ކުއްލިއަކަށް ރަށުތެރެއިން އިވުނު ވާހަކަތަކާއިމެދު ހިތްހަމަ ނުޖެހިފައި ހުރި މާމަ ވާހަކަ ދައްކަމުން ދިޔައީ ޖޯލިފަތީގައި އިށިންދެލައިގެން އިން ނިޔާފްއާއެވެ. މާމަ ދަރިންގެ ތެރެއިން އެންމެގިނަ ދުވަހު އެ މާމައާއެކު ވަގުތު ހޭދަކޮށް އެ މާމަގެ ވާހަކަތަކަށް ސަމާލުކަންދީގެން އުޅުނު މާމަ ދަރިއަކީ ނިޔާފެވެ.
ކުއްލިއަކަށް މިއަދު އެ މާމަގެ ވާހަކަތަކަށް ނިޔާފް ގޮންޖެހުމުން އެ މާމަ ހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކަންބޮޑުވެ ހާސްވެފައެވެ. ނިޔާފްގެ އެ ނިންމުމުގެ ސަބަބުން ނިޔާފްގެ ދިރިއުޅުމަށް ކުރާނެ އަސަރު އެ މާމައަށް މިހާރު ވެސް ފެންނަމުންދާ ކަހަލައެވެ.
ތަނާލް އަކީ މޮޅަށް ކިޔަވައިގެން ހުރި އަޚުލާޤު ރަނގަޅު ކުއްޖެކެވެ. ތަނަވަސް ޢާއިލާއަކަށް އުފަން ގެވެހި އަންހެންދަރިއެކެވެ. ހަޔާތުގެ ބައިވެރިއަކަށް އެންމެ އެކަށޭނަ ޒުވާނެކެވެ.
ދުވަހަކު ވެސް ތަނާލް ދޫކޮށްނުލައި އެކުގައި އުޅުމަށާއި އުމުރު ދުވަހު އަތްނބެއްގެ ގޮތުގައި ބެހެއްޓުމަށް ނިޔާފަށް އެންމެ ގިނައިން ނަސޭހަތާއި ހިތްވަރު ދިން މީހަކީ އެ މާމައެވެ. މާމަގެ ދުވަސްވީ ތަޖުރިބާއިން ތަނާލް ކުރަހާލިތާ އެތައް ދުވަހެއް ވެއްޖެއެވެ. އެއީ ނިޔާފަށް ލިބުނު މަލެއް ރަނެއް ފަދަ އަތްނބެކެވެ. ނިޔާފާއި ތަނާލްއާ ގުޅުވައިގެން އެ މާމަ އެތައް ހުވަފެނެއް ދެކުނެވެ.
އިވެމުންދިޔަ ވާހަކަތަކާއި މެދު މެދުކެނޑުމެއް ނެތި މާމަ ކުރަމުން ދިޔަ ސުވާލުތަކަށް ދޭނެ ޖަވާބެއް ނިޔާފަކަށް ނޭނގުނެވެ. ދެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން މަޢާފްކުރާށޭ ބުނާފަދައަކުން މާމައަށް ބަލާލިއެވެ.
އާނއެކެވެ. ނިޔާފްގެ ހަޔާތުގައި އެ މާމައަކީ ވަރަށް ވެސް މުހިންމު މީހެކެވެ. ދިރިއުޅުމުގައި ދިމާވި ކޮންމެ އަޑިގަނޑަކުން އޭނާ އެރުމަށް އެ މާމަ އަތުގައި ހިފިއެވެ. ގޯސްމަގަކުން ދާނަމަ ރަނގަޅުމަގު ދެއްކިއެވެ.
އެއީ ވެސް އެފަދަ ދުވަހެކެވެ. އަރާމަގުކޮޅަށް ނިޔާފް ދާން އުޅުމުން މާމަ ހިތްހަމައެއް ނުޖެހުނެވެ.
“އެތަނުގައި ޖިންނި އުޅޭނެ. ފުރޭތަ ފެންނާނެ. ހަންޑި އަރާނެ. ވިގަނި ހުންނާނެ. އަރާމަގު ދޮންކަމަނަ އަވަލާނެ.” އިރުއޮއްސޭ މަންޒަރު ބަލާލުމަށް އަރާމަގުކޮޅަށް ދާ ވަހަކަ ބުނުމާއިއެކު ހިތްހަމަ ނުޖެހިފައި ފައްޗަކަށް މާމަ އަމުނާލިއެވެ. ނިޔާފަށް ގަބޫލު ކުރެވުނު ގޮތުގައި އެއީ މާމަމެން ޒުވާން ދުވަސްވަރުގެ ބޯދާ ވާހަކަތަކެވެ.
އަރާމަގުކޮޅަށް ނިޔާފަށް ނުކުމެވެވުނުއިރު އިރު އޮއްސިއްޖެ އެވެ. އުދަރެހުގައި ރަސްކަން ކުރަމުންދަނީ ރަތްވިލައެވެ. ރަތްވިލާތަކާއި ގުޅިފައިވާ ރީނދޫކުލަ އާއި އޮރެންޖުކުލަ އެވެ. ދުވަހަކީ ކަނޑުމަޑު ވައިމަޑު މޫސުމް ރީތި ދުވަހަކަށް ވާތީ އުދަރެސް ވަރަށް ރީތިކޮށް ފެނެއެވެ.
ގޮނޑުދޮށުން ލާފައި އަރާމަގުކޮޅުން އެއްގަމަށް އަރަން އައި ޒުވާން އަންހެންކުއްޖާ ނިޔާފަށް ފެނުނީ ކުއްލިއަކަށް ކަހަލަ ގޮތަކަށެވެ. ވައި ބާރުވުމުން ގަސްތަކާއި ދިމާއަށް ބަލާލާފައި މަގުގެ ކޮޅަށް ބަލާލި ވަގުތު އެވެ.
“އަރާމަގު ދޮންކަމަނަ … އުނހު … އަރާމަގު ދޮންކަމަނައެއް ނޫން. އަރާމަގު ދޮންކަމަނަ ނުލާނެ އަތްދިގު ޓީޝާޓާއި ޖިންސެއް … ދޮންކަމަނަ ލާނީ ގަދަރަތް ކުލައިގެ ލިބާހާއި ކަޅުކުލައިގެ ކަނޑިކި …. އިސްތަށިގަނޑު ހުންނާނީ ބޮލުގެ އެއްފަރާތަށް ހުޅިއެއް ޖަހާފަ.” އެ އަންހެންކުއްޖާ ފެނުމާއިއެކު ހިތާހިތުން ނިޔާފަށް ކިޔާލެވުނެވެ.
އެއްގަމަށް އަރަން އައި އެ އަންހެންކުއްޖާ ނިޔާފަށް ބަލާލަމުން ހިނިތުންވެލި ވަގުތު ދެލޮލުގެކަޅި އަނގުރު އަލިފާންކޮޅެއް ފަދައިން ވިދައިގަތެވެ. ހީވިހީވުން ޔަގީންކޮށްލުމަށް އަވަސް އަވަހަށް ދެލޯ ފުހެލަމުން ބަލާލިއިރު އެފަދަ އެއްވެސްކަމެއް ފެންނާކަށް ނެތެވެ. އެއީ ހަމަ އޭނައަށް ހީވި ގޮތެކެވެ.
ހެދިހުރި އަންހެންވަންތަ ފުރިހަމަ ރީތި ހަށިގަނޑެކެވެ. ހެދިހުރި ފުރިހަމަ ހަށިގަނޑާއި ވަނާތަކުގެ ގުޅުން ބަދަހިވެފައި ޗާލެވެ. ފަންކަން އެކުލެވިގެންވާ ކަޅުކުލަގަދަ ދިގު އިސްތަށިގަނޑެކެވެ. ބައްޓަން ރީތިވެފައި ވަނާތައް ފުރިހަމަ އެވެ. ކުލައަލިވެފައި މޫނުމަތި ސާފެވެ. ކަޅު ކުލަ ގަދަ ދިގު އިސްތަށިގަނޑުގެ ތެރެއިން މޫނު ފެންނައިރު ކަޅުވިލާގަނޑެއްގެ ތެރޭން ސާދަ ފަނަރައިގެ ހަނދު ފެންނަ ފަދައެވެ.
އެ އަންހެންކުއްޖާއާ ދިމާއަށް ބަލަހައްޓައިގެން ނިޔާފަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއް އޭނަ އަކަށް ވެސް ނޭނގުނެވެ. މިރިހި ގަސްތަކުތެރެއިން ދުވެފައި ނުކުތް ކަޅުބުޅާ، ނިޔާފްގެ ކުރިމަތިން ދަމުން ބާރުބާރަށް ބުޅާ ގޮވާލިއަޑަށް ނިޔާފް ސިއްސައިގެން ދިޔައެވެ.
އަވަސް އަވަހަށް ނިޔާފް ބަލާލިއިރު އެ އަންހެންކުއްޖާ ނިޔާފް ފަހަނަ އަޅައި ފަނަރަވަރަކަށް ފޫޓް ދުރަށް ހިނގައްޖެއެވެ.
“ދޮންކަމަނަ … އަރާމަގު ދޮންކަމަނަ.” އެ އަންހެންކުއްޖާގެ ނަން ނޭނގުމުން ނިޔާފް ގޮވާލިއެވެ. ޔަގީނުން ވެސް އެ އަންހެން ކުއްޖާއަކީ މިރަށު ކުއްޖެއް ނޫނެވެ.
ނިޔާފް ގޮވާލުމުން އެ އަންހެންކުއްޖާ ހިނގުން ހުއްޓާލަމުން ފަހަތް ބަލާލިއެވެ. ރުޅިއައިސް ރަތްވެފައި ހުރިވަރުން ހީވީ މޫނުމަތީގައި އަލިފާން ރޯވި ހެންނެވެ. ރުޅިމޫނު ދައްކާލަމުން މޫނުމައްޗަށް ހަދާލިގޮތުން އެނގިގެން ދިޔައީ އޭނަ ރުޅި އައިސްފައިވާ މިންވަރެވެ.
ރުޅިވެރިކަމާއިއެކު ނިޔާފަށް ބަލާލުމަށްފަހު އެ އަންހެންކުއްޖާ ހިނގައިގަތުމުން ނިޔާފް ވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
ވަގުތަކީ އިރުއޮއްސުނު ވަގުތު ކަމަށްވާތީ ރަށުތެރޭގައި ރަސްކަން ކުރަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އަނދިރިކަން ދިޔައީ އިންތިހާއަށް އިތުރު ވަމުންނެވެ.
ނިޔާފްގެ ކުރިން ގޯޅިއެޅި އަންހެންކުއްޖާގެ ފަހަތުން ނިޔާފް ދިޔަ ނަމަވެސް، ނިޔާފަކަށް އެ އަންހެންކުއްޖާއެއް ނުފެނުނެވެ.
ގެއާ ދިމާއަށް ހިނގަމުން ދިޔައިރު ވެސް ނިޔާފްގެ ހިތުގައި ރަސްކަން ކުރަމުން ދިޔައީ އެ އަންހެންކުއްޖާ އެވެ. އޭނައަކީ ކާކުކަން ހޯދުމުގެ ޝަޢުޤުވެރިކަން އިތުރުވަމުން ދިޔައެވެ.
ޢީދަށް ރަށަށް އައިސް އުޅޭ މީހުން ވަރަށް ގިނައެވެ. ރަށުން ބޭރުގައި ދިރިއުޅެމުންދާ ރަށު މީހުންނާއި ރިސޯޓްތަކުގެ ވަޒީފާތަކުގައި އުޅެމުންދާ ރަށު މީހުންނެވެ. ރަށުންބޭރުގައި އުޅޭ މީހުންގެ ރައްޓެހިންނާއި ރަށުގައި އުޅޭ މީހުންގެ ރައްޓެހިންނެވެ. އިއްޒަތްތެރިންނާއި ގަދަރުވެރިން ނެވެ. މަޝްހޫރު ފަންނާނުންނާއި ނަން ހިންގާ ތަރިންނެވެ.
ޢީދަށް އައި މީހުންގެ ގިނަކަމުން ރަށުތެރެއަށް ވެރިވެފައިވަނީ ހަލަބޮލިކަމެވެ. މަގުތަކުން މީހުން ގިނަވެފައި އަޑުތައް ގަދައެވެ. ޢީދުކުޅިވަރުތަކުގެ ތައްޔާރީ ތަކާއިގެން އެއްބަޔަކު އުޅެމުން ދިޔައިރު، އަނެއް ބަޔަކު ތިބީ ހޮޓާތަކުގައި ބޭކާރު އަނގަތަޅާށެވެ. މޮޅު ވާހަކަދައްކާށެވެ.
ޢީދުކުޅިވަރުގެ ފެށުން އެކަމަކާއި ގުޅިފައިވާ ފެން ޖެހުމާއި ކުލަ އުނގުޅުމުގެ ހަރަކާތަކީ ގިނަ ޒުވާނުން އެ ހަރަކާތަކާއި ވަރަށް ގަޔަވާ ކުޅިވަރެކެވެ. އަންހެނުން ފިރިހެނުން ގަޔަށް، ފިރިހެނުން އަންހެނުން ގަޔަށް ފެން ޖެހުމާއި ކުލަ އުނގުޅުމާއިގެން އުޅެމުން ދިޔައިރު އަންހެނުން އަންހެނުންގެ ގަޔަށް ފެން ޖެހުމާއި ފިރިހެނުން ފިރިހެނުންގެ ގަޔަށް ފެން ޖެހުމާއި ކުލަ އުނގުޅުން ވެސް ކޮންމެ ވެސް ވަރަކަށް ކުރިޔަށް ދިޔައެވެ.
ފެންޖެހުމުގެ ހަރަކާތް ފޯރިގަދަވެގެން ދިޔައީ މެންދުރުފަހު އެވެ.
އަތުގައި ކާކުލަ އުނގުޅައިގެން ފެންކޮތަޅެއް ހިފައިގެން ނިޔާފް ވެސް މަގުތަކުގައި ދުވަމުން ދިޔައެވެ. އަންހެންކުދިން ގަޔަށް ފެން ޖަހައި ކުލަ އުނގުޅުމާއިގެން އުޅެމުން ދިޔަ ނިޔާފަށް، އެ އަންހެންކުއްޖާ ފެނުނީ ވަށާކޮށިމަގުންލާފައި ރަށުގެ ހުޅަނގުކޮޅާއި ދިމާއަށް ދަނިކޮށެވެ. އާންމުކޮށް މީހުން ހިނގައި ނޫޅޭ އެ މަގުންލާފައި އެ އަންހެންކުއްޖާ އެ ދަނީ ފެންކުޅީގެ ކަންތައްގަނޑުން ސަލާމަތްވާން ކަން ނިޔާފަށް ޔަގީންވި އެވެ. ސިއްރު ސިއްރުން އެ އަންހެންކުއްޖާގެ ފަހަތުން ނިޔާފް ހިނގައިގަތް ނަމަވެސް އޭނާ އަކަށް އެ ކަމެއް ނޭނގެއެވެ.
ރަށުތެރޭގައި ފޯރިޔާއިއެކު ކުރިޔަށްދިޔަ ފެންކުޅި އާއި ކުލަ އުނގުޅުމުން ސަލާމަތްވުމުން ލިބުނު މިނިވަންކަމަށް އުފާ ކުރަމުން ހިނގަމުން ދިޔައިރު، ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން އޭނާގެ ކިބައިން ކިތަންމެ ރަނގަޅަކަށް ވެސް ފެންނަމުންދިޔަ އެވެ. އެއްވެސް ނުރައްކަލެއް ހާސްކަމެއް ނެތް ކަމުގެ ޔަގީންކަން އޭނައަށް ބޮޑެވެ.
ސިއްރު ސިއްރުން އެ އަންހެންކުއްޖާގެ ފަހަތުން އައި ނިޔާފް ، ކުއްލި އަކަށް އައިސް އެ އަންހެންކުއްޖާގެ މޫނުގައި ކުލަ އުނގުޅާ ލުމާއިއެކު އެ އަންހެންކުއްޖާ ދިޔައީ ސިއްސައިގެން ނެވެ. ލިބުނު ސިހުމުގައި ހަޅޭލަވައިގަންނަމުން ދުއްވައި ގަނެވުނީ އެއްވެސް އިޙްތިޔާރަކާއި ނުލަ އެވެ.
އެ އަންހެންކުއްޖާގެ ފަހަތުން ދުވެފައިދިޔަ ނިޔާފަށް އޭނާގެ އަތުގައި ހިފަހައްޓައި މަޑުކުރެވުނީ ، މީހުން ދިރިއުޅޭ ސަރަހައްދާއި ތަންކޮޅެއް ދުރަށް ދެވުނު ފަހުންނެވެ.
“ކުރީ ދުވަހު ފިލައިގެން ދިޔަ ގޮތަށް މިއަދަކު ނުދެވޭނެ … ދޫކޮށްލާނީ ނަން ބުނީމަ.” ވަށައިގެން ހޯދާލަމުން ނިޔާފް ވާހަކަ ދެއްކީ އެ ސަރަހައްދުގައި އެ ދެމީހުން ފިޔަވައި އެހެން މީހަކު ނެތްކަން ޔަގީންކުރަމުން ނެވެ.
“ދޮންކަމަނަ … އަރާމަގުދޮންކަމަނަ.” ހެމުން ހެމުން އެ އަންހެންކުއްޖާ ބުންޏެވެ. އޭނާގެ ހަރަކާތްތަކާއި ނަން ބުނެލި ގޮތުން އެއީ އޭނާގެ އަސްލު ނަން ނޫންކަން ނިޔާފަށް ޔަގީންވިއެވެ. ކުރިމަތިން ފެންނަންއޮތް މަގާއި ދިމާއަށް ބަލާލެވުނުއިރު ކުރީ ދުވަސް ފަދައިން މިއަދު ވެސް އެ ދެމީހުނަށް ބައްދަލު ވެވިފައި އެ ތިބީ އަރާމަގުގައެވެ.
ދެ އަތުން ދޮންކަމަނަގެ މޫނުގައި ހިފަހައްޓާލަމުން އޭނާގެ ލޮލަށް ނިޔާފް ބަލާލިއިރު ، ދޮންކަމަނަ ވެސް ހުރީ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ހަތަރުކަޅި ހަމަވި ވަގުތު ދެ މީހުން ވެސް ބަސް ހުސްވެ ހަރަކާތް ހުއްޓުނެވެ. ވެރިވަމުން ދިޔަ އަނދިރިކަމުގެ އަސަރު ދެ މީހުން ކުރެ މީހަކަށް ނުކުރެއެވެ.
ނިޔާފްގެ ހިތުގެ އެދުން ހިތުގެ ރުއިން ދޮންކަމަނައަށް އަޑުއިވުނު ކަހަލަ އެވެ. އެ އަޑަށް އެ ދަޢުވަތަށް ދޮންކަމަނަގެ ހިތް އެދިއެދި ހުރި ކަހަލަ އެވެ. ނިޔާފް ދަޢުވަތުދިން ފަދައިން މަޑުމަޑުން ނިޔާފް ކައިރިއަށް ޖެހިލަމުން ނިޔާފްގެ މޭގައި މޫނު ޖައްސާލިއެވެ. ހިތުގެ އަޑުތެޅުން އަޑުއަހާލަން މަސައްކަތް ކުރި ކަހަލައެވެ.
ބަޔަކު މީހުން ވާހަކަދައްކާލި އަޑު އިވުމާއިއެކު ނިޔާފްއާ ދުރަށް ޖެހިލަމުން ، ދޮންކަމަނަ ދުވެފައި ގޮސް ގޮނޑުދޮށަށް ފޭބިއެވެ. ދޮންކަމަނަ އެގޮތަށް ކަންތައް އެކުރީ އެމީހުނަށް ފެނިދާނެތީ ކަން ނިޔާފަށް އެނގުނެވެ.
ރައްޓެހިންތަކަކާއިއެކު ކޮފީއެއް ބޯން ކެފޭތެރޭގައި އިން ނިޔާފަށް ދޮންކަމަނަ ފެނުނީ ރައްޓެއްސަކާއިއެކު ކޮފީސޮޕް ކުރިމަތިން ދަނިކޮށެވެ. ކޮންމެ ގޮތަކުން ނަމަވެސް ދޮންކަމަނައާ ވާހަކަދައްކަން ބޭނުންވެފައި ހުރި ނިޔާފް އަވަސް އަވަހަށް ބޭރަށް ނުކުތެވެ. ކުއްލިއަކަށް ނިޔާފް އެގޮތަށް ނުކުމެގެން ދިއުމުން އޭނާގެ ރައްޓެހިން ވެސް ވަރަށް ހައިރާންވި އެވެ.
ދޮންކަމަނަ އާއި އޭނާގެ ރަހުމަތްތެރިޔާގެ ފަހަތުން ނިޔާފް ހިނގަމުންދިޔަ ނަމަވެސް ، އޭނަ ހިނގަމުން ދިޔައީ އެހެން މީހަކަށް އޭނައާ މެދު ސައްކެއް ވެސް ނުވާނެހާ ސަމާލުކަންދީގެން ނެވެ.
ދޮންކަމަނަގެ ކުރިން ހިނގާފައި ދިޔަ އޭނާގެ ރަހުމަތްތެރިޔާ ގޯތިތެރެއަށް ވަނުމާއިއެކު ނިޔާފް ގޮސް ދޮންކަމަނަގެ އަތުގައި ހިފަހައްޓައި މަޑުކުރުވިއެވެ.
“މީހަކަށް ފެނިދާނެ … މަސްނެރޭގަޑީ ރުއްދަނޑަށް އާދޭ.” ހާސްކަމާއިއެކު ވަށައިގެން ހޯދާލަމުން އަވަސް އަވަހަށް ދޮންކަމަނަ ބުންޏެވެ. އެ ދެމީހުން ވާހަކަ ދައްކަން ތިއްބައި މީހަކަށް ފެނިދާނެތީ ދޮންކަމަނަ ކަންބޮޑުވިވަރު އޭނާގެ އަޑާއި ހަރަކާތުން ފެނިގެންދިޔަ އެވެ.
ނިޔާފް އެކޭ އެއްފަދައިން ދޮންކަމަނަ ވެސް އޭނައާ ބައްދަލުކުރަން ބޭނުންކަން އެނގުމުން ނިޔާފް ވަރަށް ހިތްހަމަޖެހި އުފާވި އެވެ. ބޭނުންވި ލޯބި ކާމިޔާބު ވަމުންދާކަމުގެ ހިތްހަމަޖެހުން ލިބުނެވެ.
ލިބުނު ކާމިޔާބަށް ހިނިތުންވަމުން ދޮންކަމަނަގެ އަތުން ދޫކޮށްލުމަށްފަހު ކެފޭއާ ދިމާއަށް ނިޔާފް ހިނގައިގަތެވެ.
ރޭގަނޑަށް ކައިގެން ކުދިންތައް ތައްޔާރުވާން ފެށީ ބޮޑުމަސް ބަލަން ދާށެވެ. ބޮޑުމަހާއި އެކުގައި ހަރަކާތްތެރިވާ ކިރުދޫންޏާއި މާލީގެ ހަރަކާތްތައް ބަލައި އެ ތަކެއްޗާއިއެކު އުފާކޮށް މަޖާކުރާށެވެ. ޢީދުގެ ހަނދާނެއްގެ ގޮތުގައި ރައްކާތެރިކުރުމަށް އެ ތަކެއްޗާއިއެކު ފޮޓޯ ނަގާށެވެ.
ޒުވާނުންތައް ތައްޔާރުވަމުން ދިޔައީ ބޮޑުމަހާއި މާލި ނެރޭށެވެ. އެހެން އަހަރުތައް ފަދައިން މިއަހަރު ވެސް އެ ހަރަކާތް ވަރަށް ފުރިހަމައަށް ކުރިޔަށް ގެންދެވޭތޯ ޒުވާނުން މަސައްކަތް ކުރަމުން ދިޔައެވެ. ޢީދުކުޅިވަރުގެ ގިނަ ހަރަކާތްތަކެއްގައި ޢަމަލީގޮތުން ބައިވެރިވެ އިސްނަގައިގެން އުޅުނު ނަމަވެސް ނިޔާފް މިރޭ އެކަމަކާއި ނޫޅެއެވެ.
ބޮޑުމަސް ދުއްވުމުގެ ކަންތަކާއި، އެކަންތައް ބެލުމަށް ރައްޔިތުން ދީފައިވާ ސަމާލުކަމެއްގެ ސަބަބުން އަތިރިމަތި ފިޔަވައި އެހެން ސަރަހައްދުތަކަށް ވެރިވެފައި ވަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ.
ރުއްދަނޑު ސަރަހައްދަށް ނިޔާފް ދިޔައިރު ދޮންކަމަނަ ހުރީ އެތަނުގަ އެވެ. ދޮންކަމަނައަށް ނިޔާފް ފެނުމާއިއެކު އުފަލުން ހިނިތުންވަމުން އައިސް ނިޔާފަށް މަރުޙަބާ ކިޔެވެ. ދެއަތް ދުރައްޖައްސާލަމުން ނިޔާފް ދިން ދަޢުވަތު ގަބޫލުކޮށް އޭނަ ބޭނުންވިފަދައިން ނިޔާފްގެ އަތުތެރެއަށް ވަންނަމުން މޭގައި މޫނު ޖައްސާލިއެވެ.
ދޮންކަމަނަ އާއި ނިޔާފްގެ ލޯބީގެ ބިންގާ އެޅުނު ބައްދަލުވުން ވެގެން ދިޔައީ ނިޔާފާއި ދޮންކަމަނަ ބޭނުންވިފަދަ އަމާން އޮމާން މިނިވަން ބައްދަލުވުމަކަށެވެ. އެކަކު އަނެކަކަށް ލޯތްބާއި އަޅާލުންދީ ލޯބި ހޯދި ބައްދަލުވުމަކަށެވެ. އެކަކު އަނެކަކާއި ވަކިނުވެ އުމުރުދުވަހު އެކުގައި ވުމަށް އަހުދުތަކާއި ވައުދުތައް ވީ ބައްދަލުވުމަކަށެވެ.
ދޮންކަމަނަ ވެގެން ދިޔައީ ނިޔާފް ބޭނުންވި ފަދަ މިނިވަން ޚިޔާލުގެ ޒުވާނަކަށެވެ. ވިސްނުމެއް ފިކުރެއް ނެތެވެ. ނިޔާފް ބޭނުންވި ކޮންމެ ފުރުސަތެއް ދިނުމަށް އޭނަ ހުރީ ތައްޔާރަށެވެ. ލިބުނު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ނިޔާފް ނިންމިއެވެ.
ވަގުތުތައް ފާއިތުވަމުން މެންދަންވުމާއި ދިމާއަށް ވަގުތު މިސްރާބު ޖަހާފައި ވާއިރު ނިޔާފާއި ދޮންކަމަނަގެ ޢަމަލުތައް ވަނީ ހައްދު ފަހަނަ އަޅާފައެވެ. ނިޔާފްގެ މަކަރުވެރި ކެހިވެރި ދަޅައިގަ ޖެހި އޭނަ ބޭނުން ކޮންމެ ފުރުސަތެއް ދޮންކަމަނަ ދެމުންދިޔައެވެ.
“ނޫން … ނޫން.” ކުއްލިއަކަށް ނިޔާފްއާ ދުރަށް ޖެހިލަމުން ތަންކޮޅެއް ބާރަށް ދޮންކަމަނަ ބުންޏެވެ.
ދޮންކަމަނަގެ އެ ޢަމަލާއިއެކު ނިޔާފް ދިޔައީ ސިއްސައިގެން ނެވެ. އެއް ފަހަރާ އެތައް ސުވާލެއް އުފެދި ހައިރާންކަމާއިއެކު އަވަސް އަވަހަށް ދޮންކަމަނަ އަށް ބަލާލިއެވެ.
“އޯވަރ ނުވޭ.” ނިޔާފްގެ ގައިގާ ބައްދާލަމުން ދޮންކަމަނަ ބުންޏެވެ. ވީގޮތް ނިޔާފަށް އެނގުނީ ދެނެވެ. ދޮންކަމަނަ ބޭނުންވި ފަދައިން ނިޔާފް ކަންތައް ކުރިއެވެ. ޢީދު ބަންދު ނިމެން އަދި ހަތަރު ވަރަކަށް ދުވަސް އޮތުމުން އޭނަ ބޭނުންވާ ފުރުސަތު އަދި ލިބޭނެކަން ނިޔާފަށް ޔަގީން ވިއެވެ. ދޮންކަމަނަ އަކީ އޭނަ އެ ބުނާފަދަ ޒުވާނެއް ނޫންކަން ވެސް ނިޔާފަށް ޔަގީނެވެ.
ތަނާލް ރަށައް އައިކަމެއް ނިޔާފަކަށް ނޭނގެއެވެ. ކޯޑިހެދުމުގެ މަސައްކަތުގައި ހަވީރު ވަންދެން އުޅުމަށްފަހު އޭނަ ގެއަށް ދިޔައިރު ތަނާލް ހުރީ ގޭގައެވެ. އަންގާ ވެސް ނުލައި ކުއްލިއަކަށް ތަނާލް ރަށަށް އައުމުން ނިޔާފަށް ލިބުނު ހައިރާންކަން ބޮޑެވެ. ހިތުގައި އުފެދުނު ސުވާލުތައް ގިނައެވެ.
ތަނާލް ބޭނުންވި ފަދައިން ނިޔާފަށް ސަޕްރައިޒެއް ދެވުނެވެ. މަޤްޞަދު ޙާޞިލް ވީތީ އޭނަ ހުރީ ވަރަށް އުފަލުންނެވެ. ހެމުން ހެމުން ގޮސް ނިޔާފާއިއެކު ކޮޓަރިއަށް ވަނެވެ. އެތައް ދުވަހަކަށްފަހު ފިރިމީހާއާ ބައްދަލުވުމުން ތަނާލަށް ލިބިފައިވާ އުފަލާއި ހިތްހަމަ ޖެހުން އިތުރު ވެފައި ވެއެވެ. މަޑުމަޑުން ނިޔާފާއި ގާތަށް ޖެހެލިއެވެ.
ތަނާލްއާއެކު ވަގުތު ހޭދަކުރަމުން ދިޔައިރު ވެސް ނިޔާފް ވިސްނަމުން ދިޔައީ ދޮންކަމަނައާ ބައްދަލުކުރާނެ ގޮތަކާއި މެދުގައެވެ. ކޮންމެ ގޮތަކުން ނަމަވެސް ދޮންކަމަނައާ ބައްދަލުކުރަން ނިޔާފް ބޭނުން ވެއެވެ. ބޭނުން ގޮތަކަށް ބީހިލަން ލިބުނު އެ މަލުގެ ފޮނިކޮޅު ބޯލަން ނިޔާފް ބޭނުން ވެއެވެ. އެކަން ވާނެކަމުގެ ޔަގީންކަން އޭނައަށް ބޮޑެވެ.
“ކައިވެނީގެ ކުރިން އަހަރެން ބޭނުން ޚާއްޞަ ރައްޓެއްސަކާއި ނިޔާފް ބައްދަލުކުރުވަން.” ނިޔާފް ގާތު ދޮންކަމަނަ ބުންޏެވެ.
ދޮންކަމަނަ ބުނާ ކޮންމެ ކަމެއް ކޮށްގެން ނަމަވެސް އޭނާގެ އެދުން ހާސިލު ކުރުމަށް ފެން ބޮވައިގެންފައިވާ ނިޔާފް އެކަމަށް އެއްބަސްވި އެވެ. ބައްދަލުކުރާނެ ތަނާއި ބައްދަލުކުރާނެ ގަޑި ހަމަޖެއްސީ ނިޔާފް ބޭނުންވި ގޮތަށެވެ. އެ ދެމީހުންނާއި އެ ބުނާ ރަހުމަތްތެރިޔާ ފިޔަވައި އެހެން މީހަކަށް އެކަމެއް ނޭނގޭނެއެވެ. ޢީދު ބަންދު ނިމުމާއިއެކު ދޮންކަމަނަ ފުރައިގެން ދާނެއެވެ. ނިޔާފް ވެސް ފުރައިގެން ދާނެއެވެ. އެ ހިސާބުން ނިޔާފަކަށް ދޮންކަމަނައެއް ، ދޮންކަމަނައަށް ނިޔާފެއް ނުފެންނާނެއެވެ.
“ހާދަ އަވަސް ކޮށްލާފަ މާ ރީތި ވެލައިގެން ކޮންތާކަށް ؟ ޚާއްޞަކަމެއް އޮތީތަ ؟” ރީތި ވެލައިގެން ނިޔާފް ބޭރަށް ދާން އުޅޭހެން ހީވުމުން ތަނާލް އަހާލިއެވެ.
“އުނހު …. ވަކި ޚާއްޞަކަމެއް ނެތް.” އަވަސް އަވަހަށް ނިޔާފް ބުންޏެވެ.
“ނޭނގޭނެ އެއްނު … އިއްބެމެން ދޭއް ހަމަކުރި ގޮތަށް ދޭއް ހަމަކުރަން ވެސް އުޅެފާނެވިއްޔަ … ކޮންމެހެން އޮޅުވާ ނުލާ އަހަރެން ކައިރީ ބުންޏަސް އަހަރެން އޯކޭވާނެއޭ.” ހެމުން ހެމުން ކަހަލަ ގޮތަކަށް ތަނާލް ދެއްކި ވާހަކައިގެން ސަބަބުން ނިޔާފް ވެސް ހިނިއައެވެ.
“ދައްކާ ވާހަކަ … އަހަރެން ބޭނުމެއް ނޫން ތަނާލް ނޫން އެހެން އަންހެނެއް.” ތަނާލް ގެނެސް މޭގައި ޖައްސާލާ ލޯތްބާއި އޯގާތެރިކަމާއިއެކު ނިތްކުރީގަ ބޮސް ދެމުން ނިޔާފް ވާހަކަދެއްކިއެވެ.
އިރުއޮއްސި ހަގަޑި ތިރީސްކަން ހާއިރެވެ. ނިޔާފާއި ދޮންކަމަނަ ވާހަކަދައްކައި މަޝްވަރާކޮށް އެއްބަސްވި ފަދައިން ދޮންކަމަނަގެ ރަހުމަތްތެރިޔާއާ ބައްދަލުކުރަން އަރާމަގުކޮޅަށް ނިޔާފް ދިޔައެވެ. ނިޔާފް ގޮވައިގެން ދޮންކަމަނަ ނުކުތީ އެދިމާ އަތިރިމައްޗަށެވެ.
ފެނުނު މަންޒަރާއިއެކު ނިޔާފްގެ ފިޔަވަޅުތަކަށް ހުއްޓުން އައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުން އަރާފައި ހުރެވުނީ އެވެ.
ތަނާލް ގާތު ސިމްނާ ބުނި ފަދައިން ނިޔާފް ހުރީ ހަމަރަނގަޅަށް ވެސް ސިމްނާއާ ހެދި މޮޔަވާވަރު ވެފައިކަން އޭނާގެ ޢަމަލުތަކުން އެނގުނެވެ. އެ ދެމެދުގައި ވަރުގަދަ ލޯބީގެ ގުޅުމެއް އެބަ އޮތެވެ. އެހެން ނޫންނަމަ އެ މީހުންގެ ފަރާތުން އެ ފަދަ ޢަމަލުތަކެއް ނުފެންނާނެއެވެ.
ފެނުނު މަންޒަރުތަކުގެ ސަބަބުން ހިތުގައި ޖެހި ދެރަވި ނަމަވެސް ، އެކަން ދައްކާކަށް ތަނާލް ބޭނުމެއް ނުވިއެވެ. އެ މީހަކަށް ޓަކައި ޖާނާއި މާލުން ގުރުބާން ވަމުން ދިޔަ އަލަތު ފިރިމީހާގެ ބޭވަފާތެރިކަމާއި މަކަރުވެރިކަން ފެނުމުން އޭނާއަށް ފިލާވަޅެއް ދިނުމަށް ބޭނުންވިއެވެ. އޭނާއަށް ލިބުނު ހިތާމަ އާއި ހިތްދަތިކަމުގެ ރަހަ ނިޔާފްގެ ކަރުބުޑުގައި ލައްވާލަން ބޭނުންވިއެވެ.
“ނިޔާފް! މިތަނުގައި ކީއްތި ކުރަނީ ؟ … ނިޔާފް އެކަނި މާއެކަނި މި ގަޑީ މި ދިމާއަށް އައި ވާހަކަ އަޑު އިވިގެން އަހަރެން މިއައީ. ހިނގާ ދާން.” ނިޔާފް ފެނުމުން ތަނާލް ވާހަކަދެއްކިއެވެ.
ތަނާލްގެ އެ ވާހަކަތަކުގެ ސަބަބުން ނިޔާފަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އެއް ފަހަރާ އެތައް ސުވާލެއް އުފެދި އަވަސް އަވަހަށް ވަށައިގެން ހޯދާލިއިރު އޭނާއާ ދިމާއަށް ހިނިތުން ވެލައިގެން އެ ތަނުގައި ދޮންކަމަނަ ހުއްޓެވެ.
ނިޔާފާއެކު އެ ތަނަށް ނުކުތް ދޮންކަމަނަ ތަނާލަށް ނުފެންނަނީ ބާއޭ ނިޔާފްގެ ހިތަށްއެރި އެވެ.
“މި … މިހިރީ ނު … ދޮންކަމަނަ …. އަލީ ބުނެގެން މީނަ … ގޮވައިގެން މިއައީ. އަލީ އަންނާނެ އިރުކޮޅަކުން.” ހީވެސް ނުކުރާފަދަ ގޮތަކަށް މި ދިމާވި ކަންތަކުގެ ސަބަބުން ނިޔާފްގެ ސިކުނޑި ސުމަކަށް ދިޔަ ކަހަލައެވެ. އެ ހާލަތުގައި ވެސް ނިޔާފް ބެލީ އޭނާގެ ކުށެއް ނެތްކަން އަންގައި ސަލާމަތް ވާށެވެ.
“ދޮންކަމަނައޭ ؟ ކޮން ދޮންކަމަނައެއް … އަހަންނަކަށް ނުފެނޭ ތިޔަ ބުނާ ދޮންކަމަނައެއް. އާދޭ ގެއަށް ދާން.” ނިޔާފްއާ ދިމާއަށް އަންނަމުން ތަނާލް ވާހަކަ ދެއްކިއެވެ.
ނިޔާފް ބަލާލީ ދޮންކަމަނަ އަށެވެ. ރުޅިއައިސް ރަތްވެފައިވާ ފަދައަކުން ތަނާލަށް ބަލަހައްޓައިގެން ހުރި ދޮންކަމަނަ ހިނގައިގަތީ ތަނާލްއާ ދިމާއަށެވެ. ތަނާލްގެ ކިބައިން ބަދަލު ހިފުމަށް ހިނގައިގަތް ކަހަލަ އެވެ. ދޮންކަމަނަ ދިޔަގޮތަށް ގޮސް ހިފީ ތަނާލްގެ އަތުގައެވެ. ތަނާލްގެ އަތުގައި ކަރަންޓް ޖެހުނު ކަހަލައެވެ.
“ދޮންކަމަނަ … އަރާމަގު ދޮންކަމަނަ …. މަންމާ ! މަ ސަލާމަތްކުރޭ.” އަތްފޮޅުވާލަމުން އެހީ އަކަށް އެދި ރޮމުން ރޮމުން ތަނާލް ދުއްވައިގަތެވެ.
ލިބުނު ބިރުވެރި ޙަބަރާއިއެކު ނިޔާފް އަނބުރައި ގަނެގެން ވެއްޓުނީ އެވެ.
ވީގޮތް އެނގުނީ އަނެއް ދުވަހު ހެނދުނު އެވެ. ނިޔާފްގެ ބޭވަފާތެރިކަމާއި މަކަރުވެރިކަން ލޮލުން ދެކި އަތުން ހިފުމަށްފަހު ، ނިޔާފްގެ ހަޔާތުން އަބަދުގެ އަބަދަށް ވަކިވުމަށް ތަނާލް ނިންމީ އެވެ. ދުނިޔޭގެ އުފަލާއި މަޖަލަށް ހެއްލި އިންސާނެއް އެހެން މަޚްލޫޤެއް ނޭނގޭ ވަރަށް ނިޔާފް ހުރީ ދިވާނާ ވެފައެވެ. ތަނާލަށް މަކަރު ހަދައި އޮޅުވާލުމަށްފަހު ނިޔާފް ރައްޓެހި ވެގެން އެ އުޅޭކަމަށް ބުނާ ދޮންކަމަނަ ނިޔާފް ފިޔަވާ އެހެން މީހަކަށް ދުވަހަކު ވެސް ނުފެންނާނެ ކަމަށާއި ނިޔާފް އެހުރި އަރާމަގު ދޮންކަމަނަ އަވަލާފައި ކަމަށް ތަނާލް ބުންޏެވެ.
މަންޒަރު ލޮލުން ދެކެ އަތުން ހިފި މީހާގެ ބުނުމާއި ދެކޮޅަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ނިޔާފް ، އޭނާގެ ކުށް ގަބޫލުކޮށް ތަނާލް ވަރިކުރިއެވެ. ވިސްނާ ނުލައި އޭނާއަށް ކުރެވުނު ކަންތަކުގެ ސަބަބުން އޭނާ އަވަލާފައިވާ ޖިންނީގެ ސަބަބުން ތަނާލަށް އެއްވެސް ގެއްލުމެއް ވާކަށް ނިޔާފް ނޭދެއެވެ.
ވީގޮތް ކިޔައި ދިނުމުން މާމަ ވަރަށް ދެރަވިއެވެ. އެ ދުވަހު މާމަ ދެއްކި ވާހަކަތައް ހަނދާން ކޮށްދިނެވެ. އެ ކަމުން ނިޔާފް ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަގުތުން ފެށިއެވެ.
“މީ މި މީހުންގެ ފެންވަރަކީ …. މިހާރު ކޮބާ އެ ނިޔާފް ؟” ހެމުން ހެމުން ސިމްނާ އަހާލިއެވެ.
“އަރާމަގު ދޮންކަމަނައިގެ ކިބައިން ސަލާމަތްވުމަށް ފަންޑިތަ ހަދަނީ ޔޯ …. ފަންޑިތަ ހަދައިގެން ދުވަހަކު މީހަކު ރަނގަޅު ވާނެތަ ؟” ސިމްނާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ތަނާލް ވާހަކަ ދެއްކިއެވެ.
ނިޔާފްގެ މަކަރުވެރިކަމާއި ހީލަތްތެރިކަން ފެނި އޭނާގެ ކިބައިން ބަދަލު ހިފުމަށް ތަނާލް ކުޅެލި ކުޅިގަނޑުގެ ހިލަމެއް ވެސް ސިމްނާ އާއި ތަނާލް ފިޔަވާ އެހެން މީހަކަށް ނުވެއެވެ. ކިތަންމެ ވަރަކަށް ފަންޑިތަ ހެދިޔަސް އެކަމެއް ކާމިޔާބެއް ނުވާނެއެވެ. ކާމިޔާބު ވާނީ ވެސް އެފަދަ ކަމެއް ހިނގި ނަމައެއް ނޫން ހެއްޔެވެ. އެ ބުނާ އަރާމަގު ދޮންކަމަނައެއް އެ މީހުންނަކަށް ދެނެއް ނުފެންނާނެއެވެ. އަރާމަގު ދޮންކަމަނަ އެ ހުރީ ތަނާލްއާއެކު މާލޭގައެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ

- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި
Varah salhi v thafaath