ދިވެހިރާއްޖެ އަކީ ކުޑަ ވެފައި، މީސްކޮޅުން މަދު ގައުމެއް ނަމަވެސް، ހުނުރަން ފުރިފައިވާ އެތައް ދަރިންނެއް ދިރިއުޅެމުން އަންނަ ގައުމެކެވެ. ތަޢުލީމުގެ މައިދާނުން ފެށިގެން ކުޅިވަރުގެ މައިދާނާއި ހަމައަށް ބަލާލިޔަސް ތަފާތު ހުނަރުތަކުން ފުރިފައިވާ ދަރިންތަކެއް ފެންނާނެ ކަމީ ޝައްކެއްވެސް ނެތް ކަމެކެވެ.
އެގޮތުން ގައުމީ ފެންވަރުގައްޔާއި، ބައިނަލްއަގުވާމީ ފެންވަރުގައި ގައުމު ފަޚުރުވެރި ކޮށްދީފައިވާ ދަރިންތަކެއް އުފަންކުރި އެއް ކުޅިވަރަކަށް ވާނީ ހަމަގައިމުވެސް ފުޓްބޯޅައެވެ. ފުޓްބޯޅައިން ހިތްވަރު ލިބިގެން މިއަދު މި ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރަކަށް ވެފައި މިވަނީ ފުޓްސަލް އެވެ. ގައުމީ ފެންވަރުގައްޔާއި، ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކޮށްލުމުގެ ފަހި ފުރުސަތުތަކެއް ނުލިބުނު ކަމުގައިވީ ނަމަވެސް، ހުނަރުން ފުރިފައިވާ މޮޅެތި ކުޅުންތެރިންތަކެއް ރާއްޖޭގައި އެބަތިއްބެވެ. ހއ. ތުރާކުނުން ފެށިގެން ސ. ގަމާއި ހިސާބަށް ނަޒަރު ހިންގާލުމުން ވެސް، ފުޓްސަލްގެ މައިދާނުގައި ހުނަރުވެރި އެތައް ސަތޭކަ ކުޅުންތެރިންނެއް ފެންނާނެ ކަން ޔަގީނެވެ.
މި ސަރަޙައްދަށް ބަލާލާއިރު، ރާއްޖެ އަކީ އެންމެ ގިނަ ފުޓްސަލް މުބާރާތްތައް ބާއްވާ އެއް ގައުމެވެ. ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ފުޓްސަލް މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ. ނަމަވެސް، ފާހަގަކޮށްލަން ޖެހޭ ކަމަކީ ރަސްމީ ހައިސިއްޔަތެއް ދީގެން ގައުމީ ފެންވަރުގައި ފުޓްސަލް އަށް ހާއްސަކޮށްގެން މުބާރާތްތަކެއް ބާއްވަމުން ނުދާކަމެވެ. އެއްވެސް ރޭވުންތެރިކަމެއް ނެތި، އަވަސް އަރުވާލާއިގެން ސިޔާސީ މަންފާ ހާސިލްކުރުމަށް މުބާރާތެއް ނުބާއްވައޭ ނުދަންނަވަމެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަނގަޅު ފެންވަރުގެ ގިނަ ފުޓްސަލް ދަނޑުތަކެއް ބިނާކޮށްފައިވީ ނަމަވެސް، ގައުމީ ފެންވަރުގައި ފުޓްސަލް ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ނުލިބި، އެ ކުޅުންތެރިންނަށް ލިބިފައިވާ ހުނަރުގެ އަގުވަޒަން ނުކުރުމަކީ ކަމާބެހޭ އިދާރާތަކުން ފުޓްސަލް އަށް އިހުމާލުވެފައިވާ މިންވަރު ސާބިތުކޮށްދޭ ހެއްކެކެވެ.
ފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން (ފީފާ) ގެ އެންގުމުގެ މަތިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އަސާސީ ގަވާއިދު އިސްލާހުކޮށް 2015 ވަނަ އަހަރު އެލަވާލިއިރު، ފުޓްސަލް އެސޯސިއޭޝަނެއް ވުޖޫދަށް ގެނައުމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މިއަދާއި ހަމައަށް ވެސް، އެކަމުގެ ޢަމަލީ މަސައްކަތެއް ފެންނާކަށް ނެތެވެ. ނަމެއްގައި ފުޓްސަލް ގައުމީ ޓީމެއް އެބައޮތެވެ. ނަމަވެސް، މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ސަރުކާރުން ދެމުން އަންނަ އެލަވަންސް ލިސްޓުގައި މިބުނާ ފުޓްސަލް ޓީމުގެ ކުޅުންތެރިން ނުހިމެނެއެވެ. އޭގެއިން ވެސް ސާބިތުވެގެން ދަނީ ކަމާބެހޭ ފަރާތްތަކުން ފުޓްސަލް އަށް ދޭ އަހައްމިއްޔަތުކަން ކުޑަކަމެވެ.
ދުރު މުސްތަގުބަލަށް ވިސްނައިގެން ރަނގަޅު ރޭވުންތަކަކާ އެކީ، ފުޓްސަލް ކޮޅަށް ޖަހަން ނުކުމެއްޖެ ނަމަ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އަށް ރަނގަޅު ކާމިޔާބީތަކެއް ލިބުމަކީ ދުރުކަމެއް ނޫނެވެ. ފުޓްސަލްގެ މައިދާނުގައި މޮޅެތި އެތައް ކުޅުންތެރިންތަކެއް ރާއްޖޭގައި އެބަތިއްބެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ކުޅެވޭނެ ހުނަރުވެރި ކުޅުންތެރިން އެބަތިއްބެވެ. ރާއްޖޭގައި ބާއްވާ ފުޓްސަލް މުބާރާތްތައް ބަލާ މީހަކަށް މިކަން އެނގޭނެއެވެ. އެކަނި އެއް ކުޅިވަރަކަށް އެއިރެއްގައި އޮންނަ ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރާ ކުޅިވަރަކީ ފުޓްސަލް އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކަންމިހެން އޮތްއިރު، ފުޓްސަލް ކުޅުންތެރިންނަށް ރަސްމީ ސިފައެއްގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ތަނަވަސް ކޮށްދީ، ރަނގަޅު ފެންވަރުގެ ތަމްރީނުތަކެއް ދެވިއްޖެނަމަ، ބައިނަލްއަގުވާމީ ފެންވަރުގައި ފުޓްސަލް އިން ރާއްޖެއަށް ކާމިޔާބު ލިބުމަކީ ކައިރީގައި އޮތް ކަމެކެވެ.
މިއަދާއި ހަމައަށް ވެސް، ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމަށް އެދެވޭ މަސައްކަތެއް ނުކޮށް އޮތުމަކީ ފުޓްސަލް ކުޅުންތެރިންގެ ހުނަރު ބޭކާރުގޮތުގައި ދުއްވާލުމެވެ. އެހެންކަމުން، ރާއްޖޭގައި ފުޓްސަލް އަށް ރަސްމީ ހައިސިއްޔަތެއް ލިބި، ގައުމީ ފެންވަރުގައި ފުޓްސަލް ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ތަނަވަސް ކޮށްދެން އެބަޖެހެއެވެ. އެކުޅުންތެރިންނަށް ލިބިފައިވާ ހުނަރުގެ ބޭނުން ހިފައި، ރާއްޖެއަށް އެކަމުން ރީތި ނަމެއް ހޯދުމަށް މަސައްކަތް ކުރަން އެބަޖެހެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި