މިއީ “މުނިއަވަސް – ކުރު ވާހަކަ މުބާރާތް 1441” އަށް ލިޔުންތެރިޔާ ފޮނުއްވެވި ވާހަކަ، ފޮނުއްވި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ޝާއިޢުކޮށްފައިވާ ޝާއިޢުކުރުމެކެވެ.

ކަށީގެ މަދުން ހިތްވަރު ނެރެގެން ސަކީނާ ދުވަމުން ދިޔައީ ދުވެވުނުހާ ބާރަކަށެވެ. ހުޅުރޯވެ އަދަމުން ދިޔަ އޭނާގެ ޖިސްމުން ހަށިގަނޑުގައި އަޅަމުން ދިޔައީ އިންތިހާ ދަރަޖައިގެ ވޭނެވެ. ގައިގައި ހިފާފައިހުރި އަލިފާން، އޭނާ ލައިގެން ހުރި ހެދުމާއެކު ހަންގަނޑު ފިއްސާލާ މަސްގަނޑު ފޫއަޅުވަމުން ދިޔައެވެ. ބާކީ ހުރި ފުރާނަޔައިގެން އޭނާ ދުވަމުން ދިޔައީ ރަށުގެ ސިއްހީ މަރުކަޒާ ދިމާއަށެވެ. މަންޒަރު ބަލަން ނުކުމެ ތިބި މީހުން އާގަމަވެފައި ތިބީއެވެ. އެކަކުވެސް ކައިރިވާކަށް ބޭނުމެއް ނުވިއެވެ. ނުވަތަ އަނދަ އަނދާ ހުރި އަލިފާންގަނޑަކާއި ކައިރިވާން ނުކެރިފައި ތިބީއެވެ. ސަކީނާގެ ހަށިގަނޑުގައި ހުރީ މަދު ހިތްވަރެއް ނަމަވެސް ފަހުނޭވަޔާއި ހަމަޔަށް ހިންމަތް ކުރަމުން އޭނާ ދިޔައެވެ. އެއީ އޭނާގެ ހަޔާތުގެ ފަހު ވަގުތޭ ހީވި ހިނދު، ވޭތުވެގެން ދިޔަ ހަޔާތް އޭނާގެ ސިކުނޑިން ނިއުޅާލިއެވެ.

ޒަމާނަކީ ރަށްފުށުގެ ސަރަހައްދު ތަރައްގީ ޒަމާނެއް ނޫނެވެ. ރައްޔިތުން ކައިބޮއެ އުޅުނީ އެމީހަކަށް ދަސްވެފައިހުރި، ކުރަން އެނގޭ މަސައްކަތެއް ކޮށްގެންނެވެ. ފައިސާ ހޯދަމުން ދިޔައީ ޖެހުނު މަސައްކަތެއްކޮށްގެންނެވެ. ބައެއް މީހުން މަސްވެރިކަމުންނެވެ. އަނެއްބައި މީހުން ދަނޑުވެރިކަމުންނާއި ރާވެރިކަމުންނެވެ. ނޯކިރީ ކުރަމުންދިޔަ މީހުންނެއްވެސް މަދެއް ނޫނެވެ. ކިތަންމެ ކުރާ ހިތް ނުވިޔަސް މަޖުބޫރުވީތީއެވެ.

ސަކީނާއަކީ ވެސް މިބުނި ފަދަ މަޖުބޫރީ ހާލަތެއްގެވެރިއެވެ. ބާލިޣުނުވާ ދެ ދަރިންގެ ޒިންމާ ސަކީނާ ބޮލަށް ޖެހުމަށްފަހު އޭނާގެ ފިރިމީހާ އޭނާ ވަރިކޮށްލާފައި ދިޔަފަހުން، ދިރިއުޅުމައިގެން މަގުމައްޗަށް ނުކުންނަން އޭނާގެ ހާލަތު އޭނާއަށް މަޖުބޫރުކުރީއެވެ. އެގޮތުން މުއްސަނދިންގެ ގޭގޭގައި ނޯކަރީ ކުރުމުގައި ހަޔާތުގެ ބޮޑުބައި ހޭދަކުރަން ޖެހުނެވެ. ދަރިންގެ ހައްގުގައެވެ. އަމިއްލަ ބަނޑުފުރާނަ މުއްތި ކުރާނެ ފަދަ ހޯދުމަށެވެ.

ލިބޭ އެއްޗަކުން ފުދި ބާކީވާ މީހުންނަކީ އޭރުގައި މުއްސަނދިންނެވެ. އެއީ އެޒަމާނުގައި މަދުބައެކެވެ. މީހަކަށް އެއްޗެއް ދިއްކޮށްލާނެ ފަދަ މީހުންނަކީ އެއީއެވެ. އޭގެ ތެރެއިން ބައެއް މީހުން ހެޔޮ ވާނެއެވެ. ނިކަމެތިންނަށް އަޅާލައެވެ. އަނެއްބައި މީހުންނަކީ އަމިއްލައެދުމުގެ ވެރިންނެވެ. އެހެންމީހަކާ ދޭތެރޭ އެމީހުން ނުވިސްނައެވެ.

ސަކީނާގެ ހަޔާތް އަނދަވަޅަކަށް ވައްޓާލީ މިބުނި ފަދަ މުއްސަންޖެކެވެ. ވަޒީފާގެ ގޮތުން ނޯކަރީ ކުރަން އެގެއަށް ގޮސް އުޅުނު ދުވަހަކު ރައްޒާގަށް ސަކީނާ ފެނުނީ، ވިޔަފާރިއަށް ބޭނުންވާ މުދާ ހިފައިގެން ރަށަށް ގޮސްހުރި ހުރުމުގެ ތެރެއިންނެވެ. ރައްޒާގަކީ އެރަށު މީހެއް ނަމަވެސް އޭނާ ދިރިއުޅެނީ މާލޭގައެވެ. ރަށުގައި ތިބެނީ އޭނާގެ އަނބިދަރިންނެވެ. ދެން އޮންނަނީ އޭނާ ކުރާ ވިޔަފާރިއެވެ.

ނިކަމެއްޗަކަސް ސަކީނާއަކީ ފިރިހެނުން ހިތްކިޔާފަދަ ސިފަތަކެއް ލިބިގެންވީ އަންހެނެކެވެ. ބައްޓަން ރީތި ބަނިޔާދަން ހަށިގަނޑަކާއި އަލި ހަންގަނޑެއްގެ ވެރިއެވެ. ތަންތަން ފޮޅާ ސާފު ކުރުމަށް ގުދުވެލާފައި ތެދުވާއިރު ރައްޒާގުގެ ހިއްސުތައް ހޭލައްވާލައެވެ. އެހެންކަމުން ކެތްތެރިކަން ކުޑަވީ ރައްޒާގުގެއެވެ. ކޮންމެ ހާލެއްގައި ނަމަވެސް ސަކީނާގެ ބޭނުން ހިފާލަން ރައްޒާގު ބޭނުންވީ އެކަމަށް އެދި އޭނާ ފެންބޮވައިގެންލެއް ބޮޑުކަމުންނެެވެ. ރައްޒާގު ހިފީ އޭނާއަށް ވިސްނުނު އެންމެ މޮޅު ގޮތުގައެވެ. ސަކީނާގެ ބަލިފައިގައެވެ. އެތައްބައިވަރު ފައިސާއެއް ސަކީނާގެ ފައިދޮށަށް އޮއްސާލީ ކާމިޔާބުގެ އަތުގައި ހިފައިގެން ހުރެއެވެ. ފަސޭހައިގައި ދިރިއުޅެން ސަކީނާވެސް ބޭނުންވީތީ އެގޮތަށް ރުހުނީއެވެ.

ރައްޒާގުގެ ކުޅޭކުޅޭ ބުދަށް ސަކީނާ ވެގެންދިޔައެވެ. އޭނާގެ ރޭގަނޑުގެ މުނިފޫހިފިލުވާދީ ދާންމަތި ފަޅުފިލުވާދޭ މެހެމާނަކީވެސް ސަކީނާއެވެ. ސަކީނާގެ ހުރި ކުޅަދާނަކަމުން އަނގަ ހިރުވީވެސް ރައްޒާގުގެއެވެ. ދުވަސްކޮޅެއްގެ ތެރޭގައި، މުއްސަނދިންގެ ވިއުގާގައި ސަކީނާގެ ނަންވިދާލީ ރައްޒާގުގެ އަނގަ ހިރުވިލެއް ބޮޑުކަމުންނެވެ. ސަކީނާ ނޯކަރީ ކުރުން ހުއްޓާލާ އޭނާގެ ކިއްލާ މުއްސަނދިންނަށް ހުޅުވާލިއެވެ. ސަކީނާގެ ނިކަމެތި ޖިފުޓިގަނޑަށް މުއްސަނދިން ކުރާ ހޭދަ އިތުރުވެގެން ދިޔައެވެ. އަދި އެކިއްލާއަށް ޒިޔާރަތް ކުރާ މުއްސަނދިންވެސް ވީއިތުރެވެ.

ސަކީނާގެ ބޮޑުވަމުން އައި ކުދިންނަށް ފެނުނީ ކުރިއަރަމުން ދިޔަ އެމީހުންގެ ދިރިއުޅުމެވެ. ކުރިން ކުރިހެން ސަކީނާ ބުރަ މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ. ދެން ފެންނަނީ އެގެއަށް ޒިޔާރަތްކުރާ ދީލަތި ބޭބެ ތަކެކެވެ. ނަމަވެސް ސަކީނާގެ ދޮށީ އަންހެން ދަރި ފަޒްލާއަކީ އަނގަ ގަދަ ކުއްޖެކެވެ. ކަންކަން ހޯދަން ބޭނުންވާ ކުއްޖެކެވެ. އެއާ ޖެހިގެން ހުރި ފިރިހެން ދަރި ފަޒީލަކީ ފަޒްލާއާއި ދިމާ އިދިކޮޅެވެ. ކިޔަމަންތެރި ބަސްއަހާ ކުއްޖެކެވެ. އެމީހުންގެ ދިރިއުޅުމަށް އަންނަމުން ދިޔަ ބަދަލާ ބެހޭ ގޮތުން ފަޒްލާ ސުވާލު ކުރާ ކޮންމެ ފަހަރަކު ސަކީނާ ދިފާއުކޮށްދެނީ ފަޒީލެވެ. ކުރިން ނުލިބިފައި މިހާރު ލިބޭ ކަމަށްޓަކައި ޝުކުރުކޮށްގެން ހުރުމަށް ފަޒީލް ބުނަމުން ދިޔައެވެ.

ސަކީނާގެ ދަރިން ފުރާވަރަށް އެޅިއިރު ރަށު ތެރޭގައި ސަކީނާގެ މުޑުދާރު ވާހަކަ އޮތީ ފެތުރިފައެވެ. މަސައްކަތެއް ނުކޮށް ހެދެމުން ދިޔަ ގެއާއި، އެމީހުންނަށް ލިބެމުން ދިޔަ ތަކެތީގެ ހަގީގަތް އޮތީ ފަޅާއަރާފައެވެ. ނަމަވެސް ޔަގީންކޮށް ބުނަން މީހަކަށް ނޭނގިފައި އޮތީ “ވަގު ނުހިފޭތީއެވެ.” އެހެންނަމަވެސް ފަޒްލާގެ ކަންފަތަށް އެއަޑުތައް އިވިގެން ދިއުމުން އޭނާ ވިސްނިއެވެ. މީހުން ދައްކާ ވާހަކައިގެ ދެކޮޅު ދިމާވާކަމަށް އޭނާއަށް ވިސްނުނެވެ. ފަޒްލާގެ ވާހަކަތައް ފަޒީލު ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ފަޒްލާއަކީ އަބަދުވެސް މަންމައާއި ޖައްސާލާފައި ހުންނަ ކުއްޖެއް ކަމަށް ފަޒީލުދެކެއެވެ. ނަމަވެސް ވިސްނާލުމުން އެކަމުގައި ހަގީގަތެއް ވާކަން ފަޒީލަށްވެސް ފަހުމްވެއެވެ. މަންމަދެކެވާ ލޯތްބެއްގެ ބޮޑުކަމުން ގަބޫލުކުރަން ބޭނުން ނުވަނީއެވެ.

އެއްރޭގެ ދަންވަރެއްގައި ވަގު ހިފުނީ ފަޒްލާއަށެވެ. ފެންބޮވައިގަނެގެން ބަދިގެއަށް ދިޔަ މަގުމަތީގައި ސަކީނާގެ ކޮޓަރިން ފިރިހެނަކު ނުކުމެގެން ދިޔަ މަންޒަރު ފަޒްލާއަށް ފެނުނީއެވެ. ބަލާކަށް ނުހުރެ ފަޒްލާ ގޮސް ސަކީނާ ކޮޓަރީގެ ދޮރު ހުޅުވާލިއިރު ސަކީނާ ހެދުންލާ ނިވާވަނީއެވެ. ހުރިހާކަމެއް ފަޒްލާ ލޮލުންދެކެ އަތުން ހިފީއެވެ. ދެމައިންގެ މެދުގައިވި އަރާރުންގަނޑު ހޫނުވެ ފަޒީލަށްވެސް ހޭލެވުނީއެވެ. ކުރަމުން ދިޔަ ޒުވާބުގެ ތެރެއިން ސަކީނާ އެއްބަސްވިއެވެ. އޭނާގެ މުޑުދާރު ދިރިއުޅުން ދަރިންނަށް ބޭޒާރުވީއެވެ. އެހިސާބުންވެސް ފަޒީލް ހިފެހެއްޓީ މަންމަގެ ކޮނޑުގައެވެ. ފޮހެދިނީ މަންމަގެ ލޮލުން އޮހޮރުނު ކަރުނައެވެ. ހާލަތާއެކު މަންމައަށް މަޖުބޫރުވީ ކަމަށް ފަޒީލް ބުނަމުން ދިޔައެވެ. އަދި އެނޫން ގޮތެއް ނެތްކަމުގައިވެސް ބުނަމުންދިޔައެވެ. އައި ރުޅީގައި ފަޒްލާ ބޭނުންވީ ނުކުމެގެންދާށެވެ. ނަމަވެސް ދާނެ ވަކި އިތުރު ތަނެއް ކޮބާ ހެއްޔެވެ؟ އެންމެފަހުން އެއްބަސްވެވުނީ އާއިލާގެ އެސިއްރު އާއިލާ ތެރޭގައި ދަމަހައްޓާ ދިރިއުޅުމައިގެން ކުރިއަށްދާށެވެ. ފަޒްލާވެސް އެރޭ ނިންމުމެއް ނިންމިއެވެ. އޭނާވެސް އުޅޭނެ ގޮތަކަށް އުޅޭށެވެ.
ސަމީރާއި ސަކީނާ ދިމާވީ ސަކީނާގެ އެ މުޑުދާރު ވިޔަފާރީގެ ތެރެއިންނެވެ. އެހެން މީހުންނާއި ޚިލާފަށް ސަމީރު ސަކީނާ ހާސިލްކުރަން ބޭނުންވީ އެހެން ގޮތަކުންނެވެ. ސަމީރު ބޭނުންވީ ސަކީނާއާއި ކައިވެނިކޮށް، އުމުރަށް އޭނާގެ މިލްކަކަށް ހަދާށެވެ. ލޯބިވާ ކަމަށް ސަމީރު ބުންޏެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ސަމީރުވީ ޖެލަސްއެވެ. އެހެންމީހުން ސަކީނާގެ ބޭނުން ހިފާތީއެވެ.

ސަކީނާ ކައިވެނީގެ ވާހަކަ ފަޒީލްއާއި މަޝްވަރާކުރި ހިނދު ފަޒީލް ވަގުތުން އެއްބަސްވިއެވެ. ލަހެއް ފަހެއް ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. ސަމީރުގެ ގޮތް ދެނެގަންނާކަށްވެސް ބޭނުމެއް ނުވިއެވެ. މަންމައަށް ރަނގަޅިއްޔާ ރަނގަޅުކަމަށް ބުނެ ކައިވެނި އަވަސް ކުރުމަށް ފަޒީލް ބުންޏެވެ. ފަޒީލް ބޭނުންވާހާވެސް ގޮތަކީ ސަކީނާ އެކުރާ ކަންތައް ހުއްޓުމެވެ. ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ސަކީނާ ދުށުމެވެ.

ސަމީރާއި ކައިވެނި ކުރުމަށްފަހު ސަކީނާގެ މުޑުދާރު އުޅުން ދޫކޮށްލިއެވެ. ނަމަވެސް އޭރު ހުރީ އަހިވަކާޖެހި އަހިވައްފާވެފައެވެ. ބޮޑު ސޯބުގެ އެނބުރުމަށް ކުޑަ ސޯބު އެނބުރެން ފަށާފައެވެ. ސަކީނާގެ އުޅުން ފަޒްލާ ހުރީ ނަކަލުކޮށްފައެވެ. ހިތާމަ ކުރި ނަމަވެސް ދެން ކުރެވޭނެ ކަމެއް ސަކީނާއަކަށް ނެތެވެ. އެޅިފައިއޮތީ ޅައެއްޗެކެވެ. ސަކީނާއަށް ހިތްވަރު ލިބެނީ އޭނާދެކެ އިންތިހާއަށް ލޯބިވާ ދަރި ފަޒީލް ކިބައިންނެވެ.

ސަމީރާއި ކުރެވުނު ކައިވެނިންވެސް ސަކީނާ އުންމީދު ކުރި ދިރިއުޅުމެއް ނުފެނުނެވެ. ސަމީރާއި އެއްއޮޑިއަކަށް އަރާ ދަތުރު ކުރަންފެށުމުން ސަމީރުގެ ގޮތް އެނގެންފެށިއެވެ. ސަމީރުވީ ޚުދުމުހުތާރު ފިރިއެއްކަމުގައެވެ. ސަކީނާއަށް ކުރިމަތިލާންޖެހުނީ އޭނާގެ ފުރަތަމަ ކައިވެނިންވެސް ލިބުނު ފަދަ އަނިޔާވެރިކަމަކާއެވެ. އެއަށްވުރެވެސް ސަމީރުގެ އަނިޔާވެރިކަން ބޮޑެވެ. ދަރިންގެ ކުރިމަތީގައާއި އަވައްޓެރިންގެ ކުރިމަތީގައިވެސް ސަކީނާއަށް އަނިޔާ ކުރެއެވެ. އެމީހުންގެ ކުރިމަތީގައި ސަކީނާ އޮރިޔާންކޮށް ލަދުގަންނަވާ ހަދައެވެ. ސަކީނާގެ ކުރީގެ ދިރިއުޅުމުން ހަޖޫ ޖަހާ މަލާމާތްކޮށް ހެދިއެވެ. ކައިވެންޏަށް އެއްބަސްވެވުނީތީ މޮޔަހީވި ނަމަވެސް ސަކީނާގެ ބުރަކަށީގައި ފިރުމާދިނުން ފިޔަވާ އިތުރުކަމެއް ފަޒީލަށްކޮށްދެވުން ކަމަކަށް ނުވިއެވެ. ކަމާބެހޭފަރާތުން ސަމީރަށް ނަސޭހަތްދީގެންވެސް ސަމީރުގެ އެއުޅުމަށް ބަދަލެއް ނާދެއެވެ.

ސަމީރުގެ އަނިޔާވެރިކަންވީ އިތުރަށް ބޮޑެވެ. ކަންތައްތައް ބޮއްސުންލީ ސަކީނާގެ ފަރާތުން ސަމީރުގެ ހިތްފުރި އެހެން ދިމާލަކަށް އޭނާގެ ނަޒަރު ދީލާލީ ހިސާބުންނެވެ. އުޅުން ނުބައި ކަމަށްބުނެ ފަޒްލާއަށް ސަމީރު އަބަދު ދޭންފެށި ހިސާބުންނެވެ. އެނިކަމެތި އަންހެން ކުއްޖާގެ ނުގަބޫލުން ސަމީރު އެކުއްޖާގެ ބޭނުން ހިފަންފެށީއެވެ. ފަރިވަމުން ފޮޅެމުންދިޔަ ރަނެއް މަލެއްފަދަ އެކުއްޖާގެ ޖިސްމުގެ މައްޗަށް ވެރިވަގަތީއެވެ. ރޮއެ ހޭރުން ފިޔަވާ ސަކީނާއަށް ކުރެވުނު ކަމެއްނެތެވެ. ފަޒީލަކީ ހުރި ބޮލެކެވެ. ފިރިހެނަކަސް ސަމީރު ކުރިމަތީގައި ހުންނަނީ ފުކަކަށްވެފައެވެ. އުފަން ދައްތަގެ ހިމާޔަތުގައި ތެދުވަން ނުކުޅެދިފައެވެ. ދޮންބައްޕަދެކެ ގަންނާ ކުރައްވާ ބިރުންނެވެ.

އެފަހުން އެގޭގެ މާހައުލަކީ ހަމަޖެހޭ މާހައުލަކަށް ނުވެއެވެ. އަރާރުމެއް ނުވާ ދުވާލެއް ނުދެއެވެ. އަޑުންއަޑުނަގާ ރޯނުލާ ރެއެއް ނުދެއެވެ. ސަކީނާ ބޭނުންވަނީ އެހުރިހާ ކަމަކަށް ދާއިމީ ހައްލެކެވެ. ފަޒްލާ ބޭނުންވަނީ އެކަންކަން ނިމިގެން ދާނެ ދުވަހެއް ދެކޭށެވެ. ކުރިންވެސް އަދި މިހާރުވެސް ފަޒީލް ބޭނުންވަނީ އެއާއިލާއަށް ހަމަޖެހުމާއި އުފާވެރިކަމެވެ.

އާދައިގެމަތިން އަރާރުމުގެ ރެއަކަށްފަހު ފަތިހަށް ގޮވާލި ހާލާއެކު ސަކީނާ ތެދުވެ ބަދިގެއަށްވަނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށެވެ. ބަދިގޭގެ މަސައްކަތުގައި މަސްއޫލުވެ އުޅެނިކޮށް ސަކީނާގެ ފުރަގަހުން މީހަކު އޭނާގެ ގަޔަށް ސާފު ތެޔޮ އެއްޗެއް ޖެހިއެވެ. މުޅިމީހާ ތެންމާލިއެވެ. ސިއްސައިގެން ގޮސް ހަޅޭއްލަވައިގަނެ ފުރަގަހަށް އެނބުރު ވަގުތު ސަކީނާއަށް ފެނުނީ އޭނާގެ ގައިގައި ރޯވެގެން އަރައިގެން ދިޔަ ހުޅުގަނޑެވެ. ކުރިމަތީގައި މީހަކު ހުރިކަން އެނގުނު ނަމަވެސް އެއީ ކާކު ސާފެއް ނުވިއެވެ. އަމިއްލަ ސަލާމަތައިގެން ސަކީނާ ގެއިން ނުކުމެ ދުއްވައިގަތެވެ.

ސަކީނާއަށް ކިރިޔާ ސިއްހީ މަރުކަޒަށް ވަދެވުނީއެވެ. އޭނާގެ ހަބަރު ހުސްވެގެން ބިންމައްޗަށް ދެމުނެވެ. އޭރުވެސް އަނދަމުން ދިޔަ އަލިފާން ހުރީ ނުނިވިއެވެ. މީހަކަށް ސަކީނާއާއި ގާތްވެވޭވަރުވީ އޭނާގެ ގަޔަށް ފެންޖަހާ އަލިފާން ނިއްވާލައިގެންނެވެ. ހަބަރު ލިބިގެން ފަޒްލާއާއި ފަޒީލް މަރުކަޒަށް ދިޔައިރު ވަގުތު ފާއިތުވެއްޖެއެވެ. އެމީހުންގެ މަންމަ، އަނިޔާވެރި ދުނިޔެއިން އަނިޔާވެރި ގޮތަކަށް މަރުވެގެން ދިޔައީއެވެ. އެއަނިޔާވެރި އަމަލުގެ ދައުވާ އުފުލުނީ ސަމީރަށެވެ. ސަކީނާގެ ދަރިންނާއި އަވައްޓެރިންވެސް ސަމީރާ ދެކޮޅަށް ހެކިބަސްދިނެވެ. އެކުށުގައި ސަމީރު އެހެން ރަށަކަށް އަރުވާލެވުނެވެ.

އޭގެ އަނެއް ދުވަހަށް އިރުއަރައިގެން އައީ އަނެއްކާވެސް ހިތާމަވެރި ޚަބަރަކުންނެވެ. ފަޒީލް ދަންޖެހިގެން އަމިއްލައަށް މަރުވެފައިވަނިކޮށް ފަޒްލާއަށް ފެނުނެވެ. މަރުވުމުގެ ކުރިން ފަޒީލް ލިޔެފައިވާ ސިޓީ އެއްވެސް ފަޒްލާއަށް ފެނުނެވެ. އޭގައިވަނީ ފަޒީލްއަށް މާފުކުރަން އެދިފައެވެ. އޭނާ ކުރީ ކުށެއް ކަމަށް އިއުތިރާފްވެފައެވެ. ސަކީނާ ގައިގައި ރޯކޮށްލީ ފަޒީލް ކަމަށް ބުނެފައެވެ. ފަޒީލް ބޭނުންވީހާވެސް ކަމަކީ އަނިޔާވެރިކަމުން މަންމަ މިންޖުކުރުމެވެ. ފިރިހެނަކަށްވެ ހުރެ ކުރިމަތިލާން ފަސްޖެހުނީތީ އެގޮތް އޭނާ އިޚްތިޔާރު ކުރީއެވެ. އަނިޔާވެރިއެއްގެ ކިބައިން އެދެމައިން ސަލާމަތް ކުރަން އޭނާ ބޭނުންވީތީއެވެ. ދެން މަންމައަކަށް އިތުރުވޭނެއް ތަހަންމަލް ކުރާކަށް ނުޖެހޭނެ ކަމަށް ފަޒީލް ލިޔެފައި އޮތެވެ. އަދި ފަޒްލާއަކަށްވެސް އެބަލާވެރިކަން ނުޖެހޭނެ ކަމަށް ލިޔެފައި އޮތެވެ. ކޮއްކޮއެއްގެ ޒިންމާ އަދާކުރެވިއްޖެ ކަމަށްވެސް ފަޒީލް ލިޔެފައި އޮތެވެ. އަދި ފަޒްލާ އުފާވެރި ދިރިއުޅުމެއް އުޅުމަށް އެދިފައި އޮތެވެ. ފަޒީލް އެދިޔައީ މަންމަ ކައިރިއަށް ކަމަށްވެސް ލިޔެފައި އޮތެވެ.

ފަޒީލްގެ އެސިޓީ ފަޒްލާ ރައްކާތެރިކަމާއެކު ނައްތާލިއެވެ. އާއިލާގެ އެސިއްރު ކައްވަޅާ ހަމައަށް ގެންދިއުމަށް ނިޔަތްގެނެގެންނެވެ. އަދި މަންމައާއި ކޮއްކޮ ވަކިވެގެންދިޔަ ކަމުގެ ހިތާމަހުރި ނަމަވެސް އަނިޔާވެރިކަމުން މިންޖުވީތީ ޝުކުރު ކުރާ ހާލުގައެވެ. އަޚުލާގު ރަނގަޅު ރިވެތި ދިރިއުޅުމެއް އުޅުމަށް ފަޒްލާ އަޒުމް ކަނޑައެޅިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަބްދުﷲ ޝާހިދު