ރަމަޟާން މަސް ނިމުމާއި ގުޅިގެން މި އަންނަ ފިތުރު ޢީދަށް އަޅުގަނޑުމެން ކިޔައި އުޅެނީ ކުޑަޢީދެވެ. ކުޑަ ޢީދުގެ ހަނދާންތަކަކީ ފިލައިގެން ނުދާނޭ ހަނދާންތަކެކެވެ. ނުވަދިހައިގެ ފަހުކޮޅުގެ އަހަރުތަކާއި އަދި ދެހާހުގެ ފުރަތަމަ ކޮޅުގެ އަހަރުތަކަކީ އަޅުގަނޑުމެން ކުޑަ ޢީދު ފާހަގަ ކުރުމުގައި އެންމެ ވަރުގަދަޔަށް ހަރަކާތްތެރިވި ދުވަސްވަރެވެ.
ޢީދާއި ގުޅިގެން ބޮޑު އަލިފާންގަނޑެއް ގޮނޑުދޮށުގައި ރޯކުރުމަކީ ނުވަތަ ޢީދު ހުޅުޖެހުމަކީ ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި ކޮށްއުޅޭ ކަމެކެވެ. މިގޮތަށް ރޯކުރެވޭ އަލިފާންގަނޑަށް ނުވަތަ ހުޅުޖެހުމަށް އަޅުގަނޑުމެން ކިޔައި އުޅެނީ ބުޑުރޯކުރުމެވެ.
ރަށުގައި އަބަދުވެސް އެކުވެރިންގެ ގުރޫޕުތަށް އުފެދިފައި އޮވެއެވެ. އަވަށްއަވަށަށް ނިސްބަތްވާ ގުރޫޕުތަކާއި ހިސާބު ގަނޑުގަނޑަށް ނިސްބަތްވާ ގުރޫޕުތަކެވެ. ރަމަޟާން މަސްފެށުމާއިއެކު އެ އަހަރުގެ ކުޑަ ޢީދުގެ ޕްލޭންތައް ގުރޫޕުތަކުގެ މެދުގައި ކުރެވެން ފަށާނެއެވެ. މީގެތެރޭގައި ބުޑުރޯކުރުމުގެ ޕްލޭންވެސް ހިމެނެއެވެ.
ރަމަޟާން މަސް ފެށުމާއިއެކު ބުޑު ރޯކުރުމަށް ބޭނުންވާ ފަން ކެނޑުމުގެ މަސައްކަތް ގުރޫޕުތަކުގެ މެދުގައި ކުރިއަށް ދާނެއެވެ. ފަންކަނޑައި ބޮނޑިބަނދެފައި އެއްތަނަކަށް ޖަމާކުރަމުން ގެންދާނެއެވެ. ކޮންމެ ގުރޫޕެއް ވެސް ބުޑު ރޯކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނީ އެހެން ގުރޫޕުތަކާއި ވަކިންނެވެ. ވުމާއިއެކު ރަށުގައި ކޮންމެ ޢީދަކާއި ގުޅިގެން ވެސް ތިންހަތަރު ބުޑު ރޯކުރާނެއެވެ.
ކޮންމެ ކަމެއްގައި ވެސް ގުރޫޕުތަކުގެ މެދުގައި ވާދަވެރިކަން އޮންނާނެއެވެ. އެއްބަޔަކަށް ވުރެ ގިނައިން އަނެއްބަޔަކު ފަންކަނޑަން މަސައްކަތް ކުރާނެއެވެ. އަލިފާންގަނޑު ރޯކުރުމަށް ފަންތައް ހަރުކުރުމަށް ނެރޭ ގަސްބުޑު ވެސް އެއްގުރޫޕުން ނެރޭ ބުޑަށްވުރެ އަނެއް ގޫރޫޕުން ނެރޭ ބުޑު ބޮޑު ކުރެވޭތޯ މަސައްކަތް ކުރާނެއެވެ. އަލިފާންގަނޑު އެންމެ ވަރުގަދަވާ ވަގުތު އަޑުގޮއްވުމަށް އެ އަލިފާންގަނޑަށް އެޅުމަށްޓަކައި ރޯ ދުނބުރި ގަސް ކަނޑައިގެން ވެސް ނެރޭނެއެވެ. މި ގަސްތަށް ކަނޑައި ނެރުން އޮންނާނީ ޢީދުވިލޭރެއެވެ.
ބުޑުރޯކުރުމަށް ތައްޔާރުކުރާ ގޮތަކީ ފުރަތަމަ ގޮޑުދޮށުގެ ރާޅު ނުފޯރާ ހިސާބުގައި ނެރުނު ގަސްބުޑު ރަނގަޅަށް ހަރުކޮށްލައި ބެހެއްޓުމަށްފަހު ނެރެފައި ހުރި ފަންތަކުގެ ދެބައިކޮށްފައި އެއްބައި އޭގައި ޖައްސާނީއެވެ. އަނެއްބައި ބަހައްޓާނީ އަނދަމުންދާ އަލިފާންގަނޑު ގިނައިރު އެއްވަރެއްގައި ހިފެހެއްޓުމަށް ޓަކައި އަނދަމުންދާ ވަރަކުން އަލިފާންގަނޑުގައި ޖެއްސުމަށެވެ.
އަލިފާންގަނޑު ބޮޑުވީމަ ދޭތެރެ ދޭތެރެއިން ރޯ ދުނބުރި ގޮތްޕެއް އަލިފާންގަނޑަށް ލާނެއެވެ. ދުނބުރި ރޯ ފަތްތައް އަނދައިގެންދާއިރު ބާރު އަޑުފަށްގަނޑެއް ގޮވާނެއެވެ. އެއަޑު އިވިގެންދާ ވަގުތަކީ ބުޑުރޯކުރުމުގައި އުޅޭއިރު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ވަގުތެކެވެ.
ބުޑުރޯކުރާ ވަގުތަކީ ޢީދުވިލޭރޭ ފަތިސްނަމާދަށް ބަންގި ގޮވައި ނަމާދުކޮށް ނިމޭވަގުތެވެ. އެ ވަގުތަށް ހުރިހައި ގުރޫޕުތަށް ވެސް އެކަމަށް ވާންޖެހޭ އެންމެހާ ތައްޔާރީތަށްވެ ނިންމާނެއެވެ.
ކޮންމެ ގުރޫޕަކުން ވެސް ރޯކުރާ އަލިފާންގަނޑު ނިވުނަނުދީ އިރުއަރާންދެން ހިފެހެއްޓޭތޯ މަސައްކަތް ކުރާނެއެވެ. ބުޑުރޯކުރެވޭ ވަގުތު ގުރޫޕު އެންމެން މޫދަށް އެރުން އޮންނާނެއެވެ. މޫދަށް އެރެން ދެކޮޅުހަދައި ކޮންމެ މީހަކު ފަހައި ދުވެގެން އަތުލައިގެން ވެސް މޫދަށް ލެވޭތޯ ބަލާނެއެވެ. އަދި މިމަންޒަރު ބަލަން ނުކުންނަ މީހުންގެ ފަހަތުން ދުވެ އެ މީހުންވެސް އަތުލައި މޫދަށް ލުން އޮންނާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި