ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުމާއި މުސާރަ ނުލިބޭ ގޮތަށް ފޮނުވާލުމާއި އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން “އިންކަމް ސަޕޯޓު އެލަވަންސް” އަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިތަކެއް އިކޮނަމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު އިޢުލާނުގައި ބުނެފައިވަނީ އެލަވަންސަށް އެދި މިހާތަނަށް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކަށް މިހާރު ވަނީ ސުންގަޑިތަކެއް ކަނޑައަޅައިފައިވާ ކަމުގައެވެ.
މި ސުންގަޑިތަކަކީ:
މާޗު 1 އިން 30 އޭޕްރީލްގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މެއި 1 ން 30 ގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ޖޫން މަހުގެ 7 ވަނަ ދުވަހެވެ.
ޖޫން 1 ން 30 ގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ 7 ވަނަ ދުވަހެވެ.
އިންކަމްސަޕޯޓް އެލަވެންސަކީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ އާމްދަނީ އަށް ކޮވިޑް-19 ގެ ސަބަބުން އައިސްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން އެ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ސަރުކާރުން ދޭ ޚާއްސަ އެލަވެންސެކެވެ.
މި އެލަވަންސް ދޭނީ ކޮވިޑް-19 ގެ ސަބަބުން 1 މާރިޗް 2020 ގެ ފަހުން، ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި، މުސާރަ ނުލިބޭގޮތަށް މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވާލާފައިވާ ފަރާތްތަކުގެ އިތުރަށް މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ.
ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް މި އުސޫލުގެ ދަށުން 5،000 ރުފިޔާ ލިބޭނެ އެވެ. މި އެލަވެންސް ދޭނީ ރާއްޖޭގައި މަސައްކަތްކުރާ، ދިވެހިންނަށެވެ. އަދި އެއީ، 1 މާރިޗް 2020 އާ ހަމައަށް ވަޒީފާގައި ދެމިހުރި އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކަށް ވާން ޖެހޭނެ ކަމަށް މިއުސޫލުގައި ބަޔާންކޮށްފައިވެއެވެ.
“އިންކަމް ސަޕޯޓު” އެލަވެންސަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ “jobcenter.mv” މެދުވެރިކޮށް އޮންލައިން ފޯމަކުންނެވެ. އޮންލައިންކޮށް ހުށަހެޅުމަށް އުޒުރުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރުމަށް ފަހު، ޖޮބް ސެންޓަރުގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން އެދިފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.