ނޯޓް: މިއީ ކިޔުންތެރިއެއްގެ ރިކުއެސްޓަކަށް ލިޔެފައިވާ ޙަޤީޤީ ހާދިސާއެކެވެ.
ގަޑީގެ އެލާރމްގެ އަޑަށް ސިހިފައި އުމްނާއަށް އޭނާގެ ދެލޯ ހުޅުވާލެވުނެވެ. ވަރަށް އަވަހަށް ފުއްމައިގެން އެނދުން ތެދުވެ، އުމްނާ އޭނާގެ މޫނު މައްޗަށް ވެއްޓިފައިވާ އިސްތަށިތައް ނަގައި ރީތިކޮށްލަމުން ވަނީ ފާޚާނާއަށެެވެ.
“މިއަދު ގަޑި ޖެހޭނެ!” އަމިއްލައަށް އެހެން ބުނެ ފެންމާގަނޑު ޖައްސައިލިއެވެ. ވަރަށް ރީތިކޮށް ފެންވަރާލައިގެން، ކުޑަ ގޮތަކަށް ނަލަ ވެލަމުން އުމްނާ ހަލުވި ފިޔަވަޅުތަކެއް ނަގަމުން ގެއިން ނުކުންނަން ހިނގައިގެތެވެ.
“ދަރިފުޅާ! ސައި ބޮއިގެން ދާންވީނު؟” އުމްނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އޭނާގެ މަންމަގެ އަޑުންނެވެ.
“މަންމާ. ފަހުން ބޯނީ. ގަޑި ޖެހެނީ.” އުމްނާ އެހެން ބުނެ ފިހާރައަށް ދިޔުމަށް މިސްރާބު ޖެހިއެވެ. އުމްނާއަކީ ތ.ގުރައިދޫ “ރަންތަރި” ފިހާރައިގައި ސޭޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އުމުރުން 19 އަހަރުގެ ޒުވާނެކެވެ.
އާދައިގެ މަތިން ފިހާރައަށް އަންނަ އެކި ކަސްޓަމަރުންނަށް ޚިދުމަތްދީ، ކައުންޓަރުގައި ހުންނަ އިރު ދުވަސްދާ ގޮތްވެސް އުމްނާއަކަށް ނޭނގެއެވެ. ނަމަވެސް، ބައެއް ދުވަސްތަކުގައި ވަރަށް މަދުން ވެސް މީހުން އާދެއެވެ. މިއަދަކީ ހަމަ އެފަދަ ދުވަހެކެވެ. އުމްނާ ފިހާރައިގައި އެއިނީ އެކަނި މާއެކަންޏެވެ. ފޫހި ކަމެއް ކޮންމެވެސް ވަރަކަށް އޭނާގެ ހިތަށް ވެރި ވަމުން ދެއެވެ.
ކުއްލިއަކަށް އުމްނާގެ ދެލޯ ބޮޑުވެގެން ދިޔައީ ފިހާރައަށް ވަދެގެން އައި ޒުވާނާ ފެނުމުންނެވެ. ރީތި ފިރިހެނެކެވެ. އިސްކޮޅުން ދިގު، ހިތް ދަމައިގަންނަ ފަދަ ތުނބުޅިއެއް އެޒުވާއަށް ޤުދުރަތުން ވަނީ ދެއްވާފައެވެ. އުމްނާގެ ހިތް ތެޅެން ފެށިއެވެ. މުޅި މީހާ ފިނި ވާން ފެށިއެވެ. ވާން މިއުޅެނީ ކީއްކަން ހަމަ އެއްގޮތަކަށް ވެސް އުމްނާއަކަށް ނޭނގުނެވެ.
“ހާދަ ރީތި ފިރިހެނެކޭ! މާޝާﷲ.” އުމްނާއަށް ބޭއިޙުތިޔާރުގައި މަޑުމަޑުން ބުނެވުނެވެ.
“އެބަ ހުރިތަ ކޯކް؟” އެޒުވާނާ ސުވާލު ކުރި ކަމެއް އުމްނާއަކަށް ނޭނގުނެވެ. އެޔަށްވުރެ ބޮޑަށް އުމްނާ ވަނީ އެހެން ޚިޔާލެއްގެ ތެރެއަށް ޣަރަޤުވެފައެވެ. އަދި އެވެސް އެޒުވާނާގެ މޫނަށް ބަލަމުންނެވެ.
“ހެލޯ؟ ކޯކް އެބަހުރިހޭ؟” އެޒުވާނާ އަޑު ކުޑަކޮށް ބާރުކޮށްލުމުން އުމްނާއަށް ތެޅެގަނެވުނެވެ. އަދި ކުރެވުނު ކަންތަކުން ލަދުގަނެ އިސްދަށަށް ޖެހުނެވެ.
“ސޮރީ!” ލަދުން ހުރެ އުމްނާ ބުނެލިއެވެ.
“އިޓްސް އޯކޭ!” އެ ޒުވާނާ ހީނލިއެވެ. އުމްނާއަށް ލިބުނު އުފާ ބަޔާން ކުރަންވެސް އޭނާއަށް ދަތި ވިއެވެ.
“ކޯކް ހުންނާނެ. އެހުރީ..” އައިސް އަލަމާރިއަށް އިޝާރަތް ކޮށްލަމުން އުމްނާ ބުނެލިއެވެ.
“ތޭންކްސް.” އެޒުވާނާ ކޯކް ފުޅި ހިފައިގެން އައިސް އުމްނާގެ ކުރިމަތީގައި ހުއްޓުނެވެ.
“ކޮން ނަމެއް ކިޔަނީ؟” އެޒުވާ އެހި ސުވާލުން އުމްނާ އިތުރަށް ފިނި ވިއެވެ.
“އުމްނާ.” ލަދުން ގޮސް އުމްނާ އިނީ ހަލާކުވާން ގާތްވެފައެވެ.
“މީ ނިހާޒް” އެޒުވާނާގެ އަޑުވެސް ހަމަ އެހާ ފިރިހެނެވެ. ކޮންމެ ހަރަކާތެއްވެސް ހިތުގެ ހިމަނާރަށް ކުޅެލައިފި ހެން އުމްނާއަށް ދިޔައީ ހީވަމުންނެވެ.
“ފްރެންޑްސް ދޯ؟” ނިހާޒްގެ ތުންފަތުން ހިނިތުންވުން ފިލައި ނުގޮސް ހުއްޓެވެ.
“އާނ!” ލަދުން ހުރެވެސް އުމްނާއަށް އެކަމާއި އެއްބަސް ވެވުނީ ހިތުން ރުހުމުންނެވެ. ވަރަށް ބޮޑަށް ބޭނުން ވެގެންނެވެ. ނިހާޒްގެ މޫނަށް ބެލުނު ގޮތަށް ހުއްޓުން އެރުމުން، އެކަން އުމްނާއަށް ވީ ބޮޑު ލަދަކަށެވެ. ނަމަވެސް އެއީ އޭނާގެ އިޚުތިޔާރުން ބޭރުން ވިކަމެކެވެ.
އުމްނާގެ ޙަޔާތުގައި ދެން ފެށުނީ މުޅިން އެހެން ބާބެކެވެ. އުފާވެރިކަމާއި ލޯބީގެ ސަފުހާއެކެވެ. ނިހާޒްގެ ހިތުގައި ވެސް އުމްނާއަށް އުފެދުނީ ލޯތްބެވެ. ޙަޤީޤީ ލޯތްބެވެ. ރަޙުމަތްތެރިންގެ ގޮތުގައި އެދެމީހުން މާކަ ގިނަދުވަހެއް ހޭދައެއް ނުކުރެއެވެ. ހީވެސް ނުކޮށްހުއްޓާ، ލޯބީގެ ސަފުން އެދެމީހުންގެ ހިތް ގުޅި ލާމެހުނީއެވެ.
ވަރަށް ލޯތްބާއި އެކު އެދެމީހުން ދުވަސްތައް ވޭތު ކުރީ، އެމީހުންގެ ލޯބީގެ ގުޅުމަށް ނަގަން ތައްޔާރު ވަމުންދިޔަ ބާރުގަދަ ތޫފާނަށް ވިސްނުމެއް ނެތިއެވެ. އެހާ ލޯބިން އުޅެފައި ނިހާޒާއި ވަކިވާން ޖެހިދާނެ ކަމަށް އެއްގޮަތަކަށް ވެސް އުމްނާ ނުވިސްނައެވެ. ނަމަވެސް ކަންތައް ދިމާވީ ވަރަށް ދެރަ ގޮތަކަށެވެ. އުމްނާގެ މަންމަ ނިހާޒްއާ ގުޅުމަށް މުޅިން ދެކޮޅެވެ. އޭރު ނިހާޒް ވަނީ އުމްނާ ގާތުން ކައިވެންޏަށް ވެސް އެދިފައެެވެ.
އުމްނާއަށް އޭނާގެ މަންމަގެ ނިންމުން ޤަބޫލުކުރަން ފަސޭހައެއް ނުވިއެވެ. އުމްނާ އެއްގޮތަކަށް ވެސް ނިހާާޒާއި ވަކިވާކަށް ނޭދެއެވެ. އެލޯތްބަށް ދެވިފައި ވަނީ އެޔަށް ވުރެ މާތް މަތިވެރި ދަރަޖައެކެވެ. ނަމަވެސް އުމްނާގެ އަމިއްލަ ލޯބި، އުމްނާގެ މަންމަގެ ބާރުން އޭނާއާ ދުރު ކޮށްލީއެވެ. ނިހާޒް ވަރަށް ރުއެވެ. ވަރަށް ހިތާމަ ކުރިއެވެ. ނަމަވެސް މިއަދު އެދެމީހުންގެ ލޯބީގެ ދެމެދަށް އުމްނާގެ މަންމަ ވަނީ ބޮޑު ފާރެއް ރާނައި ވަކިކޮށްފައެވެ.
*
އުމްނާގެ ޙަޔާތުން އުފާވެރިކަން ފިލައިގެން ދިޔައެވެ. ނިހާޒްގެ ޚަބަރެއް ނުވާތާ އެތައް ދުވަހެކެވެ. ނިހާޒް ނުވެސް ގުޅައެވެ. ނިހާޒަށް ގުުޅުމުގެ އިޚްތިޔާރެއް އުމްނާއަކަށް ނެތެވެ. އުމްނާގެ މުޅި ދިރިއުޅުން އޭނާގެ މަންމަގެ އަތުގެ ތެރޭގައި ވަނީ މުށްކަވާލައިފައެވެ. އުމްނާގެ އެއްވެސް ބާރެއް އޭނާގެ އަމިއްލަ ދިރިއުޅުމަށް މިއަދު ނެތް ފަދައެވެ.
މި ގޮތުގައި އުމްނާ އިންތިހާއަށް ރުުއެވެ. ގިސްލިއެވެ. ނަމަވެސް އެ އަޑު އަހާނެ މީހެއް ނެތެވެ. އުމްނާގެ މަންމަގެ ނުފޫޒުން އުމްނާއާއި ނިހާޒް ވަކި ކުރީ އެއްވެސް ސަބަބެއް ނެތިއެެވެ. ފަހަރުގައި އުމްނާގެ މަންމަގެ އަމިއްލަ ފައިދާއެއް މިކަމުގައި އޮތީބާއޭ އެތައް ފަހަރަކު އުމްނާގެ ހިތް އޭނާއަށް ސުވާލު ކުރަމުން ދިޔައެވެ.
*
ހަތަރު އަހަރުފަހެވެ. އުމްނާގެ ދިރިއުޅުން މިހާރު ހީވަނީ އެއްވެސް މިސްރާބެއް ނެތި އޮޔާދާ ކަނދުފައްޗެއް ހެންނެވެ. އެއްވެސް ޙަޔާތެއް ނިހާޒާއި ނުލައި ފަށާކަށް އުމްނާއެއް ނޭދެއެވެ.
ނިހާޒު ވީ ކޮންތާކު ކަމެއް ވެސް، އެޅޭނީ ކޮން ހާލެއްގައި ކަމެއް ވެސް އުމްނާއަކަށް ނޭނގުނެވެ. އެކަމާއި މެދު ވިސްނާލިޔަސް، އުމްނާގެ ހިތް ދެތަން ވާވަރު ވެއެވެ.
މަޑުމަޑުން ފިޔަވަޅު ނަގަމުން އުމްނާ ހިނގާފައި ގޮސް ބަނދަރު މަތީގައި ހުރި ޖޯއްޔެއްގައި އިށީންނެވެ. އެވަގުތުވެސް އުމްނާގެ ސިކުނޑީގައި ވީ ނިހާޒްގެ ސޫރައެވެ. އެލޯބި ހިނިތުންވުމެވެ. ނަމަވެސް މިއަދު އެ ހިނިތުންވުމަކީ ހަމަ އެކަނި ޚިޔާލެކެވެ. އުމްނާގެ ދެލޯ މަޑުމަޑުން ފުސްވާން ފަށައިފިއެވެ. ލޮލުން ފައިބަން ފެށި ކަރުނައިން އުމްނާއަށް ފެންނަ މަންޒަރު ސާފެއް ނޫނެވެ.
“ނިހާޒް..” ފުސްކޮށް ނިހާޒް ފެނުމާއި އެކު އުމްނާއަށް ކުއްލިއަކަށް ޖޯލިން ތެދުވެވުނެވެ. އަދި ވަރަށް އަވަހަށް ދެލޯ ފޮހެލުން ރަނގަޅަށް ކުރިމަތި ބަލައިލިއެވެ. އާނއެކެވެ. އުމްނާގެ ކުރިމަތީގައި އެހުރީ ނިހާޒެވެ. ކޮނޑުގައި އަޅުވާފައިވާ ދަބަސް ވައްޓާލަމުން ނިހާޒް ވަރަށް ބާރަށް ދުއްވައިގަތީ އުމްނާގެ ގާތަށެވެ. އުމްނާއަށް ވެސް ވީގޮތްވެސް ނޭނގުނެވެ. އުމްނާއަށް ކުރިއަށް ފިޔަވަޅެއް އެޅުނީ ފެށީ ނުހަނު ހަލުވިކޮށެވެެ.
“އުމްނާ!” ނިހާޒް ދިޔަ ގޮތަށް ގޮސް އުމްނާގެ ގައިގައި ވަރަށް ބާރަށް އޮޅުލައިގަތެވެ. ދުވަހަކުވެސް ދެން ދޫނުކުރާ ނަމޭ ބުނާ ފަދަ ބީދައަކުންނެވެ.
“އަހަރެންނަށް އެނގޭ އުމްނާ އުޅުނު ހާލު. މިރަށުގެ މީހުންގެ ފަރާތުން އުމްނާގެ ހާލަތު އެނގުމުން އަހަރެން މިއައީ.. އުމްނާއަށް އެނގޭތަ؟ އަހަރެން އަދިވެސް މިހުރީ އުމްނާގެ ލޯތްބަށް އެދި އެދި…” ނިހާޒް އެހެން ބުނުމުން އުމްނާއަށް “ޕާސް” ކިޔައިފައި ރޮއިގަނެވުނެވެ. އުފަލާއި ހިތާމަ އެކުލެވޭ އިޙްސާސް ތަކަކާއި އެކުގައެވެ. ނިހާޒްގެ ގައިގައި ވަރަށް ބާރަށް އުމްނާ ބައްދަމުން ދިޔައެވެ. މަންމަމެން ދެން ކިތަންމެ ނުޤަބޫލު ވިޔަސް ނިހާޒް ދޫނުކުރަން އުމްނާ ހިތުގައި ވަރުގަދަ ޢަޒްމެއް ކަނޑައަޅަމުންނެވެ. ނިހާޒްގެ ލޯތްބާއި ދެން ދުވަހަކު ވެސް ދުރަކަށް ނުދާނެ ކަމަށް ބުނެ ނިހާޒްގެ ކޮލަށް އުމްނާ ބޮސްދިނެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
- ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޯގަސްޓް 2023ހާދިސާހާހޫރަ – ކުރު ވާހަކަ
- 2 ސެޕްޓެމްބަރ 2020ޚަބަރުފުޓުބޯޅަ ދަނޑުގައި ވިލްފުގެ ހުނަރުވެރިކަން ފެނި އަންތަރީސްވެއްޖެ!
- 31 ޖުލައި 2020ޚަބަރުޖައިލަމްގެ ފިޓް ބޮޑީ، “ކުލަ ފިހިން” – ޗާލު ދޯ!
- 8 ޖުލައި 2020ޚަބަރުކުރީގެ ފިލްމީ ތަރި، ލިލިއަންގެ ދަރި ޖައިލަމް މިހުރީ! ވަރަށް ފިޓް!