މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރިން ކަމަށް ގިނަ ބަޔަކު އެއްބަސްވާނެ ދެ ކުޅުންތެރިންނަކީ ޝައްކެއްވެސް ނެތް ގޮތުގައި އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި ލިއޮނެލް މެސީ އާއި، ޕޯޗުގަލް އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ހަމައެހެންމެ، އެ ދެކުޅުންތެރިންގެ ވާދަވެރިކަމަކީ މިހާތަނަށް ކުޅިވަރުގެ ދުނިޔޭގައި އުފެދުނު އެންމެ ބޮޑު ވާދަވެރިކަމޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

މެސީ އަދި ރޮނާލްޑޯ އެވޯޑު ހަފްލާއެއްގައި

މެސީ އާއި، ކްރިސްޓިއާނޯ ރޮނާލްޑޯ ގަބޫލުކުރާ ގޮތުގައި ކުޅިވަރުގެ މައިދާނުގައި އެ ދެ ކުޅުންތެރިންގެ އޮންނަ ވާދަވެރިކަމުގެ ސަބަބުން ފުޓްބޯޅަ ކެރިއަރުގައި އެ ދެކުޅުންތެރިން ކުރިއަށް ދިއުމަށް ވަރަށް ބޮޑު އެހީއަކަށް ވެއެވެ. ފުޓްބޯޅަ ދަނޑުގައި ބޮޑު ވާދަވެރިކަމެއް އޮތްނަމަވެސް، ދެ ކުޅުންތެރިންގެ މެދުގައި އެއްވެސް ރުޅިވެރިކަމެއް ނޯންނާނެ ކަމަށް އެ ދެކުޅުންތެރިން އަބަދުވެސް ގެންދަނީ ބުނަމުންނެވެ.

ކުޅިވަރު ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ “އާރުއެމްސީ ސްޕޯޓް” އާއި ވާހަކަދައްކަމުން ރޮނާލްޑޯ ބުނެފައިވަނީ ދަނޑުމަތީގައި މެސީގެ ފަރާތުން ފެންނަ މޮޅު ކުޅުން އޭނާ ވަރަށް ބަލައިގަންނަ ކަމަށާއި، މެސީގެ ކެރިއަރަށް ވަރަށް ގަދަރު ކުރާ ކަމަށެވެ. ރޮނާލްޑޯ އިތުރަށް ބުނެފައިވަނީ މެސީ ވެސް އޭނާ އާ މެދު ދެކެނީ ހަމަ އެފަދައިން ކަމަށާއި، ރެއާލް މެޑްރިޑް ދޫކޮށް 2018 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވި ފަހުން މެސީ މަތިން ހަނދާންވާ ކަމަށެވެ.

“މިހާތަނަށް މެސީގެ ފަރާތުން ފެނިފައިވާ ފުޓްބޯޅަ ކެރިއަރަށް އަހަރެން ވަރަށް ގަދަރު ކުރަން. މެސީ ވެސް ބުނެފައިވޭ އަހަރެން ސްޕެނިޝް ލީގުން ދިޔަ ފަހުން އޭނާ އަށް އުދަނގޫވި ކަމަށް. އެއީ އޭނާ ވެސް އަހަރެމެންގެ ވާދަވެރިކަން ބަލއިގަންނާތީ. މިއީ ފުޓްބޯޅައިގެ ދުނިޔޭގައި އޮތް ވަރަށް ރަނގަޅު ވާދަވެރިކަމެއް.”

ރޮނާލްޑޯ ބުންޏެވެ.

މިދިޔަ އަހަރު ޔުއެފާ އިން ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ބޭއްވި ހަފުލާގައި ރޮނާލްޑޯ ވަނީ ރޭގަނޑުގެ ކެއުމަކަށް ވެސް މެސީ އަށް ދަޢުވަތު ދީފައެވެ.

މެސީ އޭނާ އަށް ލިބިފައިވާ ބެލޮންޑިއޯ އެވޯޑުތަކާ އަދި ޔޫރަޕުގެ ރަން ބޫޓުތަކާ އެކު

މެސީގެ ކުލަބު ކެރިއަރުގައި މިހާތަނަށް ކުޅުނު 718 މެޗުން އޭނާ ވަނީ 628 ގޯލު ޖަހައި، 261 އެސިސްޓް ހަދާފައެވެ. ގައުމީޓީމަށް މިހާތަނަށް ކުޅުނު 138 މެޗުން އޭނާ ވަނީ 70 ގޯލު ޖަހައި، 45 އެސިސްޓް ހަދާފައެވެ. ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް އެއްވެސް ފުޓުބޯޅަ ކުޅުންތެރިއަކަށް ހޯދިފައިނުވާ އަދަދަކަށް މެސީ ވަނީ ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި، ބެލޮންޑިއޯ އެވޯޑާއި އަދި ޔޫރަޕުގެ ރަން ބޫޓު ހޯދާފައެވެ. މެސީ ވަނީ ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު 6 ފަހަރު، ބެލޮންޑިއޯ އެވޯޑު 6 ފަހަރު، ޔޫރަޕުގެ ރަން ބޫޓު 6 ފަހަރު އަދި ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު 2 ފަހަރު ހޯދާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.