ބަލާބެލުމަށް އުމުރުން ތިރީހުގެ އަހަރުތައް ގުނަމުންދާ އެމީހާވެސް ހިނގައިގަތެވެ. ހިނގައިގަނެގެން އެމީހާއަށް ތިން ފިޔަވަޅުވެސް ނޭޅޭނެއެވެ. ކަނޑާލި ރުކެއްހެން އެމީހާ ވެއްޓިއްޖެ އެވެ. ގޮނޑިބަރިތަކުގެ މެދުން ހިނގަން އޮންނަ މަގު ނުވަތަ ‘އައިލް’ ގެ މެދަށެވެ.

އެމީހާ ވެއްޓުނީ އައިމަން އިން ގޮނޑި ކައިރިއަށެވެ. އަޤްޞަދު ގެ ފަހަތުން އެއްޗެއް ވެއްޓުނު އަޑު އިވިގެން ބަލައިލި އިރު އޭނާގެ ފަހަތުން ހިނގައިގަތް މީހާ އޮތީ ވެއްޓިފައެވެ. އައިމަން އާއި އަޤްޞަދު އަވަސްވެގަތީ އެމީހާ ނެގުމަށެވެ. ފްލައިޓް ތެރޭގައި ތިބި އެއްމެންނަށް ލިބުނު ޝޮކާއި އެކު އެކި ގޮތްގޮތަށް ރިއެކްޓް ކުރަމުން ދިޔައެވެ.

“ތީނދަ ގޮނޑި ތިރިކޮށްފަ އަވަހަށް އެ ގޮނޑީގަ ބާއްވަން ހިނގާ!” ހާސްވެފައި ހުރިނަމަވެސް އަޤްޞަދު، އައިމަން އަށް އިރުޝާދު ދިނެވެ. އެތާ ކައިރީގައި އިން އެހެން ފަސިންޖަރެއްގެ އެހީއާއި އެކު ވެއްޓިފައި އޮތް މީހާ ނަގައި ބޭއްވީ އަައިމަން ކުރިން އިން ގޮނޑީގަ އެވެ. އެމީހާ ބޭއްވުމާއި އެކު އެއީ ކާކުކަން އޭނާއަށް އެނގިއްޖެ އެވެ. އެއީ މީގެ އިރުކޮޅެއް ކުރިން އަނގަ ގަދަ ކުރި ދެމީހުންގެ ތެރެއިން އެކަކުކަން އެނގުނެވެ.

ވެއްޓިފައި އޮތް މީހާގެ ވިންދު ހުރިތޯ އަޤްޞަދު ޗެކްކުރަން ފެށިއެވެ. އޭރު އަނެއް ކެބިންގ ކްރޫވެސް އެތަނަށް ފެން ތަށްޓެއް ހިފައިގެން އައިސް ހުއްޓެވެ. ޒީނިޔާ އިނީ އެމީހުންގެ ކުރިމަތިން ފެނިގެން ދިޔަ މަންޒަރުން ލިބުނު ޝޮކާއި އެކު ތާނިޔާ ގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލެވޭތޯ ބެލުމުގައެވެ.

“އެމީހާ މީގެ އިރުކޮޅެއް ކުރިން ފާޚާނާ ހޯދަން އެއްމެ ކުރިން ދިޔައީ ބޯޓްގެ ފަހަތަށް… ފަހަތުގަ ހުރެފަ އައިސް ކެބިން ކްރޫ ކައިރީ އަހާފަ ހިނގައިގަތްތަނުން އެ ވެއްޓުނީ!” އައިމަން ކުރިން އިން ގޮނޑީގެ ދެ ގޮނޑިބަރި ފަހަތުގައި އިން މީހަކު، ޖެހިގެން އިން މީހާ ކައިރީގައި ބުނި އަޑު އައިމަން އަށް އިވުނެވެ.

ހިނގައިގެން އުޅޭ މެޑިކަލް އިމަޖެންސީ ބޯޓްގެ ކެޕްޓަނަށް އެނގުމަށްފަހު ކެބިންގ ކްރޫ ރީޝާ އަވަސްވެގަތީ އެނައުންސްމެންޓެއް ދިނުމަށެވެ. ރީޝާ ދިން އެނައުންސްމެންޓްގައި ކިއީ ޑޮކްޓަރެއް ނުވަތަ މެޑިކަލް ދާއިރާގެ މީހެއް އިންނަމަ އެހީވެދިނުމަށް ގޮސްދިނުމަށެވެ. ރީޝާ ގެ އެނައުންސްމެންޓް ނުނިމިގެން އުޅެނިކޮށް އެއްމެ ފަހަތު ގޮނޑިބަރީގައި އިން އިންޑިއާ އަންހެނެއް ތެދުވެގެން އެ ދިމާއަށް އަވަސް ވެގަތެވެ.

“އައި އޭމް އަ ޑޮކްޓަރ…ޑޮކްޓަރ ނާލިނީ ޕަޓޭލް ފްރޮމް އައިޖީއެމް އެޗް!… ޑަޒް ހީ ހޭޒް އެނީ ޕަލްސް؟” އެތަނަށް ގޮސް ހުއްޓެމުން ޑޮކްޓަރުގެ އަމިއްލަ ތަޢާރަފެއް ދެމުން ޕޭޝަންޓް ގެ ވިންދު ހުރިތޯ ސުވާލުކުރިއެވެ.

“ނޯ ޕަލްސް … އައި.. އައި ތިންކް މެޑަމް.” ހާސްވެފައި ހުރެ އަޤްޞަދު ޖަވާބު ދިނެވެ.

ޑޮކްޓަރ ނާލިނީ ޕޭޝަންޓް ޗެކް ކުރަން ފެށިއެވެ. އަތުގައި އޮތް އަތްދަބަހުން ކަށިގަނޑު ނަގައިގެން އަޅައި ބެލިއެވެ. އޭރު އެމީހާގެ އަނގައިން ހުދު ފޮނުތަކެއް ފައިބާފައި ހުއްޓެވެ.

“ހީ މައިޓް ހޭވް ގޮޓް އަ ޝީޒުއަރް އެންޑް ދެން ކޮލަޕްސްޑް. އެނީވޭސް…. އައި އޭމް ސޮރީ ބަޓް ޓެލް ޔޯރް ކެޕްޓަން ހީ އިޒް ނޯރް މޯރް.” އިންޑިއަން އެކްސެންޓް އިން ޑޮކްޓަރ ދިނީ އެމީހާ މަރުވެފައި އޮތްކަމުގެ ޚަބަރެވެ.

**********

ފްލައިޓް ތެރޭގައި މީހަކު މަރުވުމުން ކަންތައްތައް ކުރަން ޖެހޭ ޕްރޮސީޖަރ ގެ ދަށުން ބޯޓްގެ ކެޕްޓަން ނިންމީ އަލުން އަނބުރާ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓަށް ޑައިވަރޓް ކުރުމަށެވެ. އެހެންކަމުން މާލޭ ކޮންޓްރޯލް ޓަވަރަށް އެކަން އަންގައި ބޯޓް ޑައިވަރޓް ކުރުމަށް ހުށައެޅި އެވެ. މާލޭ ކޮންޓްރޯލް ޓަވަރުން އެކަމުގެ ހުއްދަ ދިނުމުން ބޯޓް ޑައިވަރޓްކޮށް މިސްރާބް ހިފީ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓަށެވެ.

ހުރިހައި ފަސިންޖަރުން ހަމަޖެއްސުމަށްޓަކައި ކެޕްޓަން ވާހަކަދެއްކިއެވެ. ބޯޓް އަލުން އަނބުރާ މާލެއަށް ދަތުރުކުރާ ސަބަބުވެސް އެއްވެސް ފޮރުވުމެއް ނެތި ހާމަކޮށްދިނެވެ. ޒީނިޔާ ގެ ދަރިފުޅު ވަރުބަލިވެގެން ނިދައިފި އެވެ. އައިމަން އިނީ ޒީނިޔާ ގެ ފަހަތު ގޮނޑިބަރިން ހުސްވި ގޮނޑީގައެވެ. މީގެ އިރުކޮޅެއް ކުރިން އަނގަ ގަދަކޮށްފައި އުޅުމަށްފަހު އޭނާގެ އެއްމެ ފަހުވަގުތާއި ކުރިމަތިލާފައިވާ މީހާ އިށީންދެ އިން ގޮނޑީގައެވެ. އެ ގޮނޑިއާއި ޖެހިގެން ހުރި ގޮނޑީގައި އިން މީހާ އިނީ މައިތިރިވެފަ އެވެ. ނަމަވެސް މުޅި މީހާ އިނީ ދާހިއްލާ ފޯވެފަ އެވެ. މީހާގެ ހަންގަނޑު ވަނީ ރަތްވެފަ އެވެ.

“ތި ބޭފުޅާ އާއި ތިމާގެ މީހެއްތޯ އެ ނިޔާވީ؟” އެމީހާ އިންގޮތް ފެނިފައި އައިމަން ސުވާލުކުރިއެވެ. އެމީހާ ހަމައެކަނި ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލީ އެވެ. “އެއީ ބަލި މީހެއްތޯ؟” އަނެއްކާވެސް އައިމަން ސުވާލުކުރިއެވެ.

“ނޫން…. މަ ސަލާމަތްކޮށްދީ!!… އެގޮތަށް މަރުވާކަށް އަހަރެން ބޭނުމެއްނޫން!!” އެމީހާ އަޑުން އަޑުނަގާފައި ރޯން ފެށިއެވެ. ފާޑަކަށް ތެޅެންފެށި އެވެ.

“އޭތް.. ކިހިނެތް ވީތަ؟…. އެމީހާ މަރުވި ގޮތަށް ތި ބޭފުޅާ މަރުވާންވީ ކީއްވެގެން؟؟!!… ނިކަން ހަމަޖެހިބަލަ!!” އެމީހާ ހަމަޖައްސައިދެވޭތޯ އައިމަން މަސައްކަތް ފެށިއެވެ.

“ކަލޭމެންނަކަށް ނޭނގޭނެ އަސްލު އޭނައަށް އެވީގޮތެއް!!.. ބުލެޓްސްތައް ފަޅައިގެން ގޮސްގެން އޭނާ އޯވަރޑޯޒް އެ ވީ… މަގޭ ހަށިގަނޑުގަވެސް 500 ގްރާމް އެބަހުރި… ޕްލީޒް މަ ސަލާމަތް ކޮށްދީ… ޕްލީޒް!!” ގަތްފައިވާ ބިރާއިއެކު އެމީހާގެ ހަށިގަނޑު ތެގޭގައި މަސްތުވާތަކެތީގެ ބާވަތެއް ރައްކާކޮށްފައި ހުރިވާހަކަ ބުނުމުން އައިމަން އަށް ބުނާނެ އެއްޗެއް ނޭގިފައި އިނދެވުނެވެ. ހަދާނެގޮތެއްވެސް ނޭގުނެވެ.

ކެބިންގ ކްރޫއަށް އެކަން އެނގުމަށްޓަކައި އައިމަން ގެ ބޮލާއިދިމާ މަތީގައި އިން ސްވިޗަށް އޮއްބާލުމަށް އަތް ދިއްކޮލި ވަގުތެވެ. ކައިރީގައި އިން މީހާ ގަދައަށް ތެޅެން ފަށައިފިއެވެ. މުޅި ގަޔަށް ބާރު އަރާފައި ތެޅެން ފެށުމާއިއެކު އަނގައިން ހުދު ފޮނުތަކެއް ނިކުންނަން ފަށައިފިއެވެ. އައިމަން އަށް ހަޅޭއްލަވައިގަނެވުނީ ތަނެއް ދޮރެއް ނުބަލައެވެ. ކައިރީގައި ތިބި ބައެއް މީހުން އެދިމާއަށް ޖަމާވެއްޖެ އެވެ. ތެޅެމުން ދިޔަ މީހާ މައިތިރި ކުރެވޭތޯ އެމީހަކަށް ކުރެވުނު ކަމެއް ކުރަން ފެށިއެވެ. އިރުކޮޅެއް ނުވެ އެތަނަށް ދެ ކެބިންގ ކްރޫ އާއި ޑޮކްޓަރު އައިސް މަޑުކޮށްލިއެވެ. ޑޮކްޓަރ އަވަސްވެގަތީ ބަލިމީހާ ޗެކް ކުރުމަށެވެ. އެވަގުތު އައިމަން އަށް މީގެ ކުޑައިރުކޮޅެއް ކުރިން އެނގުނު މަޢުލޫމާތު ތައް ހިއްސާކުރިއެވެ.

“އޯހް މައި ގޯޑް. ދިސް އިޒް ބޭޑް. ވީ ނީޑް ޓު މޭކްހިމް ވޮމިޓް!!… ހަރީ އަޕް ގައިޒް. ބްރިންގް ވަޓްއެވަރް ފްލުއިޑްސް ޔޫ ހޭވް!!” ޑޮކްޓަރ ނާލިނީ ހުރީ ކަންބޮޑެވެފައެވެ. ކެބިންގ ކްރޫ އިން އެތަނަށް ގެނައީ ކުރުނބާ ފަނި އަޅައި ޕެކްކޮށްފައި ހުރި ދެ ފުޅިއެވެ.

ފުޅި ކަނޑާލުމާއި އެކު އެމީހާގެ އަނގައިގެ ތެރެއަށް ފުޅީގެ ތުން ކޮއްޕާލިއެވެ. ކައިރީގައި ތިބި މީހުން އެމީހާ ތެޅުނަ ނުދީ ހިފަހައްޓައިގެން ތިބީ ހާސްކަމެއްގެ ތެރޭގަ އެވެ. ޑޮކްޓަރ ނާލިނީ އަަށް އެ ކުރެވޭކަންތައް ރަނގަޅަށް އެނގޭތީ މާ ބޮޑު ހާސްކަމެއް ނެތްކަހަލަ އެވެ. ގަދަކަމުން އެމީހާގެ ކަރުބުޑަށް ކުރުނބާ ފަޅި އަޅަމުން ދިޔައީ އެއްވެސް ބިރެއް ނެތި އެވެ. ކެބިންގ ކްރޫ އިން ތައްޔާރުވެގެން ތިބީ އެމީހާ ހޮޑުލާނެ ކޮތަޅު ހިފައިގެންނެވެ. ކުއްލިއަކަށް އެމީހާގެ ކަރު ތެރޭން ބިރުވެރި އަޑެއް ބޭރުވެގެން ދިޔައެވެ. އެވަގުތު ފަނި ފުޅި އޭނާގެ ތުނބުން ނައްޓާލިއެވެ. އެމީހާގެ ހަށިގަނޑުގައި ހުރި ތެޅުމެއް ނެތެވެ. އެއްކޮށް މައިތިވެއްޖެއެވެ. ވިންދު ޖަހާތޯ ޗެކްކުރަން ފެށުމާއެކު ޑޮކްޓަރ އަތުން އިޝާރާތެއް ކޮށްލީ ކެބިންގ ކްރޫއިންނަށެވެ. ކޮތަޅު ހިފައިގެން ތައްޔާރަށް ތިބުމަށެވެ.

ވިންދު ޗެކްކުރިއިރު ވިންދު ހުރިކަމަށް ޑޮކްޓަރު ބުނިނަމަވެސް އެމީހާގެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތްކަހަލައެވެ. އެއްމެންނަށް ތިބެވުނީ ހުއްޓުން އަރާފައެވެ.

ހަމަ ކުއްލިއަކަށް އަނެއްކާވެސް އެމީހާ ތެޅެން ފެށިއެވެ. އަނގައިން ހުދު ފޮނުތަކާއެކު ރީނދޫކުލައަކަށް ދާ ދިޔައެއްވެސް ފައިބަން ފަށައިފިއެވެ. އަނެއްކާވެސް އެމީހާގެ ކަރުތެރޭން ކުރިން އިވުނު ބިރުވެރި ގަދަ އަޑު އިއްވާލިއެވެ. މިފަހަރު ކުރީ ފަހަރަށް ވުރެންވެސް ބާރަށެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.