އަހަރެމެން އިންސާނުން ކުރަމުން މިދާ ދަތުރުގެ ޙަގީގީ މަންޒިލަކީ ޝައްކެއްނެތް ގޮތުގައި ސުވަރުގެ އެވެ. އެންމެހާ ނިޢުމަތްތަކުން ފުރިގެންވާ އެ ސުވަރުގެ ހާސިލުކުރުމަށް ޓަކައި މާތް ﷲ އަށް ކިޔަމަންތެރިވެ، އެކަލާނގެ އަންގަވާފައިވާ ގޮތަށް ކެތްތެރިކަމާއިއެކު، ގަދައަޅާ މަސަތްކަތް ކުރިވިއްޖެނަމަ އޭގެ ފޮނި ނަތީޖާ އާޚިރުގައި ފެންނާނެއެވެ.
ދުނިޔޭގައި ކުރިމަތިވާ އިމްތިޙާނު ތަކަކީ އިންސާނާގެ އީމާންތެރިކަން ވަރުގަދަވެ، ކެތްތެރިކަން އިތުރުވާ ކަމެކެވެ. އަދި ހަމައެހެންމެ، އެއީ ސުވަރުގެ ހާސިލުކުރުމަށް ޓަކައި މަސައްކަތްކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ދުނިޔޭގައި އަޅުގަނޑުމެން އިންސާނުންނަށް ކުރިމަތިވާ ކޮންމެ އިމްތިޙާނަކުން އެންމެ ބޭނުންވާ ނަތީޖާ ހާސިލުނުވެދާނެއެވެ. އަޅުގަނޑުމެންނަށް އޮތީ އެކަމަށް ކެތްކޮށްލައިގެން މާތް ﷲ ގެ ކިބަފުޅަށް ޝުކުރުވެރިވާ ޙާލު، އެކަލާނގެ އަށް ޙަމްދު ސަނާ ދެންނެވުމެވެ.
މި ދުވަސްވަރަށް ވިސްނާލާއިރު، މިކަމަށް މިސާލު ނެގުމަކީ މާއުނދަގޫ ކަމަކަށް ނުވާނެވެ. މުޅިދުނިޔެ ވަށާލާފައި މިވާ ކޮރޯނާ ވައިރަސްގެ ބޯވިލާގަނޑަކީ އިންސާނުންނަށް ކުރިމަތިވެފައިވާ ބޮޑު އިމްތިޙާނެކެވެ. މިވައިރަސް އަށް ބޭހެއް ނުވަތަ ވެކްސިނެއް އަދި ހޯދިފައިނުވާއިރު، ދުނިޔޭގެ އެކިހިސާބުތަކުގައި މިބަލި ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ.
ކޮވިޑް-19 ގެ ނުރައްކާތެރި ބޯވިލާގނޑުގެ އަސަރު މި ކުޑަކުޑަ ރާއްޖެއަށް ވެސް މިވަނީ މިހާރު ފޯރާފައެވެ. މިވިލާގަނޑުގެ ބާރު ދުވަހެއް ދުވަހަކަށް ގަދަވަމުން ދާއިރު، މިއީ އަޅުގަނޑުމެން މިކަމާމެދު، ފުންކޮށް ވިސްނާ، ސިއްޙީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދަށް ޢަމަލުކުރަންވީ ވަގުތެވެ. ލަސްވެސް ވެއްޖެއެވެ. ނަމަވެސް، އެންމެން އެއްބައިވަންތަކަމާއި އެކު، މަސައްކަތްކޮށްފި ނަމަ، މާތް ﷲ ގެ ވާގިފުޅާއެކު، މިވިލާގަނޑުގެ ބާރުމިން ކުޑަކުރެވި، މިކަމުން އަހަރެމެންނަށް އަރައިގަނެވޭނެއެވެ.
ކަންދިމާކުރި ގޮތުން، މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހާއި އަޅުގަނޑުމެން ކުރިމަތިލާން މިޖެހުނީ މި ނުރައްކާތެރި ކޮޅިގަނޑުތެރޭގައި ވަނިކޮށެވެ. ރަމަޟާންމަހަކީ އެންމެ މާތް މައްސަރު ކަމަށްވެފައި، ފުރިހަމަ އީމާންތެރިކަމާ އެކު މާތް ﷲ ގެ ހަޟްރަތުން ވާގި އެދޭ ހާލު، ބަރަކާތުން ފުރިގެންވާ މި މައްސަރާއި ކުރިމަތިލައިފި ކޮންމެ މީހަކަށް މާތްﷲ ރަހުމަތްލައްވާ މިބަތަކާތްތެރި މައްސަރުގެ ސަވާބާއި ދަރުމަ ދެއްވާނެއެވެ.
ރަމަޟާން މަސް މާތް ވުމުގައި އެތައް ސަބަބުތަކެއް ވެއެވެ. އެއީ އަޅުކަމުގެ މައްސަރެވެ. ސަދަގާތް ކުރުމާއި، މާތްﷲ ހަނދުމަކުރުމާއި، ހެޔޮ އަމަލު ކުރުމާއި، އަދި ވަކިން ޚާއްސަކޮށް ރޯދަ ހިފުމުގެ މައްސަރެވެ. އެހެން ނަމަވެސް، އެ މަހުގެ މާތްކަމާއި މަތިވެރިކަމުގެ އެންމެ މުހިންމު އެއް ސަބަބަކީ، އެމަހުގައި ޚާއްސަ ރެއެއް ވާތީއެވެ. އެރެއަށް ނަން ދެވިފައި ވަނީ ލައިލަތުލް ޤަދްރިގެ ނަމުންނެވެ. ލައިލަތުލް ޤަދްރި ރެއަކީ، އެއްހާސް މައްސަރުގެ ސަވާބާއި ދަރުމަ އެއްރެއިން ލިބިގަނެވޭނެ ރެއެކެވެ. އެރޭ ކުރާ ކޮންމެ ހެޔޮކަމެއްގެ ސަވާބު، 1،000 ގުނައަށް އިތުރު ވާނެ ކަމަށް ވެއެވެ. 1،000 މަހަކީ، 83 އަހަރާއި ހަތަރު މަސް ދުވަހެވެ.
މާތް ﷲ ކީީިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ
.لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ
މާނަ: ليلةالقدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. (ސޫރަތުލް ޤަދްރް ގެ 3 ވަނަ އާޔަތް)
ކަން މިހެން ހުރުމާއި އެކު، ލިބިފައި މިވަނީ ރަނުގެ ފުރުސަތެކެވެ. ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން، ސިއްރު ކުރެވިފައިވާ ކޮންމެވެސް ރެޔަކު އަޅުކަން ކުރުމުން، 83 އަހަރާއި ހަތަރު މަސް ދުވަހު ހެޔޮ އަމަލު ކުރުމުން ލިބޭހާ ސަވާބާއި ދަރުމަ ލިބޭ އިރު، މިރޭ ނުހޯދާންވީ ސަބަބަކީ ކޮބައިތޯއެވެ؟
މަދުންނަމަވެސް، ފެންނަ ހިތާމަވެރި މަންޒަރަކީ ބައެއް މީހުން ގިނަވަގުތު ސޯޝަލް މީޑިޔާ އާއި، އެކިއެކި ގޭމު ކުޅުމުގެ އަވައިގައި ޖެހި، މި މާތް މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިފަމުން ނުދާ މަންޒަރެވެ. ރޭގަނޑު ހޭލާ ހުރެ، ކުޅިވަރާއި މަޖަލުގައި ވަގުތުތައް ބޭކާރުގޮތުގައި ހޭދަކުރުމަށް ފަހު، ދުވާލު ގަޑީގައި އޮންނަނީ ނިދުމެވެ. ކުރީގައިނަމަ ގިނަމީހުންގެ އުޒުރަކަށް ވެފައި އޮންނަނީ ވަޒީފާގައި ނުވަތަ އެހެން ކަންކަމުގައި ބުރަވުމުން އަޅުކަމަށް ދޭންޖެހޭ އަހަންމިއްޔަތު ނުދެވޭ ވާހަކައެވެ. ހަގީގަތަށް ދަންނަވާނަމަ، އެއީ އުޒުރެއް ނޫނެވެ. ނަމަވެސް އެބައިމީހުން އެ ދައްކާ އުޒުރެއް މިހާރަކު ދެއްކެން ނޯންނާނެ ނޫންތޯއެވެ؟ ފުރަބަންދުގެ ސަބަބުން ގިނަމީހުންނަކީ މިދުވަސްކޮޅު ގޭގައި މަސައްކަތްކުރާ މީހުންނެވެ. ސިއްޙީ ޚިދުމަތްތެރިންނާއި، ގައުމުގެ މަސްލަހަތު ބަލަހައްޓާ މީހުންގެ އިތުރުން ޑެލިވަރީކުރާ މީހުން ފިޔަވާ އެންމެން މިތިބެން ޖެހެނީ ގޭގައެއް ނޫންހެއްޔެވެ؟ އެހެންކަމުން ބޭކާރު ކަންކަމުގައި ވަގުތު ހޭދަނުކޮށް އަޅުކަމަށް އިސްކަން ދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހެއެވެ. ދުވާލުއެއްކޮއް ނިދުމާއި ގޭމްކުޅުމުގައި ވަގުތުތަށް ބޭކާރު ކުރުމަށް ވުރެން ފަސްވަގުތު ނަމާދުކޮށް މާތް ﷲ އަށް އަޅުކަން ކުރުމުގައި ދެމިހުުރުމުން ލިބޭ ހިތްހަމަޖެހުން ބޮޑުވާނެއެވެ. އަމިއްލައަށް ވެސް ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަށް އިހްސާސްކުރެވޭނެއެވެ. ކޮންމެ ނަމާދަކަށް ފަހު، މަދުވެގެން ޤުރުއާނުގެ ހަތަރު ސަފްހާ ކިޔާވައިފިނަމަ، އެއްމަސްތެރޭގައި ޚަތިމެއް ކުރުމަކީ ވެސް އުނދަގޫކަމެއް ނޫނެވެ
.ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކަށް އަޅުގަނޑުމެން ކުރިމަތިލާފައި ވާއިރު، ލައިލަތުލް ޤަދްރި ވިލޭރޭ ހޯދުމަށް އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަން އެބަޖެހެއެވެ.
ލައިލަތުލް ޤަދްރި ވިލޭރޭ ކުރާނެ ދުޢާ އަކާއި ބެހޭ ގޮތުން ޢައިޝާ رضي الله عنها ކީރިތި މާތް ރަސޫލާ صلى الله عليه وسلم އަަަށް ސުވާލު ދެންނެވުމުން ރަސޫލާ ހަދީޘް ކުރެއްވިއެވެ.
“ކަމަނާ ވިދާޅިވާށެވެ. (اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ)”
މާނައީ: ”އޭ الله! އިބައިލާހީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. ފަހެ މިއަޅާއަށް ޢަފޫކުރައްވާންދޭވެ.”
ދުނިޔޭގައި ދިރިހުރި ހިނދުގައި، ލައިލަތުލް ޤަދްރި ވިލޭރޭގެ މަތިވެރިކަން ނުލިބުމަކީ ބަދުނަސީބެކެވެ. އެރެއަކީ ކޮން ރެއެއްކަން އަޅުގަނޑުމެންނަށް ސިއްރު ކުރެވިފައި ވަނީ، އެރޭ ހޯދުމަށް އަހަރެމެންގެ ހިތްތަކުގައި ޝައުޤުވެރިކަން އުފެއްދެވުމަށެވެ. ވީމާ އެރޭގެ ބޭނުން ހިފައި، ކުރެވިފައިވާ ކުށް ފާފަތައް ފުއްސެވުން އެދި މާތްﷲ ހަޟްރަތަށް ގިިިނަގިނައިން ދަަންނަވާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އިމްޝާ ނަޞީރަކީ ނޫސްވެރިކަމަށް ހުންނަ ޝާއުޤާއިއެކު، ނޫސްވެރިކަމަށް ކުރިމަތިލާފައިވާ ޒުވާން ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 މެއި 2020ދީންރަމަޟާން މަހުގެ ފަހު ދިހައިގެ ބަރަކާތް ލިބިގަންނަމާތޯ؟
- 3 އޭޕްރިލް 2020ރިޕޯޓްހައިރާންވާހާ ރީތި ކަނޑިތީމު!
- 26 ފެބްރުއަރީ 2020މަޢުލޫމާތުސްކިޓްޒޯފްރީނިޔާ އެނގޭތަ؟
- 6 ފެބްރުއަރީ 2020ރިޕޯޓްއަދުގެ ދުނިޔޭގައި “ބިޒީ” ޒުވާނުން