ކޮންމެ މީހަކީ ވެސް އެމީހެއްގެ ހަށިގަނޑު ރީތިކޮށް ބަހައްޓަން އެދޭނެ މީހެކެވެ. މި ކަމުގައި ވަކި ޖިންސެއް އިސްތިސްނާ ވެގެން ނުވެއެވެ. ޒުވާން ފިރިހެން ކުދިންނާއި އަންހެން ކުދިން ވެސް އެދެނީ ޗާލު ހަށިގަނޑަކަށެވެ. ރީތި ފުރިހަމަ ބައްޓަމަކަށެވެ. ނަމަވެސް ދިވެހި ގިނަ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އެމީހުންގެ ހިތް އެދޭ ގޮތަށް އަމަލުތައް ބަހައްޓަން އެހާ ހިތްވަރެއް ނެތުމެވެ. އެކަމަކު، މިއީ ހިތްވަރު އެލުވާލަން ވީ ވަގުތެއް ނޫނެވެ. މިއީ ހިތްވަރު ނެރެން ވީ ވަގުތެވެ. ފިޓްނަސްގެ ދާއިރާއިން ތަމުރީނާއި ޤާބިލުކަން ހުރި ފަރާތެއްް މިވަނީ ތިޔަ ބޭފުޅުންގެ ތިޔަ އެދުން ފުއްދައި ދިނުމަށް ތައްޔާރަށެވެ. ބޭނުން ވަނީ އުއްމީދެކެވެ. ހިތްވަރެވެ.
އެހެންކަމުން އަޅުގަނޑުމެންގެ މި ލިޔުމުން މި ޚާއްސަކޮށްލަނީ ހުނަރުވެރި، ޤާބިލު ފިޓްނަސް އިންސްޓަރަކްޓަރެއް ކަމަށްވާ ފާރިޝް ނިޒާމަށެވެ. އާންމު ނަމުން ނަމަ ފާއްޓެއެވެ. ގދ. ހޯނޑެއްދުއަށް އުފަން ފާއްޓެއަކީ ފިޓްނަސްގެ ދާއިރާއިން މި ޤައުމުގައި ވިދާ ބަބުޅަމުން އަންނަ ކެރޭ ހީވާގި ފަރާތެކެވެ. ދިވެހީންގެ ހަށިގަނޑުތަކުގެ ބައްޓަން ފާއްޓެގެ މޮޅު ސިކުނޑި ބޭނުން ކޮށްގެން، އޭނާގެ އިރުޝާދާއި އެކު ބަދަލުކޮށްލައެވެ. އެހެން ކަމުން ޞިއްޙަތު ސަލާމަތުން ހުރި ހަށިގަނޑެއް ލިބުމަށް މަސައްކަތް ފެށުމަށްޓަކައި އަޅުގަނޑުމެން ދިވެހީން ލަސްނުކޮށް ފާއްޓެއާ އެކު ބާރަށް ކުރިއަށް ހިންގަވަން ފަށަންވީއެވެ.
ފިޓްނަސްގެ ދާއިރާއަށް ޝަޢުޤުވެރިކަން އުފެދުނު ގޮތް ފާއްޓެ އަޅުގަނޑުމެންގެ މުނިއަވަސް ޓީމާއި ޙިއްޞާކޮށްލިއެވެ.
“އަބަދުވެސް މިދާއިރާއަށް ޝަޢުޤުވެރިކަން ހުންނާތީ ޕޮލިހުން ބޭއްވި ޖިމް އިންސްޓްރަކްޓަރ ކޯހަކަށް އެޕްލައި ކޮށްގެން ފުރުޞަތު ނުލިބުމުން، އަޅުގަނޑުގެ ވައިފަށް އެއްދުވަސް ކޮޅަކު ގްލޯފިޓް އިން އިސްތިހާރު ކޮށްފައިން ޒުމްބާ އިންސްޓްރަކްޓަރ ކޯހެއް ފެނިގެން އަޅުގަނޑު ކައިރީ ބުނީ. އެކަމު ހިތަށް އެރި ޒުމްބާ ކޯހެއް އަޅުގަނޑަށް ހެދޭނެ ބާއޭ. އަޅުގަނޑަކީ ދުވަހަކުވެސް ޒުމްބާ ކްލާހެއްގަ ބައިވެރި މީހަކަށް ނުވާތީއާއި ރައްޓެހިންގެ ފަރާތުން ލިބުނު ނެގެޓިވް ކޮމެންޓްްސް. ފިރިހެނުން ކުރާ ކަމެއް ހެއްޔޭ؟ ފިރިހެނުން ޒުމްބާ ހަދާހޭ؟ ވަރަށް ހޯޕް ގެއްލުނު. އެކަމު ޔޫޓިޔުބުން ޒުމްބާ ވީޑިއޯސް ބެލީމަ އެނގުނީ ޒުމްބާ ފިރިހެނުން ވެސް އުޅޭކަން. އަދި ވައިފްގެ ބޮޑު ސަޕޯރޓެއް ލިބިގެން ގްލޯފިޓަށް ގުޅާފަ އިންފޮރމޭޝަން ހޯދީމަ އެނގުނީ ފިރިހެނުން ވެސް އެ ބެޗްގަ ޖޮއިން ކުރިކަން. ހިތަށް އެރި ގިވްއަޕް ނުކުރާނަމޭ. ކާމިޔާބު ވެއްޖެ. ރާއްޖޭގެ ފުރަތަމަ ޒުމްބާ އަދި ސްޓޮރޯންގް ނޭޝަން ސެޓިފައިޑްވި 3 ފިރިހެނުން ތެރޭގައި ހިމެނުނީތީ އިތުރު ހިތްވަރެއް ލިބުނު. އަބަދުވެސް ވިސްނާ އެއްކަމެއް އޮވޭ. އެހެން މީހުންނަށް ވަންޏާ، އަޅުގަނޑަށް ވެސް ވާނޭ. އެ ވިސްނުމުގަ ފެށި ދަތުރު އިންޝާﷲ ކާމިޔާބު.” ފާއްޓެ ކިޔައިދިނެވެ.
އާނއެކެެވެ! ފާއްޓެ އެބުނީ ވަރަށް ބޮޑު ޙަޤީޤަތެކެވެ. އުއްމީދެއް އޮތިއްޔާ އެކަމެއް ވާނެއެވެ. އެހެން މީހަކަށް އެކަމެއް ވަންޏާ، ތިމާއަށް އެކަން ނުވާންވީ ސަބަބެއް ނެތްކަން ފާއްޓެ ހަމަ ރަނގަޅަށް ވެސް ސާބިތުކޮށްދީފިއެވެ. ފާއްޓެގެ ހިތްވަރު ހަަމަ އެކަނި މި ކަމުންވެސް އެނގި ޔަޤީން ވެއްޖެއެވެ.
2017 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފިޓްނަސް އިންސްޓަރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފާއްޓެ، މިއަދު މިވަނީ މި ދާއިރާއިން އެންމެ އުހުގައި ފިޔަ ޖަހަން ފަށާފައެވެ. ގިނަ ބައެއްގެ ލޯތްބާއި، ތަރުޙީބު ފާއްޓެ ކުރަމުން ގެންދާ މަސައްކަތަކަށް ލިބޭކަން އަޅުގަނޑު މި ފާހަގަކޮށްލަނީ ވަރަށް އުފަލުންނެވެ.
ފާއްޓެ އަކީ އޭނާގެ ފިޓްނަސް ޓްރެއިނިންތައް ހަމަ އެކަނި މާލެއާއި ހިސާބުން ނިންމާލާނެ ފަރާތެއް ނޫނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ފާއްޓެ ވަނީ ފިޓްނަސް ޓްރެއިނިންތައް އިންތިޒާމުކޮށްގެން ބާއްވާފައެވެ. އެގޮތުން ރާއްޖޭގެ ޖުމުލަ 7 ރަށަކަށް ގޮސްފައި ވާއިރު، އެ ހުރިހާ ރަށަކުން ވެސް ވަރަށް ބޮޑު ތަރުޙީބަކާއި އެއްބާރުލުމެއް ލިބުނު ކަމަށް ފާއްޓެ ފާހަގަކުރިއެވެ.
އަޅުގަނޑުމެން މުނިއަވަސް ޓީމްގެ ފަރާތުން މި ކުޅަދާނަ ފިޓްނަސް އިންސްޓްރަކްޓަރ، ފާއްޓެއާ އިންޓަރވިއު ކޮށްލީމެވެ.
ފިޓްނަސް ދާއިރާއިން ސެޓިފައިޑް ވެފަ ހުރި ކޯސް ތަކަކީ ކޮބާތޯ؟
ފިޓްނަސް ދާއިރާއިން ވަރަށް ގިނަ ކޯސްތައް ފުރިހަމަކޮށް ސެޓިފައިޑް ވެފަ ހުރީ. އެގޮތުން ޒުމްބާ، ސްޓޮރޯންގް ނޭޝަން (ސްޓޮރޯންގް ބައި ޒުމްބާ)، ކިޑްސް ޒުމްބާ ޕްލަސް، ކިޑިސް ޒުމްބާ ޖޫނިއާރ، އެކުއަ ޒުމްބާ، އެފްއައިއެސްއޭއެފް އިންޓަރނޭޝަނަލް ފިޓްނަސް އިންސްޓްރަކްޓަރ އަދި ޕާރސަނަލް އިންސްޓްރަކްޓަރ. މީގެ އިތުރުންވެސް މާސްޓަރ ފަންކްޝަނަލް ޓްރެއިނާރ ލެވެލް2، ސްޓީލް ކޮމްބެޓް، ސްޓީލް ޓޮނިކް، ޕައުންޑް ޕްރޯ، ސެޓިފައިޑް އެކްއަޓިކް އިންސްޓްރަކްޓަރ، ނިޔުޓިރިޝަން ސްޕެޝަލިސްޓް. އަދި އިންނާނެ ފަސްޓު އެއިޑް ސީޕީއާރު އޭއީޑީ. މީގެ އިތުރުން އަޅުގަނޑަކީ އިންޑިއަން އެކުއަޓިކް އެސޯސިއޭޝަންގެ މެމްބަރެއް.”
އެހެން ޓްރެއިނާރ ތަކާއި ފާއްޓެގެ ހުރި ތަފާތަކީ ކޮބާތޯ؟
ކޮންމެ ޓްރެއިނާރ އަކީ ވެސް އަމިއްލަ ގޮތްތަކެއް ގެންގުޅޭ ތަފާތު ޓްރެއިނާރ އެއް. އެހެންވީމަ އެގޮތަށް ކޮމްޕެއަރ ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ދެކެން. ވަރަށް ރެސްޕެކްޓް ކުރަން ހުރިހާ ޓްރެއިނާސްއަށް.
މި ފިޓްނަސް ކޭމްޕްއާ އެހެން ކޭމްޕުތަކާއި ހުރި ތަފާތަކީ ކޮބާތޯ؟
ގެޓްފިޓް ކޭމްޕަކީ ރާއްޖޭގެ ފުރަތަމަ ގުރޫޕް ފިޓްނަސް ކޭމްޕް އަދި ގެޓްފިޓް ފިޓްނަސް ކޭމްޕް ގުރޫޕް ފިޓްނަސް ކްލާސްތައް ހިމެނިގެން ދިޔުމަކީ އެންމެ ބޮޑު އެއް ތަފާތު. އަދި ގިނަ ބައިވެރިން މި ކޭމްޕް ބަލައިގަންނަ އެންމެ ބޮޑު އެއް ސަބަބު. އޭގެ އިތުރުން ނަގައިދެވޭ ކޮންމެ ސެޝަނަކީ، އިންޑޯރ ކަމުގާ ވިޔަސް، އައުޓް ޑޯރ ކަމުގައި ވިޔަސް، ނޫނީ ގުރޫޕް ފިޓްނަސް ކަމުގައި ވީނަމަވެސް، ކުޑަކުދިންނަށް ޚާއްޞަ ފިޓްނަސް ކަމުގައި ވިޔަސް، އަޅުގަނޑަކީ މިހުރިހާ ފިޓްނަސް ޕްރޮގުރާމް ތަކަކަށް ޚާއްޞަ ޓްރެއިން ތަކެއް ހަދާހަދާ އިންޓަރނޭޝަނަލް ސެޓިފައިޑް އިންސްޓްރަކްޓަރ އަކަށް ވީކަން. އަދި އަޅުގަނޑަކީ އެމެރިކަން ހާރޓް އެސޯސިއޭޝަން އިން ހިންގާ “ހާރޓް ސޭވާރ ފަސްޓު އެއިޑް ސީޕީއާރު އޭއީޑީ” ހަދާފައިވާ ޓްރެއިނާރ އަކަށް ވީމަ. ހުރިހާ ކުލާހެއް ނަގައިދޭނީ އަޅުގަނޑު އަމިއްލައަށް. އިތުރު ސްޓާރފުން ހައަރ ކޮށްގެން ނޫން.
ޒުމްބާ ކިލާސްތައް ނަގާ ދެއްވާއިރު އެންމެ ބޮޑަށް ފާއްޓެ ވިސްނާ ކަމަކީ ކޮބާތޯ؟
ކުލާސް ފެށުނީސުރެ ނިމެންދެން ވެސް ކްލައިންޓް އާއި ޓްރެއިނާރ ދެމެދު އޮންނަ ކަނެކްޝަން ކެނޑިގެން ނުވާނެ. އެއީ ކިތަންމެ އާ ކުލައިންޓެއް ކަމުގައި ވިޔަސް އޭނާއަށް ހިތްވަރުދޭނެ ކަމާއި، އަދި ހަދާނެ ގޮތް ކިޔައިދީ (ސްޓޮރޯންގް ބައި ޒުމްބާ ވެއްޖިއްޔާ ކުދިންނަށް މޫވްމެންޓްސްތައް ހެދޭނެ އޮޕްޝަން ތަކެއް ދައްކާލަން.) ވީހާވެސް ފޯރިއާ އެކު ކުލާސް ނިންމާލުން.
އޮންލައިން ކޮށް ފިޓްނަސް ކިލާސްތަކެއް ނެގުމަށް މަސައްކަތް ފެށިއިރު ކޮބައިތޯ އާންމުންގެ ފަރާތުން ލިބެމުންދާ ތަރުޙީބަކީ؟
އޮންލައިން ފިޓްނަސް ކިލާސްތަކަކީ ރާއްޖޭގެ ނިސްބަތުން އާ ކަމަކަށް ވިޔަސް، ވަރަށް ގިނަ އަދަދެއްގެ ކްލައިންޓުން މި މަދު ދުވަސް ކޮޅުގެ ތެރޭގައި އަންނަނީ ބައިވެރި ވަމުން. އެންމެ ބޮޑު ޗެލެންޖަކީ ރާއްޖޭގެ އިންޓަރނެޓް ލަސް ކަމުން.
ފިޓްނަސް އިންސްޓްރަކްޓަރ އެއްގެ ގޮތުގައި ހުރެ ހުންނާނެތޯ އެއްވެސް ބައިވެރިޔަކާ ދިމާލަށް ރުޅި އައިސްގެން މުޚާތަބުކޮށްފަ؟
ނުހުންނާނެ. އެހެންނަމަވެސް ކިލާސް ފެށުމަށް ފަހުގަ، ގެޓްފިޓްގެ ޤަވާއިދުގަ އޮންނަ ގޮތަށް ހުރިހާ ކްލައިންޓުން އަމަލުކުރަމުން ގެންދަންޖެހޭ.
ކޮންބައެއްގެ ފަރާތުންތޯ އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ތި މަސައްކަތުގަ؟
އަޅުގަނޑުގެ އަނބިމީހާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. ޚާއްޞަކޮށް މީގެ އިތުރުން މަންމައާއި ބައްޕަ އަދި ޢާއިލާގެ ފަރާތުން. އަދި ކޯހުގަ އުޅުނު އިރު އަލިއްކޮ (އަލިބެ) ފަރާތުން ލިބުނު އެހީތެރި ކަމަކީ ގުނާ އަދަދު ނުކުރެވޭހާ ބޮޑު އެހީތެރިކަމެއް. އަދި އަޅުގަނޑު ފާހަގަކޮށްލަން ގްލޯފިޓްގެ މެނޭޖްމެންޓު. ހިޝްކޮ، މާއި، މުއާ އަަދި އާސި ދެއްވި އެހީތެރިކަން ހިތުގެ އެންމެ ފުން މިނުން ޝުކުރުވެރިވަން. އަދި މިފަދަ ފުރުޞަތެއްގަ ފާހަގަ ކޮށްލަން ބޭނުންވޭ އަޖޫ، ދަފީ، ޝައްމު، އީތު، ސާމި، ލުޖޫ، ލަމް، ޖީއްކޮ ގެ ނަން. މިފަރާތްތަކުގެ ސަބަބުން ވަރަށް ގިނަ އެއްޗެހި ދަސްވެ، ރަނގަޅު ކުރަން ޖެހޭ ކަންތައް ވަރަށް ގާތުން ކިޔާދޭ. މި ދާއިރާގެ ފައުންޑޭޝަން އަޅާލެވުނީ ލެވުނީ ގްލޯފިޓްގެ ސަބަބުން. މީގެ އިތުރުން ފިޓް ޒޯން ރިޔާގެ ފަރާތުން ލިބުނު ޖޮބް ފުރުޞަތަކީ ކުރިޔަށް ދާން ލިބުނު އެންމެ ބޮޑު އެއް އެހީތެރިކަން. މިކަމަށްޓަކައި ރިޔާއާއި ފިޓްޒޯން ޓީމަށް ހިތުގެ އަޑިން ޝުކުރުވެރިވަން. އަދި ޖުމުލަކޮށް ހުރިހާ ރަޙުމަތްތެރިންނަށް ޝުކުރިއްޔާ.
އާންމު ދިރިއުޅުން ކިހިނެއްތޯ؟
އަލްޙަމްދުލިއްލާހި. ވަރަށް ރަނގަޅު.
ކައިވެނި ކޮށްގެންތޯ އުޅުއްވަނީ؟ ދަރިއަކު ހުރޭތޯ؟
އިރާދަކުރެއްވިއްޔާ ކައިވެނި ކޮށްގެން، އުފާވެރި ދިރިއުޅުމެއް އުޅެނީ. 2 ކުދިން.
ލޮކްޑައުންގެ މިހާލަތުގައި ދުވަސްތައް ހޭދަވަނީ ކިހިނެއްތޯ؟
ޢާއިލާ އާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަ ކޮށްލެވޭތީ ވަރަށް އުފާވޭ. ގޭތެރޭގައި ކުރާ މަސައްކަތުގަ އަނބިމީހާއަށް އެހީވުމާ، ވަގުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ރާވާލައިގެން ކޮށްލެވުނީމަ ދުވަސް ވަރަށް ޕުރޮޑަކްޓިވް.
މިދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޮބާތޯ؟
ޔޫތު މިނިސްޓްރީގެ ފަރާތުން ފިޓްނަސް އެސޯސިއޭޝަން ކަހަލަ ބޮޑީ އެއް ހެދި، ޤަވާއިދުތައް އެކުލަވާލާ، މިދާއިރާގައި މަސައްކަތް ކުރާ ހުރިހާ ޓްރެއިނަރުންގެ ފެންވަރު ބަލާ، މިދާއިރާގައި މަސައްކަތް ކުރާ މީހުންނަކީ އެސޯސިއޭޝަން ކަނޑައަޅާ މިންގަނޑަށް ޚާއްޞަ ތަމުރީންތައް ލިބި، ސެޓިފައިޑް ވެފައިވާ މީހުންނަށް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެން. އަދި ހުރިހާ ޓްރެއިނަރުންގެ ދަފުތަރެއް އެކުލަވާލުން.
މުނިއަވަސްއާ މެދު ބެނެލާނީ ކީއްކޭތޯ؟
ތި ދެއްވި ފުރުޞަތަށް ހިތުގެ ފުންމިނުން ޝުކުރު. އެކި ފީލްޑްތަކުގަ އުޅޭ ކުދިން ކުރިއަރުވަން ތި ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.
މުނިއަވަސް ޓީމުގެ ފަރާތުން ފާއްޓެ އަށް އެދެނީ ކުރިއެރުމާއި، ކާމިޔާބެވެ. އަދި ހުރިހާ ފަރާތްތަކުން ލަސްނުކޮށް ރީތި ހަށިގަނޑެއް ހޯދުމަށް ފާއްޓެއާއި އެކު މަސައްކަތް ފަށާށެވެ. އެގޮތުން އޮންލައިންކޮށް ފިޓްނަސް ކޭމްޕަށް ބައިވެރިވުމަށްޓަކައި އަވަހަށް 7916223 ގުޅުއްވައި ލައްވާށެވެ. ނޫނީ ފޭސްބުކް / އިންސްޓަގްރާމުން މެސެެޖެއް ކޮށްލައްވައިގެން ނަން ނޯޓު ކޮށްލައްވާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޯގަސްޓް 2023ހާދިސާހާހޫރަ – ކުރު ވާހަކަ
- 2 ސެޕްޓެމްބަރ 2020ޚަބަރުފުޓުބޯޅަ ދަނޑުގައި ވިލްފުގެ ހުނަރުވެރިކަން ފެނި އަންތަރީސްވެއްޖެ!
- 31 ޖުލައި 2020ޚަބަރުޖައިލަމްގެ ފިޓް ބޮޑީ، “ކުލަ ފިހިން” – ޗާލު ދޯ!
- 8 ޖުލައި 2020ޚަބަރުކުރީގެ ފިލްމީ ތަރި، ލިލިއަންގެ ދަރި ޖައިލަމް މިހުރީ! ވަރަށް ފިޓް!