“ތަލަކަ ތަފޫ ތާލަން ފޫ، ތާލަކު ތަރިއެއް ބަނދެގެން
އިހަކު ނުކުޅި ވާކުޅިއެއް، މިހާރު ކުޅޭ ކުޅިއެއް
ރަސްކަލުން ކުޅޭ ކުޅިއެއް
މާރަންދޫ މާމިސްކިތު،
މަލިން ކުނާ މަތީ އޮތް
ބިލަތް ބޮނޑީ ފަނަސް ހަފޫ
ހުރާކޯ ހުރާކޯ އަފޯ އަފޯ
އެއޮށް ކޮބައިތަ؟ މިއޮށް ކޮބައިތަ؟ (އެ އަތް ކޮބައިތަ؟ މި އަތް ކޮބައިތަ؟)
އަތުވިޔަސް ނުވިޔަސް މަރަމޭ
ދަގަނޑު ދަތި އަޅާ މަރަމޭ ކައިފާނަން!”
ދިވެހި ރަދީފްގައި ނުވެސް ހިމެނޭ ކިޔައިލަން އުނދަގޫ ބަސްތަކެއް ހިމެނޭ ލިޔުންކޮޅެއް ކިޔައިލުމަށް ޖެހުނީތީ މަޢާފަށް އެދެމެވެ. ކިޔައިލަން ކިތައްމެ އުނދަގޫ ނަމަވެސް މަތީގައި ލިޔެލާފައި އެވަނީ ‘ބަންޖެއް’ ކަމަށް ބެލޭ ވަޒަން ބަހުރުވައަކަށް ހެދިފައިވާ އިބާރާތްތަކެކެވެ. މިއީ ކޮން ޒަމާނެއްގައި ކާކު ހަދާފައި ބަންޖެއްކަމެއް ބުނަން އެނގޭ މީހެއް، މިއަދު މި ބަނދި ކިޔަން ދަންނަ ލ. ފޮނަދުއަށް ނިސްބަތްވާ ދުވަސްވީ މީހުންނަކަށްވެސް ބުނެދޭކަށް ނޭނގެއެވެ. ނަމަވެސް އެމީހުންނަށް ގައިމުކޮށް ބުނަން އެނގޭ އެކައްޗަކީ މި ބަންޖާއި ގުޅިފައިވާ ކުޅިވަރެއްގެ ވާހަކަ އެވެ.
މިއީ ލ. ފޮނަދޫގައި ވަރަށް ކުރީ ޒަމާނުއްސުރެން ޢީދުކުޅުމުގައި ކުޅެ އުޅޭ ކުޅިވަރެއްގައި ބޭނުންކުރާ ބަންޖެކެވެ. ކުޅިވަރަކީ ޢީދަށް ޚާއްޞަ ކުޅިވަރެކެވެ. އެހެންކަމުން މިއީ ޘަޤާފީގޮތުން ޢީދުގައި ކުޅެއުޅޭ ޢީދު ކުޅިވަރެއްކަން އެނގެން އެބައޮތެވެ.
މި ބަނދި ކިޔައި އުޅޭ ކުޅިވަރާއި ބެހޭ މަޢުލޫމާތު ހޯދާލުމަށް އަޅުގަނޑު ބައްދަލުކޮށްލީ ލ. ފޮނަދޫ ދިލާވަރުގޭ ޛުލައިޚާ (ދަލޫކާ) އާއި އެވެ. ދަލޫކާ ގެ އިތުރުން އޭނާގެ ފިރިމީހާ ޔޫސުފް (ޔޫސުބް) އާއި އެ ދެމަފިރިންގެ ދޮށީ ދަރިފުޅު ޢަލީ ޔޫޞުފް ގެ އެހީތެރިކަން ލިބިގެން ދިޔައެވެ. ދިވެހި ތާރީޚްގައި ނުލިޔެވިހުރި އެތައް ބައިވަރު ކަންތައްތަކެއް އަދިވެސް ރާއްޖޭގެ ކަންކޮޅުތަކުގައި ބައިވަރު އެބަހުއްޓެވެ. ހަމަ އެހެއްމެ ދިވެހި ޘާޤާފީ އެތައް ކަމެއްވެސް ލިޔެކިޔުމުގެ ގޮތުގައި ރައްކާކުރެވިފައެއް ނެތެވެ. އެހެންކަމުން މިފަދަ މަޢުލޫމާތު އެއްކޮށް ޢާއްމުންނާއި ހަމައަށް ގެނެސްދިނުމަށް ލިބުނު ރަނުގެ ފުރުޞަތެއްގައި މި ބަންޖާއި، މިއާއި ގުޅިފައިވާ ކުޅިވަރާއި ބެހޭ މަޢުލޫމާތުތައް ހޯދާލީމެވެ.
މިއީ ‘ވަށާނާ’ ނުވަތަ ‘ކޮށި ވަށްކުރުން’ ކުޅުމުގައި ބޭނުންކުރާ ބަންޖެއްގޮތަށް އަތުރާލެވިފައިވާ ބަސްތަކެއްކަމަށް ދަލޫކާ ކިޔައިދިނެވެ. އަދި މި ކުޅިވަރަކީ ‘ތެއްލަ’ ކުޅެ ނިމިގެން ކޮށިވަށްކޮށްގެން ކުޅޭ ކުޅިވަރު ވަށާނާ ނުވަތަ ކޮށިވަށްކުރުން ކުޅޭ އިރު ކިޔައިއުޅޭ ބަސްތަކެކެވެ. މާބޮޑު މާނައެއް ބައެއް ޖުމްލަތަކުން ނުނެގުނަސް، ކުޅިވަރުގެ ފޯރިއާއި ޖޯޝް ގެނެސްދެނީ މި ބަނދިންނެވެ.
މީގައި ހިމެނޭ މައިގަނޑު ދެ ކުޅިވަރު ކުޅޭގޮތް ތަފްޞީލްކޮށް އެހެން ލިޔުމެއްގައި މާތްﷲ ގެ ވާގިފުޅާއި އެކު ގެނެސްދޭނަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!