ކޮވިޑް-19 އާއި ގުޅިގެން ދިގު މުއްދަތަކަށް މެދުކަނޑާލާފައި އޮތުމަށްފަހު، ޖާމަނީގެ ފުޓްބޯޅަ ލީގު، ބުންޑަސްލީގާ އިއްޔެ އަލުން ފަށާފައިވާއިރު، ކުޅުނު މެޗުތައް ވައްތަރީ ފަރިތަކުރުންތަކަކާ ކަމަށް ކުރިން ބާސެލޯނާ، އާސެނަލް އަދި ޗެލްސީ އަށް ކުޅެފައިވާ ސެސްކް ފެބްރިގާސް ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ބުންޑަސްލީގާ އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މަލާމާތްކުރަމުން މިހާރު މޮނާކޯ އަށް ކުޅެމުންދާ މިޑްފިލްޑަރު ފެބްރިގާސް ވަނީ ޓްވީޓްތަކެއް ކޮށްފައެވެ.

“އަހަރެންނަށް ހީވަނީ އަހަރެންނަށް ބަލަން މި އިނދެވެނީ ފަރިތަކުރުންތަކެއް ކުރިއަށް ގެންދާތަން ހެން. ހުރިހާ ކުޅުންތެރިންނާ ކޯޗުން ވާހަކަ ދައްކާ އަޑުވެސް އެބައިވޭ މިހާރު. މިހާރު އަހަރެމެންނަށް އިޙްސާސް ކުރެވޭނެ ސަޕޯޓަރުންގެ މުހިންމުކަން.”

ފެބްރިގާސް ގެ ޓްވީޓެއްގައި އޭނާ ބުނެފައިވެއެވެ.

ބޮޑު މެދުކެނޑުމަކަށް ފަހު، ފުޓްބޯޅައިގެ ދުނިޔޭގެ ބައެއް ލީގުތައް އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެންމެ ފުރަތަަމަ ފުޓްބޯޅަ ލީގު ފަށާފައި މިވަނީ ބުންޑަސްލީގާ އިންނެވެ. މިގޮތަށް ފުޓްބޯޅަ ލީގު ފެށުމަށް ގައުމުތަކުގެ ސަރުކާރުތަކުން ހުއްދަ ދެނީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތައް އެޅުމަށް އެއްބަސްވުމުންނެވެ. އޭގެތެރޭގައި ހިމެނޭ ބައެއް ކަންކަމަށް ބަލާއިރު، ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅުމާއި، ބެންޗުގައި ތިބޭ ކުޅުންތެރިންގެ މެދުގައި އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމުގެ ގޮތުން ދެ ގޮނޑި ދޭތެރޭގައި ތިން މީޓަރެއްހާ ދުރުމިން ބެހެއްޓުމާއި، ގޯލު ޖެހުމަށް ފަހު، ކުރިން އުފާފާޅުކުރި ގޮތަށް ގައިގޯޅިވެ އުފާފާޅު ނުކުރުމާއި، އޭގެ އިތުރުން މެޗު ފެށުމުގެ ކުރިން ދެ ކެޕްޓަނުން ގުރުނަގާއިރު އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމުގެ ގޮތުން މީޓަރެއްހާ ދުރުމިން ބެހެއްޓުން ހިމެނެއެވެ.

“އަހަރެން ވަރަށް އުފާކުރަން ފުޓްބޯޅަ އެނބުރި އައީމަ. އަހަރެމެން އެންމެން ބޭނުންވި ކަމެއް އެއީ. އެކަމަކު، ފުޓްބޯޅައިގެ މުޅިން އާ މި ދުނިޔެ އަށް އަހަރެމެން ހޭނުމަށް އަހަރުތަކެއް ނަގާނެ.”

ފެބްރިގާސް ކުރި އެހެން ޓްވީޓެއްގައި ބުނެފައިވެއެވެ.

ކޮންމެގޮތެއްވިޔަސް، މިއީ ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކަށް ބަލައިގަންނަން އެހާ ފަސޭހަ ބަދަލުތަކަކަށް ނުވާނެއެވެ. ނަމަވެސް،  ގަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ މި ފަދަ ބިރުވެރި ޙާލަތެއްގައި މެދުނުކެނޑި ފުޓްބޯޅަ ކުރިއަށް ގެންދަން ބޭނުންނަމަ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމެވެ. ފުޓްބޯޅަ ކުރިން އޮތް ޙާލަތަށް އެނބުރި އަންނަން ދެން ކިތަންމެ ނުރުހުނަސް ބައެއް ކަންކަން ގުރުބާން ކުރަންޖެހޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.