އިނގެރޭސި ޕްރިމިއަރ ލީގުގެ ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ހުނަރުވެރި ޑިފެންޑަރު ޗާލަރ ސޮޔުންޗޫ ގެ ސޮއި ހޯދުމުގެ ގާބިލުކަން ހުރި ހަމައެކަނި ކުލަބަކީ ލިވަޕޫލް ކަމަށް އޭނާގެ އެޖެންޓް ބުނެފިއެވެ.

ފާއިތުވެދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އިނގެރޭސި ވިލާތާއި، ޔޫރަޕުގެ ބައެއް ކުލަބުތަކުން ސޮޔުންޗޫ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ ޚަބަރުތައް ވަރަށް ގަދައަށް ފެތުރިފައިވެއެވެ. އިނގެރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި، މެންޗެސްޓަރ ޔުނައިޓެޑް ފަދަ ކުލަބުތަކުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތުރުކީ އަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ޒުވާން ހުނަރުވެރި ޑިފެންޑަރު ބުންޑަސްލީގާގެ ކުލަބެއް ކަމަށްވާ ފްރެއިބާގުން ލެސްޓާ ސިޓީ އަށް 2018 ވަނަ އަހަރު ބަދަލުވީ ގާތްގަނޑަކަށް 19 މިލިއަން ޕައުންޑުގެ އަގަކަށެވެ. މިއަހަރުގެ ޖޫން މަހުގައި އޮންނަ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ވާޖިލް ވެން ޑައިކް އާއި އެކު، ލިވަޕޫލް ގެ ފަހަތުގައި ކުޅޭނެ މޮޅު ކުޅުންތެރިއެއް ހޯދަން ޖެހޭ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ގެންދަނީ ބުނަމުންނެވެ. އެކަމާއި ބެހޭގޮތުން ސޮޔުންޗޫ ގެ އެޖެންޓާއި ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އިނގެރޭސި ޕްރިމިއަރ ލީގުގައި ހަމައެކަނި ސޮޔުންޗޫ ގެ ސޮއި ހޯދޭނެ ކުލަބަކަށް އޮތީ ޔޫރަޕުގެ ޗެމްޕިއަނުން ލިވަޕޫލް ކަމަށެވެ.

“އަންނަ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ސޮޔުންޗޫ ބާސެލޯނާ އަށް ބަދަލުވުމަކީ ވެސް ވެދާނެ ކަމެއް. ސޮޔުންޗޫ ގެ ކުރީގެ ކުލަބު އަލްޓިނޯޑު އަށް ކުޅެނިކޮށް ބާސެލޯނާ އިން އޭނާ ހޯދުމަށް މަސައްކަތް ކުރި. އަހަރެމެން ބާސެލޯނާ އާ އެކު މަޝްވަރާތައް ވެސް ކުރިއަށް ގެންދިޔައިން. އެކަމަކު އަހަރެމެން ގަބޫލުކުރާ ގޮތުގައި އޭނާ ދާން ޖެހޭނީ ފުރަތަަމަ އެގާރައިން ގަވާއިދުން ޖާގަ ލިބޭ ކުލަބަކަށް.”

ސްޕެއިންގެ ކުޅިވަރު ނޫހެއް ކަމަށްވާ “އޭ.އެސް” އާ ވާހަކަ ދައްކަމުން ސޮޔުންޗޫ ގެ އެޖެންޓް މުސްޠަފާ ޑޮގްރޫ ބުންޏެވެ.

“އަހަރެންނަށް ގަބޫލުކުރެވޭ ގޮތުގައި އިނގިރޭސި ޕްރިމިއަރ ލީގުން ސޮޔުންޗޫ ގެ ސޮއި ހޯދުމުގެ ގާބިލުކަން ހުރީ ހަމައެކަނި ލިވަޕޫލް ގެ ކިބައިގައި. އެއީ އޭނާގެ އަގުގެ ގޮތުން. އެކަމަކު އަހަރެމެން ހަނދާން ނައްތާލައިގެން ނުވާނެ ފްރާންސްގެ ޕީއެސްޖީ ފަދަ ޓީމުތައް. އެއީ ސަޕްރައިޒް އަކަށް ވެދާނެ.”

މުސްތަފާ ޑޮގްރޫ އިތުރަށް ބުނެފައިވެއެވެ.

ލެސްޓާ ސިޓީ އަށް ބަދަލުވި ފަހުން އެޓީމުގެ ފަހަތުގައި ސޮޔުންޗޫ އަންނަނީ މޮޅު ކުޅުމެއް ދައްކަމުން ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.