މަދަރުސާއެއްގައި ތަޢުލީމު ޙާޞިލުކުރަމުން ދިޔަ ދަރިވަރަކު މަޝްޙޫރު ޓެކްނޮލޮޖީ ކުންފުނި އެޗްޕީ ގެ ސީއީއޯ ބިލް ހިޔުލެޓް ގާތު އެސައިންމަންޓެއް ހެދުމުގެ ބޭނުމުގައި “ސްޕެއާ ޕާޓްސް” އަށް އެދުނެވެ. ދަރިވަރަކު އޭނާ އާއި ސީދާ މުޙާތަބުކޮށް އެހެން ބުނުމުން ހައިރާންވި ނަމަވެސް އެ ކުއްޖާ އެދުނު ކަންތައް ހިޔުލެޓް ހަމަޖައްސާދިނެވެ. އޭގެ އަހަރުތަކެއް ފަހުން އެކަން ކޮށްދިނީމޭ ބުނަންވެސް އޭނާ ފަޚުރުވެރިވާނެ ކަން ޔަގީނެވެ. އެހެނީ އެ ދުވަހު ދަރިވަރެއްގެ ޙައިސިއްޔަތުގައި ހުރި ކުއްޖާ ފަހުން ފެނިގެންދިޔައީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަނދި އެއް ކުންފުނި، “އެޕަލް” ވުޖޫދަށް ގެނައުމުގައި މުހިންމު ރޯލެއް އަދާކުރި ފަރާތެއްގެ މަގާމުންނެވެ. އާދެ، މިއީ ސްޓީވް ޖޮބްސްގެ ވާހަކައެވެ.

ސްޓީވް ޖޮބްސް އުފަންވީ 1955 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާ އަކީ ޔުނިވާސިޓީ އެއްގައި ކިޔަވަމުންދިޔަ ދެ ދަރިވަރަކަށް ކައިވެނީގެ ބޭރުން ލިބުނު ދަރިއެކެވެ. އެހެންނަމަވެސް ޖޮބްސް ބަލާ ބޮޑު ކުރީ ޅަ އުމުރެއްގައި އޭނާ އެޑޮޕްޓް ކުރި ޕޯލް އަދި ކްލޭރާ ޖޮބްސްއެވެ. ބޮޑުވަމުން އައިއިރު ގޭތެރޭގައި ހުންނަ ކަރަންޓު ސާމާނާއި ކުޅެ ހެދުން ވެގެންދިޔައީ “އިލެކްޓްރޯނިކްސް އެންޑް ޑިޒައިން” ގެ ދާއިރާއަށް އޭނާގެ ހިތުގައި ޝައުޤުވެރިކަން އުފެދެން މެދުވެރިވި ސަބަބަކަށެވެ.

ކެލިފޯނިޔާގެ މަދަރުސާ އެއްގައި ތަޢުލީމީ ޙަޔާތް ފެށުމަށްފަހު މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ގޮތުން ޖޮބްސް އޮރެގާނޯގެ ރީޑް ކޮލެޖުގައި “ކެލިގްރަފީ” ކޯހެއް ނިންމިއެވެ. އޭނާ ބުނާގޮތުން އެ ކޯސް ވެގެންދިޔައީ އެޕަލްގެ ފޮންޓުތައް ހެދުމުގައި ވަރަށް ބޮޑު އެހީއަކަށެވެ.

1974 ވަނަ އަހަރު “އަޓާރީ” ނަމަކަށް ކިޔާ ގޭމު އުފައްދާ ކުންފުންޔެއްގައި މަސްދުވަސް މަސައްކަތް ކުރުމަށް ފަހު ޖޮބްސް ވަޒީފާއިން ވަކިވީ އިންޑިއާ އަށް ފުރުމަށްޓަކައެވެ. އެއީ ދެކުނު އޭޝިއާގެ ދީންތަކާއި ސަގާފަތްތައް އުނގެނުމުގެ މަގްޞަދުގައެވެ. ޖޮބްސް އިންޑިއާގައި ދެ އަހަރު ހޭދަކޮށްފައި ވާއިރު، އެ ދިގު ދަތުރުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ގިނަ ހެޔޮ ބަދަލު ތަކެއް ގެނެސްދިނެވެ. ވަކިން ޙާއްސަކޮށް އިންޑިއާގެ ފަގީރު އަވަށްތަކުގެ މީހުން ގެ ދިރިއުޅުން ގާތުން ދެކުން ވެގެންދިޔައީ ދުނިޔެއަށް ލޯ ހުޅުވައިދިން ތަފާތު ތަޖުރިބާއަކަށް ކަން ޖޮބްސް ވަނީ ފާހަގަކޮށްފައެވެ.

1976 ވަނަ އަހަރު އުމުރުން 21 އަހަރުގެ ސްޓީވް ޖޮބްސް އަދި އޭނާގެ މަދަރުސީ ދައުރުގެ އެކުވެރިއެއް ކަމުގައިވާ ސްޓީވް ވޮޒްނިއެކް “އެޕަލް ކޮމްޕިއުޓާސް” ވުޖޫދަށް ގެނައެވެ. މިއަދު ދުނިޔޭގެ އެންމެ އަގުބޮޑު އެއް ކުންފުނި ފެށިގެން އައީ ޖޮބްސްގެ ގަރާޖުގައެވެ. ވިޔަފާރި ފެށުމަށް ފައިސާ ހޯދުމުގެ ގޮތުން ޖޮބްސް އޭނާގެ “ބަސް” ވިއްކާލި އިރު ވޮޒްނިއެކް ވިއްކާލީ އޭނާ ގެންގުޅުން “ސައިންޓިފިކް ކަލްކިއުލޭޓަރ” އެވެ. “އެޕަލް ކޮމްޕިއުޓާސް” ގެ އުފެއްދުންތައް ވުޖޫދަށް ގެނައުމާއި ހަވާލުވީ ވޮޒްނިއެކް އެވެ. ޖޮބްސް ހަވާލުވީ ކުންފުނީގެ މާކެޓިން އާއެވެ. ކޮންމެއަކަސްް، ދެމީހުންގެ ހިންގުންތެރިކަމާއި އެކު “އެޕަލް ކޮމްޕިއުޓާސް” ގެ ދެވަނަ އުފެއްދުން “ދި އެޕަލް 2” ބާޒާރަށް ނެރުނުފަހުން ކުންފުނީގެ އާމްދަނީ 700 ޕަސެންޓުން އިތުރުވެ، 139 މިލިއަން ޑޮލަރަށް އެރިއެވެ.

1980 ގައި “އެޕަލް ކޮމްޕިއުޓާސް” ގެ އަގު 1.2 ބިލިއަން ޑޮލަރަށް އެރިއެވެ. ކުންފުނީގެ “ސީއީއޯ” ގެ މަގާމާއި މާކެޓިން ތަޖުރިބާކާރެއް ކަމުގައިވާ ޖޯން ޝޫލޭ ހަވާލު ވިއެވެ. އޭގެ ފަހުން ކުންފުނީގެ އުފެންދުންތަކެއް ޑިޒައިން ކުރުމުގައި އުނިކަމެއް ހުރުމުގެ ސަބަބުން ކަސްޓަމަރުންގެ ޝަކުވާ ގިނަވެ، ވިޔަފާރީގެ އާމްދަނީއަށް އޭގެ ނޭދެވޭ އަސަރުކުރިއެވެ. މިފަދަ ދަނޑިވަޅެއްގައި ޖޮބްސް އާއި ޝޫލޭ ދެމެދު ގިނަ ދެބަސްވުންތަކެއް އުފެދެން ފެށުމުގެ ސަބަބުން ކުންފުނީގެ ބައެއް ހިއްސާދާރުން އޭނާ އާއި ވިއްދާލިއެވެ. ކުންފުނީގައި ނުފޫޒުގަދަ މަގާމެއް ނެތުމުގެ ސަބަބުން އާދައިގެ މަގާމަކާ ހަވާލުވާން އޭނާ އަށް މަޖުބޫރުވިއެވެ. އޭގެ ސަބަބުން 1985 ވަނަ އަހަރު ޖޮބްސް އުފެއްދި ކުންފުނިން އޭނާ ވަކިވިއެވެ.

އެޕަލް އިން ވަކިވުމަށްފަހު ޖޮބްސް “ނެކްސްޓް އިންކޯޕަރޭޓަޑް” ގެ ނަމުގައި ސޮފްޓްވެއަރ ކުންފުންޏެއް އުފެއްދިއެވެ. “ނެކްސްޓް” ގެ ސޮފްޓްވެއަރ ވެގެންދިޔައީ އެމެރިކާގައި މަގުބޫލުކަން ލިބުން އުފެއްދުމަކަށެވެ. 1996 ވަނަ އަހަރު އެޕަލް އިން 429 މިލިއަން ޑޮލަރުގެ އަގަކަށް އެ ކުންފުނި ގަނެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

1997 ވަނަ އަހަރުގައި ސްޓީވް ޖޮބްސް އެޕަލްގެ “ސީއީއޯ” ގެ މަގާމާއި އަލުން ހަވާލުވިއެވެ. އެއަށްފަހު އޭނާގެ އިރުޝާދުގެ ދަށުން ކުންފުނި ހިންގާ ގޮތަށް ގިނަ ބަދަލު ތަކެއް ގެނެސް، ފަހި މަންޒިލަކާއި ދިމާލަށް “އެޕަލް ކޮމްޕިއުޓާސް” ދަތުރުކުރަން ފެށިއެވެ. އެއާއެކު މިހާރު އެ އެއްޗެގެ ނަންގަނެފިމަނަަ، ނޭންގޭނެ މީހަކު ނުވާ “އައި ފޯން”، “އައި ޕޮޑް” އަދި “އައި މެކް” ފަދަ އުފެއްދުންތައް ވުޖޫދަށް ގެނެސް، ބާޒާރުގައި ހަލުވިކަމާއެކު ވިކެން ފެށިއެވެ. އެގޮތުން 2007 ވަނަ އަހަރު އެޕަލްގެ މާލީ ބަޔާނުން ހާމަވާގޮތުން އެ އަހަރު ކުންފުނީގެ ހިއްސާ އެއްގެ އަގު
199.99 ޑޮލަރަށް އެރިއެވެ. އެއީ އޭރު ދުނިޔޭގެ ރިކޯޑެކެވެ. އޭގެ އިތުރުން އެ އަހަރުގެ ފައިދާ 1.58 ބިލިއަނަށް އަރާފައިވާ އިރު ކުންފުނީގެ ދަރަންޏެއް ނެތްކަން ފާހަގަކޮށްލެވެއެވެ.

ސްޓީވް ޖޮބްސް ދުނިޔެ ދޫކޮށްފައިވަނީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު 5 ވަނަ ދުވަހު، ކެންސަރާއި ދިހަ އަހަރުގެ ހަނގުރާމަ އެއް ކުރުމަށް ފަހު ގައެވެ. ޖޮބްސް ނެތްކަމަކު އޭނާގެ ހަޔާތުގެ މަސައްކަތް މިއަދުވެސް ބިލިއަން ޑޮލަރު ކުންފުންޏެއްގެ ސިފައިގައި ފެންނަން އެބަހުއްޓެވެ. ތާރީޚުގެ ތެރޭގައި އޭނާގެ ނަން ލިޔެވިގެންދާނީ އެޕަލް ކުންފުނި އުފައްދާ އާއުސްމިންތަކަކަށް ގެނެސްދިން ލީޑަރެއްގެ އިތުރުން ގެންގުޅެން ފަސޭހަ، ފެންވަރު ރަނގަޅު އާލަތްތަކެއް ވުޖޫދަށް ގެނެސް ޓެކްނޮލޮޖީގެ ދުނިޔެ އަށް އިންގިލާބެއް ގެނެސްދިން މޭސްތިރިއެއްގެ ގޮތުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޒިޔާން އަމްޖަދު
ޒިޔާން އަކީ ޤައުމީ ޔުނިވާސިޓީގައި ނޫސްވެރިކަން ކިޔަވަމުން އަންނަ ދަރިވަރެކެވެ. އިޖުތިމާޢީ ދާއިރާ ޚާއްޞަވާއިރު، ހުރިހައި ދާއިރާއެއްގައި ލިޔެ ނޫސްވެރިކަމުގައި ފައިތިލަ ސާބިތުކުރުމަށް ކަމަރު ބަނދެލާފައިވާ ޒުވާނެކެވެ.