އާދައިގެމަތިން އޮފީހުގެ މަސައްކަތް ނިންމާލުމަށްފަހު އަހަންނަށް ގެއަށް އާދެވުނު އިރު ހުރީ ދެގަޑި ބަޔަށްވުރެ ބޮޑުވެފައެވެ. ފުރަތަމަވެސް ގޭ ގޯތިތެރެއަށް ވަން އިރަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ފަސްބާޑި ޖަހާފައޮތް ފަސްގަނޑެވެ. އޮފީހަށް އަހަރެން ހެނދުނު ދާން ނިކުތް އިރަށްވުރެ ހަޑިހެން ހީވެއެވެ. ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅެއް އަޅަން ޖެހުނީ ކޮންމެވެސް ކުޅޭ އެއްޗެއް ނޫނީ ފައިވާން ކިބައެއް ހުރަސް ކުރަމުންނެވެ. މީވެސް ދިރިއުޅުމެކެވެ.

ގޭ ދޮރު ހުޅުވާލިތަނުން ފުރަތަމަވެސް އަހަރެންގެ މޫނުމަތީގައި ޖެހުނީ އަހަރެންގެ ދެވަނަ ދަރިފުޅު އެއްލި ކުޅޭ އެއްޗަކުންނެވެ. މިކުދިންނަށް އެހެން އެއްޗެހި އުކުމަކީ ރަނގަޅު ކަމެއްނޫން ކަމުގައި ބުނެލަދެވޭނެ ވަރުގެ މީހެއްވެސް ނެތީބާއެވެ. އައި ރުޅި ހިންދާލަމުން ކޮޓަރި ތެރެއަށް ވަނީމެވެ. ތަން ހީވަނީ ދުވަހަކު ސާފު ނުކުރާ ކުނިގޮނޑެއް ހެންނެވެ. މުޅި ސިޓިންރޫމް ފުރިފައި އޮތީ އެކިއެކި ކުޅޭސާމާނުންނެވެ. ލިޔާ މޭޒުމަތި ހީވަނީ ތަރުތީބު ގެއްލިފައި އޮތް ކުޑަވަރެއްގެ ލައިބުރަރީއެއް ހެންނެވެ. ކުލަތައް ހުރީ ޕާހުން ނަގައި އެތަންމިތަނަށް އުކާފައެވެ. ފަންސުރު ޖަހާފައި ހުރި ކުނޑިތައް ހުރީ ފޮތްތަކުގެ މަތީގައެވެ. ދެއަރިއަކަށް ބޯހޫރާލަމުން ކުރިއަށް ޖެހިލީމެވެ.
ދެފިޔަވަޅު އަހަންނަށް ނޭޅުނެވެ. ފައި ތަތްލާން ފަށައިފިއެވެ. ޔަގީނެވެ. ކޮންމެވެސް ކާއެއްޗެއް އަޅާލާފައި އެތަން އެއޮތީ ސާފުވެސް ނުކޮށެވެ. ޗުސްޗުސް ލައްވަމުން ފާހާނައަށް ވަނީ ފައި ދޮވެލުމުގެ ބޭނުމުގައެވެ. ފާހާނާ ދޯއެވެ. ދާވެ ބާލާފައި ހުރި އެއްޗެހި ކަމެއް ނޫނީ ގެނެސް ތެތްމާފައި ހުރިއެއްޗެހި ކަމެއް ނޭގެއެވެ. ގައިމު އެވަރަށް ލާ އެއްޗެހި ދާވޭހެއްޔެވެ. ފާޑަކަށް އަހަރެންގެ ބޮލުގައި ރިއްސަން ފެށިއެވެ. މިއަކީ އައު ކަންތައްތަކެއް ނޫނެވެ. ނަމަވެސް ހަމަ ކޮންމެ ދުވަހަކު މިކަމުގައި އަހަރެންގެ ސިނކުޑި ގޮވައެވެ.

އަހަރެންގެ ދޮށީ ދެކުދިން އަހަރެން ފެނުމުން އުފަލުން ނަށަނީއެވެ. އިރުއިރު ކޮޅާ އައިސް އެއްޗެކޭ ބުނެލައެވެ. ނަމަވެސް އޭގެން އެއްޗަކަށް ޖަވާބު ދެވޭވަރަށްވުރެ އަހަރެންގެ ސިނކުޑި ބިޒީއެވެ. މޫނު ހަދައިގެންހުރެ ކުދިން ނިދާބައި ހުޅުވާލީމެވެ. އަހަރެންގެ އަންހެނުން ކުޑަމީހާއަށް ބުއް ޖައްސައިގެން ނިންދަވަން އޮތެވެ. އެތާ އޮންނަން ކެރޭބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ބެޑުޝީޓުތައް އޮތީ އެގޮތްމިގޮތަށެވެ. ބާލީސްތައް އެތަން މިތާނގައެވެ. އަހަރެން ފެނުމުން އަހަންނަށް މަޑުކޮށްލާށޭ މިއަންނަނީއޭ ނިކަން ލޯބިން ބުނެލިއެވެ.

އަހަރެން ނިކުމެ ސޯފާގައި އިށީދެލީމެވެ. އައްދޯތް! އަހަންނަށް ބާރަށް ބުނެވުނެވެ. ފޫކޮޅަށް އެއްޗެއް ހެރުނެވެ. ތެދުވެ ބަލާލިއިރު އެއީ މީގެ ދެދުވަސް ކުރިން އަހަރެންގެ އެންމެ ހަގު ދަރި ކުޅެން ގަތް ކާރެއްގެ ބައެކެވެ. އެވެސް ހަލާކުވީއެވެ. ބޮޑު އަގުދީފައި ގަންނަ އެއްޗެއްސަށް އެއްވެސް ބެލުމެއް ނެތެވެ. ރަނގަޅު ކަންތަކާއި ގޯސްކަންތައް، އަދި މިކުރާ ބުރަ މަސައްކަތުގެ އަގު އެކުދިންނަށް އަހަރެންގެ އަންހެނުން ބުނެ ނުދެނީ ކީއްވެބާއެވެ. އެހެންމީހުންގެ ދަރިން ހާދަ ބަލައިގެން އެއްޗެހި ގެންގުޅޭތަން ފެނެއެވެ.

އިރުކޮޅެއްފަހުން އަންހެނުން ކުދިންގެ ކޮޓަރިން ނިކުމެ އަހަރެން ކައިރިއަށް ހުއްޓިލިއެވެ. ޗީ…. ފެނުނީމަވެސް އަހަރެން ގަތީ ފަކުރެވެ. އެއޮތް ބޮލެކޭ ވަޅުން އަރާހުރި ފުރޭތައެކޭ ތަފާތެއް ނެތެވެ. ގަޔަތް ދޫކަމުން ކޮސަ ހެދިފައި އޮތް ޓީޝާޓު ގަނޑަކާއި ދޫވެ ބާވެ ހަސްނެތިފައި އޮތް ހަރުވާލު ގަނޑެއްގައި ހުރި އަހަރެންގެ އަންހެނުން ފެނުމުން އަހަރެން ފަކުރުގަތެވެ. މީ ކިހާ ރީތިކޮށް ހުރި މީހެއް ހެއްޔެވެ. މީހުން ބުނެ އުޅެނީ ތެދެކެވެ. ތިމާގެ ރީތިކަން ދެއްކުމަށް ހޭބޯނާރާ އުޅޭނީ ރައްޓެހިވެގެން އުޅޭއިރުއެވެ. ކައިވެނި ކުރެވޭ ހިސާބުން ފިރިމީހާގެ އުފަލަށްޓަކައިވެސް ރީތިވެލުމަކީ އެމީހުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

އަންހެނުން ވަރަށް ލޯބިން ކާންދަމާ ހިނގާށޭ ބުނުމުން ކާންދާން ހިނގައިގަތީ ވެފައި ހުރި ހައެއްގެ ބޮޑުކަމުންނެވެ. އަދި އަވަހަށް ކައިގެން މިހުރިހާ ކަމަކުން ސިކުނޑި ސަލާމަތް ކޮށްލެވޭތޯ ޖައްސާލުމުގެ ބޭނުމުގައެވެ. ކާން މޭޒުގެ ގޮށި ނެގިއިރު މިއަދުވެސް ގަރުދިޔައެވެ. އެކަމާ ސުވާލުވެސް ކޮށްލީމެވެ.

“އަނެއްކާވެސް ގަރުދިޔަތަ؟ މަސްކޮޅެއް ތެލުލާފަވެސް ނެތްދޯ؟” ފޫހި ރާގަކަށް އަހަރެން ބުނެލީމެވެ.

“ވަރަށް ބޮޑަށް ސޮރީ. ކުޑަމީހާ ވެކްސިން ދީގެން އުޅޭ ދުވަހެއްވީމާ އެއްކަމެއްވެސް ނުވެގެން މިއުޅެނީ. މާދަން އެހެން އެއްޗެއް ހަދާ ދޭނަން އިނގޭ.” އަނގައިން ބަހެއް ނުބުނެ އަވަސް އަވަހަށް ބަތްކޮޅު އަނގަޔަށް އަޅާ ދިރުވަން ފެށީމެވެ. އަހަރެން އިން ފާޑުން އަންހެނުން ސުވާލު ކުރިއެވެ. ކަމެއް ނުވާކަމަށް ބުނެ އަވަސް އަރުވާލާފައި ގޮސް އޮށޯވެއްޖައީމެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެންގެ ދިރިއުޅުމާއި އަންހެނުންދެކެ އަހަރެން ވަމުންދިޔަ ފޫހި ދުވަހެއް ދުވަހަކަށް ދިޔައީ އިތުރު ވަމުންނެވެ. ގެއަށްދާ ވަގުތު މަދުކޮށް އޮފީހުގައި ގިނަވަގުތު ހޭދަކުރަން ފެށީމެވެ. އަންހެނުންގެ ޝަކުވާ މިކަމުގައި އަންނަން ވެސް ފެށިއެވެ. ނަމަވެސް އެ ޝަކުވާ ކުރާ ކޮންމެ ފަހަރަކު އަހަރެންގެ ގާތަށް އަންނަނީ ރުޅިއެވެ. ރުޅިއައިސް އަހަންނަށް ކިޔޭ ނުކިޔޭ ނޭގޭ ހިސާބަށް ކަންތައް ދާފަހަރުވެސް އަންނަން ފެށިއެވެ. ދަރިން ކުރިމަތީ ހަޅޭ ލެވުމަކީ އަހަރެން ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް ހަމަ އަމިއްލަ ނަފުސުގެ މައްޗަށް ބާރު ނުފޯރުވެނީއެވެ. އެންމެ ފަހުން އަހަރެން ގޮސް ވަނުމުން ކުދިން ކުރިން އެއުޅުނު އުފާވެރި ގޮތްގަނޑު ފެނުން ދުރުވާން ފެށިއެވެ. އަހަރެން ފެނުމުން ފާޑަކަށް އެކުދިން ބިރުން ދުރަށް ފަހަތަށް ޖެހޭގޮތް ވާން ފެށިއެވެ. ޔަގީނެވެ. އަހަރެން ނުހުންނަ ގަޑިތަކުގައި އަހަންނޭ ކިޔައި އެކުދިންގެ ބޮލުތެރެއަށް އަންހެނުން ވަދެ އެކުދިން އަހަންނާ ދުރު ކުރުވަނީއެވެ.

އަހަރެންގެ ވިސްނުންތަކާއެކު އޮފީހުގައި އިންދުވަހެކެވެ. ފަހަތުން މީހަކު ގޮވާލުމުން ބަލާލިއިރު މޫނިސާއެވެ. މޫނިސާއަކީ އެފަދަ ރީތިކަމެއް ކޮންމެ މީހަކުވެސް ބޭނުންވާނެ ފަދަ ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. ބަލާލާފައި ދެކުދިންގެ މަންމައެކޭ މީހަކު ނުވެސް ބުނާނެއެވެ. ނިކަން ގާތްކޮށް އަހަންނަށް ވެގެން އުޅޭގޮތް ސާފު ކުރުމަށްޓަކައި ސުވާލު ކުރަންފެށިއެވެ. އަހަރެންވެސް ހުރީ އެފަދަ ސުވާލުތަކެއް މީހަކު ކުރާނެ ވަގުތަކަށް ފެންބޮވައިގެންފައެވެ. އެއްވާނަކަށް ހުރިހާ ވާހަކައެއް އަމުނާލީމެވެ. ނިކަން ކަނުލައި އަޑު އަހަން އިނދެފައި މޫނިސާގެ ފަރާތުން އަހަންނަށް ލިބުނީ ވަރަށް އެހެން ކަހަލަ ޖަވާބެކެވެ. އަހަރެން ހީކޮށްގެން ހުރީ މޫނިސާ ވެސް އަހަރެންގެ އަންހެނުންގެ ކަންނެތްކަމާއި މުޑުދާރު ކަމުގެ ވާހަކައިގައި ހިފާ އަހަންނަށް ދިރިއުޅުން ރޫޅާލުމަށް ނަސޭހަތްތެރި ވާނެކަމަށެވެ. ނަމަވެސް މޫނިސާ ހީލާފައި ބުނެލީ ހަމައެކަނި “ދެތިން ދުވަހަކު އަހަރުމެންގޭގައި ހުރެލަން އަންނަން ވީ އެއްނު؟”. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަނެއްކާވެސް މޫނިސާ ނުންޏެވެ. “އޯކޭ ވިސްނާލާފައި ބުންޏަސް”. އާނއެކެވެ. އަހަރެން ވިސްނާނަމެވެ.

އެރޭ ހަތަރުދަމު އަހަރެން ވިސްނީއެވެ. ނަމަވެސް އަހަންނަކަށް ގޮތެއް ނުނިންމުނެވެ. އަނެއްދުވަހު އޮފީހުން ފެނުނު ތަނާވެސް މޫނިސާ ސުވާލުކޮށްލިއެވެ. ނަމަވެސް އަދި ނުވިސްނޭ ކަމުގައި އަހަރެން ބުނީމެވެ. އަދި އެގެއަށް ދާންވީ ކީއްވެތޯ ސުވާލުކުރީމެވެ. މޫނިސާގެ ޖަވާބު އަނެއްކާވެސް އަހަންނަށް ދިނީ ޝޮކެކެވެ. މޫނިސާ ބުންޏެވެ. “ތި ދިރިއުޅުމުން ބުރޭކެއް ނަގާ އެންޖޯއީ ކޮށްލަންވެސް ވިސްނަން ވެއްޖެ އެއްނު. ހަމަ އެ އަންނަ ދުވަސްކޮޅު ތެރޭގައި ހިތް އެދޭކަހަލަ މީހަކުވެސް ފެނިދާނެ އެއްނުދޯ.” މޫނިސާގެ ތުންފަތުގައި ވަނީ ލާނެއް ހިންޏެކެވެ.

އަހަރެން ނިންމައިފީމެވެ. އެބުނާ ބުރޭކް އަހަރެން ނަގާނަމެވެ. ލައްކަ ދުވަހު ގަނަތެޅެވިއްޖެއެވެ. ދެން އިތުރަކަށް ކެތެއް ނުވާނެއެވެ. އަހަރެންގެ ދިރިއުޅުން އުފާވެރި އެއްޗަކަށް ހެދުމުގެ އިޚުތިޔާރު އަހަންނަށްވެސް ލިބެންޖެހޭނެއެވެ. އަހަރެންގެ އަންހެނުންނަކީ މިހާރު އަހަރެން ދެކެ ކުޑަކޮށްވެސް ލޯބިވާ މީހެއްނޫނެވެ. އޭނާއަށް ފައިސާ ކޮޅު ލިބި ގެއަށް ބޭނުންވާ އެއްޗެހި ހަމައަށް ހުރިއްޔާ އެ ނިމުނީއެވެ. އަހަރެންގެ އުފާތަކާއި އަހަރެން ބޭނުންވާ ކަންތަކަކީ އޭނާއަށް އެއްވެސް އެއްޗެއް ނޫނެވެ.

ޖެހިގެން އައި ހަފުތާ އޮފީސް ދަތުރެކޭ ކިޔާ މޫނިސާ މެންގެއަށް ބަދަލުވެލީމެވެ. އަންހެނުންނަކީ ބޭރަށް ނިކުމެ އުޅޭ އަދި މީހުންނާއި ވާހަކަ ދައްކާ އުޅޭ މީހެއް ނޫންކަމުން މިކަން ފަޅާ ނާރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަހަންނަށް އޮތެވެ. އަހަންނަށް އެގެއިން މަރުޙަބާ ކިއީ މޫނިސާގެ ފިރިމީހާ އަޖުވަދެވެ. އަހަރެން ފެނުމާއި އެކު ވަނުމަށް އެދުނެވެ. އަދި މޫނިސާ ނޫޅޭ ކަމާއި އޭނަވީ ރައްޓެހި ކުދިންކޮޅަކާއި އެކު ދުއްވާލަން ގޮސްކަމުގައި ބުނެލިއެވެ.

އަހަރެންގެ ސިކުނޑި ތެޅިލިއެވެ. އޮފީހުގައި އެހާއިރު އުޅެފައި ގެއަށް އައިސް ކުދިންނާއި ގޭގެ ކަންތަކުގައި އުޅެންވީ ވަގުތުވެސް މޫނިސާ ދަނީ ރައްޓެހިންނާއެކު މަޖާނަގަން ހެއްޔެވެ؟ އެގޮތް ހަމަ އަޖުވަދަށް ހެޔޮ ހެއްޔެވެ؟

އަހަރެން ގޮވައިގެން އަޖުވަދު ދިޔައީ އަހަރެން ހުންނަން ހަމަޖެއްސި ކޮޓަރިދެއްކުމަށެވެ. ކުއްލިއަކަށް ފަހަތުން ކުއްޖަކު އެއްލި ބޯޅައެއް އަޖުވަދު ގައިގަ ޖެހުނެވެ. ވަރަށް ލޯބިން އަޖުވަދު އެކުދިން ކުރެން ބޯޅަ މަޑުން ކުޅުމަށް ނަސޭހަތްތެރިވިއެވެ. އެކަމަކު ދަރިންނަށް ނަސޭހަތްދީ ހަމަމަގަށް އެޅުމަކީ އަންހެނުންގެ ކަމެއް ނޫންހެއްޔެވެ؟ އަހަރެންގެ ސިކުނޑި ދިޔައީ ސުވާލު ތަކުން ފުރެމުންނެވެ. ފުރެޝްވެލައިގެން ކާންއައުމަށް ބުނެފައި އަޖުވަދު ނިކުތީ ބޭރަށެވެ.

އަހަރެން ތައްޔާރުވެލައިގެން ނިކުތް އިރު އަޖުވަދު ބަދިގެ ތެރޭގައި ކާ މޭޒުމަތި ތައްޔާރު ކުރުމުގައި އަވަދި ނެތި އުޅެއެވެ. އަހަންނަށް ކެތެއް ނުވިއެވެ. ގޮސް ސުވާލުކޮށްލީމެވެ.

“އަޖުވަދު ތަ ބަދިގޭގައި. މޫނިސާ ގެ މަސައްކަތްތަކެއް ނޫންތަ ފިރިންނާއި ދަރިންނަށް ކައްކާ ކާންދީހެދުމަކީ؟” އަޖުވަދު ހަމަޖެހިލިއެވެ.

“ކީއްވެ މޫނިސާގެ ކަމަށް ވާންވީ ހަމައެކަނި؟ މީ ދެމީހުންގެ ދިރިއުޅުމެއް ނޫންތަ؟ ދަރިންނަކީވެސް ދެމީހުންގެ ދަރިންނެއްނު. އެހެންވީމަ ކޮންމެ ކަމެއްގައިވެސް ދެމީހުންގެ ހަމަހަމަ އަށް ހިއްސާ އޮންނަންވާނެއެންނު ދޯ.” އަހަންނަށް އަޑުއިވުނު އެއްޗަކާ ދޭތެރޭ ޝައްކުވިއެވެ. އެވާހަކަތައް އެއިވުނީ ހަމަ ފިރިހެނެއްގެ ފަރާތުންބާއެވެ. އަހަރެންގެ ގާތަށް އައީ މަލާމާތުގެ ހިންޏެކެވެ.

“ކޮންމެ ދުވަހަކު މޫނިސާ އޮފީހަށާއި ރައްޓެހިން ކައިރިއަށް ފޮނުވައި އަޖުވަދު ހުންނަނީ ގޭގައި ކުދިން ބަލާ ކައްކަން އަނބިދަށުވެފަ ދޯ؟” އަހަރެން ބާރަށް ހީނގަތީ އަޖުވަދު ލަދު ގަންނަވާލުމުގެ ބޭނުމުގައެވެ. ނަމަވެސް އަޖުވަދުގެ މޫނުމަތިން އެކަހަލަ އެއްވެސް އަސަރެއް ފެންނަންވެސް ނެތެވެ.

އެމީހުންގެ ދެކުދިންނަށް ކާންދިނުމުގެ ކަންތަކުގައިވެސް އުޅުނީ އަޖުވަދެވެ. ކުދިން އަތުން އެއްޗެހި ވެއްޓެއެވެ. ނަމަވެސް އެއްވެސް ރުޅިވެރިކަމެއް ނެތި އަޖުވަދު އެތަން ސާފު ކުރުމުގައި ގެންގުޅުނު ގޮތްތައް ފެނި އަހަންނަށް އަހަރުމެން ގޭތެރޭގެ މަންޒަރުތައް ސިފަވާން ފެއްޓިއެވެ. އަހަރެން ދުވަހަކު އޭގެން ކަމެއް ކޮށްފައި ނުހުންނާނެއެވެ. އަދި އެކަހަލަ ކަންތަކުގައި އަހަންނަށް އާދެވެނީ ރުޅިއެވެ. ކުދިންނާއި އަނބިމީހާދެކެއެވެ. އެފަދަ ކަންކަމަކީ އަހަރެންގެ މިއޮތް ދެއަތުންވެސް ވެދާނެ ކަމެކޭ ދުވަހަކުވެސް ހިތަށް ނާރައެވެ.

މޫނިސާ ގެއަށް އައި އިރު އަޖުވަދު ބަދިގެއާއި ގޭތެރޭގެ ހުރިހާ ކަމެއް ނިންމާލައިފިއެވެ. ކުދިން ފެންވަރުވާ ކުޅޭ އެއްޗެހިތައްވެސް ހުރީ ކުދިވެރިންނާއި އެކު ނަގާ ސާފުކޮށްފައެވެ. މޫނިސާ ވަނުމާއެކު އަހަރެން އުންމީދު ކުރިފަދައިން ހަޅޭލަވައި ނުހަދައެވެ. ނިކަން ލޯބިން ގެނެސް ކައިރި ކޮށްލުމަށްފަހު މޫނިސާގެ ދުވަސް ދިޔަގޮތާއި ބެހޭގޮތުން ސުވާލު ކޮށްލިއެވެ. އުފަލުން ހުރެ ފަހަރަކު ކަމެއް ކިޔަމުން މޫނިސާ މުޅިދުވަސް ނިންމާލިއެވެ. މޫނިސާގެ އަނގައިން ބޭރުވި ކޮންމެ ބަހަކީ އަޖުވަދު ކަނުލާ އަޑުއެހި ބަސްތަކެކެވެ. މޫނިސާގެ މަޖާކަމާއި ތުއިކަން އަޖުވަދު ދިޔައީ ކޮންމެ ސިކުންތެއްގައިވެސް ސަމާލުކަންދެމުންނެވެ. އަހަންނަށް ސިފަވީ އަހަރެންގެ އަންހެނުންނާ ދޭތެރޭ އަހަންނަށް ކަންކުރެވެމުން އައި ގޮތެވެ. އަންހެނުންގެ ފުށުން އަހަންނަށް އިވުނު ކޮންމެ ބަހަކީ އަހަންނަށް ބޮލުގެ ރިހުމެކެވެ. މައިގަނޑުކޮށް މޫނިސާ ވެސް އެ ދެއްކީ ހަމަ އަހަރެން އަންހެނުންވެސް ދައްކަމުން އައިކަހަލަ ވާހަކަ ތަކެކެވެ. ތަފާތު މިވީ ހަމައެކަނި އަޑު އަހަން އިން މީހާ އެބަސްތައް ނެގި ގޮތެވެ. އަހަންނަށް ކަންކުރެވުނު ގޮތާމެދު ފުރަތަމަ ފަހަރަށް ލަދު ގަންނަން ފެށިއެވެ.

މޫނިސާ އޭނާގެ ދަރިން ނިންދަވަން ދާން އުޅެން ފެށުމުން އަޖުވަދު އެކަން ހުއްޓުވިއެވެ. އަދި އޭނާ އެކަން ކުރާނެ ކަމާއި މޫނިސާ އަހަންނާއެކު ވާހަކަ ދައްކާލަން މަޑުކޮށްލުމަށް އެދުނެވެ. ހާދަ މޮޔަ މީހެއް ދޯއެވެ. އަމިއްލަ ދަރިންފަތި ގޮވައިގެން އެދަނީ އަނބިމީހާ ހިލޭ ފިރިހެނަކާއި ވާހަކަ ދައްކާލަން އިންނާށޭ ބުނެފަ ވިއްޔާއެވެ. ހަމަ އެހާ އިތުބާރު އަންހެނަކަށް ކުރަނީ ހެއްޔެވެ؟

މޫނިސާގެ ވާހަކަ ފެށުމުގެ ކުރިން އަހަރެން ބުނެލީމެވެ. “ހަމަރަނގަޅަށް އަނބިދަށު ކޮށްލައިގެންދޯ ތިއުޅެނީ؟” އަހަރެން ހީގަތީމެވެ. ޖަވާބުގައި މޫނިސާވެސް ޖަހާލީ ހިނިގަނޑެކެވެ. އަދި ވާހަކަ ފެއްޓިއެވެ. ގޭތެރޭގައި އެކިއެކި ކަންކަމުގައި އަނބިމީހާއަށް އެހީ ވުމަކީ އަނބުދަށުވުން ނޫންކަމުގައި ވިސްނަދިނެވެ. އެއީ ދެމަފިރިން އެކީ އުޅުމަށް ބިނާކުރާ އުންމީދުގެ ގަނޑުވަރު މަރާމާތުކުރުން ކަމުގައި ބުނެދިނެވެ. އާއްމު ދިރިއުޅުމުގައި އަންހެނުން ކުދިން ލިބޭ ހިސާބުން ގޭގައި މަޑުކޮށް ގޭގެ ކަންތައްތަކާއި ކުދިންގެ ކަންތައް ކުރުމުގައި އުޅެނީ އެއީ ހަމައެކަނި އެމީހުންގެ މަސައްކަތަށް އެކަން ވާތީ ނޫންކަމުގައި ވިސްނަދިނެވެ. ފިރިން އޮފީހަށް ގޮސް އެ މަސައްކަތްކުރާ އަށް ގަޑިއިރު އަނބިމީހާ އޮންނަނީ ދެފައިދަމާފައި ނިދަން ނޫންކަމާއި، ކޮންމެ ދުވަހަކު އެއް މަސައްކަތްތަކެއް ފޫހިކަމެއް ޝަކުވާއެއް ނެތި އެ އަނބިން ކުރާކަމުގައި އަހަންނަށް ވިސްނައިދިނެވެ. އަނބިމީހާއަކީ ވެސް އިންސާނެއްކަމާއި ވަރުބަލިވާނެކަމާއި ރެސްޓެއް ބޭނުންވާނެ ކަން އަހަންނަށް އިހުސާސް ކޮށްދިނެވެ. ދަރިންނަށް ހެޔޮ ތަރުބިއްޔަތު ދިނުމަކީ ހަމައެކަނި އަނބިމީހާގެ ކަމެއް ނޫންކަން އަހަންނަށް ވިސްނައިދިނެވެ.

މޫނިސާގެ މިފަދަ އެތައް ނަސޭހަތަކާއި ބަސްތަކެއް އަހަންނަށް އަހަރެންގެ ނަޒަރިއްޔާ މުޅިން ބަދަލުކޮށްލި ކަހަލައެވެ. މޫނިސާގެ އެ ކޮންމެ ވާހަކައަކަށް އަޖުވަދުގެ ތަޖުރިބާއާއި އެއްބާރުލުން ދެމުން ގެންދިޔައެވެ. އަހަންނަށް އަހަރެންގެ ކުށް ބުނެދެމުން ދިޔައެވެ. މިފަދަ އެތައް ވާހަކަ ތަކަކުން އަހަރެންގެ ދެލޯ ހުޅުވައިދެމުން ގެންދިޔައެވެ. އަނބިމީހާ ހަޑިވަމުން ނުދާކަމާއި އަނބިމީހާ ހަނޑިވަނީ އެމީހުންގެ ފިރިން އެމީހުން ހަނޑި ކުރީމާ ކަން އަހަންނަށް ވިސްނައިދިނެވެ. ރައްޓެހިވެގެން އުޅޭއިރު އެ މީހުންގެ އަނގައިން ބޭރުވިހާ އެއްޗެއް ހޯދައިދެމުންގޮސް ކައިވެނީގެ ފަހުން އެމީހުނަށް ރީތި އެއްޗެއް އަހައިނުލައި ތާނގައި އެއްވެސް އެއްޗެއް ގެނެސް ނުދެވޭކަން އަހަންނަށް އިހުސާސް ކޮށްދިނެވެ. އެމީހުންގެ ވެސް ހިތްހަމަ ޖެހޭ ގޮތްތަކެއް އޮންނާނެ ކަމާއި އެމީހުނަށް އެ ފުރުސަތުވެސް ހޯދައިދޭން ވާނެކަން އަހަންނަށް ވިސްނަދިނީ މޫނިސާމެންގެ ދެމަފިރިންނެވެ.

ކޮންމެއަކަސް އެގެއިން އަހަރެން ނިކުމުގެން ދިޔައީ މި ދުނިޔެ މަތިން އަހަންނަށް ލިބޭނެ އެންމެ މުހިންމު ފިލާވަޅު ލިބިގެންނެވެ. ދިރިއުޅުމުގެ އައު މަޤުސަދަކާއި އެކު ދިރިއުޅުން ކޮޅަށް ޖެހުމުގެ އައު އަޒުމަކާއި އެކުގައެވެ. އަހަރެންގެ އަނބިމީހާއާއި ދަރިންނަކީ އަހަރެންގެ ޒިންމާއެކެވެ. އެމީހުނަށް ރަނގަޅާއި ނުބައި ވިސްނައިދޭނީ އަހަންނެވެ. އެއީ ހަމައެކަނި އެމީހުންގެ ފައިދާއަކަށް ނޫނެވެ. އެއީ އުފާވެރި ދިރިއުޅުމެއް އަހަރެން ބޭނުންވާތީއެވެ. އަނބިމީހާއި ދަރިންގެ ހުންނަ މިކަހަލަ މައްސަލަ ތަކުގައި ފޫހިވާ ގޮތް ވާނަމަ ކޮންމެ މީހަކުވެސް އަމިއްލަ ނަފުސާ ސުވާލުކޮށްލުން މުހިންމެވެ. އަމިއްލަ ޒިންމާ އެންމެ ރަނގަޅަށް އަދާކުރެވުނުތޯ އެވެ. ޖަވާބަކީ ނޫން ކަމުގައި ވާނަމަ އަވަހަށް އެ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި އަވަސްވެ ގަންނާށެވެ. އަމިއްލަ އުފަލަށްޓަކައެވެ. ހަމަ މަގުގައި ކަމެއް ކުރާކަށް ވަގުތު ފާއިތެއް ނުވާނެއެވެ. ރަނގަޅުގޮތް އެނގޭ ހިސާބުން އަވަހަށް އެގޮތް އިޚުތިޔާރު ކުރާށެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް