އިނގެރޭސި ޕްރިމިއަރ ލީގުގައި މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅީ މެންޗަސްޓަރ ސިޓީގެ ކެވިން ޑި ބްރޭނާ އާއި، ސާޖިއޯ އަގުއޭރޯ އަދި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ކަމަށް ޓޮޓެންހަމް ހޮޓްސްޕަރސް ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

“ޑިބްރޭނާ އަކީ އެކެއް. އަގުއޭރޯ އަކީ އަނެއް ކުޅުންތެރިޔާ. ދެން ފިރްމީނޯ.”

ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޕޮޗެޓީނޯ ބުންޏެވެ.

މެންޗެސްޓަރ ސިޓީން ފަހުގެ ތާރީޚުގައި ހޯދަމުންދާ ކާމިޔާބީތަކުގެ އެންމެ ބޮޑު ރޯލެއް އަދާކުރި ދެ ކުޅުންތެރިންނަކީ ޝައްކެއްނެތް ގޮތުގައި ޑި ބްރޭނާ އާއި، އަގުއޭރޯ އެވެ. އިނގެރޭސި ޕްރިމިއަރ ލީގުގެ މިދިޔަ ދެ ސީޒަނުގައި ވެސް، ސިޓީ އަށް ޗެމްޕިއަން ކަން ހޯދައި ދިނުމުގައި އެ ދެ ކުޅުންތެރިންގެ ދައުރު ވަރަށް ބޮޑު ކަން ފާހަގަކޮށްލެވެއެވެ. އުމުރުން 31 އަހަރުގެ ހުނަރުވެރި ފޯވާޑު އަގުއޭރޯ މި ސީޒަނުގައި މިހާތަނަށް ކުޅުނު 22 މެޗުގައި 16 ގޯލު ޖަހައި، 3 އެސިސްޓް ވަނީ ހަދާފައެވެ. އަދި، އުމުރުން 28 އަހަރުގެ ހުނަރުވެރި މިޑްފިލްޑަރު ޑި ބްރޭނާ ކުޅުނު 26 މެޗުގައި 8 ގޯލު ޖަހައި، 16 އެސިސްޓް ވަނީ ހަދާފައެވެ.

ލިވަޕޫލް އިން ފަހަކަށް އައިސް ދައްކަމުންދާ މޮޅު ކުޅުމާއި، ހޯދާ ކާމިޔާބީތަކުގައި އެންމެ ބޮޑު ހިއްސާއެއް އޮންނާނެ އެއް ކުޅުންތެރިއަކީ ރޮބާޓޯ ފިރްމީނޯ އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިދިޔަ ސީޒަނުގައި ލިވަޕޫލް އިން ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަރ ކަޕާއި އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރުމުގައި ފިރްމީނޯ ގެ ދައުރު ބޮޑުކަން ފާހަގަ ކުރެވެއެވެ. ސަލާހް އާއި މާނޭ އަށް ގޯލު ޖަހާނެ ފުރުސަތު ތަނަވަސްކޮށްދީ، އެ ދެކުޅުންތެރިން ހުސްވާނެ ޖާގަ ހަދައިދޭ ކުޅުންތެރިއަކީ ފިރްމީނޯ އެވެ. އެހެންކަމުން ފިރްމީނޯ ސިފަވަނީ ލިވަޕޫލްގެ ކުޅެމުންދާ ސިސްޓަމުގެ މައި އެއް ތަނބުގެ ގޮތުގައެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު 28 މެޗުގައި ފިރްމީނޯ 8 ގޯލު ޖަހައި، 7 އެސިސްޓް ވަނީ ހަދާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.