މިއީ “މުނިއަވަސް – ކުރު ވާހަކަ މުބާރާތް 1441” އަށް ލިޔުންތެރިޔާ ފޮނުއްވެވި ވާހަކަ، ފޮނުއްވި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ޝާއިޢުކޮށްފައިވާ ޝާއިޢުކުރުމެކެވެ.
ޒައިނާގެ މޫނުމަތިން ފާޅުވަމުންދިޔައީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާއި ހާސްކަމެވެ. ކަނޑުން އަރައިގެން އަންނަ ތެތްފިނި ރޯޅިތަކަށްވެސް ޒައިނާގެ އުދާސްކަން ކުޑަކޮށްދިނުމަށް ނުކުޅެދިފައިވާ ކަހަލައެވެ. އެދޮން މޫނުމަތީގައި ދާތިކިތައް ވިދާ ބަބުޅަމުން ދިޔައެވެ. ނޭވާ އަވަސްވެ މަޑު ގިސްލުމެއްގެ އަޑު މުޅި މާޙައުލަށް ފެތުރިގައިވެއެވެ. ކުރެވުނު ކަންތަކާއިމެދު ޒައިނާ އެއްގޮތަކަށްވެސް އުފަލެއް ނުވެއެވެ. އޭގެ ބަދަލުގައި އާދަޔާ ޚިލާފު ބިރަކުން ޒައިނާގެ ހިތްވަނީ ވަށާލާފައެވެ. ކުރެވުނީ ކިހާ ނުބައި ކަމެއްކަން އިޙްސާސްވީއިރު ވަގުތު ފާއިތުވެއްޖެއެވެ. އެބޮޑު ކުށަށް ޒައިނާއަށް އަރައިގަނެވިއްޖެއެވެ. ދުނިޔޭގެ ލަދަށް ފިލަން އެކުށް ކުރެވުނީތީ ޒައިނާއަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެކަން ކަށަވަރެވެ. .
“މަންމާ”، ކުއްލިއަކަށް ފަހަތުން އިވުނު ތުއްތު ކުއްޖެއްގެ އަޑުން ޒައިނާ ދިޔައީ ސިއްސައިގެންނެވެ. މިއޮށް ދަންވަރު އަތިރިމައްޗަށް އެވަރުގެ ކުޑަކުއްޖަކަށް ނާދެވޭނެކަން ނުވަތަ ނުފޮނުވާނެކަން ބުއްދި ސަލާމަތުން ހުރި ހަމަ ކޮންމެ މީހަކަށްމެ އެނގޭނެވެ. ޒައިނާ އަވަސްއަވަހަށް ތެދުވެ ވަށައިގެން ނަޒަރު ހިންގާލިއެވެ. ފަޅުކަމާއި އަނދިރިކަން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ޒައިނާގެ ލޮލަކު އަޅައެއް ނުގަތެވެ. އެހެން ނަމަވެސް އެއަޑު އިވުނުކަން ޒައިނާއަށް ހަމަ ޔަޤީނެވެ. ޒައިނާގެ ހިތަށް ބިރުވެރިކަން ވަދެ ތަފާތު އެކި ވަސްވާސްތަކުން ހިތް ފުރުމާއިއެކު، އަވަސް އަވަހަށް ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. “މަންމާ، އަހަރެން ގެންދޭ، އަހަރެން މަރުވާން ދޫކޮށްލާނީތަ؟’، އިވުނު އަޑާއިއެކު ޒައިނާ ހުރި ތަނަށް ގަނޑުވިއެވެ. ބާރުބާރަށް ތެޅެމުންދިޔަ ހިތުގެ އަޑު ޒައިނާއަށް އިވެމުންދިޔައެވެ. މިވަނީ ކީއްކަން ނޭނގިހުރެ ފަހަތް ބަލައިލުމާއެކު ޒައިނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ފަދަ އިޙްސާސެއް ކުރެވިގެން ދިޔައެވެ. އެދިމާ ބިންމަތީގައި އެއޮތީ ވިހެއި ގޮތަށް ފޫޅުވެސް ނުކަނޑާ ލެޔާއި ތަތްތެޅިފައި އޮތް ތުއްތު ކުއްޖެކެވެ. ބަލަހައްޓައިގެން އޮތީ ސީދާ ޒައިނާ އާއި ދިމާއަށެވެ. އަދި އެތުއްތު އަތާއި ފައި ހަރަކާތްކުރަމުން ދިޔައެވެ. އެފަދަ ވަގުތެއްގައި އެފަދަ ބިރުވެރި މަންޒަރެއް ފެނުމުން ޒައިނާގެ ހެޔަށްވެސް ގޮތްނުވީ ކިރިޔާއެވެ. ފަހަތްވެސް ބެލުމެއްނެތި ދުވެފައިގޮސް އަތިރިމައްޗާއި ނުހަނު ކައިރީގައި ހުރި ޒައިނާ ދިރިއުޅޭ ގެއަށް ވަދެ ދޮރު ލައްޕާ ތަންޑުއެޅުވިއެވެ. އަދި އަވަސް އަވަހަށް ކޮޓަރިއަށްވަދެ ކޮޓަރި ދޮރުވެސް ތަޅުލާފައި ގޮސް އެނދުގެ އަރިމަތީގައި އިށީނދެލިއެވެ. އޭރު ވަރުބަލިވެގެންނާއި ބިރުންގޮސް ޒައިނާއަށް ރޮވިއްޖެއެވެ. މިހެން ކަންތައް ވެދާނެ ކަމަކަށް ޒައިނާ ކުޑަކޮށްވެސް ހިޔެއްނުކުރެއެވެ. ކުރެވުނު ކުށުގެ އަދަބު މިފަދަ ގޮތަކަށް ލިބިދާނޭ ހިތަށްވެސް ގެނެވިފައެއް ނުވެއެވެ. ކަންތައް ވީގޮތް ފިލްމެއްގެ މަންޒަރުތަކެއްހެން ޒައިނާގެ ލޯމަތީގައި އެނބުރެމުން ދިޔައެވެ. .
އެއީ ގާތަގަނޑަކަށް މީގެ ދިހަ ވަރަކަށް މަސްކުރިއެވެ. އެރަށުގައި މަސައްކަތެއް ކުރުމަށް އައި ކުންފުންޏެއްގެ ބޮޑު މީހާ ކަމަށްވާ ޢާދިލް ހުރުމަށް ހަމަޖެހުނީ ޒައިނާމެންގެ ގޭގައެވެ. އެގެއަކީ ޒައިނާ އާއި އޭނާގެ މުސްކުޅި މަންމަ ފިޔަވައި އިތުރު މީހަކު ދިރިއުޅޭ ތަނެއް ނޫނެވެ. ވުމާއިއެކު އެބޮޑު ގޭގައި ހުސްކޮށް 2 ކޮޓަރި އަދިވެސް ހުރެއެވެ. ޒައިނާގެ ބައްޕަ އާދަނު މަރުވުމުގެ ކުރިން އެގެ ވަނީ ޒައިނާގެ ނަން މައްޗަށް ރަޖިސްޓަރީކޮށްދީފައެވެ. ޢާދިލް އާއި ޒައިނާގެ ލޯބީގެ ކުޅިގަނޑު ފެށުނީ ގޭތެރެއިންނެވެ. ފުރަތަމަ ފެނިލުމުންވެސް ޢާދިލްއަށް ޒައިނާ ކަމުދިޔައެވެ. ވުމާއެކު ތަފާތު އެކި ގޮތްގޮތުން މަސައްކަތްކޮށްގެން ޒައިނާގެ ހިތް ފަތަޙަކުރީއެވެ. ޢާދިލްގެ މަޤްސަދަކީ ހަމައެކަނި އެރަށުގައި ހުންނަ ދުވަސްތަކުގައި ޢާދިލްގެ އެކަނިވެރިކަން ފިލުވާލުމެވެ. ޢާދިލްއަކީ ކިހާ ބޮޑު މަކަރުވެރިއެއްކަމާއި ޒައިނާ ފަދާ ނިކަމެތި އަނެހްންކުދިންނަށް އަވާމެންދުރު ދައްކައިގެން އަމިއްލަ އެދުން ޙާސިލްކުރާ ފިރިހެނެއްކަން ނޭނގި ޒައިނާއަށް ޢާދިލް ދެކެ ކަނު ލޯތްބެއްވެވުނީއެވެ. ނަތީޖާއަކަށްވީ ކައިވެނީގެ އިމުން ބޭރުގައި ހަރާމް ގުޅުންތަކަކަށް އިޖާބަދެވުމެވެ. އެކަމުގެ ހިތި ޒައިނާއަށް ފެންނަން މާގިނަ ދުވަސްތަކެއް ނުވިއެވެ. ޒައިނާ ބަލިވެ އިނީއެވެ. އެއާއިއެކު ޒައިނާ އާއި ކައިވެނިކުރުމަށް އެދި ޢާދިލް ގާތުގައި ޒައިނާ އާދޭސްކުރިއެވެ. އެހެން ނަމަވެސް ޢާދިލްވީ ހީކުރިވަރަށްވުރެ މާ ރަޙުމްކުޑަ ނުބައި މީހަކަށެވެ. “އަހަރެންނަކަށް ޒައިނާއަކާއި ނީނދެވޭނެ، ތީ ޒައިނާ އަމިއްލައަށް ބުއި ބޮނޑިއެއް، ކޮންމެހެން އަހަރެން ބޮލުގައި ތިދަރި އަޅުވަން ހަދާނެކަމެއް ނެތް، އަހަރެންނަށް ކިހިނެއް އެނގެނީ ޒައިނާގެ ބަނޑުގައި ތިއޮތީ އަހަރެންގެ ދަރިއެއްކަމެއްވެސް؟”. ޢާދިލްގެ އެބަސްތަކުން ޒައިނާގެ ހިތް އެކީ ޒަޚަމްވެގެން ދިޔަ ކަހަލައެވެ. އެފަދަ ބަސްތަކެއް ޒައިނާ އާއި ދިމާލަށް ބުނީތީ ޒައިނާ ވަރަށް ރުޅިއައިސް ދެރަވެސްވިއެވެ. “ޢާދިލްއަށް ހަމަ ރަނގަޚަށް އެނގޭނެ އަހަރެން ޢާދިލް ނޫން އެހެން މީހެއް ކައިރިއަށް ނުދާކަން، އަހަރެންނަށް ތިހެން ނުހަދާ، މުޅި ރަށުގައި އަހަރެން ބަދުނާމްވާނެ، މަންމަ ފަޟީޙަތްވާނެ، މަންމައަކަށް ކެތެއްނުކުރެވޭނެ، ހެޔޮނުވާނެ ޢާދިލް ތިހެން ނުހަދާ”. ޒައިނާ ރޮއެފައި ކުރި އާދޭސްތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ޢާދިލް ފުރައިގެން ދިޔައީއެވެ. ޒައިނާއަށް ހަދާނެގޮތް ހުސްވިއެވެ. އަދި ދުނިޔޭގެ ލަދުން ސަލާމަތްވުމަށް ޒައިނާގެ ބޮޑުވަމުން އައި ބަނޑުގައި ބާރަށް ފޮތި އޮޅައި ގަޔަށް ދޫ ހެދުން ލައިގެން އެކަން ސިއްރުކުރިއެވެ. އޭގެ ސަބަބުން ޒައިނާއަށް އެތައް ވޭނެއް ތަޙައްމަލުކުރަން ޖެހުނެވެ.
ޒައިނާގެ ބަނޑަށް އަށްމަސްވިތާ ކުޑަދުވަސްކޮޅެއް ފަހެވެ. ޒައިނާ އަށް ހޭލެވުނީ އެހެންޏާ ނުވާކަހަލަ ތޫނު ތަދެއް އިޙްސާސްވާން ފެށުމުންނެވެ. ފަހަރަކަށްވުރެ ފަހަރެއް ތަދު އިތުރުވަމުން ދިޔައެވެ. ޒައިނާއަށް ކެތްކުރަންވެސް ދަތިވަމުންދިޔައެވެ. އެހެން ނަމަވެސް މަންމައަށް ގޮވާކަށް ނުވަތަ އެހެން މީހަކަށްވެސް އެކަން އަންގާކަށް ޒައިނާ ބޭނުމެއްނޫނެވެ. ވުމާއިއެކު އަލަމާރިން ސްކާފެއް ނަގައިގެން ގޮސް ޒައިނާ ވަނީ ފާޚާނާއަށެވެ. އަދި ބިންމަތީގައި އިށީނދެ ބަނޑުގައި އައްސާފައިވާ ފޮތިތައް މޮހާލިއެވެ. މުޅި ބަނޑު ހުރީ އެކި ހިސާބުން ނޫފައިގެންފައެވެ. ނުހަނު ވޭން އެޅުމަށްފަހު ޒައިނާ ވިހެއީ އެކަނިމާއެކަނި އޮވެއެވެ. އެތުއްތު ދަރިފުޅު އޮތްގޮތް ފެނުމާއިއެކު ޒައިނާ ގަތީ ބިރެވެ. އެހާ ބާރުކޮށް ބަނޑުގައި ފޮތި އޮޅުމުގެ ސަބަބުން ކުއްޖާ ވަރަށް ބޮޑަށް އައިބެވެ. އެހެން ނަމަވެސް އެއީ އަންހެންކުއްޖެއްކަން އެނގޭހާވެއެވެ. އެކުއްޖާ ނުރުއެއްކަމަކު އަދި މަރެއް ނުވެއެވެ. ޒައިނާ ހިތަށް އެވަގުތު އައީ ދަރިފުޅު މަރާލުމަށްފަހު އެކަންތަކުން ޢުމުރަށް ސަލާމަތްވުމަށެވެ. މިހާ ދުވަސްވީއިރު އެންމެންނަށް ސިއްރު ކުރެވުނުކަމެއް އަދިވެސް ސިއްރުކުރެވިދާނެ ކަމަށް ޒައިނާ ގަބޫލުކުރެއެވެ. ޒައިނާ ގެނައި ސްކާފް އެކުއްޖާގެ ކަރުގައި އޮޅާ ބާރުކޮށްލުމަށްފަހު ދަރިފުޅުގެ ނޭވާ ހާސްކޮށްލިއެވެ. އެތުއްތު ފުރާނަ މަރަށް ތެޅެނެފެށުމާއެކު ބިރުންގޮސް ޒައިނާ އަށް އެއްފަހަރު ދޫވެސްކޮށްލެވުނެވެ. އެއާއިއެކު އެތުއްތު ފުރާނަ މުށިތަކުގެ މައްޗަށް ސޮހިގެން ދިޔައެވެ. އޭރުވެސް ފުރާނަ ހުއްޓެވެ. ޒައިނާ އަނެއްކާވެސް ހިތްވަރުކޮށްފައި ގޮސް ސްކާފު އޮޅާ ބާރުކޮށްލިއެވެ. އިސާހިތަކު އެތުއްތު ފުރާނަ ހަށިގަނޑާއި ވަކިވެ ކުއްޖާ ހިމޭންވެގެން ދިޔައެވެ. ޒައިނާ އަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ހަމަހޭވެރިކަން ވުމާއިއެކު ކުރެވުނު ކަންތައް ހިތަށްއަރާ ޒައިނާ އަށް ގިސްލާ ރޮވެން ފެށުންވެ. ފާފައިގެ މައްޗަށް ފާފަކުރެވުނީއެވެ. މަރާލި ދަރިފުޅުގެ ހަށިގަނޑު އެއޮތްގޮތަށް ކޮތަޅަކަށް ލައިގެން ޒައިނާ ދިޔައީ ގެއާއި ދިމާލު ވާގަނޑުތެރެއަށެވެ. ދަންވަރުގެ ވަގުތެއްކަމަކު ޒައިނާގެ ހިތުގައި ވަނީ އެހެން ކަހަލަ ބިރެކެވެ. ގަސްތަކުގެ ތެރޭގައި ވަޅުގަނޑެއް ކޮނުމަށްފަހު ކޮތަޅާއިއެކު ކުއްޖާ ވަޅުގަނޑަށްލާ ރަނގަޅަށް ފަސްއަޅާ ފޮރުވާލިއެވެ. އަދި ހިކިފަތާއި އޭތިމީތި އަޅާ އެތަން ނޭނގޭ ވަރު ކޮށްލިއެވެ. އަދި ގެޔަށް އައިސް ފާޚާނާތެރެ ސާފުކޮށް އެތަނުގައި ކަމެއް ހިނގިހެންވެސް ހީނުވާ ވަރުކޮށްލިއެވެ.
މާޒީގެ ފުންކަނޑުން ޒައިނާއަށް އައްސޭރިފަށަކަށް އާދެވުނުއިރު ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑުކަހަލަ އަޑެއް ޒައިނާ އިށީނދެ އިން އެނދު ތަންދަށުން އިވެމުންދިޔައެވެ. ޒައިނާ ބިރުންގޮސް ރޫރޫއަޅަމުން ދިޔައެވެ. ޒައިނާއަށް ކުރެވުނީ މަޢާފު ހައްޤު ނުވާވަވަރުގެ ކުށެއްކަން މިއަދު ޤަބޫލުކުރެވިއްޖެއެވެ. ކުއްޖާގެ ރުއިމުގެ އަޑު ބިރުވެރި ގޮތަކަށް އެނދު ދަށުން އިވެމުންދިޔައެވެ. ޒައިނާ ބިރުން ހުރެވެސް ހިތްވަރުކޮށްފައި އެނދު ތަންދަށަށް ބޯދިއްކޮށްލިއެވެ. އެއާއި ފެނުނު މަންޒަރުން މުޅި މީހާ ފިނިވެގެން ދިޔައެވެ. ޒައިނާ މަރާލި ތުއްތު ކުއްޖާ ހަތަރެސްފައި ޖަހައިގެން ޒައިނާއަށް ބަލަން އޮތެވެ. މުޅި މޫނު ކަޅުވެ ދެލޯވަޅުވަދެފައިވާ އެކުއްޖާ ލެޔާއިއެކު އޮތުމުން ނުހަނު ބިރުވެރިއެވެ. ޒައިނާ ބިރުން ހަޅޭއްލަވަން މަސައްކަތްކޮށްވެސް އެއްވެސް އަޑެއް ނުނިކުތެވެ. ތުއްތު ކުއްޖާގެ ދެއަތް ޒައިނާ އާއި ދިމާލަށް ދިއްކޮށް ޒައިނާ އެނދުގެ ދަށަށް ދަމައިގަތެވެ. އޭގެ އަނެއް ދުވަހު ފެނުނީ ރަޙުމްކުޑަ އަނިޔާތަކަކާއިއެކު މަރުވެފައި އޮތް ޒައިނާގެ ހަށިގަނޑެވެ. ޒައިނާގެ ދަރިފުޅު ވަޅުލި ވަޅުގަނޑުގެ ތެރެއިންނެވެ. އެތުއްތު ކުއްޖާގެ ފުޅަވެފައިވާ ހަށިގަނޑުވެސް ކައިރީގައި އޮތެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 މެއި 2020ވާހަކަދަރިފުޅު – ކުރު ވާހަކަ
ކަމުދޭ..