މިއީ މަޝްހޫރު ޅެންވެރިޔާ އަދި ކުރީގެ މަޝްހޫރު ޑައިރެކްޓަރ އީސާ ޝަރީފްގެ ހިތްގައިމު މަސައްކަތެކެވެ. އަސަރާއި ކެކުޅުން ދައްކުވައިދޭ ފުރިހަަމަ މަސައްކަތެކެވެ. މި ލަވައާއި ބެހޭގޮތުން ދައްކަން ވަރަށް ގިނަ ވާގަކަތައް އެބަހުއްޓެވެ. ނަމަވެސް، މިފަހަރު މި ގެނެސްދެނީ މި ލަވަ އުފަންކުރުމުގައި އިސްރޯލެއް ކުޅުއްވި ހިތްގައިމު އަޑުގެ ވެރިޔާ މުޙައްމަދު އާސިފް (މޮންދު) މި ލަވަ ހިއްސާކުރައްވަމުން ލިޔުއްވި ހިތްގައިމު އިބާރާތްތަކެވެ. މޮންދުގެ ލިޔުންކޮޅު ނަކަލުކޮށްލާނަމެވެ.

“​މާލޭގައި ދިރިއުޅޭ ބައެއް ޢާއިލާތަކަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމާއި ދިރިއުޅެން ޖެހިފައިވާ ނިކަމެތި ޙާލަތުގެ ވާހަކައަކީ އަބަދުމެ ދެކެވޭ، އިވޭ ވާހަކަތަކެކެވެ. މިކަން ހައްލުކޮށްދިނުމުގެ ވާހަކައާއި އުއްމީދު އާކޮށްދޭ ވާހަކަތަކަކީވެސް އިވޭ ވާހަކަތަކެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާ މި ބޮޑު މައްސަލަ، މިދުވަސްވަރު އިޙްސާސްކުރެވޭ މިންވަރު ބޮޑެވެ. ފުރަބަންދުގައި ގޭބަންދުވެ ތިބޭއިރު، ޚާއްޞަކޮށް މާލޭގެ ބައެއް ޢާއިލާތަކަށް ގެއަކީ ގެއެއް ނޫނެވެ. ގޭގައި ތިބި ނަމަވެސް އެތިބެވެނީ ކޮށްޓެއްގައެވެ. ގޮޅިއެއްގައެވެ. ފުރަބަންދުގައި މަހަކަށްވުރެ ގިނަ ދުވަސް ހޭދަވެގެން ގޮސްފައިވާއިރު، މި ޙާލަތުގައި ތިބި ބައެއް ފަރާތްތަކުން ތަޙައްމަލްކުރާ ދަތި އުނދަގޫތައް ވަޒަންކުރެވެއެވެ. ގެއިން ބޭރަށް ނުނިކުމެ ދިގު މުއްދަތަކަށް މިހެން ތިބެންޖެހުމުން ކުރެވޭނެ އިޙްސާސްތައް ތަޞައްވަރުކުރެވެއެވެ. އެ އުދާސްތަކާއި ކެކުޅުންތައް ބައެއް ފަރާތްތަކުން އަޅުގަނޑާ ޙިއްސާކުރަމުން ދާތީއެވެ.

މި އުދާސްތައް އިވިފައި ހިތާހިތާ ސުވާލުކުރެވުނެވެ. ގެދޮރުގެ ދަތިކަމަކީ ހައްލު ނުކުރެވޭނެ ކަމެއްހެއްޔެވެ؟ އިޚްލާސްތެރި ނިޔަތެއްގައި ބަޔަކު މަސައްކަތް ކޮށްފިނަމަ މިއީ ކުރެވޭނެ ކަމެއް ނޫންހެއްޔެވެ؟

މި ސުވާލުތައް ހިތަށް އަރާ ފައިބަމުން ދަނިކޮށް އަޅުގަނޑުގެ އެކުވެރި ކުޅަދާނަ ޅެންވެރިޔާ އަދި މަޝްހޫރު ފިލްމީ ފަންނާނު ޢީސާ ޝަރީފް އަޅުގަނޑަށް މެސެޖެއް ކުރެއްވިއެވެ. އޭނާގެ ޅެމެއް ޙިއްޞާކުރެއްވީއެވެ. މި ދުވަސްވަރާ ގުޅޭ ވަރަށް ޢިބްރަތްތެރި، ހިތްގައިމު ޅެންތައް މިފަހަކަށް އައިސް ޢީސަ ގެންދަވަނީ ޙިއްސާ ކުރައްވަމުންނެވެ. އަޅުގަނޑު، ފުރުޞަތުގެ ބޭނުން ހިފައި ޢީސަ ގާތުން ކަމަކު އެދުނީމެވެ. އަޅުގަނޑުގެ ސިކުނޑީގައި އެބުރެމުންދާ މައުޟޫޢު “ގެއަކީ އެންމެންނަށް ގެއެއް ނޫނެވެ”، ޢީސަ އާ ޙިއްސާކުރީމެވެ. އަދި އަޅުގަނޑުގެ ޚިޔާލުތައް ބަންޑުން ކޮށްލީމެވެ. ޢީސަވެސް މިކަމާ ގަޔާވެލައްވައި، ދެފަރާތުން ޚިޔާލު ބަދަލުކުރީމެވެ. އުފެއްދުންތެރި ފަންނާނެއްގެ ފުށުން ލިބޭނެ އެންމެ ފުރިހަމަ ބައިވެރިވުން ލިބި، މާ ގިނައިރެއްނުވެ ޅެމެއް އުފަންވެއްޖެއެވެ. ނިކަމެތި މަންމައެއްގެ އުދާސްތަކެކެވެ. 3 ދަރިންނާއި ދެމަފިރިން ކޮޓަރިއެއްގައި ދިރިއުޅުން ވޭތުކުރަމުންދާ ގޮތުގެ ވާހަކައެވެ. ބޮޑު މަންޒަރު ދައްކައިދިނުމަށް، އެފަދަ ހާލަތެއްގައި އުޅޭ މީހެއްގެ ނަޒަރުން ސިފަކޮށްދެވިއްޖެނަމަ، މެސެޖް ވާޞިލްކޮށްދިނުމަށް ފަސޭހަވާނެކަމަށް އަޅުގަނޑު ޢީސަ އަށް ދެންނެވީތީއެވެ. ވަރަށް ފުރިހަމައެވެ.

މި ޅެން ލަވައަކަށް ބަދަލުކޮށް ރެކޯޑިންގ ހެދުމަށް ޢީސަ އިސްނެންގެވިއެވެ. ޢީސަ ދިރިއުޅުއްވަނީ ހިރިލަންދޫގައެވެ. އެރަށުގައި އޯޑިއޯ ރެކޯޑިންގ ސްޓޫޑިއޯ އެއްވެސް ހުރެއެވެ. ޢީސަ އަކީ މިޔުޒިކަށްވެސް ކުޅަދާނަ ބޭފުޅެކެވެ. އަދި ޢީސަގެ ޢާއިލާ އާއި ގާތްތިމާގެ ބޭފުޅުންވެސް މި ފަންނުގައި ޙަރަކާތްތެރިވާތީ ޢީސައަށް މިއީ އުނދަގޫ ކަމަކަށް ނުވިއެވެ. އުނދަގޫ ކަމަކަށް ދިމާވީ އަންހެން އަޑެއް ހޯދުމެވެ. އެކަމަށްވެސް ޢީސަ މަގެއް ހޯއްދެވިއެވެ. ރާފިޔަތު ރަމީޒާގެ ހިތްގައިމު އަޑު މާލެއިން މޯބައިލް ފޯނަށް ރެކޯޑްކުރައްވައިގެން ހިރިލަންދޫ ސްޓޫޑިއޯ އަށް ގެންގޮސް ފައިނަލް މިކްސިންގ ހެއްދެވީއެވެ. ލަވައިގެ ވީޑިއޯ މަސައްކަތް ކުރެވޭނެ ގޮތަކާމެދު އަޅުގަނޑު އޭރު ދިޔައީ ވިސްނަމުންނެވެ. ގެއިން ބޭރަށް ނުނިކުމެވޭތީ ވަރަށް އުނދަގޫ ކަމަކަށް އެކަން ވެއްޖެއެވެ. މިކަމުގެ އެހީއަށް އެދުނު އެއްވެސް ފަރާތަކުން އެދެވޭ އިޖާބައެއް ނުލިބުމުން އެކަން ކުރެވިދާނެ ގޮތެއް އޮތްތޯ ޢީސަ އަށް ދެންނެވުނެވެ. ކުޅަދާނަ ޑައިރެކްޓަރަކަށް ވީމަޔާވެސް އެކުއެވެ. ފަސޭހައިން ވީޑިއޯ އެކުލަވާލެވިދާނެ ގޮތުގެ ޚިޔާލުވެސް އެރުވީމެވެ. ވަގުތުން އެކަމަށް އެއްބަސްވެލައްވާ ސައުވީސްގަޑިއިރު ނުވަނީސް އެކްޓަރުން ހޯއްދަވައި، މޯބައިލް ފޯނުން މުޅި ލަވައިގެ ވީޑިއޯ ޝޫޓްކުރައްވައި ދަރިފުޅުގެ އެހީގައި ޕޯސްޓް ޕްރޮޑަކްޝަން ހައްދަވައި އަޅުގަނޑަށް ލަވައިގެ ވީޑިއޯވެސް ޢީސަ ފޮނުއްވައިފިއެވެ. އަޅުގަނޑު ހައިރާންވެ އަންތަރީސް ވިއެވެ. މިކަމަށް ބެހެއްޓެވި ޝައުޤާއި ދެއްވި އިސްކަމަށެވެ. ވަޞީލަތްތައް މަދު މާހައުލެއްގައި، އެހާމެ އުނދަގޫ ހާލަތެއްގައި ޢީސާ ޝަރީފް މިކުރެއްވީ އާދަޔާ ޚިލާފު މަސައްކަތެކެވެ. ޢީސައަށް ހަމަ ސާބަހެވެ. ޝުކުރިއްޔާއެވެ. ލަވައިގައި އެކި ގޮތްގޮތުން ބައިވެރިވެލެއްވި އެންމެހާ ފަރާތްތަކަށް އަޅުގަނޑުގެ އިޚްލާސްތެރި ޝުކުރު ރައްދުކުރަމެވެ. މިލަވައިގައި އަޅުގަނޑަށް ކުރަން ޖެހުނުހާވެސް ކަމަކީ ލަވައިގެ މަންޒަރުގެ މައްޗަށް ޅެމުގެ ޓެކްސްޓް އެރުވުމެވެ. ލަވައިގަ ބުނާ ވާހަކަތައް ވިސްނައިދިނުމަށް ބާރަކަށް ވާނެތީއެވެ.

“މީ މައެއް” ލަވައަކީ ފަންނީގޮތުން އެންމެ ފުރިހަމަ ލަވައަކަށް ނުވެދާނެއެވެ. އަދި ލަވައިގަ ބުނެދޭން އުޅޭ ވާހަކަތައް އެންމެ ފުރިހަމައަށް ބުނެދެވިފައި ނުވެދާނެއެވެ. ނަމަވެސް، ކޮވިޑް-19 ގެ މި އުނދަގޫ ހާލަތުގައި މިވަރު ކުރެވުނީތީ އުފާކުރަމެވެ. އަދި ދަތި ހާލުގައި ދިރިއުޅެމުންދާ ކޮންމެ މީހެއްގެ ހާލަތުގެ ކުޑަ މިންވަރެއް ނަމަވެސް ދެން ތިބީންނަށް އިޙްސާސްކުރެވި، އެކަމާމެދު ފިކުރުކޮށްލަން ސިކުންތެއް ހޭދަކުރި ނަމަވެސް، ޢީސަ އާއި އަޅުގަނޑުގެ މަޤްޞަދު ޙާސިލްވީއެވެ. 

މިއީ ކުރު ލަވައެއް ނޫނެވެ. 10 މިނެޓް ހޭދަކުރައްވައިގެން ލަވަ ބައްލަވައިލެއްވުމަކީ އަޅުގަނޑުމެންގެ އެދުމެކެވެ. ގެއަކީ ހިތްހަމަޖެހޭ އުފާވެރި ތަނަކަށްވެ، ކޮންމެ މީހަކަށްވެސް “މީއީ މަގޭ އުފާވެރި ގެއޭ” ބުނެވޭނެ ދުވަހަކަށް އިންތިޒާރުކުރަމެވެ.  އަދި ރާއްޖޭގެ، ޚާއްޞަކޮށް މާލޭގެ ގެދޮރުގެ ދަތިކަން ފިލައި، މި ރީތި ޖަޒީރާ ރާއްޖޭގެ ހިތްގައިމު ޤުދްރަތީ މާހައުލުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނޭ ގޮތުގެ މަތީން އެންމެންނަށް ދިރިއުޅުމުގެ ތަނަވަސްކަން މިންވަރުކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.”

ކުރިންވެސް ދެންނެވި ފަދައިން، މި ފުރިހަމަ ލަވައާއި މެދު އިތުރު ވާހަކަތަކެއް މުނިއަވަސްގެ ކިޔުންތެރިންނަށް ގެނެސްދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ. އިހަށް ލަވަ ބައްލަވައިލައްވާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.