މެންދުރުގެ ގަދައަވިން މުޅި ދުނިޔެ ވިދަމުންދާއިރު އާދައިގެ ވަރަކަށް ޖެހެމުންދިޔަ ވައިރޯޅިން ގަސްތައް ނަށަމުންދިޔައެވެ. ފަޒާގައި ރަސްކަންކުރަމުންދާ ގަދަ އަލިން ގަސްގަހުގެ ފަތްތައް ވިދަމުންދާއިރު މުތީތަކެއް ފަދައެވެ. ބަލާ ފޫހިނުވާހާ ހިތްގައިމެވެ.
މާހައުލަކީ ހުޅުމާލޭގެ ހިތްގައިމު މާހައުލެވެ. ގިނަމީހުން ދެކޭ ގޮތުގައި ހުޅުމާލެއަކީ ރާއްޖޭގެ ސުވަރުގެއެވެ. ހިތްފަސޭހަކަމުގެ ބަގީޗާއެކެވެ.
[avatar user=”Zaanaa” size=”thumbnail” align=”left”]ޒާނާ އަކީ އަސަރުގަދަ ލޯބީގެ ވާހަކަ ލިޔުމަށް ވަރަށް ތަޖުރިބާ ހުރި އުއްމީދީ ލިޔުންތެރިއެކެވެ. ޒާނާ ގެ ވާހަކަ ‘މާާފުކުރާށޭ ކަލާ’ ވެގެން ގޮސްފައިވަނީ ކިޔުންތެރިންނަށް ވަރަށް ކަމުދިޔަ ވާާހަކަ އަކަށެވެ.[/avatar]
އެހާ ހިތްފަސޭހަ ތަނެއްގައިވެސް މޮޅީގެ ސާލެއް އޮޅާލައިގެން ޒާޔާ އިނެވެ. ހެނދުނު ހަތެއްގެ ފެރީގައި މާލެއިން ހުޅުމާލެ އައިގޮތަށް ޒާޔާ ބީޗްގައި ހުރި ގޮޑިއެއްގައި އިށީންދެގެން އިންނަތާ އެތައް އިރެކެވެ. އަޅި ކުލައެއްގެ ގަމީހަކާއި ކަޅު ޖިންސެއްގައި ބެގީ ޖަހައިގެން ޒާޔާ އިން އިރު ހީވަނީ އޮފީހަށް ދާން ތައްޔާރުވެގެން އިންހެނެވެ. ފަންފަން ދިގު އިސްތަށިގަނޑު ވަނީ ތަރުތީބުކޮށް މައްޗަށް ނަގާ ހުޅި އެއްޖަހާފައެވެ.
ކަޅު ކުލައިން ފަވާލެވިފައިވާ ދެލޮލުން ފެންނަނީ އުދާސްކަމެވެ. ދަބަހުގެ ވާގަނޑު ކޮނޑުގައި އަޅުވާލާފައިވާއިރު ދަބަސް އޮތީ ޒާޔާގެ އުނގު މައްޗަށް ވައްޓާލެވިފައެވެ. އަތްތިލަ މައްޗަށް ވެއްޓުނު ކަރުނަތިއްކާއެކު ހިލަގަނޑެއްހެން ގަނޑުވެފައި އިން ޒާޔާގެ ހަށިގަނޑު ހަރަކާތް ކޮށްލިއެވެ. ދަބަސް ހުޅުވާލުމަށްފަހު ރިންގް ވަމުންދާ ފޯނުގެ ސްކްރީނަށް ބަލާލިއެވެ.
“ދެއިރު ކާބޭހެއް ހެން އިރުއިރުކޮޅާއި ނުގުޅިޔަސް މިއަދު އެކަން ކުރާނަމޭ ބުނެފިން ދޯ.” ފޯނު ކަންފަތުގައި ޖައްސާލުމާއެކު ޒާޔާގެ ހިތުގައި ރޯވެފައިވާ ހުޅުގަނޑު އަދައިގަތެވެ. އަދި ކޯލް ކަނޑާލަމުން ދަބަސް ތެރެއަށް ފޯނު ހޫރާލިއެވެ. އައިސްފައިވާ ރުޅިއާއި ހިތުގައިވާ ހުރިހާ ހިތްހަމަ ނުޖެހުމެއް ބޭލީ ފޯނަށެވެ. އަރައިގެން ހުރި ކަޅު ކުލައިގެ ބޫޓް ފަޔަށް ހެޔޮ ވަރުކޮށްލަމުން ޒާޔާ ހިނގައިގަތެވެ. މަގުމަތީގައި ހިނގަމުންދާ މީހުންނާއި ދުއްވާ އެއްޗެހީގެ އިޙްސާސްވެސް ޒާޔާ އަށް ނުވާ ކަހަލައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ހަތަރު އަހަރު ދުވަސް ވަންދެން ކާމިޔާބު މީހަކަށް ވުމަށްޓަކައި ކުރި ބުރަ މަސައްކަތުގެ އެއްވެސް އަގެއްނެތެވެ. ދެކެމުން އައި ހުވަފެންތަކުގައި ކުލަޖެހެން ކައިރިވެފައި ހުއްޓާ ހުރިހާ ކަމެއްގައި ނިމުމުގެ ސިއްކަ ޖަހަން ޒާޔާއަށް މަޖުބޫރުވެއްޖެއެވެ. ޒާޔާއަކީ ހައުސިންޑް ޑިވެލޮޕްމެންޓްގް ކޯޕަރޭޝަންގެ އެޗް އާރު މެނޭޖަރެވެ. އެންމެ އާދައިގެ އެގްޒެކްޓިވް އެއްގެ މަޤާމުން ފެށި ޒާޔާގެ ކެރިއަރ އިން މެނޭޖަރ ލެވެލް އަށް ދިއުމަށް ޒާޔާ އޭނާގެ އަރާމު ނިދިކޮޅު ނަގާލިއެވެ. ދިރިއުޅުމުގެ އެތައް އުފަލެއް ޤުރުބާން ކުރިއެވެ.
އޮފީސް ދޮރުމައްޗާއި ހަމައަށް ދެވުނުއިރު ޒާޔާގެ އަތް ފައި މުޅިން ފިނިވެއްޖެއެވެ. އޮފީހުގައި މަސައްކަތް ކުރާ އެންމެންގެ މަލާމާތުގެ ސަބަބަކަށް ޒާޔާ ވާނެކަން ވެސް ޒާޔާއަށް އެނގެއެވެ.
“މިއަދު ހާދަ ލަހުން އޮފީހަށް ތިއައީ. ބޭބީ ބަލީތަ؟” އޮފީހުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ އުބާ ޒާޔާ ފެނިފައި ވީ ހައިރާނެވެ. ކޮންމެ ދުވަހަކު ގަޑި ޖެހުމުގެ އެތައް އިރެއް ކުރިން އޮފީހަށް އަންނަ ޒާޔާ ގަޑިޖެހިގެން އެތައް އިރެއްވީ ފަހުން އޮފީހަށް އައީމައެވެ. މަޤާމް މަތިވިނަމަވެސް ޒާޔާ ގެންގުޅޭ އުސޫލުތަކަކަށް ބަދަލެއް ދުވަހަކު އައިސްފައެއް ނުވެއެވެ.
ޒާޔާ އަކަށް އުބާގެ ސުވާލަކަށް ޖަވާބެއް ނުދެވުނެވެ. އަނގަ ހުޅުވާލާނެ ހިތްވަރުވެސް ޒާޔާގެ ނެތެވެ. ޒާޔާގެ ދަރިފުޅު ޒިޔަލް ބައްޔެއްވެސް ނޫނެވެ. ޒިޔަލްގެ ހުރިހާ ކަމެއް ފުރިހަމައަށް ކޮށްދޭނެ މީހުންވެސް އެބަތިއްބެވެ. މައްސަލައަކީ އިތުބާރުގެ މައްސަލައެވެ. ޒާޔާގެ ފިރިމީހާ ރާއިދު ގެ މައްސަލައެވެ. ޒާޔާ އޮފީސް ނިމިގެން ދެން ލިބޭ ހުރިހާ ވަގުތެއް ހުސް ކުރަނީ ތިން އަހަރުގެ ދަރިފުޅު ޒިޔަލް އަށާއި ފިރިމީހާ ރާއިދު އަށެވެ. ޒާޔާ އޮފީހުގައި އުޅޭ ހުރިހާ ވަގުތެއްގައި ޒިޔަލް ބަލަނީ ރާއިދުގެ މަންމަ ނައީމާ އެވެ. ގޭގައި މަސައްކަތް ކުރާނެ ބޭރު މީހެއް ހުރެއެވެ. ރާއިދު ޒާޔާ އަށް ވަޒީފާ ދޫކޮށްލަން މަޖުބޫރު ކުރަނީ ރާއިދުގެ މަންމަ އާއި ބައްޕަ ދިރިއުޅުން ލަންކާއަށް ބަދަލު ކުރަން އުޅޭތީ ޒިޔަލް ބަލާނެ މީހެއް ނުހުންނާނެތީއެވެ. ބޭރުން މީހަކު ގެންނާކަށް ރާއިދު ބޭނުމެއްނުވެއެވެ. ޚުދު ރާއިދު ވެސް ބޭނުންވަނީ މަންމަ މެންނާއެކު ލަންކާއަށް ދިރިއުޅުން ބަދަލުކުރާށެވެ.
އަމިއްލަ ކެބިން އަށް ވަދެ ޒާޔާ ވަތްގަނޑު ހުޅުވާލިއެވެ. އަދި ވަތްގަނޑު ތެރޭގައި އޮތް ސިޓީ އުރައެއް ނަގަމުން ފުން ނޭވާ އެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ދެކެމުން އައި ހުވަފެންތައް ވިއްސިވިހާލިވީއެވެ. އަތް ދަބަސް ކޮނޑަށް ހެޔޮވަރު ކޮށްލަމުން ޒާޔާ މިސްރާބު ޖެހީ އޮފީސް ބޮޑު މީހާގެ ކެބިން އާ ދިމާއަށެވެ. ދެފަހަރަކު ޓަކި ޖަހައިލިއިރު ވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އެންމެ ފަހުން ޒާޔާ ކުޑަކޮށް ދޮރު ހުޅުވާލާފައި އެތެރެއަށް ބޯ ދިއްކޮށްލިއެވެ. އެއްވެސް މީހެއް އެތަނުގައި ނެތެވެ. ނަސީބެކޭ ޒާޔާގެ ހިތަށް އެރިއެވެ. މަޑު ހިނގުމެއްގައި ގޮސް އަތުގައި އޮތް ސިޓީއުރަ މޭޒުމަތީގައި ބާއްވާލިއެވެ. އަދި ޖިންސުގެ ޖީބުން ތަޅުދަނޑި ފައްޗެއްވެސް ނަގާ މޭޒުމަތީގައި ކުރިން ބޭއްވި ސިޓީއުރަ މަތީގައި ބާއްވާލިއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ޒާޔާ ހިނގައިގަތެވެ. މިހާރު އެތަނުގައި ހުރުމުގެ އެއްވެސް ބޭނުމެއް ޒާޔާއަށް އޮތް ކަމަކަށް ޒާޔާ ޤަބޫލެއްނުކުރެއެވެ. ޒާޔާގެ ކެބިން އަށް ވަދެ ބައެއް އަމިއްލަ މުހިއްމު ސާމާނުތައް ކޮތަޅަކަށް އެޅުމަށްފަހު ޒާޔާ ބޭނުންވީ ވީހާވެސް އަވަހަކަށް އެތަނުންދާށެވެ. އެއްވެސް އެކުވެރިއަކާއި ވެސް ޒާޔާ ބައްދަލުކުރާ ހިތެއް ނެތެވެ. އޮފީސްތެރެ އަމާންކޮށް އޮތްކަންވެސް ވީ ޒާޔާ އަށް ލިބުނު ހިތްހަމަ ޖެހުމެކެވެ. ހީވާ ކަހަލައެވެ. އެންމެން ވީ މީޓިން ރޫމްގައެވެ.
ޓެކްސީއެއް ހުއްޓުވުމަށްފަހު އެންމެ ފަހު ފަހަރަށް ޒާޔާ އޮފީސް ބިލްޑިންގް އަށް ބަލާލިއެވެ. ކުރީގެ އެކިއެކި ހަނދާންތައް ލޯމަތީގައި ސިފަވެގެންދިޔައެވެ. ޓެކްސީއަށް އަރާ ސީޓްގައި ބުރަކަށި ޖައްސާލަމުން ދާންވީ ފެރީ ޓާމިނަލަށް ކަމަށް ބުނެ ދަބަހުގައި އޮތް ފޯނު ޒާޔާ ނެގިއެވެ. އަދި އޮފީސް ބޮޑުމީހާގެ ނަމްބަރަށް މެސެޖްކޮށްލުމަށްފަހު ފޯނު ނިއްވައިލި އެވެ.
ގެޔަށް ވަން ތަނާ ފުރަތަމަވެސް ޒާޔާގެ ކަންފަތުގައި ޖެހުނީ އޭނާގެ ދަރިފުޅު ޒިޔަލްގެ އަޑެވެ. ހުރިހާ ފިކުރުތަކެއްވެސް ފިލައި ދިޔަ ކަހަލައެވެ. ކުޑަކުޑަ ޒިޔަލް ދުވެފައި އައިގޮތަށް އައިސް ޒާޔާގެ އަތު ތެރެއަށްވަނެވެ.
“ނުވެސް ކެއި އެންމެ ރޮށިކޮޅެއްވެސް. ބުއްތަށިދީފަ މި ފެންވަރުވާލީ ހަމަ ދެންމެ.” ނައީމާ ޒާޔާގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ.
“ހާދަ އަވަހަކަށް އޮފީސް ނިމުނީ.” ނޭނގޭ ކަމަށް ހަދައިގެން ނައީމާ ހުއްޓަސް ޒާޔާއަށް ހުރިހާ އެއްޗެއްވެސް އެނގެއެވެ. ރާއިދުގެ ބޮލުގައި އަބަދު ނައީމާ ކޮށާކަން ވެސް ޒާޔާ ދެނެ ހުއްޓެވެ. ކައިވެންޏަށް ހަތަރު އަހަރުވީ އިރު ރާއިދުގެ ފުރިހަމަ އެއްބާރުލުން ޒާޔާއަށް އައީ ލިބެމުންނެވެ. ކުއްލިއަކަށް މިގޮތަށް ރާއިދު ނިންމަން ޖެހުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ނައީމާ ކަން ވެސް ޒާޔާއަށް އޮޅިފައެއް ނެތެވެ. ނަމަވެސް ޒާޔާ ރައްދު ދޭން ބޭނުން ނުވަނީއެވެ. އެއްވެސް މައްސަލައެއް ޖެހި އެއްވެސް މީހަކާއި މޫނު ކެނޑެން ބޭނުން ނުވަނީއެވެ. ނައީމާގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ޒާޔާ ޒިޔަލް އާއި ސަކަރާތް ޖަހާތަން ބަލަން ހުރެފައި އެތަނުން ދިޔުމުން ޒާޔާ ޒިޔަލް ގޮވައިގެން ގޮސް ކޮޓަރިއަށްވަނެވެ.
ދުވަހުގެ ހަތަރުދަން ޒާޔާ ހޭދަކޮށްލީ ކޮޓަރީގައެވެ. ޒިޔަލް އަށް ކާންދިނީވެސް ގޭގައި ގެންގުޅޭ މީހާ ކައިރީގައި ބުނެގެން ކާއެއްޗެއް ގެނެސްގެންނެވެ.
“މަންމީ. ޒިޔަލް ލައިކް ވަނީ މަންމި ދެކެ. މާމަ ދެކެ ޒިޔަލް ލައިކެއް ނުވެޔޭ.” ޒާޔާގެ މޭތެރެއަށް ބޮޑިވެގަންނަމުން ޒިޔަލް ބުނެލިއެވެ.
“އެހެންތަ؟ އެހެން ވީއިރު ދެން މަންމި ހުންނާނަން އަބަދުވެސް ދަރިފުޅު ކައިރީގައި.” ޒާޔާ ޒިޔަލްގެ ކޮލުގައި ތުންފަތް ޖައްސާލިއެވެ.
ޒިޔަލްއަށް ނިދުނުއިރުވެސް ޒާޔާ އިނީ ޒިޔަލްގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ. އޭރުވެސް ޒާޔާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ އޮފީހުގެ އެކިއެކި ޚިޔާލުތަކެވެ. ކުއްލިއަކަށް ފޯނު ނިއްވާލެވުނު ހަނދާންވެގެން ޒާޔާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަތް ދަަބަަސް ހާވާލަމުން އޭގެ ތެރޭގައި އޮތް ފޯނު ނެގިއެވެ. ނިއްވާލައިފައި އޮތް ފޯނު ޒާޔާ ހުޅުވާލިތަނާ ފުލުފުލުން މެސެޖްތަކާއި ކޯލް އެލާޓްތައް އަންނަން ފެށިއެވެ. ވަޒީފާއިން ވަކިވީ ސަބަބު ނޭނގި ގެންނެވެ. ޒާޔާ އުފާވެސް ވިއެވެ. ދެރަވެސް ވިއެވެ. އުފާވީ އެންމެން ޒާޔާ އާ ދޭތެރޭގައި ވިސްނާތީއެވެ. ދެރަވީ ޒާޔާގެ ހިތް ނޭދޭ ގޮތައް ކަންތައް ކުރަން ޖެހޭތީއެވެ.
އެންމެން މަތިން މިސްވާނެ ކަމަށް ބުނަމުން ޒާޔާ އޮފީސް ވައިބަރ ގްރޫޕަށް މެސެޖްކޮށްލިއެވެ. އަދި ސިމްކާޑް ފޯނުން ނަގައި އަނގަޔަށްލާ ހަފާލިއެވެ. އޭރު ހަމަ ރަނގަޅަށްވެސް ޒާޔާ އަށް ރޮވިއްޖެއެވެ. އެވަގުތު ކޮޓަރި ދޮރު ހުޅުވާލާފައި ރާއިދު ވަނެވެ. ހެވިފައި އައިސް އަތުގައި އޮތް މާބޮޑި ނަގާ ޒާޔާ އާ ދިމާއަށް ދިއްކޮށްލިއެވެ.
ޒާޔާ މޫނު އަނބުރާލީ ދުރަށެވެ.
“އަސްތާ. މަގޭ ޖާން ރުޅި އައިއްސަތަ؟” ރާއިދު ޒާޔާ އާ ޖެހި ފިތިގެން އިށީނދެލިއެވެ.
“ހުރިހާ ކަމެއް އެނގިހުރެ ނޭނގޭ ކަމަށް ނުހަދަބަލަ. ރާއިދު ކީއްވެ މަށަށް ތިހެން ތިހަދަނީ.” ޒާޔާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. ހިތުގައި ހުރި ހުރިހާ އުދާސްތަކެއް ކަރުނައިގެ ސިފައިގައި ބޭރުވަމުން ދަނީއެވެ.
“ޒާޔާ. އިނގެޔޭ ދެރަވާނެކަން ވެސް. އެކަމަކު އަހަރެން އެގޮތަށް ނިންމީ ވަރަށް ވިސްނާފައޭ.” ޒާޔާ ދެރަވެ ރޯތަން ބަލަން ރާއިދުއަކަށް ފަސޭހައެއް ނޫނެވެ.
“އޯކޭ. ޒާޔާ ބޭނުންވާ ކަމެއް ބުނެބަލަ. ޕްރޮމިސް ކޮށްދޭނަން.” ޒާޔާ އެއްވެސް ޖަވާބެއް ނުދިނުމުން ރާއިދު ޒާޔާގެ ދަތް ދޮޅީގައި ހިފާ އުފުލާލިއެވެ.
“ޔަޤީންތަ؟” ޒާޔާއަކަށް ޤަބޫލެއްނުކުރެވުނެވެ. ރާއިދު ބޯޖަހާލަމުން ހިނިތުންވެލިއެވެ.
“އަހަރެމެން ދާނީ ލަންކާއަކަށް ނޫން. އަހަރެންގެ ރަށަށް. ޒިޔަލްވެސް އަދި ކުޑައެއްނު. އަހަރެއް ކޮށްލާފަ އަންނާނީ.” ޒާޔާ ވާހަކަ ދެއްކީ ސީދާ ރާއިދުގެ ލޮލަށް ބަލަން ހުރެއެވެ. ހީވާކަހަލައެވެ. ރާއިދު އެއްބަސް ވާނެހެން ޒާޔާ އަށް ހީނުވަނީއެވެ.
“ޒާޔާ ބުނަމެއްނު އަބަދުވެސް ރަށަކަށް ދާކަށް ބޭނުމެއް ނޫނޭ.” ޒާޔާގެ ވާހަކައިން ރާއިދު އެހާ ހިތްހަމަ ޖެހުނު ހެނެއް ހިއެއްނުވެއެވެ.
“އިނގޭ އެއްބަސް ނުވާނެކަން ކުރިންވެސް. ރާއިދު މަށަށް ފެންނަގޮތް ބުނާށޭ ބުނީމަ ބުނީމި.” ޒާޔާގެ ގާތަށް ރުޅިއައެވެ.
“ދާނީ އެހެންވީއިރު. ހެޕީ؟” ރާއިދު ޒާޔާގެ އަތުގައި ހިފައިގެން ގެނެސް އުނގުގައި ބައިންދާލިއެވެ.
“ދާން ބޭނުމީ މާދަމާ.” ޒާޔާ ބޭނުންވީ ވީހާވެސް އަވަހަށްދާށެވެ. ނައީމާ ކުރިމަތިންވެސް ދުރަށެވެ. އޮފީސް މާހައުލާވެސް ދުރަށެވެ. ގޭގައި ހުރިއްޔާ ޒާޔާ ހަދާނީ ނައީމާގެ އަޅަކަށް ކަން ޒާޔާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.
“މި އަންނަނީ ޓިކެޓް ކަންތައް ހަމަޖައްސާފައި. ރެޑީ ވެބާ ޝޮޕިން ކޮށްލަން ދާން. ރަށަކުން ކަމަނާފާނު ބޭނުންހާ އެއްޗެއް ނުލިބޭނެއެއްނު.” ރާއިދު ސަމާސާކޮށްލީ ޒާޔާ ހެއްވާލުމުގެ ނިޔަތުގައެވެ. ނަމަވެސް ޒާޔާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރެއް ނުފެނުނެވެ. ރާއިދު ނިކުތުމުން ޒާޔާއަށް އަނެއްކާވެސް ވިސްނެންފެށިއެވެ. ރަށަށް ގޮސް އުޅެވޭނެބާއެވެ. އެތަނަކީ ޒާޔާ އެއް އިރެއްގައިވެސް އުޅޭ ހިތްވާ ތަނެއް ނޫނެވެ. އުޅެން ބޭނުންވެސް ވާތަނެއް ނޫނެވެ. ރާއިދުގެ މަންމެންނާއެކީ ލަންކާ އަށް ދާކަށްވެސް ޒާޔާ ބޭނުމެއްނޫނެވެ. އެކަމަކު ރާއިދުގެ މަންމައާ އެކީ އުޅުމަށްވުރެ ރަށަށް ދިއުންވެސް ޒާޔާއަށް މާރަނގަޅެވެ. މިވީހާ ދުވަހު ރާއިދުގެ މަންމައާއެކީގައި އުޅެވުނީ ޒާޔާ ގޭގައި ނުހުރެ ވަޒީފާގައި ހުރިހާ ވަގުތެއް ހޭދަކުރާތީއެވެ.
ނިދިފައި އޮތް ޒިޔަލް އަށް ބަލާލަމުން ޒާޔާ ތުވާލި ހިފައިގެން ގޮސް ފާހާނާއަށް ވަނީ ރާއިދު އަންނަންދެން ތައްޔާރުވެލުމަށެވެ.
ދެއަތް ފުރާ ކޮތަޅު ހިފައިގެން ރާއިދު އާއި ޒާޔާ ގެޔަށް އައިސް ވަނީ އެމީހުންނަށް ބޭނުންވާ ހުރިހާ އެއްޗެއް ގަނެގެންނެވެ.
“ރާއިދު. ތި ކުރެވެނީ ރަނގަޅު ކަމެއްތަ؟ ދަރިފުޅަށް އުޅެވޭނެތަ ރާއްޖެތެރޭގައި.” ސޯފާގައި އިން ރާއިދުގެ ބައްޕަ އަހްމަދު ރާއިދު ފެނިފައި އިންތަނުން ތެދުވިއެވެ.
“ޒާޔާގެ ރަށެއްނު. އުޅެވޭނެ.” ބައްޕަގެ ކުރިމަތީގައި ރާއިދު ހުރީ އިސްޖަހައިގެންނެވެ.
“ތީ ރަނގަޅު ގޮތެއް ނޫން. އަދި ވިސްނާލާ. ބައްޕަ ނެތިން ތި ދެކުދިންގެ ނިންމުމަކަށް ގޮތް ކިޔާކަށް.” އަހްމަދު ހިތްހަމަ ނުޖެހިފައި ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.
ޒާޔާގެ މޮޅިވެފައިވާ މޫނަށް ރާއިދު ބަލާލިއެވެ. ކޮންމެ ގޮތެއްވިޔަސް ޒާޔާ ދެރަވާ ކަހަލަ ކަމެއް ރާއިދު ކުރާކަށް ބޭނުމެއްނުވެއެވެ.
“ހިނގާ ޕެކް ކުރަން ދަމާ.” ރާއިދު ޒާޔާގެ އަތުގައި ހިފައި ގަޔާ ކައިރިކޮށްލިއެވެ.
ލޯންޗުން ފައިބަމުން ރަށުގެ ފަސްގަނޑުގައި ފައި ޖެހުމާއެކު އަހަރެމެންނަށް މަރުޙަބާ ކިޔާލީ ކުއްލިއަކަށް ވެހެން ފެށި ވާރޭ އެވެ. ޒިޔަލް އުރާލައިގެން ޖެޓީ ކުރިމަތީގައި ހުރި ފިހާރައެއްގެ އަސްކަނިދޮށަށް ޒާޔާ ދުވެފައި ގޮސްވަނެވެ. އެންމެންނަށް ސަޕްރައިޒެއް ދިނުމަށްޓަކައި ޒާޔާ އޭނާ އަންނަ ވާހަކަ އެކަކު ކައިރީގައިވެސް ނުބުނެއެވެ. ނަމަވެސް ވާރޭ ހުއްޓާނުލާތާ ގިނަ އިރުވުމުން ޒާޔާ އަށް އޭނާގެ އާއިލާ މީހުންނަށް ގުޅަން މަޖުބޫރުވިއެވެ.
ގެޔަށް ދެވުނު އިރު އާއިލާގެ އެންމެން ވަނީ ގޭތެރެއަށް ޖަމާވެފައެވެ. އުފަލުގެ ކޮޅެއްނެތެވެ. އެތައް އަހަރު ތަކަކަށްފަހު ޒާޔާ އެނބުރި ރަށަށް އައުމުން އެންމެންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ.
ރާއިދު އަށް އެމާހައުލު ވީ އާ ކަމަކަށެވެ. ނަމަވެސް އެންމެން ވާހަކަ ދައްކާ ހަދަން ފެށުމުން ރާއިދުވެސް ހުރީ ހިތްހަމަ ޖެހިފައެވެ.
“ޒާޔާ މިހާރު ހާދަ ފަލައޭ.” ޒާޔާގެ ދޮންބެ ޔަމަން ޒާޔާ އާ ދިމާކޮށްލިއެވެ.
“ފަލަވާނެއެއްނު. އެހާ ލޯބި ދެމޭ.” ރާއިދު ޔަމަންގެ ސަމާސާގައި ބައިވެރިވެލިއެވެ.
“ދެން ދޭ ރެސްޓްކޮށްލަން. ޒިޔަލް ވެސް އެހުރީ ނިދިއައިއްސަ.” ޔަމަން ޒާޔާ މެންގެ ފޮށިތައް ނަގައިގެން ޒާޔާގެ ކޮޓަރިއަށް ގެންގޮސްދިނެވެ.
“މަންމަ ދާނަން ކާން ހަދާލަން. ކައިގެންވެސް ރެސްޓް ކުރެވޭނެ.” ޒާޔާގެ މަންމަ ފާއިޒާ ޒާޔާގެ ބޮލުގައި ފިރުމާލިއެވެ.
“ރާއިދު ދޭ ޒިޔަލް ގޮވައިގެން ރޫމްއަށް. އަންނާނަން ޝޮޕް ބަންދު ކުރުމުގެ ކުރިން ޑައިޕަރ ގަނެގެން.” ޒާޔާ އަތް ދަބަހުގައި އޮތް ރާއިދުގެ ވޮލެޓް ނަގައިގެން ހިނގައިގަތެވެ.
މަގުމަތިން ހިނގަމުން ދިޔައިރުވެސް ޒާޔާއަށް ބެލެނީ ބަދަލުވެފައިވާ ރަށުގެ މާހައުލަށެވެ. ކުއްލިއަކަށް ކުރިމަތިން ސައިކަލެއްގައި ދިޔަ ފިރިހެން ކުއްޖެއް ޒާޔާގެ ސަމާލުކަން އަތުލައިފިއެވެ. ޒާޔާ އުޅެ ބޮޑުވި ރަށް ކަމުގައިވިޔަސް އެއީ ކާކު ކަމެއް ޒާޔާ އަކަށް ނޭނގުނެވެ. ފެނުނީ މޫނުގެ އެއްފަރާތެވެ. ލައިގެން ހުރި ކަޅު ކުލައިގެ ޓީޝާޓެވެ. ޖެލް ލައި ހަރުކޮށް ކޮޅަށް ނަގާފައިވާ ފަން އިސްތަށިކޮޅެވެ. ޒާޔާގެ ހިތުގެ ތެޅުން އަވަސްވާން ވީ ސަބަބު ޒާޔާއަކަށްވެސް ނޭނގުނެވެ. ކުރެވުނުހާވެސް ކަމަކީ ނިވައި ވަންދެން އެކުއްޖާއަށް ބެލުމެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 02
- 7 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 01
- 12 ޖެނުއަރީ 2021ވާހަކަމާފުކުރާށޭ ކަލާ
- 28 އޭޕްރިލް 2020ބިރުވެރިލޯބިވެވުނީ އެވެ.