ނޯޓު: މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
——————————–
މިއަދަކީ އަހަރެންގެ ޙަޔާތަށް ވަރަށް އުފާވެރި ދުވަހެކެވެ. ކައިވެނީގެ ރަނުން އަހަރެންނާއި އާރިފްގެ ގުޅުމުގައި ގޮށް ޖެހިގެން ދިޔައެވެ. ލޯބީގެ ޤުލްޝަނުގައި މާތައް ފަރިވެ މުޖުރާން ކުރަމުންދިޔައެވެ. އަހަރެންގެ މުޅި ދިރިއުޅުމުގެ ބަގީޗާގައި ލޭ ކޮކާ އުދެހެން ފަށައިއެވެ. މުޅި ދިރިއުޅުމުން ފެންނަމުން ދިޔައީ އުފާވެރި ކަމެވެ. ހިތްހަމަ ޖެހުމެވެ.

އަހަރެންނާއި އާރިފްގެ ކައިވެނީގެ އުފާ މުޅި ރަށުގައި ފާހަގަކުރަމުން ދާއިރު، ހުރިހާ އެންމެންގެ މޫނު މަތިން ފެންނަމުން ދިޔައީ ހިނިތުންވުމެވެ. މިއީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި ދުވަހަށް ވާނެ ކަމާއި މެދު އަހަރެން ޝައްކެއް ނުކުރަމެވެ.

ކައިވެނީގެ ޙަފުލާ ނިމުމުން އަހަރެން ވަނީ އާރިފާއި އެކު ކޮޓަރިއަށެވެ. ދެ މީހުން އެކަނި ވެލުމަށެވެ. ކައިވެނީގެ ފުރަތަމަ ރޭގެ އުފާ ލިބިގަތުމަށެވެ. ކައިވެނީގެ ފުރަތަމަ ރޭގައި ކޮންމެ މީހަކުވެސް ވަރަށް ގިނަ ހުވަފެންތަކެއް ދެކޭނެވެެ. ކުރަން ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެވެ. ހަމަ އެބީދައިން އަހަރެންވެސް ހުރީ އާރިފްގެ ފަރާތުން ކައިވެނީގެ ފުރަތަމަ ރޭގެ ފުރިހަމަ އުފާ ލިބުމަށް ދަހިވެތި ވެފައެވެ.

އަހަރެންނާއި އާރިފް ކައިވެނީ ފުރަތަމަ ރޭގެ އުފާ ލިބިގަންނަމުން ދިޔައިރު، ކޮޓަރީގައި ހަރުކޮށްފައިވާ އޭސީ އަކަށް ކެތެއް ނުވިއެވެ. އޭސީއަށް ކެތް ނުވާ ވަރަށް އަހަރެމެން ދެމީހުންގެ ޖިސްމުން އަރާ ހޫނު މާ ބޮޑެވެ. ދެމީހުން އޮތް އެނދު ގުޑެމުން ދިޔައީ ލޯބީގެ ހަލުވި ހަރަކާތް ތަކުންނެވެ.

އެރޭ ގަޑިން 5 ޖަހަން ވެފައިވަނިކޮށް އަހަރެންނާއި އާރިފް ފެންވަރާލައިގެން އެނދުމަތީގައި ޖައްސާލިއެވެ. އާާރިފަށް އިސާހިތަކު ނިދިއްޖެއެވެ. އަހަރެން އާރިފަށް ބަލަހައްޓައިގެން އޮތީމެވެ. އެ ރީތި މޫނަށެވެ. ބަލާބަލާ ފޫހިވެސް ނުވާނެއެވެ. އާރިފަކީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލި މީހާއެވެ. ފިރިހެނުންނާއި ދޭތެރޭ އަހަރެން ދެކެމުން އައި ގޮތް ބަދަލުކޮށް ދިނީ އާރިފެވެ. އަހަރެން ފިރިހެނުން ދެކެ ފޫހިވެ، މި ހިތް ފިރިހެނުންނަށް ޙަރާމް ކުރަނިކޮށް އަހަރެންނަށް އުފާވެރި ދިރިއުޅުމެއް ހޯދާ ދިނީ އާރިފެވެ. އެއީ އަހަރެންގެ މުޅި ޙަޔާތަށް އައި އަހަރެންގެ އުއްމީދީ ބައްތީގެ ހުޅުކޮޅެވެ. އަހަރެންގެ ނަސީބެވެ. އަހަރެންގެ ދިރިހުރުމެވެ.

އަހަރެން އާރިފް ދެކެ ވަރަށް ލޯބިވަމެވެ. އާރިފް އަހަރެން ދެކެވެސް ވަނީ ހަޤީޤީ ލޯބިކަން އަހަރެންނަށް ވެސް އެނގެއެވެ. އާރިފްގެ އަމިއްލަ އެދުމެއް ނެތެވެ. އަހަރެންނަށް ވަރަށް ރަނގަޅެވެ. އަހަރެންގެ ޢާއިލާއަށް އަޅާލައެވެ. އެއީ ހަމަ ފިރިހެނުންނަށް ހުރި ނަމޫނާއެކެވެ. އަންހެނަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ، އަދި އެންމެ ބޮޑު ނިޢުމަތަކަށް ވާނީ ހެޔޮލަފާ ރަނގަޅު ފިރިއެކެވެ. އެ ނިޢުމަތް ﷲ އަހަރެން ވަނީ ދެއްވާފައެވެ. އަހަރެންގެ މާޒީގައި ކަންތައް ވަމުން ދިޔަ ގޮތުން އަހަރެންނަށް މިފަދަ ބޮޑު އުފަލެއް ލިބިދާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަމެވެ. އުއްމީދުވެސް ނުކުރަމެވެ. އެހެން ހުއްޓާ އަހަރެންގެ ނިވެމުން ދިޔަ ބައްތީ ގައި އާ ހުޅުކޮޅެއް ދިއްލާދީ، އަހަރެންގެ ޙަޔާތް އާރިފް ރޯޝަންކުރުވިއެވެ. އާރިފް އަހަރެންގެ ޙަޔާތަށް އައުމުގެ ކުރިން އަހަރެންނަށް އުޅެވުނު ގޮތް ކުއްލިއަކަށް އަހަރެންގެ ޚިޔާލަށް އަންނަށް ފެށިއެވެ.

*

މާޒީގައި އަހަރެންނަށް ޙަޤީޤީ ފިރިހެނުންނަކީ ކޮބައިކަން އޮޅުނީއެވެ. އަހަރެންގެ ނަޒަރުގައި ފިރިހެނަކަށް ވާނީ އިސްތަށިގަނޑު ދިގު ކުރީމައެވެ. ކަންފަތް ތޮރުފީމައެވެ. ކަރުގައި ފަށްވެސް އެޅީމައެވެ. ޙަޤީޤީ ފިރިހެނަކަށް ވާން ކޮންމެހެން ވެސް ސިނގެރޭޓް ބޯން ޖެހޭނެއެވެ. ތެޔޮ ބިޑި، ޑްރަގްސް ބޭނުން ކުރިއަސް ވަރިހަމައެވެ. ބޮކްސާގެ ބޮޑުބައި ފެންނަ ވަރަށް، ލާ ޖިންސް ހުންނަން ޖެހޭނެއެވެ. މިއީ އަހަރެންގެ ވިސްނުމުގައި “ހޭންޑްސަމް” ފިރިހެނުންގެ ސިފަތަކެވެ. އެ “ހޭންޑްސަމް” ކަމުން އެގޮތަށް ހުންނަ ފިރިހެނުންނަކީ އަޚުލާޤް ރަނގަޅު ފިރިހެނުންގެ ގޮތުގައި އަހަރެންނަށް ދެކެވެން ފެށުނެވެ. އަހަރެންގެ ގާތް ރަޙުމަތްތެރިންވެސް ދެކެމުން އައީ ހަމަ އެގޮތަށެވެ.

މިނޫން ސިފައެއްގައި ހުންނަ ފިރިހެން ކުއްޖެއް ފެނުނަސް އަހަރެންގެ ގާތަށް އަންނަނީ ހިންޏެވެ. ފިރިހެން ކުދިން ބޯކޮށާފައި ސިނގެރޭޓް ބޮއި ނޫޅޭނަމަ، އެއީ އަހަރެންގެ ނަޒަރުގައި “ކަޓް” ފިރިހެނުންނެވެ. ރަނޑު، ފިނޑި ފިރިހެނުންނެވެ. އަހަރެން އޭގެ މީހަކަށް ބަލާ ވެސް ނުލަމެވެ. މަގުމަތިން ފިރިހެނަކު ފެންނަ އިރަށް އަހަރެންނަށް އެންމެ ފުރަތަމަ ވެސް ކަމުދާނީ އޭނާގެ އިސްތަށިގަނޑެވެ. ދެން އޭނާގެ ސޫރައެވެ. ދެން އޭނާގެ އެ ހުންނަ “ހޭންޑްސަމް” ކަމެވެ. އެއްގޮތަކަށް ވެސް އަހަރެން އަޚުލާޤަކަށް ނުބަލަމެވެ.

އަހަރެންގެ އުމުރުން 16 އަހަރުގައި އަހަރެން ޤަބޫލު ކުރާ ރަނގަޅު ސިފަތައް ހުންނަ ފިރިހެނުންގެ ފަހަތުން އަހަރެން ދުވަން ފެށީމެވެ. ލޯބީގެ ގޮތުން ގުޅެމުން ދިޔައީމެވެ. އެގޮތަށް ލޯބީގެ ގޮތުން ގުޅުނު ކުދިން ގުނާ އަދަދުވެސް ނުކުރެވޭނެއެވެ. ރަސްފަންނާއި އާރޓިފިޝިއަލް ބީޗް ފަދަ ތަންތަނުގައި އަހަރެން ގެންދިޔައީ ހާމައަށް އަހަރެންގެ އެ އިރެއްގެ ލޯބިވެރިޔަކާއި އެކު ވަހުޝީ އަމަލުތައް ހިންގަމުންނެވެެ. އެއްވެސް ލަދެއް ނެތިއެވެ. އަނދިރި މަގެއް ފެނުނަސް، ފިރިހެނެއްގެ ގަޔާއި ތަތްވެގެން، ދެތުންފަތް ޖޯޑު ކޮށްލުމަކީ އަހަރެން ވަރަށް ކުރާ ހިތުން ކުރަމުން އައި ކަންކަމެވެ. އަހަރެން ލޯބީގެ ގޮތުން ގުޅުނު ކޮންމެ ކުއްޖެއްވެސް ދެކޭ ގޮތުގައި ލޯތްބަކީ މަޖާ ކުރުމެވެ. ޖިންސީ ގުޅުން ހިންގުމެވެ. ފޫހި ފިލުވުމެވެ. ” ރިލޭޝަން” އަށް ދަނީ އެއްގޮތަކަށްވެސް “ސީރިއަސް” ވެގެން ނޫން ކަމަށް އެ މީހުން ބުނެއެވެ. އެހެނަސް ހިތާމައަކީ އެކަން ހާމަ ކުރަނީ ކޮންމެ ފަހަރަކުވެސް މަލުގެ ފޮނިކޮޅު ބޯލާފައެވެ.

އަހަރެން ލޯބީގެ ގޮތުން ގުޅުނު ކޮންމެ މީހަކާ ވަކިވުމަށް ފަހުވެސް އަހަރެން ކުށްވެރި ކުރަނީ ފިރިހެނުންނެވެ. ފިރިހެނުންނަކީ ހިތެއް ނެތް، ބޭވަފާތެރިންގެ ގޮތުގައި އަހަރެން ދެކުނީމެވެ. އެހެނަސް އަހަރެން ދެންވެސް ރައްޓެހި ވަނީ ހަމަ އެކަހަލަ ފިރިހެނުންނާއެވެ. ދެރަ ލިބޭ ކޮންމެ ފަހަރަކު ހުރިހާ ފިރިހެނުން ކުށް ކުރަމުން ދިޔައީ އަހަރެންނަށް ހަޤީޤަތުގައި ނުވިސްނޭތީއެވެ. ފިރިހެނުންނަކީ ކޮބާކަން އަހަރެންނަށް ނޭނގޭތީއެވެ. އަހަރެންގެ ދެލޯ އެބަހުއްޓެވެ. ވިސްނަން ސިކުނޑި އެބަހުއްޓެވެ. އަޚުލާޤް ރަނގަޅު ފިރިހެނުން ހަޤީޤަތުގައި މިރާއްޖޭގައި ވެސް އުޅޭނެވެ. އެކަމު “ރިލޭޝަންޝިޕް” ” ބްރޭކްއަޕްވާ” ހަމަ ކޮންމެ ފަހަރަކު އަހަރެންގެ ލައިފް “ކަޑަ” އޭ ބުނަމުން ދިޔައިރު، އަހަރެންނަށް އުޅެވެމުން ދިޔައީ “ކަޑަ” ފިރިހެނުންނާއިއެކު ކަން އަހަރެންނަށް ނުވިސްނުނީއެވެ.

އަހަރެން އަމިއްލައަށް “ކަޑަ” ފިރިހެނުން އިޚުތިޔާރުކޮށް ދެރައެއް ލިބުމުން “ލައިފް ސަކް”އޭ “ކަޑަ”އޭ “މަށަށް ހުރި ގޮތޭ” ބުނުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ މިކަމުގެ ޒިންމާ ހުރިހާ ފިރިހެނުންގެ ބޮލުގައި އެޅުވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މިއީ އަހަރެންގެ ކުށެވެ. އަހަރެން ކަހަލަ އަންހެން ކުދިންގެ ކުށެވެ. އަންހެންކުދިން ބޭނުން ނުވާ ނަމަ އެކަހަލަ ފިރިހެނުންގެ ޑްރާމާތަކަށް ނުހެއްލޭނެވެ. ހިތާމައަކީ އެކަހަލަ ފިރިހެނުން ޖަހާހާ ބެރަކަށް އަހަރެން ކަހަލަ އަންހެން ކުދިންނަށް ނެށޭތީއެވެ. ކޮންމެ ފަދަ ދެރައެއް ދިނަސް “ސެކަންޑް ޗާންސް” ދެވޭތީއެވެ. މިހާރުގެ ގިނަ އަންހެން ކުދިން ތިބެނީ އެފަދަ ފިރިހެނުން ދައްކާ ގިރިޓީ ލޯބީގެ ދަޅައިގައި ޖެހި ގެއްލިފައެވެ.

“ހޭންޑްސަމް” ކަމަށް އަހަރެންގެ ނަޒަރުގައި ދެކޭ ފިރިހެނުންނާއި ހުރެ ދުނިޔެއިން މޮޔަވާން ކައިރި ވެފައި ވަނިކޮށް އަހަރެންގެ ޙަޔާތަށް އާރިފް އައީއެވެ. އާރިފަކީ އަޙްލާޤް ރަނގަޅު، ހަށިގަނޑުގެ ތަންތަން ތޮރުފާފައި ނެތް، އިސްލާމީ ރިވެތި އުސޫލުން އުޅެމުން ދާ ޙަޤީޤީ ” ހޭންޑްސަމް” ފިރިހެނެކެވެ. އާރިފަކީ އަހަރެންގެ އޮޔާ ބެހެމުން ދިޔަ ޙަޔާތް އުޖާލާކޮށް ދިން ފަރާތެވެ. އަހަރެންގެ މަންމަގެ ސަބަބުން އަހަރެންނަށް ލިބުނު އާރިފަކީ ހަމަ ޖަވާހިރެކެވެ. މަންމަގެ އެދުމަށް އަހަރެން އާރިފާއި ގުޅުނު ފަހުން މި ތުންފަތުން ހިނިތުންވުން ނުފިލައެވެ. އަހަރެންގެ ހިތާއި ރޫޙު މިފަހަރު މިދެވުނީ މާތް ފިރިހެނަކަށެވެ.

*

“ނުނިދަންތަ؟ ” އަހަރެން ސިއްސައިގެން ދިޔައީ އާރިފް އަހަރެންގެ އަތުގައި ހިފައިލުމުންނެވެ.

“ނޫން. މިއުޅެނީ ނިދަން.” އެނދުމަތީގައި އަހަރެން އޮށޯވެލަމުން އާރިފުގެ ހަށިގަނޑުގައި ވަރަށް ބާރަށް އޮޅުލައިގަނެ، އަހަރެންގެ ދެލޯ މަރާލީމެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ނިދޭތޯ އަހަރެން މަސައްކަތް ކުރީ ހިތްހަމަޖެހުމުގެ ހިތަކާއި އެކުގައެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.