ނާއިސްއާއި އަހަރެން ކޮފީ ނިންމާލުމަށްފަހު މެންދުރު ނަމާދުކޮށްލައިގެން ދިޔައީ ގެއަށެވެ. ގެއަށް ދިޔައިރު ހައްވައްތަމެން ތިބީ މެންދުރުގެ ކެއުން ތައްޔާރުކޮށް، އަހަރުމެންގެ އިންތިޒާރުގައެވެ. އަޔާނާވެސް ގޭގައި އުޅުނެވެ.
އަހަރުމެން ދެމީހުން ގެއަށް ވަންނައިރަށް އަވަހަށް ކާން ވަންނާށޭ ބުންޏެވެ. އެވަގުތު އަހަރެން އަދުހަމްބެ މަތިން ހަނދާންވެގެން ކޮބައިހޭ އަދުހަމްބެ، އަދުހަމްބެއާ އެކީއެއް ނޫންހޭ ކާނީ ބުނީމެވެ. އެސުވާލަށް ޖަވާބު ދިނީ އަސަރުގަދަ އެ ރީތި އަޑުން، އަހަރެންގެ ހިތުގެ ރާނީއެވެ.
“ބައްޕަ ވީ ރިސޯޓަށް ގޮސް.” އަޔާނާގެ ޖަވާބު އިތުރަށް ފުރިހަމަކޮށްދިނީ ހައްވައްތައެވެ. “މެނޭޖަރު ގުޅީމަ ފަތިހު ތެދުވެގެން ގޮސްވީ. އެއީ އޭނާގެ ހާލަކީ، ރަށް ކައިރީ އުޅުނަކަސް އެވަރެއްގަ އެ އުޅެނީ. ނިކަން އުނދަގުލުން އާދެވޭނީ އެކަމަކު ވަނީ ދެދުވަސް. ރަގަޅަށް ޗުއްޓީ ހަމަނުވަނީސް މެނޭޖަރު ގުޅަންފަށާނެ.”
ހައްވައްތަ ބުންޏަސް އެއީ ވަރަށް ބޮޑު ތެދެކެވެ. ރަށް ކައިރީ ރިސޯޓްތައް ހެދިއަކަސް އެ ރިސޯޓަކާއި ކައިރި ރަށްރަށުގެ މީހުންނަށް ފުރިހަމައަށް އެކަމުގެ ފައިދާ ކުރަނީ މަދު ރިސޯޓަކުންނެވެ. ކޮންމެ މީހަކަށްވެސް ބުނެލަން ކިތަންމެހައިވެސް ފަސޭހައެވެ. އެކަމު ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ގިނަ ކުންފުނިތަކަކީ ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅޭ ބައެކެވެ. ޚާއްސަގޮތެއްގައި ބޭރު މީހުންނާއި ދިވެހިންނާ ދޭތެރޭ ގެންގުޅޭ ތަފާތެވެ. ބޭރު މީހަކު ހުރި ވަޒީފާއަކަށް ދިވެއްސަކު ގެންނަނަމަ ދިވެހި މުވައްޒަފަށް ދޭނީ ކުރިން އެ މަޤާމުގައި ހުރި ބިދޭސީ މީހާއަށް ދިން މުސާރައިގެ ދެބައިކޮއްފަ އެއްބައެވެ. އެކަމު ކުރަނީ އެއްމަސައްކަތެވެ. ތަފާތަކީ ބޭރުމީހާ ކުރި މަސައްކަތަށްވުރެ ފުރިހަމައަށް ދިވެހި މުވައްޒަފު މީހާ މަސައްކަތް ކުރުމެވެ. ރިސޯޓަށް ވަނީ ދެގޮތުންވެސް ފައިދާއެވެ. މުވައްޒަފުން ނެގުމުގައިވެސް ގެންގުޅެނީ ވަރަށް ތަފާތު ގޮތްތަކެކެވެ. ހިތާމައަކީ މިހާރަކަސް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަފާތު ނަންނަމުގައި ކުންފުނިތައް ހަދައި އަލަށް ރިސޯޓުތައް ހަދައި އެ ރިސޯޓުތަކަށް ކައިރި ރަށްރަށުގެ މީހުން މުވައްޒަފުންގެ ގޮތުގައި ނުނެގުމުގެ ސިޔާސަތެއް ގެންގުޅޭކަމެވެ. މިއީ މިއަދު މަދުން ނަމަވެސް ރިސޯޓުތަކުގައި ފެތުރެމުންދާ ވަބާއެކެވެ. އަދުހަމްބެ ކިޔައިދިން ގޮތުން އަދުހަމްބެވެސް އުޅެނީ މިރަށާއި ވަރަށް ގާތުގައި އޮންނަ ރިސޯޓެއްގައެވެ. ލިބޭ ހިތްހަމަޖެހުމަކީ ހަމައެކަނި ރަށާ ކައިރީގައި ރިސޯޓެއް އޮތުމެވެ. އެނޫން އިތުރު އެއްވެސް ހިތްހަމަޖެހުމެއް ނެތެވެ. މުސާރަކޮޅު އެހައި ކުޑައެވެ.
އަދުހަމްބެ ނެތްކަން އެނގުމުން އަހަރުމެން ދެ އެކުވެރިން ކާގެއަށް ވަނީމެވެ. މޭޒުމަތި ވަރަށް ފުރިހަމައެވެ. ރޭގެ ކެއުމެކޭ އެއްފަދައިން ވަރަށް ގިނަ ވައްތަރުތައް ތައްޔާރުކޮއްފަ ހުއްޓެވެ. އަހަރުމެންނާ އެއްކޮށް އަޔާނާއާއި ހައްވައްތަ އަދި ހައްވައްތަގެ ހަގު ދަރި އަނާމީވެސް ކާގެއަށް ވަނެވެ. އަހަރުމެން ކާގެއަށް ވަދެ ގޮނޑީގައި އިށީނުމާއިއެކު މޭޒުމަތީގައި އޮތް ގޮށި ނަގައިދިނީ ހައްވައްތައެވެ. ގޮށި ނަގާދީފައި ރަނގަޅުހޭ ހިތްހަމަޖެހޭވަރަށް ތައްޔާރު ކުރެވިފަހޭ ބުނުމުން އަހަރެންނާ ނާއިސް އެއްކޮށް ކަހަލަ ގޮތަކަށް އާއޭ ވަރަށް ފުރިހަމައޭ ބުނީމެވެ. ހައްވައްތަ “ދަރިފުޅާ އަޔާނާ މަންމަ އަންނާނަމޭ ބިލެތްގަނޑެއް ހޯދަން ގޮއްސަ ދަރިފުޅުމެންވެސް ނާއިސްބެމެންނާ އެއްކޮށް ކާލާށޭ މަންމަ ކާނީ ފަހުންނޭ ބުނެ” ނިކުމެގެން ދިޔައެވެ.
އަހަރެންނަށް ބަތް އަޅައިދީ ފެން އަޅައިދީ ކަންތައް ކޮށްދިނީ އަޔާނާއެވެ. ނާއިސްއަށް ބަތް އަޅައިދިނީ އަނާމީއެވެ. އަހަރުމެން ހަތަރު މީހުންގެ މެންދުރު ކެއުން ކުރިއަށް ގެންދިޔައީ އެއްކޮށެވެ. ނާއިސް އަޔާނާމެނަށް ނިސްބަތްވާ ގޮތަށް އަހަރެންނާ ނާއިސްގެ ގާތްކަމުގެ ވާހަކަ ކިޔައިދިނެވެ. އަހަރެންނަކީ ސުކޫލް ދައުރުއްސުރެން ނާއިސްބެގެ ވަރަށް ބޮޑު އެކުވެރިއެއް ކަމަށްވެސް ބުންޏެވެ. މިގޮތަށް ގޮސް ސުކޫލް ދައުރުގެ ވާހަކަތައްވެސް ކޮންމެސް ވަރަކަށް ކިޔައިދިނެވެ.
ކައި ނިމިގެން އަހަރެން ޖައްސައިލީ މެންދުރުގެ ޚަބަރު ބަލައިލުމުގެ ނިޔަތުގައި ސިޓިންގ ރޫމުގައެވެ. ނާއިސްވެސް އަހަންނާ އެއްކޮށް ސިޓިންގ ރޫމަށް ވަނެވެ. އެކަމު ނާއިސް ވަރުގަދައަށް ދުފާލައިގެން، މަސައްކަތް ފަށަންވާއިރަށް އަހަރެން އަންނާނަމޭ ގެއަށް ވަދެލައިފަ ކިޔާފަ ބޭރަށް ނިކުތެވެ. ނާއިސް ދިއުމުން ޝައުޤުވެރިކަމާއެކު އަހަރެން އެކަނި ޚަބަރު ބަލަން އިނީމެވެ.
“މިއީ ތިބޭފުޅާގެ އެއްޗެއްތޯ؟” އަހަރެންގެ ކަންފަތުގައި ކުއްލިއަކަށް ޖެހުނީ އެ އަޑަކަށްޓަކައި އަހަރެން އަބަދުވެސް އިންތިޒާރުކުރަމުން މިދާ ޒުވާނާގެ އަޑެވެ. އަހަރެން އެކަނި އިންދާ މިތަނަށް އަޔާނާ އަންނާނެއެކޭ ހިތަކަށް ނާރައެވެ. ޔަޤީނަށްވެސް އަޔާނާއަށް އެއީ އަހަރެންގެ ފައިލެއްކަން އެނގޭނެއެވެ. ފައިލްގެ ބޭރުގައި އިނގިރޭސިބަހުން އަހަރެންގެ ނަން ލިޔެފައި އޮންނާނެއެވެ. އަހަރެންނަށް ހަނދާން ނެތިގެން އާދެވުނީ ކާގޭގަ ފުރިޖު މަތީ ފައިލް ބާއްވައިފައެވެ. ކެމެރާ މަތިން ހަނދާންވީ ކެމެރާ ދަބަހާ އެއްކޮށް ކޮނޑުގައި އަޅުވައިފައި އޮތީމައެވެ. “އާދެ. ތިޔައީ އަޅުގަނޑުގެ އެއްޗެއް. ޝުކުރިއްޔާ.” އަޔާނާ ރީތިބަހުން ވާހަކަ ދެއްކީމަ އަހަރެންނަށްވެސް ރީތިބަހުން ވާހަކަދައްކަން މަޖުބޫރުވިއެވެ. އަޔާނާގެ އެ އަދަބުވެރިކަން ފެނިފައި އަހަރެން އަޔާނާއާ އިތުރު ކަމެއް ހަވާލުކޮށްލުމަށް ވިސްނީމެވެ. ފައިލް ދީފަ މަރުޙަބާއޭ ބުނެ ހިނގައިގަތުމުން އަޅުގަޑަށް އަދި ކަމެއް ކޮށްދީފާނަންހޭ އެހުމުން އެނބުރިލިއެވެ. ލައްބަ، ވިދާޅުވާށޭ ބުނުމުން އަޅުގަނޑުގެ ލެޕްޓޮޕް އިންނާނެޔޭ ސައިޑް ޓޭބަލްމަތީ އެ ގެނެސްދެވިދާނެތޯ އެހުމުން ލައްބައޭ ބުނެ އަޔާނާ ހިނގައިގަތެވެ.
އަޔާނާ ލެޕްޓޮޕް ހިފައިގެން އައިސް މިއީތޯއޭ ބުނެ އަހަންނާ ދިމާއަށް ދިއްކޮށްލުމުން ލެޕްޓޮޕާ އެއްކޮށް އަޔާނާގެ އަތުގައި ހިފައި ކުޑަކޮށް ކައިރިކޮށްލުމަށްފަހު މަޑުމަޑުން، މަށާ އާދައިގެ ބަހުރުވައިން ވާހަކަ ދެއްކިދާނެތޯ އެހުމުން ރަކި ގޮތަކަށް އޯކޭއޭ ބުނެ، ވައި އަޑަކުން މަންމައަށް ފެނިދާނެއޭ ބުނެ އަތް ދަމައިގަތެވެ. މިހެން ބުނެ އަޔާނާ އިށީނީ އަހަރެންނާ ޖެހިގެން ހުރި ގޮނޑީގައި އަހަންނާ އެއްކޮށް ޚަބަރު ބަލާށެވެ. ޚަބަރު ނިމުމުން އަޔާނާގެ އަތަށް ރިމޯޓު ދިއްކޮށްލައި އަހަރެން ލެޕްޓޮޕް ހުޅުވައިލާ ކެމެރާގެ ކާޑު ނަގައި މިއަދުގެ ފޮޓޯތައް ބަލައިލީމެވެ. އެންމެ ފުރަތަމަވެސް އަޅައިގަތީ އަހަރެން ކައިރީގައި މި އިން، އެންމެ ފެނިލުމަކުން އަހަރެން ހިތުގެ ރަނިކަން އަތުލި ރަނިކަމަނާގެ ތަސްވީރަށެވެ. އަޔާނާގެ ތަސްވީރަށް ބަލައިލުމަށްފަހު އަޔާނާއާ ދިމާލަށް ބަލައިލީމެވެ. އަހަރެން ބަލަން ފެށުމުން އަޔާނާވެސް އަހަންނާ ދިމާއަށް ބަލައިލިއެވެ. އަހަރެން ގާތު ކިހިނެއްވީތޯ އަޔާނާ އަހައިލުމުން، ހަމަ ރީތިކަމުން ބެލެނީއޭ ބުނުމުން އަޔާނާ އިތުރަށް ލަދުގަތެވެ. އަހަރެން މި ފޮޓޯގަނޑު އަހަރެން ހަނދާނަކަށް ފޮރުވިޔަސް އޯކޭހޭ އަހައިލީމެވެ. އަޔާނާ ފޮޓޯގަނޑަށް ބަލައިލުމަށްފަހު އޯކޭއޭ ބުނެލިއެވެ. ނޭނގި ނަމަވެސް އަހަރެންނާ އަޔާނާއާ ދެމެދު ގުޅުމެއް އުފެދެމުންދާކަމުގެ ފޮނި އިހުސާސް އަހަންނަށް ކުރެވެމުންދެއެވެ. އަޔާނާގެ ހިތުތެރޭގައި ވަނީ ކޮން އެއްޗެއްކަން ނޭނގުނަސް ޔަޤީނުންވެސް އެނގޭ ކަމަކީ އަހަރެންނަށް އަޔާނާދެކެ އިންތިހާއަށް ލޯބިވެވިއްޖެކަމެވެ. އަޔާނާގެ ލޯތްބަށް އިންތިޒާރު ކުރެވެމުން ދާކަމެވެ. އަޔާނާ އަހަރެންގެ މިލްކަކަށް ހެދުމުގެ ޢަޒުމް، އަހަރެންގެ ހިތުގައި ވަރުގަދަކުރީމެވެ.
ނާއިސް އައުމުގެ ކުރިން އަހަރެންވެސް ތައްޔާރުވީމެވެ. ނާއިސް އައުމާއިއެކު އަހަރުމެން ދެމީހުން މަސައްކަތަށް ނުކުތީއެވެ. ނާއިސްގެ ފުރިހަމަ އެއްބާރުލުމާއެކު އިރުއޮއްސެން ވާއިރަށް މިއަދަށް ކަނޑައެޅި މަސައްކަތް ނިންމާލެވުނެވެ. މިއަދު ކުރިއަށް ގެންދިޔައީ ސަރުކާރުގެ މުއައްސަސާތަކަށް ގޮސް އެ ތަންތަނާބެހޭ މަޢުލޫމާތާއި ރަށާބެހޭ މަޢުލޫމާތު އެއްކުރުމުވެ. ރަށުގެ ކުރެހުން ކުރަހައިފައި އޮތް ފުރިހަމަ ޗާޓެއް ލިބުމުން އަހަރެން މިރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތަށް އިތުރު ހަލުވިކަމެއް ލިބި މި ރަށާއިބެހޭ ފުރިހަމަ ރިޕޯޓެއް ތައްޔާރުކޮށްލެވުނެވެ. ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ރޭގަނޑު ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްވެސް ރޭގަނޑުގެ ކެއުމުގެ ކުރިން ނިންމާލީމެވެ. ރޭގަނޑުގެ ކެއުން ހަމަޖެހިފައިވަނީ ނާއިސްމެން ގެއިންކަމަށް ވުމާއިއެކު ފެންވަރާލައިގެން ދިޔައީ ނާއިސްމެން ގެއަށެވެ.
ނާއިސްއެކޭ އެއްފަދައިން ނާއިސްމެން، ގޭ މީހުންނަކީވެސް ވަރަށް ސަމާސާ މިޒާޖެއްގެ ބައެކެވެ. ނާއިސްމެން ގެއިން ކައިގެން ނާއިސްގެ އާއިލާއާ އެއްކޮށް ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ކޮފީއެއް ބޯލައިގެން ނިކުތީ ބޭރަށެވެ. މިރެއަށް އިތުރު ކަމެއް ކުރުމަށް ރޭވިފައި ނުވާތީ ނާއިސްއާއެކު ދިޔައީ ސައިކަލު ބުރެއް ޖަހައިލުމަށެވެ. ކުޑައިރުކޮޅަކު ރަށުގެ ބޮޑެތި މަގުތަކުގައި ދުއްވައިލެވުނެވެ. ވާރޭ ވެހެން އުޅޭކަމުގެ ނިޝާންތައް އުޑުމަތިން ފެންނަން ފެށުމުން ނާއިސް އަހަރެން ގެއަށް ލައިފައި ދިޔައީ ތިމަންނަ އެބަ އަންނަމޭ ކިޔައިފަ ގެއަށްދާށެވެ. ނާއިސް ދިއުމުން އަހަރެން ގެއަށް ވަންނަން ހިނގައިގަތީމެވެ. ގޭ ދޮރާ އަރައި ހަމަވާއިރަށް ވާރޭ ވެހެން ފަށައިފިއެވެ. ނާއިސްއަށް ގެއާ ހިސާބަށްވެސް ދެވޭނެހެނެއް ހިއެއްނުވެއެވެ. އަހަރެންވެސް އަވަސްއަވަހަށް ބެލީ ގޭތެރެއަށް ދެމިގަނެވޭތޯއެވެ. ގެއަށް ވަންއިރު ގޭތެރޭ ސިޓިންގ ރޫމުގައި ހައްވައްތައާއި އަޔާނާ އިނެވެ. ދެމައިން ތިބީ ޓީވީ އަޅުވައިގެންނެވެ. އަހަރެން ވަންނައިރަށް ހައްވައްތަ ކިރިޔާއެއްނު ތިޔަ އާދެވުނީއޭ ބުނެލިއެވެ. އަހަރެންވެސް “އާއޭ، ވިއްސާރަވާން އުޅޭހެން ހީވެގެން ނާއިސްވެސް ހިނގައްޖެ އަހަރެން ގޭދޮށަށް ބައިލާފަ، ވަރަށް އަވަހަށް އަންނާނަމޭ ކިޔައިފަ، ހިއެއްނުވޭ އޭނައަށް ގެއާ ހިސާބަށް ދެވޭނެހެނެއްވެސް.” މިހެން ބުނެ އައިސް އިށީނީ އަޔާނާމެން ގާތު ޓީވީ ބަލާށެވެ.
ހައްވައްތަ އަހަރެންގެ މަސައްކަތް ކިހައި ހިސާބަކަށް ގޮއްސިހޭ އަހައިލިއެވެ. އަހަރެން މިހާރު މަސައްކަތްތައް ނިމުމަކާ ވަރަށް ގާތްވެއްޖެއޭ ފުރުމުގެ ކުރިން ޔަޤީނުންވެސް މަސައްކަތްތައް ނިންމާލެވޭނެކަމަށް ބުނީމެވެ. އިރުކޮޅަކު ވާހަކަ ދައްކަން އިނުމަށްފަހު ހައްވައްތަ އަޔާނާ ގާތު އަހަރެންނަށް ކޮފީ ހަދައިދެއްޗޭ ކިޔައިފަ ދިޔައީ ނިދާށެވެ. ހައްވައްތަ ކޮޓަރިއަށް ވަނުމުން ޓީވީގެ ޗެނަލްތަކާ އަޔާނާ ކުޅެލިއެވެ. ސްޓާ މޫވީއަށް ޓީވީ ލުމަށްފަހު މީތި އޯކޭ ދޯއޭ ބުނެ އަހަރެންގެ އަތަށް ރިމޯޓް ދީފައި އަޔާނާވެސް ދިޔައީއެވެ. އަޔާނާ ދިއުމުން އަހަރެން ޓީވީން އަންނަމުން ދިޔަ ފިލްމު ބަލަން އިނީމެވެ.
ވެހެމުންދިޔަ ވާރޭ ހުއްޓާކަށް ނޫޅުނެވެ. ވާރޭ ވެހޭލެއް ބޯކަމުން ނާއިސްވެސް ނައެވެ. ނާއިސް އައުން ލަސްވުމުން އަހަރެން ނާއިސްއަށް ގުޅައިލުމުން މިރޭ ދެން ހިއެއްނުވެޔޭ އަވަހަކަށް ވާރޭ ހުއްޓަފާނެހެނެށް، މިރޭ ދެން ނިދާލާނީއޭ ބުނެ ނާއިސް ފޯން ބޭއްވިއެވެ.
އިރުކޮޅަކުން އަޔާނާ އައީ އަހަރެންނަށް ކޮފީ ހިފައިގެންނެވެ. އަޔާނާ ކޮފީތަށި އަހަރެން އަތަށް ދިއްކޮށްލުމަށްފަހު އެބަ އަންނަމޭ ބުނެ އިތުރު ކޮފީތަށްޓެއް ހިފައިގެން އައެވެ. އަހަރެން އެމީހެއްގެ އެހީތެރިކަމަށް ކެތްމަދުވެފައި ހުއްޓައި އަޔާނާ އަހަރެންނަށް ގެނެސްދިން ކޮފީތަށި އުފަލާއެކު ބަލައިގަތީމެވެ. ކޮފީތަށްޓަށް ބަލައިލިއިރު ޕެކެޓް ކޮފީއެކެވެ. އަހަންނަކީ ދުވަހަކުވެސް ޕެކެޓް ކޮފީ ބޮއި އުޅޭ މީހެއް ނޫންކަމުން ކޮފީތަށި ބުއިމަށް ވަރަށް އުނދަގޫވިއެވެ. އެހެނަސް ލޯމަރައިގެން އިނދެ އަހަރެން ކޮފީތަށި ހުސްކޮށްލީމެވެ. ވާނީވެސް އެހެންތާއެވެ.
ޓީވީ ބަލަން އިންއިރު އަހަރެންނަށް ބެލެމުން ދިޔައީ ޓީވީއަކަށް ނޫނެވެ. އަޔާނާގެ އެ ރީތި ސޫރައަށެވެ. ރީތިކަމުގެ މިސާލެކެވެ. ބަލާ މީހަކު ބަލައި ފޫހިނުވާހާ ރީއްޗެވެ. އަބަދުވެސް ހިތަށް އަރަމުން ދަނީ އަހަރެންގެ މިލްކަކަށް އަޔާނާ ވާނީ ކޮން ދުވަހަކުންބާވައެވެ. އަޔާނާ ގާތު އަހަރެން ލޯބިވާ ވާހަކަ ބުނަންވީބާވައެވެ. އެކަމުވެސް އަހަރެންނާއި އަޔާނާގެ އާއިލާއާ ދެމެދު އުފެދިފައި މިވާ ރަހުމަތްތެރިކަމުގެ ގުޅުމަށް ބަދަލެއް އަތުވެދާނެތީ އަހާކަށްވެސް ނުކެރޭނެއެވެ. އަޔާނާ އަހަރެންދެކެ ލޯބިނުވެ، އަހަރެން އަޔާނާދެކެ ލޯބިވާކަން އެނގިއްޖެނަމަ މިފުރުސަތު އަހަރެންނަކަށް ނުލިބޭނެކަން ކަށަވަރެވެ. އެ ރީތި ސޫރައަށް ބަލަން މިހައި މިނިވަންކަންމަތީ ނީނދެވޭނެއެވެ. އެކަމު އެނގޭހައިވެސް އެއްޗަކީ ކޮންމެ ގޮތަކަށް ކަންތައް ވީނަމަވެސް އަޔާނާދެކެ އަހަރެން ލޯބިވާކަން ކޮންމެވެސް ދުވަހަކުން ފަޅައިއަރާނެކަމެވެ. މިގޮތަށް ލޯބިވާކަން ސިއްރުކޮށްގެން ހުރުން އެއީ އަހަންނަކަށް އެހާ ކުޅަދާނަ ކަމަކަށް ނުވާނެއެވެ. އަހަރެންގެ ދުލުން އެކަން ހާމަނުކުރިއަސް އަހަރެންގެ ޢަމަލުތަކުން ވިސްނައިފި މީހަކަށް އެކަން އެނގޭނެއެވެ. އަޔާނާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތުތެރޭގައި އުފެދެމުން މިދާ ލޯބީގެ ޖަޒުބާތުތައް އަހަރެންގެ މި ނާޒުކު ހިތަށް ކެތްނުކުރެވިގެން ދޫވެގެން ދާނީ ކޮން އިރަކުން ކަމެއްވެސް ނޭނގެއެވެ.
މިހާރު ގަޑިން ބާރަ ޖަހަން ކައިރިވަނީއެވެ. އަހަރުމެން ބަލަން ތިބި ފިލްމުވެސް ނިމިއްޖެއެވެ. އަޔާނާ އިނީ އަޔާނާގެ މަންމަ ކޮޓަރި ނުހުޅުވައިގެން ނިދަން ނުވަދެވިފައެވެ. އަޔާނާގެ މަންމައަށް ކޮޓަރިއަށް ވަދެ، ހެދުން ބަދަލުކުރުމަށް ކޮޓަރި ތަޅުލިގޮތަށް އޮވެ ނިދުނީއެވެ. އަޔާނާ ގޮސް ދޮރުގައި ޓަކިދިނުމުންވެސް މަންމައަކަށް ނުހޭލެވުނެވެ. އަހަރެން މަންމައަށް ގުޅާށޭ ބުނެ މޯބައިލް ފޯނު ދިނުމުން މަންމައަށް ގުޅޭތޯ އަޔާނާ މަސައްކަތްކުރިއެވެ. ނަމަވެސް އެ މަސައްކަތްވެސް ވީ ނާކާމިޔާބެވެ. އަޔާނާ މަންމަގެ މޯބައިލް ފޯނު އޮތީ ނިވިފައެވެ.
އަހަރުމެން ބަލަމުންދިޔަ ފިލްމު ނިމުމުން އަޔާނާ ގޮސް ގޭދޮރު ތަޅުލައި ބޭރު ބޮކި ނިއްވައިލުމަށްފަހު އަނެއްކާވެސް އައިސް އިށީނީ އަހަރެންގެ ގާތުގައެވެ. އަޔާނާ އުޅޭގޮތުން އަޔާނާ ނިދިއައިސްފަ ހުރިކަން އެނގުމުން އަހަރެން ނިދާ ކޮޓަރިއަށް ދާންވީ ނޫންހޭ ބުނުމުން، ނޫނޭ އިރުކޮޅަކުން މަންމަ ހޭލަފާނެޔޭ، މަންމަ ހޭލީމަ ދޮރު ހުޅުވާނެއޭ ބުންޏެވެ. އަޔާނާ އެހެން ބުނުމުން އަހަރެންވެސް އެހެންވިއްޔާ ނިދާނީ އަޔާނާ ނިދަން ވަނީމައޭ ބުނެ ޓީވީ ޗެނަލްތައް ބަދަލުކުރަމުން ދިޔައިމެވެ.
ރޭގަނޑު ވެހެމުންދިޔަ ބޯ ވާރެއިން، ގޭތެރެއަށް ވެރިވެފައިވާ މަޑުމަޑު ފިނިކަމެއްގެ ސަބަބުން އަހަރެން ގާތަށްވެސް ނިދިއަތުވެއްޖެއެވެ. ކުރިމަތީ ހުރި ގޮނޑި ދަމައި ގޮނޑިމައްޗަށް ފައިލާ ކުޑަކޮށް ދެމިލުމަށްފަހު އެއްވެސް ވަރަކަށް ވިސްނައިލުމެއްނެތި، އޯކޭހޭ ބުނެ އަޔާނާގެ ކޮނޑުގައި ބޯއަޅައިލީމެވެ.
(ނުނިމޭ)
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖޫން 2020ވާހަކަލިބޭތޯ ދުޢާކުރި ޢަޝީޤާ – ފަހުބައި
- 1 ޖޫން 2020ވާހަކަލިބޭތޯ ދުޢާކުރި ޢަޝީޤާ – ހަތަރުވަނަ ބައި
- 24 މެއި 2020ވާހަކަލިބޭތޯ ދުޢާކުރި ޢަޝީޤާ – ތިންވަނަ ބައި
- 17 މެއި 2020ވާހަކަލިބޭތޯ ދުޢާކުރި ޢަޝީޤާ – ދެވަނަ ބައި