ދުވަހަކުވެސް ބޮލުގައި ނުރިއްސާ މީހެއް ދުނިޔޭގައި ހުންނާނެ ހެއްޔެވެ؟ އެއްމެ ޢާއްމު އެއްބަލި ކަމުގައިވާ އަރިދަފުސް ރޯގާ ނުޖެހޭ މީހަކު ދުނިޔޭގައި ނުހުންނާނެހެން، ދުވަހަކުވެސް ބޮލުގައި ނުރިއްސާ މީހެއް ހުރުމަކީ ނާރިދު ކަމެއް ކަމުގައި ނޫނީ ނުވާނެ އެވެ. ބޮލުގައި ރިހުމަކީ އެ ރިހުމުގެ ބާވަތުން، ވަރަށް ކުޑަކުޑަ ކަމެއް ކޮށްލައިގެން ރަނގަޅު ކުރެވިދާނެ ކަމެކެވެ. ނަމަވެސް ބައެއް ފަހަރަށް ޑޮކްޓަރަކާއި ހަމައަށް ދާން ޖެހޭތަން ވެސް އާދެ އެވެ.

 

ބްރައިޓް ސައިޑް އިން ވަނީ ބޮލުގައި ރިހުމުގެ އެކިއެކި ވައްތަރު ތަކާއި އެ ރިހުން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ހިމެނޭ ވަރަށް ތަފްސީލް މަޒުމޫނެއް ޝާއިއުކޮށްފަ އެވެ. އެހެންކަމުން އެ ލިޔުމުގެ ތަރުޖަމާއެއް ކިޔުންތެރިންނަށް ގެނެސްދޭނަމެވެ. މި ލިޔުމުގައިވާ ހޭންގޯވަރ ހެޑޭކް ވާނީ އުނިކޮށްފަ އެވެ.

ޓެންޝަން ގެ ސަބަބުން ބޮލުގައި ރިހުން

މިއީ ހާސްވެ ފިކުރުބޮޑުވުމުން ކުރިމަތިވާ ބޮލުގައި ރިހުމެވެ. އެއްމެ އާއްމު ބޮލުގައި ރިހުމުގެ ވައްތަރެވެ. މިއީ ހަމަ ކޮންމެ މީހަކަށްހެން ތަޖުރިބާ ކުރެވިފައި ވާނެ ބޮލުގައި ރިއްސުމެކެވެ.

އަލާމަތްތައް:

ޢާއްމު ގޮތެއްގައި މިއީ އާދައިގެ ވަރަކަށް ކުޑަކުޑަކޮށް ހުންނަ ރިއްސުމެކެވެ. ޓެންޝަން ހެޑޭކް ނުވަތަ ފިކުރުބޮޑުވުމުން ކުރިމަތިވާ ބޮލުގައި ރިހުން ކުރިމަތިވުމުން ހީވާނީ ނިތްކުރީގައި ބާރަށް އެއްޗެއް ބަނދެފައި ހުންނަހެންނެވެ. މިފަދަ ރިއްސުން އެންމެ ގަދަ ވާނީ ހެނދުނުން ފެށިގެން ހަވީރާއި ދެމެދުގަ އެވެ.

 

ސަބަބުތައް:

ޓެންޝަން ހެޑޭކް ކުރިމަތިވާ ސަބަބުތަކުގެ ތެރޭގައި މާބޮޑަށް ހާސްވެ ކަންބޮޑުވުން، ފެޓީގް ނުވަތަ ވަރުބަލިވުން، ހަށިގަނޑު ބަހައްޓާ ގޮތް ގޯސްވުން، އެކަށީގެން ނުވާ ގޮތަކަށް ބޯ އެއްގޮތަކަށް މާގިނައިރު ބެހެއްޓުން ހިމެނެ އެވެ. މިއީ ބޮލަށް ނުވަތަ ކަނދުރާއަށް ލިބިފައިވަ ގެއްލުމަކާއި ގުޅިގެން ކުރިމަތިވާ ރިއްސުމެކެވެ.

 

ފަރުވާ:

ޓެންޝަން ހެޑޭކު ރަނގަޅުކުރުމަށް އެކަށީގެންވާ ތަދުކަނޑުވާ ބޭހެއް ބޭނުންކުރެވިދާނެ އެވެ. އެހެން ނަމަވެސް، މިފަދަ ބޭސް ބޭނުންކުރަންވަނީ ބައެއް ފަހަރު އެވެ. އާއްމުކޮށެއް ނޫނެވެ. މާގިނަގިނައިން ބޮލުގައި ރިއްސާ، އެ ރިހުން ދިގުދެމިގެން ދާނަމަ، ޑޮކްޓަރަކަށް ދައްކަން ވާނެ އެވެ. އަދި ހަށިގަނޑު ހެލިފެލިވެ އުޅުން އިތުރުކޮށް، ކޮނޑާއި ކަރުގެ މަސްތައް ސްޓްރެޗް ކޮށް، ވީހައިވެސް ގިނަ ވަގުތު ބޭރުވެށީގައި ހޭދަކުރުން މުހިއްމެވެ.

ސައިނަސް ގެ ސަބަބުން ބޮލުގައި ރިއްސުން

މި ބާވަތުގެ ބޮލުގައި ރިހުން ކުރިމަތިވަނީ ސައިނަސައިޓިސް (ސައިނަސް ގެ އުނދަގޫ ހުރުމުގެ) ސަބަބުން ނެވެ. މިފަދަ ބޮލުގައި ރިހުމާއި އެކުގައި ހުން އައިސް، މޫނު ފޮއްސިވެ، ނިތްކުރިއަށް ބާރުކޮށްފައި ހުރުމާއި ކޯކަށިގަނޑަށްވެސް ވާންކަމެއް އައިސްފައި ހުންނާނެ އެވެ.

އަލާމާތްތައް:

ނިތްކުރި އާއި ބުމަ ހިމެނޭ ސަރަހައްދާއި ލޮލުގެ ބޮނޑިއަށް ވަރަށް ބޮޑު ޕްރެޝަރެއް (ފިއްތުމުގެ ބާރެއް) އިހްސާސް ކުރެވޭނެ އެވެ. މިފަދަ ތަދު ގަދަ ވާނީ ބޮލަށް ގެންނަ ކުއްލި ހަރަކާތާއި އެކުގައެވެ. ނޭފަތުން ފެން އައުން ނުވަތަ ނޭފަތް ބެދޭގޮތްވުމާއި ވަރުބަލިކަން އިހްސާސް ކުރެވޭނެ އެވެ.

 

ސަބަބުތައް:

ސައިނަސް ހެޑޭކް ކުރިމަތިވަނީ ސައިނަސައިޓިސް ގެ ސަބަބުންނެވެ. މިއީ އަރިދަފުސް ރޯގާ އާއި މޫސުމީ އެލަރޖީ އަށް ފަހުގައިވެސް ކުރިމަތިވާ ކަމެކެވެ.

ފަރުވާ:

 

ސައިނަސް އިން ކުރިމަތިވާ ބޮލުގެ ރިއްސުމަކީ އޭގެ ޒާތުގައި އަމިއްލައަށް ފިލައިގެންދާ ރިހުމެކެވެ. އެއްވެސް އެއްޗަކަށް އެލާރޖީ ވާނަ، އެންޓިހިސްޓަމިން އެއް ބޭނުންކުރުމުން ލުޔެއް ލިބޭނެ އެވެ. އެއްމެ ރަނގަޅު ގޮތަކީ ޑޮކްޓަރަކަށް ދައްކައިގެން އެއްމެ އެކަށީގެންވާ ބޭހެއް ބޭނުންކުރުމެވެ.

މައިގްރޭން

މިއީ ވަރަށް ގަދައަށް ބޮލުގައި ރިހޭ ރިހުމެކެވެ. މިފަދަ ރިހުން ކުރިމަތިވަނީ މައިގްރޭން އެޓޭކެއް އަންނަނިވި ހަތަރު ގޮތުގެ ތެރެއިން ގޮތެއްގައި އުފެދެން ފެށުމުންނެވެ.

ސަބަބުތައް:

މައިގްރޭން އެއް ކުރިމަތިވަނީ ހަށިގަނޑުގެ މެޓަބޮލިކް ޕްރޮސެސް އަށް ބުރުލެއް އެރުމުންނެވެ. މިކަމުގެ ސަބަބުން ސިކުނޑީގެ ލޭ ހޮޅިތައް ޑައިލޭޓް ވެއެވެ. މައިގްރޭން އަކީ ޖެނެޓިކް ޑިސްޕޮސިޝަން އެއްގެ ސަބަބުންވެސް ވާރުތަވާ ކަމެކެވެ.

 

ފަރުވާ:

މައިގްރޭން އަށް އަދި މިވީހައި ތަނަށް ވަނީ ފަރުވާއެއް ނުހޯދި އެވެ. ނަމަވެސް ކުރިމަތިވާ އަލާމާތްތަކާއި އުނދަގޫތައް ކުޑަކުރުމަށް ގިނަގުނަ ފަރުވާ ތަކެއް ހުރެއެވެ. ރަނގަޅު ބޭހެއް ހޯދުމަށް ޑޮކްޓަރަށް ދައްކަން ޖެހެއެވެ. މީގެ އިތުރުން، ބަރާބަރަށް ކަސްރަތު ކުރުމުން ތިބާގެ ސިއްޙަތު ވަރަށް ބޮޑުތަން ރަނގަޅު ކޮށްދޭނެ އެވެ.

ކްލަސްޗާ ހެޑޭކް:

ކްލަސްޗާ ހެޑޭކް އަކީ ވަރަށް މަދުން ކުރިމަތިވާ ބޮލުގައި ރިއްސުމެކެވެ. މިއީ އާބާދީގެ މަދުވެގެން 1 އިންސައްތަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ނަމަވެސް މިއީ އަންހެނުންނަށް ވުރެ ފަސްގުނަ އިތުރަށް ފިރިހެނުންނަށް ކުރިމަތިވާ ކަމެކެވެ.

އަލާމާތްތައް:

ކްލަސްޗަރ ބޮލުގައި ރިއްސުމުގެ ސަބަބުން ލޮލުގެ ފުރަގަހަށް ނުވަތަ ލޮލުގެ ވަށައިގެން ތޫނު ތަދެއް އިހްސާސް ކުރެވޭނެ އެވެ. މިކަން އާއްމުކޮށް ކުރިމަތިވާނީ ބޮލުގެ ކޮންމެވެސް އެއް ފަޅިއަކަސެވެ. މި ދަތު އެއްމެ ބޮޑަށް ތަރައްޤީވާނީ ނިދާފައި އޮންނަ އިރު އެވެ. އަލާމާތްތަކުގެ ތެރޭގައި ލޯ ރަތްވުން، އައްޔަށް ލޯ ދިއްކޮށްލަން އުނދަގޫވުން އަދި ލެކްރިމޭޝަން ނުވަތަ ލޮލުން ފެން (ކަރުނަ) އައުން ހިމެނެ އެވެ. މި ދަތު އާއްމުގޮތެއްގައި ދެމިގެންދަނީ 15 މިނެޓާއި 1 ގަޑިއިރާއި ދެމެދުގެ ވަގުތަކަށެވެ.

 

ސަބަބުތައް:

ކްލަސްޗާ ހެޑޭކް ކުރިމަތިވާ ސީދަ ސަބަބެއް ސައިންސްވެރިންނަށް އަދި ވަނީ ނުހޯދި އެވެ. މިކަން އެއްމެ އާއްމުކޮށް ގުޅިފައިވަނީ ހަށިގަނޑުގެ ‘ބައޮލޮޖިކަލް ކްލޮކް’ އާއި އެވެ. މާނައަކީ މާގިނަ އިރު ނުނިދާ ހޭލާ އުޅުމާއި ގަޑިންގަޑިއަށް ނިދުމުން ދުރުހެލިވެގެން އުޅުމެވެ.

 

ފަރުވާ:

ކްލަސްޗަރ ހެޑޭކަށް ފަރުވާދިނުމަކީ ވަރަށް ދަތިއުނދަގޫ ކަމެކެވެ. ސަބަބަކީ މިފަދަ ރިހުމަކީ ރިހުން އުފެދިފައި އިރުކޮޅަކު ހުރެފައި ފިލައިގެން ގޮސްފައި އަނެއްކާ އުފެދި، މިފަދަ ގޮތަކަށް ކުރިމަތިވާ ރިހުމެކެވެ. މިކަމަށް ހަމައެކަނި ފަރުވާއެއް ދެވޭނީ ތަޖުރިބާކާރު ޑޮކްޓަރަކަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.