އެއަރޕޯޓް ކެފޭގެ ވަކި ސަރަހައްދެއްގައި ތިބި ހުރިހައި ފަސިންޖަރުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. މާޔޫސް ކަމާއި ލޮޑުކަމެވެ. ފަންސާހަކަށް މިނެޓް ފްލައިޓް ތެރޭގައި ހޭދަކުރުމަށްފަހު ދާން ބޭނުންވި މަންޒިލަށް ނުދެވި އަނެއްކާވެސް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯރޓްގައި ޖައްސަން ޖެހުމުން އެއްމެންވެސް ތިބީ ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް ދިމާވި މެޑިކަލް އެމަޖެންސީގައި އެނޫންގޮތެއް ނެތްކަން ފަސިންޖަރުންނަށް ވިސްނުނީ އިންސާނިއްޔަތަށް ކުރާ ލޯތްބެއްގެ ބޮޑޮކަމުންނެވެ. ފްލައިޓް ތެރޭގައި ދެވަނަ މީހެއްގެ މަރު ދެކެން އެމީހުން ބޭނުމެއް ނޫނެވެ. އެހެންކަމުން ފްލައިޓް ކްރޫއިންގެ ނިންމުމާއި މެދު އެެއްވެސް ފަސިންޖަރެއް ޝަކުވާއެއް ނުކުރެއެވެ.

“މަންމާ… އެއޮތީ ބްރޭކިން ނިއުސް އެއް އަރާފަ!!” ޓީވީއަށް ބަލަން އިން ތާނީ ވަރަށް ބާރަށް ބުންޏެވެ. ކުޑަކުޑަ ތާނިޔާ ކައިރީގައި ތިބި އެއްމެން އެއްފަހަރާ ޓީވީއަށް ބަލައިލިއެވެ. އެ މޭޒުގައި ތިބީ ތަނިޔާ އާއި އޭނާގެ މަންމަ އާއި އައިމަން އަދި އެހެން ފަސިންޖަރެކެވެ.

‘މިދަންނަވާލަނީ ދާދި ދެންމެއަކު އަޅުގަނޑުމެންނަށް ލިބިފައިވާ ކުއްލި ޚަބަރެއް. އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ސ. ގަމަށް ދަތުރުކުރަމުން ދިޔަ އެޓޯލްއެއަރ ގެ މަތިންދާބޯޓެއް މެޑިކަލް އިމަޖެންސީއެއްގައި އަލުން އަނބުރައި އައިއެންއައިއޭ ގައި ވަނީ މީގެ ބައިގަޑިއެއްހައި އިރު ކުރިން ޖައްސާފަ. ބޯޓުން ދަތުރުކުރި ފަސިންޖަރެއް ރާއްޖެ ޓީވީ އަށް މަޢުލޫމާތު ދެމުން ބުނީ ފްލައިޓް ތެރޭގައި ވަރަށް ކުއްލި ގޮތަކަށް އެކަކު މަރުވެގެން ވެއްޓުނު ކަމަށާއި ދެވަނަ މީހެއްވެސް ވަރަށް ބޮޑަށް ހާލުދެރަވެ ފިޓް ޖެހޭގޮތް ވި ކަމަށް. އެހެން ފަސިންޖަރަކާއި ހަވާލާ ދެމުން އަޅުގަނޑުމެންނާއި ވާހަކަދެއްކި މީހާ ބުނީ ދެވަނައަށް ބަލިވި މީހާގެ ހަށިގަނޑު ތެރޭގައި 500 ގްރާމް ގެ މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް އެ މީހާ އަމިއްލައަށް ބުނެފައިވާ ކަމަށާއި ކުރިން މަރުވި މީހާ މަރުވީ އޭނާގެ ހަށިގަނޑުގައި ރައްކާކޮށްފައިވާ 800 ގްރާމް ގެ ކޮކެއިން ހަށިގަނޑު ތެރެއަށް ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށް.’

އެއްމެންގެ ސަމާލުކަން ހުއްޓިފައި ހުރީ ކެފޭގެ ކައުންޓަރާއި ދިމާ މަތީގައި ބަހައްޓާފައި ހުރި ޓީވީން އަންނަމުންދިޔަ އަވަސް ޚަބަރަށެވެ. ނަމަވެސް ޒީނިޔާ އިނީ މާޔޫސްވެފައެވެ. އެހައި ދުވަސްކޮށްފައި އަމިއްލަ ވަޒަނަށް ދިއުމަށް ފެއްޓި ދަތުރުގައި އެތައް ކަންކަތައް ތަކެއް ދިމާވެ، އިރުކޮޅަކަށް ނަމަވެސް ދަތުރު ފަސްވުމުން ކަމަށްވެސް ވެދާނެއެވެ. އެޓޯލްއެއަރ އިން ބުނީ ބައިގަޑިއެއްހައި އިރު ތެރޭގައި އަލުން ފުރުމަށް ހަމަޖެހިފައިވާކަމަށެވެ. ހުރިހައި ފަސިންޖަރުންނަށް އެއްތަނަކުން ކެއުން ހަމަޖެއްސީވެސް އަވަސް ކުރުމުގެ ބޭނުމުގައި ކަމަށްވެސް ވެދާނެއެވެ.

ޓީވީން ފޮނުވަމުން ދިޔަ އަވަސް ޚަބަރުގައި ފްލައިޓުން ދަތުރުކުރި ފަސިންޖަރަކާއި ގުޅައިގެން އިތުރު މަޢުލޫމާތުތައް ގެނެސްދޭން ފެށިއެވެ. ރާއްޖެ ޓީވީ އާއި ވާހަކަދައްކަމުން ދެވަނައަށް ބަލިވި މީހާއަށް ވެގެން ދިޔަގޮތް ވަރަށް ރަނގަޅަށް ކިޔައިދެމުން ދިޔައެވެ.

“އެމީހާ ކަރުތެރެއިން ލެއްވި އަޑުފަދަ އަޑެއް އިންސާނަކު ލައްވަނިކޮށް ދުވަހަކުވެސް ނާހަން. އެއީ ދެވަނަ ފަހަރަށް އަހަން ބޭނުންވާވެސް އަޑެއް ނޫން. ވަރަށް ވޭނުގަ އެމީހާ ތެޅެމުން ދިޔައީ.” މަޢުލޫމާތު ދެމުން ދިޔަ މީހާ ކިޔައިދެމުން ދިޔަ އެވެ.

************

އެއަރލައިން އިން ބުނިގޮތަށް ބައިގަޑިއެއްހައިއިރު ތެރޭގައި އެޓޯލްއެއަރ ޓޫސިކްސް ޒީރޯ (އަލްފާ) ނައްޓާލައިފިއެވެ. ފްލައިޓް ނައްޓައިލުމާއި އެކު ގިނަ ފަސިންޖަރުން ލޯ މަރާލައިފި އެވެ. ލިބިފައިވާ ވަރުބަލިކަމުން ލޯމަރައިނުލާ ތިބީ ތަންކޮޅެއް ޒުވާން ފުރާގެ ދެތިން ފަސިންޖަރުންނެވެ. ކެބިން ކްރޫއިންވެސް ހަމަޖެހިލައިގެން ތިބީ އިތުރު މީލް އެއް ސަރވް ކުރުމަށް ނުޖެހޭތީ އާއި ވެފައިވާ ވަރުބަލިކަމުގެ ސަބަބުންހެން ހީވެއެވެ.

ފްލައިޓް ފުރިތާ ވާނީ ވިއްސަކަށް މިނެޓެވެ. ކުއްލިއަކަށް ތަންކޮޅެއް ފަހަތުގައި އިން ފަސިންޖަރެއް ތެދުވެގެން ވަރަށް ބާރަށް ކުރިއަށް ހިނގައިގަތެވެ. ފްލައިޓްގެ ކޮކްޕިޓާއި ދިމާއަށެވެ. އޭނާގެ ފަހަތުން އިތުރު ދެމީހުންވެސް ހިނގައިގަތެވެ. އެމީހުންގެ މިސްރާބުވެސް ހުރީ ހަމަ ކޮކްޕިޓާއި ދިމާއަށެވެ. އެތަނުން އެކަކު ތަންކޮޅަކަށް ގޮސްފައި ފަސްއެނބުރި ހުއްޓުނެވެ.

“އެއްވެސް މީހަކު ކޮޅަށް ތެދުވެގެން ނުވާނެ، އަހަރެންގެ އަތުގައި ބޮމެއް އެބައޮތް!!” އެމީހާ ގެ އަތުގައި ފޮތިގަނޑެއް އޮޅާލާފައި އޮތް ކޮންމެވެސް އެއްޗަކަށް އިޝާރާތް ކޮށްލަމުން އިންޒާރު ދިނެވެ. ހުރިހައި އެއްމެންނަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. އެމީހާ އިތުރު އެއްޗެކޭ ނުބުނެ އޭނާގެ ބައިވެރިންނާއި އެކު ކޮކްޕިޓް ކައިރިއަށް ގޮސް ހުއްޓުނެވެ. ކޮކްޕިޓްގެ ދޮރު ހުޅުވަމުން އެތަނުން ދެމީހުން ކޮކްޕިޓް ތެރެއަށް ދެމިގަތެވެ.

“އަހަރުމެން މި ފްލައިޓް ހައިޖެކް ކޮށްފަ މިއޮތީ. އަހަރުމެންގެ ހަ މީހުން މި ފްލައިޓްގަ އެބަތިބި. އިތުރު ގަދަ ދެއްކުމެއް، ހުޝިޔާރުކަމެއް ދައްކަން އުޅެފިއްޔާ މާކަ ރަނގަޅެއް ނުވާނެ!! ….. އެނގިއްޖެތަ؟” ފަސްޓް އޮފިސަރުގެ ފުށަބޮލުގައި ބޮނޑިއެއް އަޅުވައިލަމުން އެތަނުން އެކަކު ބުންޏެވެ.

“ޚަބަރުދާރު!! އަހަރުން އަންގާގޮތް ނޫން އެހެން ގޮތަކަށް ފްލައިޓް ދުއްވަން ހިތަށްވެސް ނާރުވާތި!!…. ހަމަ މިހާރުން މިހާރަސް ފްލައިޓްގެ މިސްރާބު ބަދަލުކޮށްލާ ހަނިމާދޫ އެއަރޕޯރޓަށް!!” ކޮކްޕިޓް ކައިރީގައި ހަރުކޮށްފައިހުރި އަލިފާން ނިވީގައި އިން ފުޅި ނައްޓާލައި އެފުޅިން ޖަހަން މަޅައިގަންނަމުން ޕައިލެޓް އިން ކޮމާންޑަށް ވަރުގަދަ އިންޒާރެއް އެތަނުން އެހެން މީހަކު ދިނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.