ޖަރުމަނުގެ ފުޓްބޯޅަ ލީގު، ބުންޑަސްލީގާ ގައި ރޭ މެއިންޒް އާއި، ލިޕްޒިގް ބައްދަލުކުރި މެޗު 0-5 ގެ ނަތީޖާއަކުން ލިޕްޒިގް ކާމިޔާބުކުރި އިރު، އެޓީމުގެ ހުނަރުވެރި ފޯވާޑު ޓިމޯ ވާނާ ވަނީ ހެޓްރިކެއް ހަދާފައެވެ. މި ހެޓްރިކާ އެކު ބުންޑަސްލީގާގެ މި ސީޒަނުގައި މިހާތަނަށް ކުޅުނު 27 މެޗުން އޭނާ ވަނީ 24 ގޯލު ޖަހާފައެވެ. އަދި މިއީ މި ސީޒަނުގައި މެއިންޒް ކޮޅަށް އޭނާ ފުރިހަމަކުރި ދެވަނަ ހެޓްރިކެވެ.

މިކަމާއި ގުޅިގެން މެއިންޒް ޓީމުން އެ ޓީމުގެ ރަސްމީ ޓްވިޓާ އެކައުންޓުގައި އެ ޓީމުގެ ކުރީގެ ކޯޗު އަދި މިހާރުގެ ލިވަޕޫލް ކޯޗު ޔާގެން ކްލޮޕް ކައިރިން އެދިފައި ވަނީ ވާނާ ލިވަޕޫލް އަށް ގެންގޮސް ދިނުމަށެވެ.

އަންނަ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ކުލަބުތަކުން ކުޅުންތެރިން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ޚަބަރުތައް ބުނާގޮތުގައި ރަނގަޅު ފޯމެއްގައި ހުރި އުމުރުން 24 އަހރުގެ ލިޕްޒިގް ގެ ފޯވާޑު ވާނާ އަކީ ލިވަޕޫލް އިން ޓީމަށް ގެންދިއުމަށް ޝައުގުވެރިވާ އެއް ކުޅުންތެރިޔާއެވެ. ދާދި ފަހުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކްލޮޕް އާއި ވާނާ އާއި ދެމެދު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ލިވަޕޫލްގެ އިތުރުން ޗެލްސީ އާއި ރެއާލް މެޑްރިޑް ފަދަ ކުލަބުތަކުން ވާނާ ގެންދިއުމަށް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.