތް ވަރަށް ތޫނުކަން އެވަރުންވެސް މަޔޫރިކާ އަށް އެނގެއެވެ. ރޭޒަރު ތިލައެއްހައި ތޫނެވެ. މިޔަރެއްގެ ތޫނު ދަތްތައް ފަދަ ބިރުވެރި އެވެ.

“އާދޭސް ކޮށްފަ ބުނަން. އަޅުގަނޑު ގައިގަ ހުރި ހުރިހައި ލެއެއް ބޮއެ ނުލައްވާތި.” ފުހިފުހިފައި ރޮމުން މަޔޫރިކާ ގެ އާދޭސް ކުރުން އިތުރުކޮށްލި އެވެ.

“ކަލޭ ތި އެދޭ އެދުންތައް ހުއްޓާލިއްޔާ ކީއްތަ؟ މިއީކީ ކަލޭ އުޅެން ޖެހޭ ހިސާބެއްވެސް ނޫނެއްނު!” މަޔޫރިކާ ގެ ބޮލުގެ އިސްތަށިގަނޑުން ދޫކޮށްލައި ބިމަށް ވައްޓާލި އެވެ. ގުޅަޔަކަށް ބިންމައްޗަށް ވެއްޓުމާއެކު މަޔޫރިކާ އިސްޖަހައިލި އެވެ. “ހޫމް،…. މިކަންތައް ކަލޭ އަންގަން ޖެހޭނީ ކާކަށް؟” މަޔޫރިކާ ގެންގުޅުނު އަންނައުނު ވަށިގަނޑަށް ބަލައިލަމުން ވޭމްޕަޔަރު އެހިއެވެ. “އެ އަންނައުނުތައް ވަކި ގަޑިއަކަށް ވަކި ތަނަކަށް ގެންދާކަށް ނުޖެހޭތަ؟”

“ސާހިބާ… އެ… އެއީ… އެއީ މެހެމާނުން ނަށް..” މަޔޫރިކާ ގެ އަޑު މަޑުވެފައި ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރެވުނީ އާގަންނަމުން ނެވެ. “ލައްބަ..އެ…އެ އެއްޗެހި މިއަދު ހެނދުނު ގެންދަން އެބަޖެހޭ. އެމީހުން ގަޑިއެއްހާ އިރު ތެރޭގައި އެމީހުންގެ އަވަށަށް ދާން ދަތުރު ފަށާނެ.”

މާޔޫރިކާގެ އަތުގައި ހުރި އަންނައުނު ވަށިގަނޑު  ވޭމްޕަޔަރު ޖިއްސައިގަތެވެ. ހަމައެއާއިއެކު މުޅި އެ ހިސާބަށް އަންނައުނުތައް އުކައިލި އެވެ. ތަޅުންގަނޑުގެ އެކިހިސާބަށް އުކާލާފައިވާ ހެދުންތަކުގެ މަތިން ހިނގަމުން، އޭނާ އަރައިގެން ހުރި ބޫޓު ހާކަމުން އަންނައުނުތައް ހަޑިކުރަން ފެށި އެވެ. ހިތްހަމަޖެހޭވަރަށް އަންނައުނުތައް ހަޑިކުރެވުމުން މަޔޫރިކާ އާއި ދިމާއަށް އެއްޗެހިތައް އުކައިގަތެވެ. މަޔޫރިކާއަށް ހުރެވުނީ އެވެ. ދެލޯބޮޑުކޮށްގެން ވޭމްޕަޔަރުގެ އަމަލުތަކަށް ބަލާށެވެ.

“މަށެއް ނޫޅެމޭ ކަލޭގެ ގައިން ލޭބޮއެ ހުސްކޮށްލާކަށް.” އެތަނުން ރީތި ހެދުމެއް ނަގަމުން ވޭމްޕަޔަރު ބުންޏެވެ. އޭނާ ނެގި ހެދުމުގެ ކަރުވަޅުގައި ހިފާފައި ހެދުން އިރާލިއެވެ. “އެކަމަކު މަށަށް ހަމަ ޔަޤީން މި ހެދުމުގެ ވެރިމީހާ އެކަން ކުރާނެކަން.” މިހެން ބުނުމާއިއެކު ބާރަށް ހޭންފެށި އެވެ. މަޔޫރިކާ ދުއްވައިގަތެވެ. އެވަގުތު ބާރު ވައިރޯޅިއެއް ފަދައިން ވޭމްޕަޔަރު ގޮސް މަޔޫރިކާ ހިފެހެއްޓި އެވެ.

“އާހާހާ… ތިހެން ނުދެވޭނެ. އަހަރެން މިހުރީ ކުޑަކޮށް ހައިވެފަ. އެހެންވީމަ އޯކޭތަ ކަލޭގެ ގައިން އެތިފޮދެއް ބުޔަސް؟” މަޔޫރިކާ އެއްވެސް ޖަވާބެއް ނުދެއެވެ. އޭނާ އަށް ދެވޭނީ ވެސް ފަހެ ކޮން ޖަވާބެއް ހެއްޔެވެ؟ މަޔޫރިކާ އަށް އަނގަ ހުޅުވައިވެސް ނުލެވި އުޅެނިކޮށް ވޭމްޕަޔަރުގެ ތޫނު ދަތްތައް މަޔޫރިކާގެ ކަރުދޮށަށް ކޮށްޕާލި އެވެ. ލޭގެ ކޮންމެ ކޯވަރެއް ދިރުވައިލަމުން މަޔޫރިކާގެ ގައިގައި ވޭމްޕަޔަރު އޮޅުލަމުން ހަޅޭއްލަވަމުން ދިޔައެވެ. މަޔުރިކާ އަށް އަޅަމުންދިޔަ ވޭނުގައި އަނގައިން އަޑެއް ބޭރުކޮށްލެވޭ ކޮންމެ ފަހަރަކު މަޔޫރިކާ ގެ ހަށިގަނޑަށް ބާރަށް ފިއްތަމުންދިޔައިރު އޭނާއަށް ހީވަމުން ދިޔައީ ހަށިގަނޑުގެ ކަށިތައްވެސް މުގުރެމުން ދިޔަހެންނެވެ. މަޔޫރިކާ ގެ އަނގައިން މިފަހަރު ބޭރުވެގެންދިޔަ ގަދަ އާހް ގެ އަޑާއި އެކު ވޭމްޕަޔަރުގެ ދަތްތައް މަޔޫރިކާގެ ކަނދުރާއިން އުފުރާލިއެވެ. މަޔުރިކާގެ ކަރުދޮށުގައި ހުރި ޒަޚަމް އަށް އިތުރު ވޭނެއް ދިނުމުގެ ނިޔަތުގައި އެތަނުން ހެދުމެއް ނަގައި އެ ޒަޚަމް މަތީގައި ބާރަށް ހާކަން ފެށިއެވެ. އަޑުން އަޑު ނަގައި މަޔޫރިކާ ރޮމުން ހަޅޭއްލަވަމުން ދިޔަ އަޑު އެ ވޭމްޕަޔަރަށް ނުވެސް އިވޭކަހަލަ އެވެ.

 

މަޔޫރިކާ އަށް ފަހުން ލިބުނު އަދަބުވެސް ވަކިން ކުޑައެއް ނޫނެވެ. އިރުކޮޅެއް ކުރިން ހިނގައިދިޔަ ކަންތަކުގެ އަދަބުވެސް ލިބިގެން ދިޔައީ އޭނާއަށެވެ. ހެދުންތަކުގެ ވެރި ވޭމްޕަޔަރު ހުރީ ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް، ހަޑިކޮށް މުޑުދާރުކޮށްފައިހުރި ހެދުންތައް ގެންގޮސްދިނުމުން އެ އަންހެން ވޭމްޕަޔަރު ގެ ރުޅިގަނޑު ކުޑަކޮށް މައިތިރިވި އެވެ.

“މަށަށް އެނގޭ ކަލޭ މިފަދަ ކަމެއް ނުކުރާނެކަން،” އެ ވޭމްޕަޔަރު ބުންޏެވެ. “އެކަމަކުވެސް މިކަމާއި ގުޅިގެން ދެން ކަންތައްތައް ވާންޖެހޭނެ ގޮތްވެސް ކަލެއަށް އެނގޭނެކަމަށް ހީކުރަން. އެހެންވީމަ މިކަން ކުރީ ކާކުކަން ބުނޭ؟”

“އަޅުގަނޑަކަށް ނޭނގޭ. އެކަމަކު އޭނާގެ އިސްތަށިގަނޑު ކޮނޑާއި ހަމައަށް އޮތް. ލޯވެސް ހުރީ ގަދަ ނޫކުލައިގަ…. އެއީވެސް ވޭމްޕަޔަރެއް…”

“އޯހް، ތީ އެއުޅޭ ދާރީ. ވަރަށް ދުއްޕާން ބޮޑު ގޮލަޔެއް ތީ. އެއްމެ ރަނގަޅު. އެކަމަކު ބުނަން، މިކަން އަހަރެން ޖެހޭނެ މިގޭ ވެރިންނަށް އަންގަން. އަހަރެން ގެ އަތުގައި ލާނެ އެހެން ހެދުމެއްވެސް ނެތް.” ވޭމްޕަޔަރު އެހެން ބުނުމުން މަޔޫރިކާ އާދޭސްކުރަން ފެށި އެވެ. ގިސްލާ ރޮމުން، ކަރުނަ އޮހޮރަމުން އާދޭސްކުރިއެވެ. ނަމަވެސް އޭނާގެ އާދޭހުގެ އަޑެއް ވޭމްޕަޔަރު ނޭހިއެވެ. މަޔޫރިކާ ގެންގުޅޭ ވޭމްޕަޔަރުން މަޔޫރިކާ ގެ ގައިގައި ހަންމުށްޓަކުން ތަޅައި އަދަބުދިނެވެ. ލިބުނު އަނިޔާގެ ސަބަބުން އެނދުން ނުތެދުވެވި އެތަކެއް ހަފުތާއެއް ވާންދެން އޮންނަން ޖެހުނެވެ.

 

“ހޫމް – ބިޝާރާ، އެހެން ވޭމްޕަޔަރުންވެސް މި ހިސާބުގައި އުޅޭނެތަ؟ މިބުނީ ބައެއްފަހަރު އުޅެފާނެއެއްނު؟” ޚިޔާލީ ދުނިޔެއިން ހޭވެރިކަން ވުމާއިއެކު މަޔޫރިކާ ބިޝާރާ ކުރެން އަހައިލި އެވެ. މަޔޫރިކާ ހުރީ ހަމަ ހަގީގަތުގައިވެސް ބޭރަށް ނިކުންނަން ބިރުންނެވެ. އަނެއްކާވެސް މަޔޫރިކާ ގެ މާޒީއަށް ފީނައިގަނެވުނެވެ. ނަމަވެސް ބިޝާރާ މަޔޫރިކާގެ ކޮނޑުގައި ފިރުމާލުމުން ހޭވެރިކަން ވިއެވެ.

“ފަހަރެއްގަަ.” މަޔޫރިކާ އަށް ފުން ނަޒަރަކުން ބަލަމުން ބިޝާރާ ޖަވާބުދިނެވެ.  

“މީ އަނެއް –  މީ އެއްމެ ތިން ވޭމްޕަޔަރުން އުޅެން ހާދަ ބޮޑު ގެއެކޭ ދޯ.” ވަރަށް މަޑުމަޑުން މަޔުރިކާ އަށް ބުނެވުނެވެ. “މާފުކުރޭ. އަހަރެން މީ މޮޔައެއްދޯ ބިޝާރާ އެކަނި މިހާ ބޮޑުތަނެއްގައި އުޅޭނޭ ހިތަށް އަރާކަށް.”

މަޔޫރިކާ އާއި ވާހަކަ ދައްކަމުން އަނެއްކާވެސް ބިޝާރާ ހިނގައިގަތެވެ. ބިޝާރާ އާއި އެއްވަރަށް މަޔޫރިކާ ވެސް ހިނގަމުންދިޔަ އެވެ. “މަށަށް އެނގިފަވާގޮތުން މި ބޮޑު ކިއްލާ އިމާރާތްކޮށް ނިންމައިލުމަށް އެތަކެއް ސަތޭކަ އަހަރެއް ހޭދަވި. ދުވަސްތައް ހޭދަވާ ވަރަކަށް ވޭމްޕަޔަރުންގެ މުއްސަނދިކަންވެސް ދިޔައީ އިތުރުވަމުން. ޔަރަސް ގެ އާއިލާ އަކީ އެތަކެއް ހާސް އަހަރެއް ވެފައިވާ އާއިލާއެއް.”

ބިޔަ ދޮރަކާއި ހަމައަށް އެމީހުންނަށް ގޮސް މަޑުކޮށްލެވުނެވެ.

“މަށަށް މި ދޮރު ހުޅުވާލަދޭން ހެލްޕް ވެދީފާނަންތަ؟” ބަނޑުގަ މި ދަރިފުޅު އޮތީމަ އަހަރެން ވަރަށް ކަންނެތްވެފަ ހުންނަނީ.” ބިޝާރާ ގެ ބަނޑުތެރޭގައި އުފެދެމުންދާ ދަރިފުޅު ބިޝާރާ ގެ ހަށިގަނޑުން އުފައްދާ މިންވަރަށްވުރެން ބޮޑަށް ކާނާގެ ބާވަތްތައް ނަގަމުންދަނީ ނޫންބާއޭ ބިޝާރާ ގެ ހިތަށް އެރިއެވެ. ނޫނީ ވިހަން ކައިރިވާ ދުވަސް ޖެހޭތީ ވަރުބަލިކަން އިތުރުވަނީ ނޫންބާއޭ ހިތަށް އެރިއެވެ.

ބޯ ލަކުޑީގެ ފިލާ ފައްތަރުކޮށްގެން ހަދާފައިވާ ބިޔަ އަދި ބަރު ދޮރުފަތް ހުޅުވާލުމަށް މަޔޫރިކާ ކޮށްޕާލިއެވެ. ދޮރު ހުޅުވައިލުމާއިއެކު ފެނިގެން ދިޔައީ މަޔޫރިކާ ގެ ދެލޯ ތަރަތަ ޖަހައިގެންދާފަދަ ރީތި، ހިތްގައިމު މާބަގީޗާ އެކެވެ. މަޔޫރިކާ ގެ ދެލޯ ބޮޑުވެގެން ދިޔަތަން ފެނިފައި ބިޝާރާ އަށް ހީނގަނެވުނެވެ.

“މިކަހަލަ ބޮޑު ބަގީޗާއެއް ބަލަހައްޓާނެ ވަރުގަދަ އަޅު ނޯކަރުން ޔަރަސް ގެންގުޅޭ. ކޮންމެވެސް ގޮތަކުން އެމީހުންނަށް އިނާމެއް ދިނުމަށް އަހަރެން އަބަދުވެސް ވިސްނަން.”

“ކިހިނެތްވާނެ އެމީހުންނަށް ޑިނަރ ކަހަލަ ކަމެއް ބޭއްވުން؟” ބިޝާރާ އަށް މޮޅު ޚިޔާލެއް ދިނުމުގެ ގޮތުން މަޔޫރިކާ އަށް އެ ބުނެވުނީ ކީކޭކަން އޭނާއަށް އެނގިފައި ނެތްކަހަލަ އެވެ. އެ ބޮޑު ކިއްލާގެ ބަދިގޭގައި ކައްކާ އެއްވެސް ކާއެއްޗެއް ބިޝާރާ ފިޔަވައި އެހެން އިންސާނަކަށް، ހަމަ އެއްވެސް އިންސާނަކު ކެއުމަށް ނުވަތަ ރަހަބަލައިލުމަށްވެސް ހުއްދަ ނޯންނަކަން ބިޝާރާ އަށް ނޭނގެނީ އެވެ. ޔަރަސް ގެ ޚާއްޞާ ޝެފާއި ބަދިގޭގައި އަތްގާތްކޮށްދޭން ގެންގުޅޭ ޓީމަކީ މުޅި ތްރިވުނަންދަޕޫރަމް ގައިވެސް ތިބި އެއްމެ ފައްކާ މީހުންނެވެ. އެމީހުން މަޝްހޫރު ވެފައިވަނީ އެމީހުން ތައްޔާރުކޮށްލާ ޚާއްޞަ ޕޭސްޓްރީސް އާއި ހެދިކާ އާއި ވަރަށް ޢާއްމު ނޫން ރެސިޕީ ތަކާއި ފައްކާ ޑެސަރޓްސް ތަކުގެ ސަބަބުންނެވެ. އެ އެއްޗެހި ތައްޔާރުކުރަނީ އެއްމެ މޮޅެތި ކައްކާއިންގެ އަމިއްލަ އަތުންނެވެ.

ބިޝާރާ އިތުރަށް ވިސްނަން ފެށިއެވެ. އެ އަޅުންގެ ބުރަ މަސައްކަތަށް އެކަށީގެންވާ ހަދިޔާއެއް ދޭނެ ގޮތަކާއި މެދުގައެވެ. އެމީހުންނަކީ ޔަރަސް ގެ އަޅުންނެވެ. ޔަރަސް ގެ ބާރު ނޫން އެހެން އެއްވެސް ބާރެއް ނުފޯރާ ބައެކެވެ. ބިޝާރާ އަށް އެކަމުގެ އެއްވެސް ހައްގެއް، ބާރެއް ނޯވެއެވެ. އެމީހުންނަށް ބާރެއް ފޯރުވައިފިކަން އެނގިއްޖެއްޔާ ޔަރަސް އިންތިހާއަށް ރުޅިގަދަ ވާނެ އެވެ. އަންނަ ގަދަ ރުޅީގައި އެމީހުން މަރައިލުން ނުވަތަ ބިންގަރާހުގެ ދަގަނޑު ކޮށިތަކުގައި ބަންދުކުރުން ފަދަ ކަމެއް ކޮށްލަންވެސް ޔަރަސް ފަސް ނުޖެހޭނެކަން ބިޝާރާއަށް އެނގެއެވެ. އޭރުން އެމީހުންނަށް އެ ލިބޭ ހުރިހައި ވޭނެއްގެ ޒިންމާ އުފުލަން ޖެހޭނީ ޚުދު ބިޝާރާ އެވެ. ބަދިގެ ތެރޭގައި އުޅޭ ބިޝާރާ ދަންނަ މީހުންނާވެސް ބައްދަލުކޮށްލައި އެމީހުންދެކެ އަދިވެސް ބިޝާރާ ލޯބިވާކަން ބުނެލަން ބަދިގެއަށް ވަދެލުމަށްވެސް ބިޝާރާގެ ހިތަށް އެވަގުތު އެރިއެވެ.

 

ބަގީޗާ ތެރޭގައި ބިޝާރާ އާއި މަޔޫރިކާ ހިނގަމުންދިޔައީ އެކަކު އަނެކަކުގެ ދިރިއުޅުގެ ވާހަކަތައް ހިއްސާކުރަމުންނެވެ. ކުޑައިރުގެ ވާހަކަތަކާއި ޒުވާން ދުވަސްވަރުގެ ވާހަކަތަކެެވެ. އެހާއިރު ވާންދެން ބަގީޗާ ތެރޭގައި ހިނގިއިރު އެހެން އެއްވެސް ވޭމްޕަޔަރަކާއި ދިމާނުވުމުން މަޔޫރިކާ ހުރީ ވަރަށް އުފަލުންނެވެ. އެހެންކަމުން މިހާރު މަޔޫރިކާ އަށް ހުރެވުނީ ވަރަށް ހަމަޖެހިލައިގެންނެވެ. ވާހަކަ ދައްކަމުން ހިނގަމުން ހިނގަމުންގޮސް ކިއްލާ އާއި ދިމާއަށް ދިއުމަށް އޮންނަ ހަނިމަގަށް އެމީހުން އެޅިއެވެ. ކުއްލިއަކަށް އެވަގުތު މަޔޫރިކާ އަށް ހަޅޭއްލަވައިގަނެވުނެވެ. ބިޝާރާ ގެ ގައިގައި ވަރަށް ބާރަށް އޮޅުލައިގަތެވެ. ބިޝާރާގެ ގައިގައި ހިފަހައްޓާލެވުނު ލެތް ބާރުކަމުން އަތުގެ ނިޔަފަތިތައް ބިޝާރާ ގެ އަތުގެ ހަންހަނޑު ތެރެއަށް ވަދެގެން ދިޔައެވެ. އޮޅުލައިގަތުމާއިއެކު އޭނާގެ މޫނު ބިޝާރާ ގެ ކޮނޑުގައި ފޮރުވާލި އެވެ.

ލިބުނު ސިހުމާއިއެކު ބިޝާރާއަށް ބަލައިލެވުނު ގޮތަކުން މަޔޫރިކާއަށް ކުއްލިއަކަށް ލިބުނު ބިރުވެރިކަން އައި ސަބަބު އެނގިއްޖެ އެވެ. އެމީހުންގެ ކުރިމަތީގައި ވިއްސަކަށް ފޫޓް ދުރުގައި އޭނާ ހުއްޓިލައިގެން ހުރިތަން ފެނުމުން ބިރުންގޮސް ބިޝާރާ އަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

އެމީހުންގެ ކުރިމަތީގައި ހުރީ ޔަރަސް އެވެ. މަޔޫރިކާ އާއި އެކުގައި ބިޝާރާ ހުރިތަން ފެނުމުން ޔަރަސް ރުޅިއައިސްގެން ފުފެން ފެށިއެވެ.

“ތީ ކޮން ކަންތައްގަނޑެއް؟!!” ޔަރަސް ހަޅޭއްލަވައިގަތް ލެތް ބާރުކަމުން ބިޝާރާ ގެ ބަނޑުގައި އޮތް ދަރިފުޅުވެސް ފުންމައިގެން ދިޔަކަން ބިޝާރާ އަށް އިހްސާސް ކުރެވުނެވެ. “ކަލޭ ތި ކުރާ ކަމެއް ހަމަ މީހާރުން މިހާރަށް މަށަށް ކިޔައިދީ!” އަމުރުވެރި ރާގަކަށް އަނެއްކާވެސް ޔަރަސް ހަޅޭއްލަވައިގަތެވެ.

“ޔަރަސް، ޕްލީޒް.” ބިރުގެންފައިވާ މަޔުރިކާގެ ގައިގައި ރަނގަޅަށް ބައްދާލަމުން ޔަރަސް އާއި ބިޝާރާ ވާހަކަދައްކަން ފެށިއެވެ. “މަޔޫރިކާ މަށާއެކު އެއައީ އަހަރެން އާދޭސް ކުރުމުން. ޕްލީޒް އޭނަ ދެކެ ރުޅި ނާންނާތި!”

ޔަރަސް އައިސްފައިވާ ސިނގުރުޅި ގަނޑަށް ކުޑަނަމަވެސް ފިނިކަމެއް ނާދެއެވެ. މަޔޫރިކާ އާއި ދިމާއަށް އޭނާގެ އިނގިލިއްކޮށްގެން ހުރީ ރުޅިވެރިކަމާއި އެކުގައެވެ. މަޔޫރިކާ ގެ މޫނުގައި ބިޝާރާ ހިފަހައްޓާލި އެވެ. ޔަރަސް ގެ ގަދަފަދަ އަޑު ޖެހުމުން އެފަކީރު ހުރީ ބިރުން ވިރިވިރި އެވެ.

“އަހަރެން ރުޅިއައިސްފަ މިހުރީ އޭނަ ދެކެއެއް ނޫން، ބިޝާ. އަހަރެން މިހުރީ ކަލޭ ދެކެ ވަރަށް ބޮޑަށް ރުޅި އައިސްފަ!”

ބިޝާރާއަށް ފަހަތަށް ޖެހިލެވުނެވެ. ޔަރަސް ގެ އެ ބަސްތަކުން އޭނާގެ ހިތުގައި ޖެހުނެވެ. “ޔަރަސް، މަޔޫރިކާ އަކީ ރަނގަޅު – “

“އަނގަ މަޑުންލައިގެން ހުރޭ!” ބިޝާރާ ގެ ވާހަކަ މެދުކަނޑައިލަމުން ޔަރަސް ހަޅޭއްލަވައިގަތެވެ. އޭނާ ހުރީ އިންތިހާއަށް ރުޅިއައިސްފަ އެވެ. ބިޝާރާ އާއި ދިމާއަށް ދިއްކޮށްފައިވާ ޔަރަސް ގެ އިނގިލިތަކުގެ ކުރިން އަލިފާން ނިކުންނަން ފެށިއެވެ. ހީވަނީ އިނގިލިތަކުގެ ކޮޅުގައި ގޭސްލައިޓަރުތަކެއް ހަރުކޮށްފައި ހުރިހެންނެވެ.

“ހަމަ މިހާރުން މިހާރަށް ތިހިރަ އަޅު ކުއްޖާ މިތަނުން ފޮނުވާލާ! އަހަރެން ބޭނުންވަނީ ކަލެޔާ އެކަނި ވާހަކަ ދައްކަން.” މަޔޫރިކާ ބާރަށް ދުއްވައިގަތެވެ. ފަސް އެނބުރި އެއްފަހަރު ނަމަވެސް ބަލައިވެސް ނުލައެވެ. ތަންކޮޅަކަށް ގޮސްފައި އޭނާ ހުއްޓުނުނެވެ. ބިޝާރާ މެން ތިބި ތިމާއަށް އެނބުރުނެވެ.

“ސާހިބާ-” އޭނާގެ އަޑުގައި ވަނީ އާދޭހުގެ އިލްތިޖާ އެވެ. ކިރިޔަކިރިޔާ އަޑުއިވޭހާ މަޑުމަޑުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.

“ކަލޭ މިތަނުން ރައްކާވެގެން ދޭ. މަގޭ އަނބިމީހާ އާއި ވައިވެސް ނޭޅޭ ހިސާބު ދުރަށް ދޭ!” ޔަރަސް އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. މަޔޫރިކާ އަނެއްކާވެސް ދުއްވައިގަތެވެ. އެވަގުތު ޔަރަސް ގެ އަތަށް ގެނައި ކުއްލި ހަރަކާތަކާއި އެކު މަޔޫރިކާ އާއި ދިމާއަށް އޭނާގެ އަތުން އަލިފާން ފޮނުވަން ފެށިއެވެ. މަޔޫރިކާ ގެ ނަސީބު ރަނގަޅުކަމުން އަލިފާންގަނޑު އޭނާގެ ގަޔަކާއި ލައްވައެއް ނުލިއެވެ. އޭނާގެ ބޯމަތިން އަލިފާންގަނޑު ދިއުމުން ކުރިއަށްވުރެވެސް ބާރަށް ހަޅޭއްލަވައިގަންނަމުން ދެފަޔަށް ލެވުނުހައި ބާރެއް ލާފައި ކިއްލާ އާއި ދިމާއަށް ދުވަން ފެށިއެވެ.

“ކަލެއަށް ފިލެންޏާ ފިލާ.” މަޔުރިކާ އާއި ދިމާއަށް ޔަރަސް އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. “އެކަމަކު އަހަރެން ކަލޭ އޮތްތަނަކުން ހޯދައިގެން ކަލެއަށް ހައްގުވާ އަދަބު ދޭނަން!”

“ނޫން!” ޔަރަސް އާއި ދިމާއަށް ބިޝާރާ ދުއްވައިގަތެވެ. ގަބޫލުކުރަން ކިތައްމެ ދައްޗަސް މިފަހަރު ޔަރަސް ގެ އަލިފާނުގެ ހަމަލާ ދޫކޮށްލީ ބިޝާރާ އާއި ދިމާއަށެވެ. ގަދަފަދަ އަލިފާންގަނޑު އޭނާއާއި ނުހަނުކައިރިން އަޑުކިޔާލާފައި ދިޔައެވެ. އެވަގުތު އަލިފާނާއި އެކު އައި ހޫނު ވަޔާއިއެކު ބިޝާރާ ގެ އިސްތަށިގަނޑު އެކި ފަރާތްފަރާތަށް ވިހުރުވިގެން ދިޔައެވެ. މޫނުމައްޗަށް އިސްތަށިތައް އެޅުމާއިއެކު ކުޑަހިނދުކޮޅަކަށް ނަމަވެސް އެއްވެސް ތަނެއް ނުފެނިދިޔަ ވަގުތު އޭނާ ބިންމައްޗަށް ވެއްޓިގަތެވެ. ޔަރަސް އަށް ކެނޑިނޭޅި އާދޭސްކޮށް ރޮމުން ގެންދިޔައެވެ.

ބިޝާރާ ގެ ކައިރިއަށް ޔަރަސް ގޮސް ހުއްޓުމާއި އެކު ބިޝާރާ ތެދުވެ އިށީންދެއްޖެ އެވެ. އޭރުވެސް އޭނާ ގެންދިޔައީ އަޑުން އަޑުނަގައި ރޮމުންނެވެ. ޔަރަސް އާއި ދިމާއަށް ބަލައިލަން ނުކެރި އިސްދަށަށް ޖަހައިގެން އިނދެއެވެ. “ޕްލީޒް ޔަރަސް، އަހަންނަސް މާފް ކުރޭ!”

ޔަރަސް ކަކޫމައްޗަށް އިށީންދެ ބިޝާރާ އާއި ދިމާއަށް ގުދުވެލި އެވެ. އޭރު އޭނާގެ އަޑު ތަންކޮޅެއް މަޑު ނަމަވެސް އެ އަޑުގައި ހުރި ރުޅިވެރިކަން އެއްމެ ތަންކޮޅެއްވެސް ކުޑައެއް ނޫނެވެ.

“ކަލޭ ކީއްވެތަ އަހަރެންގެ ނޯކަރުންނާ ޖެހުނީމަ އަހަރެންގެ އަމުރަށް ނުކިޔަމަންތެރިވަނީ؟”

“އަހަރެން – އެކަމަކު – އަހަންނަށް މާފްކުރޭ ޔަރަސް، ޕްލީޒް އަންޑަސްޓޭންޓް ވެބަލަ.” މިހެން ބުނުމާއިއެކު ބިޝާރާ ކުރުގެޅިލިއެވެ. ބާރަށް ދެއަތުން އޭނާގެ ބަނޑުގައި ހިފަހައްޓަމުން ފުންކޮށް ނޭވާލާން ފެށި އެވެ.

“ކިހިނެތްވީ؟” ޔަރަސް ގެ ރުޅިގަނޑު ހަމްދަރުދީ އަށް ބަދަލުވެއްޖެ އެވެ.

“ދަރިފުޅު…. މަށަށް ހީވަނީ ވަގުތު ޖެހުނީހެން.”

“އޯހް، ޝިޓް، އައިއޭމް ސޮރީ.”

“ބިޝް. އޯހް ގޯޑ، އަހަންނަށް މިވަނީ ކިހިނެތްތަ؟ އަހަރެންގެ މަންމަ ކައިރިއަށް އަވަހަށް ދެވޭތޯ ބަލަން ހިނގާ!” މާބުރަކަމެއް ނެތި ވަރަށް ފަސޭހަކަމާއެކު ބިޝާރާ އުފުލާލަމުން ބާރު ވައިރޯޅިއެއް ފަދައިން ކިއްލާ އާއި ދިމާއަށް ޔަރަސް ދުއްވައިގަތެވެ.”

 

ނުނިމޭ

 

އެއްހާސް އަހަރުކުރީގެ ބައިތައް 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.