ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިއުފެއްދުމާއި އަދި ޤުރުއާން ކިޔަވައި އެކަމުން ކުރިޔަށް ދިޔުމަށް ހިތްވަރުދިނުމަށް މުނިއަވަސް އިން ބާއްވާ ”މުނިއަވަސް ކުޑަކުދިންގެ ޤުރުއާން މުބާރާތް 1441″ އަށް ހީވެސް ނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް މުބާރާތް އިންތިޒާމުކުރާ ކޮމެޓީން ބުނެފިއެވެ.

“މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން އެެދެމުން އަންނަނީ މުބާރާތުގައި ބައިވެރިކޮށްދިނުމަށް. ނަމަވެސް ކޮންމެ ކަމަކަށްވެސް ވަގުތެއް އޮންނަ ފަދައިން، ނަން ނޯޓުކޮށްލަށް އަޅުގަނޑުމެން ހުށައެޅި ވަގުތު ވަނީ ފާއިތުވެފައި. އެހެންކަމުން އިތުރު ފުރުޞަތެއް ދޭން އަޅުގަނޑުމެން ކިތަންމެ ބޭނުންވިޔަސް އެކަން ކޮށްދެވެން ނެތްކަން ވަރަށް މަޢާފާއެކު ދަންނަވަމުން މި ދަނީ.” މުބާރާތް އިންތިޒާމުކުރާ ކޮމެޓީން ބުންޏެވެ.

މިމަހު 14 ވަނަ ދުވަހުގެ ނިޔަލަށް، މި މުބާރާތުގައި ބައިވެރިވާން ނަންނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ބައިވެރިވުމަށް 217 އަށް ވުރެން ގިނަ ފަރާތުން ނަންނޯޓްކުރިއެވެ. ނަން ނޯޓްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މުބާރާތުގައި ބައިވެރިކުރާ އުމުރުފުރާއަށް ފެތޭ ދަރިވަރުން ޝޯޓްލިސްޓްކޮށްފައ ިވާއިރު، 190 ވަރަކަށް ދަރިވަރުން ހިމެނެއެވެ.

މުބާރާތަށް ގިނަ ޢަދަދެއްގެ ވީޑިއޯތައް ލިބިފައިވާއިރު، ވީޑިއޯ ހުށައެޅުމަށް ހުޅުވާލާފައިވާ އެންމެ ފަހު ތާރީޚަކީ 20 މެއި 2020 ވާ ބުދަ ދުވަހުގެ ރޭ 23:00 އާއި ހަމައަށެވެ.

އިއްޔަ ރެކޯޑްސްއާއި ޑީބީ ރެކޯޑްސް އިން ސްޕޮންސަރކޮށްފައިވާ މި މުބާރާތަށް ހުށައަޅާ ވީޑިއޯތައް މުނިއަވަސްގެ ފޭސްބްކް ޕޭޖް މެދުވެރިކޮށް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ރަނގަޅު ފެންވަރަކަށް އެޑިޓްކޮށް، އެއް ތަންގަނޑަކަށެވެ. ވީޑިއޯތައް ޝާއިއުކުރަން ފަށާނީ މިމަހު 21ގެ ފަހުގެ ތާރީޚެއްގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.