ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ/ޕްރޮޑިއުސަރ ކަރަން ޖޯހަރުގެ ގެއިން ދެމީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިކަން ހާމަކުރަމުން ކަރަން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގެއިން ދެމީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، ޢަލާމާތްތައް ފެނުމާއެކު އެމީހުން ގޭގެ ވަކި ތަނެއްގައި ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އަދި، ކަމާބެހޭ އިދާރާއަށް ވަގުތުން އެންގި ކަމަށާއި، މުޅި އިމާރާތް ސްޓެރިލައިޒް ކުރިކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ގޭގައި ދިރިއުޅޭ ޢާއިލާ މީހުންނާއި، މުވައްޒަފުން ތިބީ ރައްކާތެރިކަމުގައި ކަމަށާއި، އެއްވެސް ޢަލާމާތެއް ފެންނަން ނެތްކަމަށެވެ. އަދި މިއަދު ހެނދުނުގެ ވަގުތެއްގައި ގޭގެ އެންމެން ޓެސްޓުކުރި ކަމަށާއި، ހުރިހާ ނަތީޖާތަކެއްވެސް ނައްސިވި ނަމަވެސް އެމީހުންގެ ވަށައިގެންވާ އެންމެންގެ ރައްކާތެރިކަމަށްޓަކައި އެންމެންވެސް ތިބީ އަމިއްލައަށް 14 ދުވަހަށް އެކަހެރިވެގެން ކަމަށްވެސް ބުނެފައިވެއެވެ. އަދި، އެންމެންގެ ރައްކާތެރިކަމަށްޓަކައި އެމީހުން ތިބީ ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ފުރިހަމަ އަށް އެއްބާރުލުން ދޭން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފައްސިވެފައިވާ މީހުންނަށް ފުރިހަމަ ފަރުވާއާއި އަޅާލުން ދޭނެކަމަށާއި، އެމީހުން ވަރަށް އަވަހަށް ބަލިން ސަލާމަތްވާނެކަމަށް ކަރަން ނެރުނު ބަޔާނުގައި އޭނާ ބުނެފައިވެއެވެ. އަދި، ދިރިއުޅުމުގައި ދަތި އުނދަގޫ ދުވަސްތަކާއި ކުރިމަތިވާނެ ކަމަށާއި، ނަމަވެސް ގޭގައި ތިބޭނަމަ މިކަމުން ސަލާމަތްވެވޭނެކަމަށް ޤަބޫލު ކުރާކަމަށާއި، އަދި އެންމެންވެސް ސަލާމަތާއި ރައްކާތެރިކަން އިސްކުރައްވާ ގޭގައި މަޑުކުރެއްވުމަށްވެސް ކަރަން ވަނީ އިލްތިމާސް ކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.