މިއީ “މުނިއަވަސް – ކުރު ވާހަކަ މުބާރާތް 1441” އަށް ލިޔުންތެރިޔާ ފޮނުއްވެވި ވާހަކަ، ފޮނުއްވި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ޝާއިޢުކޮށްފައިވާ ޝާއިޢުކުރުމެކެވެ.

އާދައިގެ މަތިން މިއަދުވެސް ނޫރާ ޓިއުޝަން ނިންމާލުމަށްފަހު ގެއަށް އެނބުރި އެދަނީ ފެންކަޅިވެ ހުރެ މާޔޫސްކަމާއެކުއެވެ. ނަމަވެސް އުމުރުން ސާދަ އަހަރުގައި ދިމާވަމުން މިދާ ހިތާމަވެރި ކޮޅިގަނޑުގެ ވާހަކަ އިތުރު މީހަކާ ހިއްސާ ކުރުމުގެ ހިތްވަރެއް ނޫރާގެ ކިބަޔަކުނެތެވެ. ހަށިގަނޑަށް ލިބެމުންދާ އަނިޔާ ތަކާއި ހިތަށް އަޅަމުންދާ ވޭންތައް އެންމެ ލޯބިވާ ނޫރާގެ މަންމާ އާއި ހިއްސާކުރުމަށްވެސް ނޫރާ ވަނީ ނުކުޅެދިފައެވެ. ގެއަށް އައިސް ވަދެވުމާއެކީ މިއަދުވެސް މަންމަ ކައިރީ ޝަކުވާކުރަން ފެށިއެވެ. މިއީ ނޫރާގެ މަންމަ ނާހިދާއަށް އާ ވާހަކަތަކެއް ނޫނެވެ.

މަންމާ.. އަޅުގަނޑު ދެން ބޭނުމެއް ނޫނޭ އެއްވެސް މާއްދާއަކުން ޓިއުޝަން ނަގާކަށް. ޙާއްސަކޮށް އެކައުންޓުން. މަންމާ އަޅުގަނޑު ގުރޫޕް ސްޓަޑީ ކޮށްގެން އެކައުންޓް ދަސްކުރާނަމޭ..

މިހާރު ކޮންމެ ދުވަހަކު އެއް ވާހަކައެއް ތިކިޔަނީ ކީއްވެގެންތަ؟ ދަރިފުޅު އެކައުންޓަށް އަބަދުވެސް ދަށްވީމައޭ ހުޒާމުބޭ ކައިރިޔަށް ކޮންމެ ދުވަހަކު ފޮނުވަނީ.. ރަށްޓެހިންނާއެކީ ކިޔަވަން އުޅުނީމަ ދަސްކުރާކަށް ނޫޅެވޭނެ. އެހެން ކަންތަކާ އުޅެވޭނީ..

ނާހިދާ ކުރި ސުވާލަށް ނޫރާ ކިތަންމެ ޖަވާބުދޭން ބޭނުންވިޔަސް އެވާހަކަތަށް ކިޔައިދޭނީ ކިހިނެއްހެއްޔެވެ؟ ހުޒާމަކީ ނާހިދާގެ ބޮޑުބޭބެއެވެ. ރަށު ސްކޫލްގައި އެކައުންޓް ކިޔަވައިދޭ ޓީޗަރެވެ. ނޫރާ އެކައުންޓުން ދަށްކަމުން ބޮޑުބޭބެގެ އެދުމަށް ނޫރާ އެ މާއްދާއިން ޓިއުޝަން ނަގަން ނާހިދާ އެއްބަސްވީއެވެ.

މަންމަގެ ޖަވާބު އިވިފައި އިތުރަށް ހިތް ނުތަނަވަސްވެ، ނޫރާގޮސް ކޮޓަރިއަށް ވަދެ ކޮނޑުގައި އަޅުވާފައި އޮތް ދަބަސް އެނދުމައްޗަށް އެއްލައިލިއެވެ. އަދި ގޮތް ހުސްވެފައިވާ ނޫރާ އަމިއްލަ މޫނުގައި ދެއަތުން ތަޅަންފެށިއެވެ. އަމިއްލަ ހަށިގަނޑުދެކެ މިހާރު ނޫރާ ނަފްރަތު ކުރާކަހަލައެވެ. ކޮންމެ ދުވަހަކު އެހަށިގަނޑަށް
އަމިއްލަ އަތުން ޒަޚަމް ދެމުންދެއެވެ. އެ ހަށިގަނޑުގައި އަތްލުމުން އެކުރުވާ އިޙްސާސްތައް ނޫރާއަށް އުނދަގޫ ކުރުވާތީއެވެ.

ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަށް ފޮހެލަމުން އެނދުމަތީ ނޫރާ އިށީނުމަށްފަހު ފުންނޭވާއެއްލިއެވެ. އެހިޔާލުތަކުން ދުރުވެވޭތޯއެވެ. ނަމަވެސް ލޯމަރާލާ ކޮންމެ ފަހަރަކު ސިފަވެގެންދަނީ އެނުލަފާ މޫނެވެ. އަދި އިޙްސާސް ވެގެންދަނީ ނޫރާގެ ހަޔާތް ބަރުބާދުކޮށްލުމަށް އަތުކުރި އޮޅާލައިގެން ހުރި ނޫރާގެ ބޮޑުބޭބެ ހުޒާމުގެ އެ ބީހުންތަކެވެ.

ޓިއުޝަން ދިނުމުގެ ބަހާނާ ދައްކާ ނޫރާ ހުޒާމުގެ ކައިރިޔަށް ގެނައުމުގެ ބޭނުމަކީ ހުޒާމުގެ އެކަނިވެރިކަން ފިލުވާ ނޫރާގެ ކިބައިން ނާޖާއިޒުފައިދާ ނެގުމެވެ. ނޫރާގެ ހަށިގަނޑުން އުފާލިބިގަތުމަށެވެ. ކޮންމެ ދުވަހެއްގެ އެވަގުތު ކޮޅުގައި ނޫރާގެ ނުރުހުމުގައި ހުޒާމު އެތަށް އަނިޔާއެއް ނޫރާއަށް ދެމުންދެއެވެ. ޖިސްމާނީގޮތުން އެއްވެސް އަނިޔާއެއް ނުފެނުނަސް ނަފްސާނީގޮތުން ނުރާގެ ހިތާއި ސިކުނޑިވަނީ އެއަނިޔާގެ ޝިކާރައަކަށްވެފައެވެ.

ޖެހިގެން އައިދުވަހުވެސް ހިއްވަރުކޮށްފައި ބޮޑުބޭބެގެއަށް ދާން ނޫރާ ހިނގައިގަތެވެ. ހުޒާމުގެ ގެއާއި ކައިރިވިހެން ނޫރާގެ ފިޔަވަޅުތައް ދިޔައީ ލަސްވަމުންނެވެ. ނޫރާގެ ހިތުގެ ވިންދު އަވަސްވަމުންދިޔައިރު އެގެއަށް ނުދިޔުމަށް ނޫރާގެ ސިކުނޑި ވިސްނައިދެމުންދިޔައެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ނޫރާގެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި ފަސް އެނބުރި ދުއްވައިގަތީ ސިކުނޑިއަށް އައި މޮޅު ހިޔާލަކުންނެވެ. ދުވެމުންގޮސް ނޫރާގެ އެންމެ ގާތް އެކުވެރިޔާ މުނާގެއަށް ގޮސް ވަނެވެ. އަދި ކޮންމެ ދުވަހަކު މިގަޑީ އެގެއަށް ފިލާވަޅު ދަސްކުރަން އަންނަން މަންމަ އެއްބަސްވިކަމަށް ބުނެ ދޮގުހެދިއެވެ. އެނބުރި ގެއަށް ދިޔުމުން މަންމަގެ ސުވާލުތަކަށް ޖަވާބު ދޭން ބޭނުންނުވާތީއެވެ. ޓިއުޝަނަށް ދާކަމަށް ބުނެ މަންމައަށްވެސް އޮޅުވާލިއެވެ.

މިގޮތަށް ހަފްތާއެއް ފާއިތުވިއިރު ހުޒާމުގެ ނަފްސުގެ އެދުންތައް ކެކިއަރަންފެށިއެވެ. ނޫރާގެ ރޭވުން ފަހުމް ވުމުން ހުޒާމު ނިންމީ ނޫރާ ގެއަށް ޓިއުޝަންދޭން ދިއުމަށެވެ.

ހުޒާމުގެ ކިބައިން ސަލާމަތް ވެވުނުކަމުގެ އުއްމީދުގައި ހުރި ނޫރާ ދެލޯބޮޑުވީ ޖެހިގެން އައިދުވަހު ހުޒާމު އެގެއަށް އައީމައެވެ. ނަމަވެސް ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބިގެންދިޔައީ މަންމަގެ ކުރިމަތީގައި އެފަދަ ނުލަފާ އަމަލެއް ކުރަން ނުކެރޭނެކަން އެނގޭތީއެވެ. ނަމަވެސް ހުޒާމުގެ ރޭވުން މާ މަކަރުވެރިއެވެ.

ނާހިދާ.. އަހަރެން ބޭނުމެއްނޫން މިވަގުތުކޮޅު ނާހިދާ ގޭގަ މަޑުކުރާކަށް. ނޫރާއަށް އެއްޗެއް ދަސްވަނީ ވަރަށް އުނދަގުލުން. ނާހިދާ ގޭތެރޭ އެކި ކަންކަމުގަ އުޅެންޔާ ނޫރާގެ ސިކުނޑި މިކަމުގެ ތެރެއަށް ނުވަންނާނެ. އެހެންވެ ކުރިންވެސް ބުނީ އަހަރެމެން ގެއަށް އަންނަން. ދެން އެކަމަކު ނޫރާ މިގޮތް ބޭނުންވަންޏާ މިކަމުގަ ނާހިދާ އެއްބާރުލުން ދީ.

ހުޒާމު ބޭނުންވާގޮތަށް ނާހިދާ އެވަގުތުކޮޅަށް އެގެއިން ފޮނުވާލުމުގައި ކާމިޔާބުވިއެވެ. އަނެއްކާވެސް ނޫރާގެ ދިރިއުޅުން އަދިރިވެގެންދިޔަފަދައެވެ. ހުޒާމުގެ އަމަލުތައް ކުރިޔަށްވުރެ މިހާރު މައްޗަށްދާކަން ނޫރާއަށް ވިސްނެމުންދިޔައެވެ. ނަމަވެސް ނޫރާގެ ބަންދުވެފައިވާ ދުލުން މިވާހަކަތައް މަންމައަށް ކިޔާދޭނެ ހިތްވަރެއް އަދިވެސް ނުލިބެއެވެ. ބިރުގަންނަނީއެވެ. ނޫރާގެ ވާހަކަތަކަށް މަންމަ ބީރުކަންފަތެއް ދީފާނެތީއެވެ.

ދުވަސްތައް މިގޮތުގައި ތަކުރާރުވަމުން ދިޔައެވެ. އާދައިގެ މަތިން މިއަދުވެސް ނާހިދާ ނުކުމެގެން ދިޔައީ ހުޒާމު އައުމުންނެވެ. މިއަދު ހުޒާމުގެ މޫނުން ފެންނަނީ މުޅިން އާކުލަވަރެކެވެ. އައިގޮތަށްގޮސް ނޫރާގެ ކޮޓަރިއަށް ވަނެވެ. އެވަގުތު ނިދިފައިއޮތް ނޫރާފެނި ހުޒާމަށް ކެތެއްނުކުރެވުނެވެ. ބާރު ހިނގުމެއްގައި ގޮސް ނޫރާގެ މަގަތުގައި އިށީނެވެ. ސިއްސައިގެންގޮސް ނޫރާއަށް ހޭލެވުނީ މީހަކު އެހަށިގަނޑުގައި ބީހެމުންދާކަމުގެ ބިރުވެރި އިޙްސާސްކުރެވުމުންނެވެ.

ހުޒާމުގެ މޫނުމަތިން ފެންނަންހުރި ކުލަވަރު ފެނި މިއަދު ނޫރާއަށް ސަލާމަތެއްނެތްކަން ޔަޤީންވިއެވެ. ތެޅެމުންދިޔަ ހިތާއެކު ނޫރާ ތެދުވެގެން ކޮޓަރިން ނިކުންނަށް ދުއްވައިގަތެވެ. ނަމަވެސް ފަހަތުން އައި ހުޒާމު ނޫރާ ހިފެހެއްޓިއެވެ. އަދި ފުރަތަމަ ފަހަރަށް ނޫރާގެ އިއްފަތްތެރިކަން ނަގައިލުމަށް ހުޒާމު ތައްޔާރުވިއެވެ. ލައިގެންހުރި މަޑު ނޫކުލައިގެ ޓިޝާޓުކޮޅުގެ އެތަންމިތަނުގައި ވަކި އަޅާ ވަކިކުރަމުން ހުޒާމުދިޔައެވެ. ހުޒާމުގެ މިއަމަލުފެނި އިތުރަށް އެންމެ ސިކުންތަކުވެސް މަޑުންހުންނަށް ނޫރާ ބޭނުންނުވިއެވެ. ރުޅިވެރިކަމުގެ އަލިފާން ނޫރާގެ ހިތުގައި އަނދަންފެށިއެވެ. އަދި މިކަމުން ސަލާމަތްވާނެ ގޮތަކާއިމެދު ވިސްނަންފެށިއެވެ. އަދި އެވަގުތު ކުޑަދޮރުކައިރީ އިން ބިއްލޫރި ވާސް ނޫރާގެ ލޮލުގައި އަޅައިގަތެވެ. ލެވުނުހާ ބާރެއްލައި ހުޒާމުގެ ވަކިތަކުން ސަލާމަތްވެ، ދުވެފައިގޮސް ވާސް ނަގައި ހުޒާމުގެ ބޮލުގައި ޖެހިއެވެ. ނޫރާއަށް ޖެހުނުލެއް ބާރުކަމުން އެންމެ ސިކުންތަކުވެސް ހުޒާމަށް ކޮޅަށްނުހުރެވުނެވެ. ހުޒާމު ބިއްމައްޗަށް ވެއްޓިގެންދިޔައިރު ހުޒާމުގެ ބޮލުން ލޭއަންނަމުންދިޔައެވެ.

ދެގަޑިއިރުވީއިރުވެސް ހުޒާމުގެ ޚަބަރެއް ނުވުމުން ބޭރު ޖޯލީގައި އިން ނާހިދާ ގޮސް ގޭތެރެއަށްވަނެވެ. އެވަގުތު ނޫރާގެ ރޮވުމުގެ އަޑު ކޮޓަރިތެރޭން އިވުމުން ކޮޓަރިއާ ދިމާއަށް ދިއުމަށް ނާހިދާގެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ.

ކޮޓަރި ދޮރު ހުޅުވާލުމާއެކު، ނާހިދާގެ ދެލޯ ބޮޑުވެގެންދިޔައީ ބިންމަތީގައި ލެއިން ފޯވެފައި އޮތް ހުޒާމުފެނިއެވެ. ބަސްހުއްޓިފައި ހުރެ، ކޮޓަރި ކަނެއްގައި އިށީންދެއިން ނޫރާއަށް ބަލައިލިއެވެ. އެވަގުތު ދަރިފުޅު އިން ހާލަތުފެނި ކަންތައްވެގެންދިޔަގޮތް ނާހިދާއަށް ވިސްނުނެވެ. ނޫރާގެ ދެލޮލުން ކިޔައިދެމުންދިޔަ ހުރިހާ އެއްޗެއް މިއަދު ނާހިދާއަށް ނަގައިގަނެވުނެވެ. ނަމަވެސް ދަރިފުޅު ކުރަމުންދިޔަ އާދޭސް ތަކާއި ޝަކުވާތަށް ނާހިދާއަށް އެނގުނުއިރު ވަގުތުފާއިތުވެ، ނޫރާގެ ދިރިއުޅުން ބަރުބާދުވެއްޖެއެވެ.
-ނިމުނީ-

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒަހްރާ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް