ކޮވިޑް-19 އާއިމެދު ދިވެހިން ހޭލުންތެރިކުރުވުމަށް، އަމިއްލަ ފަރާތްތަކާާއި ފިލްމީ ފަންނާނުންގެ ފަރާތުން އެކިއެކި އުފެއްދުންތައް ރިލީޒްކުރަމުން އަންނައިރު، މަޝްހޫރު ‘ޔާރާ ޕްރޮޑަކްޝަން’ އިން ރޭ ރިލީޒްކުރި ކުރު ފިލްމަށް އަންނަނީ ހީވެސް ނުކުރާފަދަ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ބޮޑު ފޭންބޭސް އެއް އޮންނަ ހުނަރުވެރި އެކްޓްރެސް މަރިޔަމް ޢައްޒަ އާއި އޭނާގެ މަންމަ އައިމިނަތު ރަޝީދާ (އައިންތު)ގެ މޮޅު އެކްޓިން ފެނިގެންދާ މި ކުރު ފިލްމު ތަފާތުވެފައި އަސަރުގަދައެވެ.

މުނިއަވަސް އަށް ޢައްޒަ ބުނީ މި ވީޑިއޯގެ ކޮންސެޕްޓަކީ އޭނާގެ މަންމަ އައިންތުގެ ކޮންސެޕްޓެއް ކަމަށެވެ. ވީޑިއޯ ޑައިރެކްޓްކޮށް އެޑިޓްކުރީ އައްޒަގެ ފިރިމީހާ، ފިލްމީ ތަރި އަދި ޑައިރެކްޓަރ ޢަބްދުﷲ މުއާޒް (މުއާ) އެވެ.

ޔާާރާ ޕްރޮޑަކްޝަންގެ ކުރު ފިލްމުގައި އަލި އަޅުވާލާފައިވަނީ ފަރުދީ ޒިންމާ އަދާކުރުމުގައި ދިވެހީން ވިސްނަން ޖެހިފައިވާ ވަރަށް މުހިންމު ޕޮއިންޓަކަށެވެ. ‘ކަން ބަލަން ބޭރަށް ދިއުމުގެ އާދަ’ އާމެދު ޙަޤީޤަތުގައިވެސް ދިވެހީން ވަރަށް ބޮޑަށް ވިސްނާން އެބަޖެހެއެވެ. ޚާއްޞަކޮށް ކޮވިޑް-19 ފަދަ ފަސޭހައިން ފެތުރޭ ބައްޔެއް އުޅޭއިރު، ކަން ބަލަން ބޭރަށް ދިއުމަކީ އެއްގޮަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެނެވެ. އެކަމަށް، މި ކުރު ފިލްމުގައި ވަރަށް ރަނގަޅަށް އަލިއަޅުވާލެވިފައި ވެއެވެ. މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކަށް ބޯލަނބައި ގޭގައި ތިބުމަށް ބާރުއަޅާފައިވަނީ އައިންތު އާއި ޢައްޒަގެ ދެމައިންގެ މޮޅު އަދި އަސަރުގަދަ އެކްޓިންނާ އެކުގައެވެ.

“ފަރުދީ ޒިންމާ އަދާކުރައްވާ” މި ކުރު ފިލްމުގައި ހަރަކާތްތެރިވަނީ އައިންތު އާއި ޢައްޒަގެ އިތުރުން، ޢައްޒަގެ ދަރިފުޅު އީތަން އެވެ. ވީޑިއޯ ރިލީޒްކުރިތާ ދެ ގަޑިއިރު ތެރޭގައި 15000 އަށް ވުރެން ގިނަ ވިއުސް ލިބިފައިވާ މި ކުރު ފިލްމަކީ ކޮންމެހެންވެސް ބަލައިލާ މިއިން އިބްރަތް ޙާސިލްކޮށް، ގޭގައި ތިބުމަށް ރަނގަޅު މެސެޖެއްދޭ ފުރިހަމަ މަސައްކަތެކެވެ.

“ފަރުދީ ޒިންމާ އަދާކުރައްވާ” ކުރު ފިލްމުވެސް ވަރަށް ގިނަ ޗެނަލްތަކުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.