އަހަރެންނަކީ ރަށު ސްކޫލުގައި ކިޔަވައިދެމުންދާ ޓީޗަރަކީމެވެ. އަހަރެން އެ މަސައްކަތް ކުރަމުންދަނީ ނުހަނު ގަޔާވެގެންނެވެ. ވަޒީފާއެއްގެ ގޮތުގައި ނުދެކި އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. ވުމާއެކު އަހަރެންނަށް ކުރެވޭ މަސައްކަތް ރަނގަޅުވަމުންދާކަށް އަހަރެންނަށް ޤަބޫލުކުރެވެން ފެށީ ދަރިވަރުންނާއި އެކުދީންގެ ބެލެނިވެރީންގެ ފަރާތުން ލިބެމުންދާ ތަޢުރީފާއި ހެޔޮދުޢާތަކުގެ ސަބަބުންނެވެ. އަހަރެން އެކަމާ ވަރަށް ހިތްހަމަޖެހެއެވެ. އަހަރެންގެ ލޯބިވެރިޔާ އަފްޒަލް އަހަރެންނަށް ދޭ ހިތްވަރަކީ އަހަރެންނަށް މަސައްކަތުގެ މާޙައުލުގައި ރަނގަޅަށް މަސައްކަތްކުރުމަށް ލިބޭ އެންމެ ބޮޑު އެއް ހިތްވަރެވެ. އަހަރެންގެ މަންމަގެ ނަން ފާހަގަނުކޮށް ދިޔުން އިންސާފަކަށް ނުވާނެއެއް ނޫން ހެއްޔެވެ؟ އަހަރެން މިހިސާބަށް ގެނައުމުގެ މުގުލުގައި ހުރީ އަހަރެންގެ މަންމައެވެ. ބައްޕަ ނެތް ދުނިޔޭގައި މަންމަ އަހަރެންގެ ހުރިހާ އެދުމެއް ފުރިހަމަކޮށްދިނެވެ.
އަހަރެންނާއި އަފްޒަލް ރައްޓެހިވެގެން އުޅޭތާ އަހަރެއް ވީއިރު، އަހަރެމެން ދެމީހުންނަށްވެސް ވަނީ އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެވިފައެވެ. ދެމީހުންނަށް ވަކިން ނޫޅެވޭވަރަށެވެ. ދެމީހުންގެ ގުޅުން މުޅި ދުނިޔެއަށް ސިއްރުން ކުރިއަށް ގެންދަން މަޖުބޫރުވެފައި ވީނަމަވެސް ދެމީހުންގެ ދެމެދުގައިވާ ގާތްކަމާއި ލޯތްބާއި އިތުބާރަށް ކުޑަވެސް އަސަރެއް ނުކުރެއެވެ. އަހަރެމެން ދެމީހުންގެ ހިތުގައިވެސް ޖަހަމުން ދިޔައީ އެއް ވިންދެކެވެ. އެދެނީ އެއް މަންޒިލެކެވެ. ނަމަވެސް އެ މަންޒިލަށް ވާސިލުވާން ކަޑައްތުކުރަން ޖެހޭ ރާސްތާ ހިތަށް އެރުމުން އަހަރެންގެ ހިތަށް ބިރުވެރިކަން ވަދެއެވެ. އަހަރެންގެ ޢާއިލާއިން އަހަރެމެން ދެމީހުންގެ ގުޅުމަށް ހުރަސް ނާޅާނެބާވައޭ ހިތަށް އަރާވަރުންނެވެ.
އަހަރެން ވަޒީފާ ނިންމާލުމަށްފަހު ގެއަށް އައިސް ގޭގައި ކުރަން ހުންނަ މަސައްކަތްތައް ކުރުމުގައި މަންމައަށް އެހީތެރިވެދީފައި ދެން ލިބޭ ހުރިހާ ހުސް ވަގުތެއްހެން ހޭދަކުރަނީ އަފްޒަލްއާއި އެކުގައެވެ. ލޯބީގެ އަހުދުތަކާއި ވަޢުދުތައް ވުމުގައެވެ. ޢާއިލާ ރޭވުމުގައެވެ. އަހަރެމެން ގިނައިން ވާހަކަދައްކަނީ ފޯނުންނެވެ. މަދު ފަހަރެއްގައި އަހަރެން އަފްޒަލްގެ ގެޔަށް އަފްޒަލްއާއި ބައްދަލުކުރަން ދަމެވެ. މަންމައަށްވެސް އަހަރެން އަފްޒަލްއާއި ބައްދަލުކުރަން ދާކަން އެނގޭނެއެވެ. ނަމަވެސް މަންމަ އެކަމަކަށް ހުރަހެއް ނާޅައެވެ. ފަހަރެއްގައި މަންމައަށް އަހަރެމެންގެ މެދުގައި އޮތީ ކޮންކަހަލަ ގުޅުމެއްކަން ނޭނގޭތީކަމަށްވެސް ވެދާނެއެވެ.
ކައިވެނީގެ ގޮތުން ގުޅެން ބޭނުންވާކަން އެންމެ ފުރަތަމަ ހާމަކުރީ އަފްޒަލްއެވެ. އަހަރެންވެސް އެކަމަށް ނުހަނު އެދޭކަން ހާމަކުރުމުން އޭނާ ނުހަނު އުފާވިއެވެ. އަހަރެންދެކެ އެހާ ލޯބިވާ ބައިވެރިޔަކު ލިބުނީތީ އަހަރެންވެސް އެހާމެ އުފާވިއެވެ. ނަމަވެސް ޢާއިލާއާއިމެދު ވިސްނާލުމުން ކަންބޮޑުވިއެވެ. މަންމަ އަހަރެމެންގެ ގުޅުމަށް ނުޤަބޫލު ވެދާނެތީއެވެ.
“ޝިޔާ.. ޝިޔާގެ މަންމަ އަހަރެމެންގެ ކައިވެންޏަށް ޤަބޫލުވާނެތަ؟” އަހަރެންގެ ހިތަށް އުނދަގޫކުރަމުންދިޔަ ސުވާލު އަފްޒަލް ކޮށްލިއެވެ. ހިނދުކޮޅަކަށް ނަމަވެސް އަހަރެންނަށް ހިމޭންވެވުނެވެ. އެކަން ފާހަގަކުރީ އަފްޒަލްއެވެ.
“ކިހިނެއްވީ؟ ކީއްވެ އެއްޗެކޭ ނުބުނީ؟”
“ކީއްވެ ނުވާންވީ؟ އަހަރެންގެ މަންމަ އަހަރެންދެކެ ވަރަށް ލޯބިވާނެ.. އަހަރެންގެ އެއްވެސް އެދުމަކަށް މަންމަ ދެކޮޅެއް ނުހަދާނެ.. މަންމަ އުފަލުން އަހަރެމެންގެ ގުޅުމަށް މަރުޙަބާ ކިޔާނެ..” އަހަރެންގެ ހިތުގައި ޔަޤީންކަން ނެތްނަމަވެސް އަހަރެން ބޭނުންވީ އަފްޒަލް ދެރަނުވާނެފަދަ ޖަވާބެއް ދޭށެވެ.
“އަހަރެން ބޭނުން ޝިޔާގެ މަންމަ ގާތަށް ކައިވެންޏަށް އެދިގެން ދާން..” އަފްޒަލް އެހެން ބުނެލުމުން އަހަރެން އެއްބަސްވީމެވެ. އަހަރެންވެސް ބޭނުންވަނީ އަވަހަށް އަފްޒަލްއާއި ކައިވެނިކޮށްގެން އުފާވެރި ޒަވާޖީ ޙަޔާތެއް ވޭތުކުރާށެވެ. އަހަރެމެން ދެމީހުން ވާހަކަދައްކާފައި އެއްރެޔަކު އަފްޒަލް އަހަރެމެން ގެޔަށް އައެވެ. އޭނާގެ ރައްޓެއްސަކާއި އެކުގައެވެ. އޭނާ އަހަރެމެން ގެޔަށް ލާފައި އޭނާގެ އެކުވެރިޔާ ދިޔައީއެވެ.
“އަނހަ އަފްޒަލް.. ކަމަކުތަ ތިއައީ؟” އަހަރެންގެ މަންމަ ހައިރާންވެފައި ސުވާލުކޮށްލިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އަފްޒަލްއަކީ މީގެކުރިން ދުވަހަކުވެސް އަހަރެމެން ގެޔަށް އައިސް އުޅުނު މީހެއް ނޫން ވިއްޔާއެވެ.
“އާދެ.. އަޅުގަނޑު މިއައީ ވަރަށް ބޮޑު ކަމަކު.. ކޮބައިތޯ ޝިޔާނާ؟” އަފްޒަލް އެހެން ބުނެލުމުން އަހަރެން މިހުރީއޭ ބުނެފައި އައިސް އަފްޒަލްގެ އަތުގައި ހިފައި ސޯފާގައި ބޭންދީމެވެ. އަފްޒަލްއާއި ތަންކޮޅެއް ދުރުގައި އަހަރެން އިށީނީމެވެ. އޭރު އަހަރެން އިނީ މަންމަ ދޭނެ ޖަވާބެއް ނޭނގޭތީ ހިތް އަވަސްވެ ފިނިވެފައެވެ.
“އެއީ އަނެއްކާ ކޮންކަމަކު؟” މަންމަ ސޯފާގައި އިށީނދެލަމުން އަހާލިއެވެ.
“އަޅުގަނޑު.. އަޅުގަނޑު މިއައީ ޝިޔާނާގެ ކައިވެންޏަށް އެދިގެން..” ކުޑަކޮށް ޖެހިލުންވެފައި އިނދެ އަފްޒަލް ބުނެލިއެވެ. އަފްޒަލް އެހެން ބުނުމާއެކު މަންމަ ސޯފާގައި އިނދެފައި ފުންމައިގެން ތެދުވިއެވެ.
“ކައިވެންޏޭ!؟ ޝިޔާނާއާ!؟” މަންމަގެ ބާރު އަޑު އިވުމުން އަހަރެންނަށް ދެލޯ މަރާލެވުނެވެ.
“އާދެ..” އަފްޒަލް މަޑުމައިތިރިކަމާއެކު އެހެން ބުނެލިއިރު އޭނާގެ އަޑުގައިވި ތުރުތުރުލުމުން މަންމަގެ މޫނުމަތި އޭނާއަށް ފެނުނު ކަހަލައެވެ. މަންމަގެ އަޑުގައިވާ ނުރުހުން އޭނާއަށް އެނގުނީއެވެ.
“ކައިވެންޏެއް ކުރަން ބުނާއިރު ފުރަތަމަ ވިސްނަބަލަ އަމިއްލަ މީހާގެ ޙާލާއިމެދު.. އަމިއްލަ ޙާލައިގެން ނޫޅެވޭ ކަނު މީހަކަށް ކިހިނެއް މީހަކާ އިނދެގެން ދިރިއުޅެވޭނީ؟ އަނތްބަކު ގެންގުޅެވޭ ފެންވަރެއް ކަލޭގެ ގަޔަކު ނެތް.. ކަލޭގެ ޢާއިލާއަކީ ތަނަވަސް ޢާއިލާއަކަށް ވިޔަސް އަނތްބަކު ހިމާޔަތްކޮށްދެވޭނެ ފެންވަރެއް ކަލޭގެ ކިބަޔަކު ނެތް.. ކަލޭއަށް ކިހިނެއް އަނތްބަކަށް ކައިވެނީގެ އުފާ ޙާސިލުކޮށްދެވޭނީ؟” މަންމަގެ ވިހަގަދަ ކޮންމެ ޖުމުލައެއް އަފްޒަލްގެ ހިތަށް ހެރުނުކަން ގައިމެވެ. އަހަރެންގެ ހިތަށްވެސް އަސަރުކުރިއެވެ. މަންމަ ކަންތައް ކުރިގޮތުން ހިތްހަމަވެސް ނުޖެހުނެވެ. ހިތްހަމަ ނުޖެހުނުނަމަވެސް މަންމަ އެ ކީ ކިޔައިގެންވާނެ ކަހަލަ އެއްޗިއްސެއް ނޫނެވެ.
“މަންމާ..” އަހަރެންނަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.
“އަހަރެންގެ ރުހުން ލިބޭނެކަމަށް ބޭކާރު ވާހަކަދައްކަން މަސައްކަތްކުރާނެކަމެއް ނެތް.. އަހަރެންގެ ރުހުމެއް ނުލިބޭނެ.. އަހަރެންނަށް މަންމަ ކިޔާނެންޏާ ހަމަ މިހާރުން ފެށިގެން ތިކަންތައް ހުއްޓާލާ..” މަންމަގެ ހިތުގައި ރަޙުމުގެ ޒައްރެއްވެސް ނެތެވެ. އަހަރެންގެ ހިތުގައި ޖެހުނުވަރުން ރޮވުނެވެ. އަފްޒަލްގެ ހިތް ކުދިކުދިވެފައި ވާނެކަން އަހަރެންނަށް ޔަޤީނެވެ. އޭނާގެ ހިތުގައިވާނެ ޝަކުވާތައްވެސް އަހަރެންނަށް އެނގެއެވެ. ލޮލުގެ ފެނުމުން މަޙުރޫމުވެފައިވާ މީހުންނަކީ އިންސާނުންނެއް ނޫން ހެއްޔެވެ؟ އެމީހުންގެ އިހުސާސްތަކެއް ނުވާނެ ހެއްޔެވެ؟ އެއީ އެމީހުންގެ ކުށެއް ހެއްޔެވެ؟ ލޯބި ލިބުމަކީ ހަމައެކަނި ކުޅެދޭ މީހުންގެ ޙައްޤެއް ހެއްޔެވެ؟ ލޯބިން މަޙުރޫމުކުރުމަކީ ނުކުޅެދޭ މީހުންނަށް ދުނިޔޭގައި އޮތްގޮތް ހެއްޔެވެ؟ ނޫނެކެވެ. އަހަރެން އެކަން ބަދަލުކުރާނަމެވެ. ލޯބީގައި ނަމޫނާ ދައްކާނަމެވެ.
“މަންމާ.. ހެޔޮނުވާނެ ތިކަހަލަ އެއްޗެހި ކިޔާކަށް.. މަންމާ.. އަހަރެންނަކަށް އޭނަޔާނުލާ ދިރިއެއް ނޫޅެވޭނެ..” އަހަރެން ރޮމުން މަންމަ ގާތުގައި ބުނީމެވެ.
“ބޭކާރު ވާހަކަ ނުދައްކާ ހަމަ މިހާރު އަހަރެންގެ ކުރިމަތިން ދުރަށް ދޭ.. މީގެފަހުން އެ ކަނު މީހާ އަހަރެންގެ ކުރިމައްޗަށް ގެނެސްގެންވެސް ނުވާނެ..” އަފްޒަލްއާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަހަރެންނާއި ދިމާއަށް ލޯއަޅާލާފައި މަންމަ އަމުރުކުރިއެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ އަފްޒަލް ގޮވައިގެން ބޭރަށް ނުކުތީމެވެ. ގެއިން ބޭރަށް ނުކުމެގެން ދިޔައިރު ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކަމެވެ. އޭނާގެ އެ ހަމަހިމޭންކަން އަހަރެންނަށް އުނދަގޫ ކުރުވިއެވެ. އެކަމުންވެސް އޭނާގެ ހިތަށް ކޮށްފައިވާ އަސަރު އަހަރެންނަށް ހަމަ ރަނގަޅަށް އިހުސާސްކުރެވުނެވެ.
އަހަރެން އަފްޒަލް ގޮވައިގެން ދިޔައީ ރަށުގެ އަތިރިމައްޗަށެވެ. އަހަރެންގެ ގެޔާއި އަތިރިމަތި ނުހަނު ކައިރިވާނެއެވެ. މަގުތައް އަނދިރި ނަމަވެސް އަހަރެންނަކަށް އެކަމުން މާބޮޑު އަސަރެއް ނުކުރިއެވެ. އެޔަށްވުރެ ބޮޑަށް އަހަރެންގެ ހިތް ވަނީ އެހެން ކަމަކަށް ހުސްކުރެވިފައެވެ. ދެން ކަންތައް ކުރަންވީ ކިހިނެއްބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އެއްކޮޅުން ލޯބިވާ މަންމައެވެ. އަނެއްކޮޅުން އަލަތު ލޯތްބެވެ. ދެމީހުންވެސް އަހަރެންނަށް ވަރަށް މުހިންމެވެ. ނަމަވެސް އެތަނުން އެކަކު އިޚުތިޔާރުކުރަން ޖެހުމަކީ ކިހާ ބޮޑު ވޭނެއް ހެއްޔެވެ؟
“އަފޫ..” އަހަރެންގެ އަޑު އިވުމާއެކު އަފްޒަލްގެ ބަޑި ފަޅައިގެން ދިޔައެވެ. މިއޮއް ހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭނާގެ ދެލޮލުން އޮހިގަތެވެ. ހިތްތައް ތޮރުފިގެން ދާފަދަ ހިތްދަތި އަސަރެއް އެ ރުއިމުގައިވިއެވެ. އަހަރެން އެހާ ބޮޑަށް ހިތުގައި ޖެހިފައި ވަނިކޮށް ލޯބިވެރިޔާ އެފަދައިން ރޯން ފެށުމުން އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. ބާރުބާރަށް ރޯން ފެށުނެވެ. އަފްޒަލްގެ ގައިގައި ބައްދާލައިގެން އިނދެ އަހަރެން އެތައް އިރަކު ރުއީމެވެ. އަފްޒަލްވެސް އެތައް އިރަކު ރުއިމަށްފަހު އަހަރެން އޭނާއާއި ދުރުކޮށްލިއެވެ. ދެލޯ ފޮހެލަމުން ހަމަޖެހިލަން މަސައްކަތް ކުރިއެވެ.
“ޝިޔާ.. އަހަރެން ޝިޔާދެކެ ވަރަށް ލޯބިވޭ.. އެކަމަކު.. އެކަމަކު ޝިޔާގެ މަންމަގެ ނުޤަބޫލުގައި މިގުޅުން ކުރިއަށް ގެންދާކަށް އަހަރެން ބޭނުމެއް ނޫން..” އަފްޒަލް އަސަރާއެކު ބުނި ވާހަކައިން އަހަރެންނަށް އަނެއްކާވެސް ރޮއިގަނެވުނެވެ. އެއްވެސް ޙާލެއްގައި އަފްޒަލްއާއި ވަކިވުމަކީ އަހަރެންނަށް ރުހެވޭނެ ކަމެއް ނޫނެވެ. ކޮންމެފަދަ ޙާލެއްގައިވެސް އަހަރެން އަފްޒަލް ބޭނުމެވެ.
“ނޫން އަފޫ.. ހެޔޮނުވާނެ.. ތިގޮތަށް ކަންތައް ނުކުރޭ.. އަހަރެން އަފޫދެކެ ވަރަށް ލޯބިވޭ.. އަފޫއާ ވަކިވާން ޖެހިއްޖެއްޔާ އަހަރެން ދުނިޔެއިންވެސް މޮޔަވެދާނެ.. މަންމަ މިހާރު ނުޤަބޫލަސް، އަހަރެމެން ކައިވެނިކޮށްގެން ލޯބިން އުޅެން ފެށީމަ މަންމަވެސް ރުހޭނެޔޭ.. ހުރިހާ ކަމެއް ހަމަޖެހޭނެ.. ޕްލީޒް އަފޫ.. އަހަރެންނާ ވަކިނުވާތި..” އަހަރެން އަފްޒަލްގެ ގައިގައި އޮޅުލައިގަންނަމުން އާދޭސްކުރަން ފެށީމެވެ. މިފަހަރު އަފްޒަލްވެސް އަހަރެން ދުރުކުރާކަށް ނޫޅެއެވެ. އަހަރެންގެ ބުރަކަށީގައި ފިރުމަމުން ދިޔައިރު އެންމެ ލަފުޒެއްވެސް އެ ދުލުން ބޭރެއް ނުކުރެއެވެ. އޭނާއަށް ބުނެވޭ އެއްޗެއްގެ ސަބަބުން އަހަރެން އިތުރަށް ދެރަވެދާނެތީކަމެއް ނުވަތަ އިތުރު އެއްޗެކޭ ބުނާނެ ހިތްވަރު އޭނާގެ ނެތީކަމެއް ނޭނގެއެވެ.
“އަފޫ.. އަހަރެން މަންމައަށް ވިސްނައިދޭނަން.. އަފޫ ދެރަނުވޭ.. އަހަރެން އަފޫއަކާ ވަތްކެއް ނުވާނަން.. މަންމައަށް ޖެހޭނީ އަހަރެމެންގެ މި ކައިވެންޏަށް ޤަބޫލުވާން..” އަހަރެން އަފްޒަލްއަށް ޔަޤީންކަން ދިނީމެވެ. އެރޭ އަހަރެން އަފްޒަލް ގެޔަށް ލުމަށްފަހު އަހަރެން ގެޔަށް ދިޔައީ މަންމައާއި ވާހަކަދައްކަން ޢަޒުމު ކަނޑައަޅައިގެންނެވެ.
އަހަރެން ގެޔަށް ދިޔައިރު އަހަރެންގެ އިންތިޒާރުގައި މަންމަ އިނެވެ. މަންމަ އަހަރެންނަށް ގޮވުމުންވެސް އަހަރެން އަޑު އިވޭކަމަށްވެސް ނުހަދާ ގޮސް ކޮޓަރިއަށް ވަދެ ތަޅުލީމެވެ. މަންމައާއި ވާހަކަދައްކަން ނިންމައިގެން އައި ނަމަވެސް މަންމަ އަހަރެންގެ އަންނަންދެން އިނުމުން ޚިޔާލު ބަދަލުވީއެވެ.
ޖެހިގެން އައި ދުވަހު އަހަރެން ބަދިގެއަކަށް ނުވަންނަމެވެ. އެއްވެސް ގަޑިއެއްގައި ކާން ނުނިކުތުމުން މަންމަ ކަންބޮޑުވިއެވެ. އަހަރެންގެ ކޮޓަރި ދޮރުގައި ތަޅަމުން ގޮވިއެވެ. ނަމަވެސް އަހަރެން ދޮރު ހުޅުވާކަށް ބޭނުމެއް ނުވިއެވެ. މަންމައަށް އަހަރެންނާއި އަފްޒަލްގެ ގުޅުމަށް ރުހެން މަޖުބޫރު ކުރެވޭނީ ހަމައެކަނި މިގޮތުންކަން އަހަރެންނަށް ވިސްނޭތީއެވެ. އަހަރެންނަށް ދެރަގޮތެއް ވާކަށް މަންމަ ނޭދޭނެކަން އަހަރެންނަށް ޔަޤީނެވެ.
އެދުވަސް ފާއިތުވީ އަހަރެން މަންމައާއި ކުރިމަތިނުލައެވެ. އޭގެ އަނެއް ދުވަހު ހޭލިއިރު އަހަރެން ހުރީ ބަނޑުހައިވެގެން ގޮސް ހާންތިވާވަރު ވެފައެވެ. ހެނދުނު ހެނދުނާ މަންމަ އައިސް އަހަރެންނަށް ގޮވަން ފެށިއެވެ. މަންމަގެ އަޑުންވެސް މަންމަ ކަންބޮޑުވެފައި ހުރިވަރު ހާމަވެއެވެ. ނަމަވެސް އަހަރެން އަނގަޔަކުން ނުބުނަމެވެ. ދޮރު ހުޅުވަން ދާނެ ހިތްވަރެއް ނެތެވެ. އެހެންކަމުން އަހަރެން އޮތީއެވެ. އިރުކޮޅެއްވެސް ނުވެ އިވުނީ ތަޅު ހުޅުވި އަޑެވެ. މަންމައަށް ކެތްނުވީއެވެ. އިއްޔެގައި އަހަރެންގެ ކޮޓަރި ނުހުޅުވީ އަހަރެން ގޮތް ދޫކޮށްފައި މިއަދު ނުކުންނާނެކަމަށް ހީކޮށްފައިކަން ޔަޤީނެވެ.
“މަގޭ ދަރި.. ދަރިފުޅާ.. ދަރިފުޅާ ޝިޔާނާ.. އަވަހަށް އެއްޗެއް ކާލަން ހިނގާ.. ތިހެން އޮއްވާ ދަރިފުޅު މަރުވެދާނެ.. އޭރުން މަންމައަށް ވާނެގޮތް އެނގެއެއްނު..” މަންމަގެ ދެލޮލުން ކަރުނަ އަންނަތަން ފެނުމުން އަހަރެންނަށް ވަރަށް އަސަރުކުރިއެވެ. ނަމަވެސް އަހަރެން ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.
“މަންމައަށް މިހާރު ރަނގަޅުވާނީ އަހަރެން މަރުވިއްޔާ.. އޭރުން މަންމަގެ ބަސްނާހާ ދަރިއަކު ނުހުންނާނެ.. މަންމަ ބުނާހެން ކަނު މީހަކާހެދި މޮޔަވެގެނެއް ނޫޅޭނެ..” އަހަރެން ބޭނުމީ މަންމަ ރުއްސާށެވެ.
“ދަރިފުޅާ.. ނިކަން ވިސްނާލަބަލަ.. ކަނު މީހަކާ އިނދެގެން ކިހިނެއްތަ ދިރިއުޅޭނީ؟ ދަރިފުޅަށް ކަމެއް ދިމާވިޔަސް އޭނައަށް ކިހިނެއް ދަރިފުޅު އެކަމަކުން ސަލާމަތްކޮށްދެވޭނީ؟” މަންމަ ބެލީ އަހަރެންނަށް ވިސްނައިދެވޭތޯއެވެ.
“މަންމާ.. މަންމަ އިރުކޮޅަކުން އަފްޒަލްއާއި ދިމާއަށް ކަނު މީހެކޭ ތި ބުނަނީ، މިސާލަކަށް އަހަރެންނަކީ ލޮލުގެ ފެނުމުން މަޙުރޫމުވެފައިވާ މީހަކަށް ވީނަމަ އެހެން މީހުން އަހަރެންނާ ދިމާއަށް ކަނު މީހެކޭ ބުނާއަޑު އަހަން މަންމައަށް ކެތްވާނެތަ؟ ބުނެބަލަ މަންމާ..” އަހަރެންގެ އެންމެ ޖުމުލައަކުން މަންމަގެ ދޫ ބަންދުވިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިރުގަނޑެއް ވަންދެން މަންމަ އިނެވެ.
“ދަރިފުޅާ.. ތީ މީހުން އުޅޭގޮތެއް ނޫނެއްނު.. ދެން ތި ގޮތްދޫކޮށްފައި ހިނގާ އެއްޗެއް ކާލަން.. ތިހެއް އޮއްވާ ވާތާވެދާނެ..” މަންމަ އަނެއްކާވެސް އަހަރެން ގެންދަން މަސައްކަތްކުރަން ފެށިއެވެ.
“މަންމަވެސް ކީއްތަ ވާނީ އެންމެ ފަހަރަކު ގޮތް ދޫކުރިއްޔާ؟ ހެޔޮ ކޮންމެ ގޮތެއްވިޔަސް.. އަހަރެންނަށް އަފޫއާ ނުގުޅެވެންޏާ ކާއެއްޗެއް ކީއްކުރަން؟ ފެންފޮދެއްވެސް ނުބޯނަން..” އަހަރެން ހުރީ އަހަރެންގެ ގޮތުގައެވެ. މަންމަގެ ހިތަށް ކެތްނުވެގެން އެންމެފަހުން މަންމަ އަހަރެންނާއި އަފްޒަލްގެ ގުޅުމަށް އެއްބަސްވިއެވެ. ދުލުން އެހެން ބުނިނަމަވެސް މަންމަގެ ހިތްހެޔޮ ނޫންކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެންގެ މައްސަލައެއް ނެތެވެ. އަހަރެންނާއި އަފްޒަލްގެ ގުޅުމަށް ދެނެއް ހުރަހެއް ނޯންނާނެއެވެ.
އަހަރެން އަފްޒަލްގެ ގާތުގައި އެވާހަކަ ބުނުމުން އޭނަގެ މޫނުމަތިން ފެންނަންވާ ވަރަކަށް އުފާވެރިކަމެއް ނުފެނުނެވެ. ސަބަބު އަހަރެންނަށް އެނގެއެވެ. މަންމަ އޭނައާއި ދިމާއަށް ކަނަށް ގޮވި ހަނދާން އޭނަގެ ހިތުގެ އެންމެ ފުނުގައި ހަރުލާފައި ވަނީއެވެ. އަހަރެން ބޭނުންވީ އަފްޒަލް އުފާކޮށްދޭށެވެ. ވުމާއެކު އަހަރެން ފުރަތަމަ ފަހަރަށް އަފްޒަލްއަށް ދޮގު ހެދީމެވެ.
“އަފޫއަށް އެނގޭތަ؟ ރޭގައި މަންމަ ވަރަށް ރުއި.. އަފޫއާ ދިމާއަށް ކިޔުނު އެއްޗެހިން ދެރަވެގެން.. ބުނި އަފޫ ގާތުގައި މާފަށް އެދެން ދާކަށްވެސް ނުކެރޭނެޔޭ.. ވަރަށް ދެރަވެ ލަދުގަނެއްޖެޔޭ ކިޔުނު އެއްޗެހިން.. އެއީ އެއްވެސް ޙާލެއްގައި އެއް އިންސާނަކު އަނެއް އިންސާނަކާ ދިމާއަށް ކިޔައިގެންވާނެ އެއްޗިއްސެއް ނޫނޭ.. ކިހާ ރަނގަޅު ދޯ މަންމައަށް ވިސްނުނީމަ..” އަހަރެން އެހެން ބުނެލުމުން އަފްޒަލްގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ.
“އަހަރެން މަންމައަށް މާފުކޮށްފިން.. ޝިޔާ މަންމަ ގާތު ބުނޭ އަހަރެންގެ ހިތުގައި މަންމައާއި ދޭތެރޭ އެއްވެސް ހިތްބުރަކަމެއް ނެތޭ އިނގޭ.. އެކަންތައް ހަނދާން ނައްތާލާށޭ..” އަފްޒަލް އަހަރެންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
އަހަރެންނާއި އަފްޒަލްގެ ކައިވެނި ރޭވެމުން ދިޔައީ ވަރަށް ހަލުވި މިނެއްގައެވެ. މާ ކުލަގަދަކޮށް ފާހަގަކުރަން ބޭނުން ނުވީނަމަވެސް ޢާއިލާ މީހުންނާއި ގާތް ރައްޓެހިންނަށް ސައެއް ދިނުމަށް އަހަރެމެން ނިންމީމެވެ.
އަހަރެންނާއި އަފްޒަލްގެ ކައިވެނި ކުރެވުނުއިރު އަހަރެންނާއި އަފްޒަލްއަށް ވަނީ ބަޔާންކުރަން ދަތި އުފަލެއް ލިބިފައެވެ. އެ އުފާވެރިކަމުގެ ތެރެއިންވެސް އަހަރެންގެ ހިތަށް ނުތަނަވަސްކަން ވައްދަމުން ދިޔައީ އެންމެ ޚިޔާލެކެވެ. އެޚިޔާލު ހިތުން ފޮހެލެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް އެކަން ހިތުން ފިލާނެގޮތެއް ނުވިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައިރު އަހަރެން އަފްޒަލްއަށް އިންތިހާއަށް ލޯބިދެމުން ދިޔައީމެވެ. އޭނައަކީ ނުކުޅެދޭ މީހެއްކަން އިހުސާސްނުވާނެ މިންވަރަށެވެ. އޭނަގެ ފަރާތުންވެސް އަހަރެންނަށް އިންތިހާއަށް ލޯބި ލިބެމުން ދިޔައެވެ. ކައިވެންޏަށް އަހަރު ވީއިރުވެސް ދަރިއަކު ހޯދުމަށް އަފްޒަލް ކުރަމުންދިޔަ މަސައްކަތަށް އަހަރެން ހުރަސް އަޅަމުން ދިޔައީމެވެ. ހަމައެކަނި އަހަރެންގެ ކައިވެނި ދެމެހެއްޓުމަށްޓަކައެވެ. ނަމަވެސް ކައިވެންޏަށް އަހަރުވީ ފަހުން އަފްޒަލް މަޑުމަޑުން އަހަރެންނާއި ދުރުވާހެން އަހަރެންނަށް ހީވާން ފެށިއެވެ. ލޯބިކުރާ ވަގުތުތަކުގައި އޭނަގެ ފަރާތުން ލިބޭ ހިތްހަމަޖެހުން ކުޑަވާން ފެށިއެވެ. ސަބަބު އަހަރެންނަށް ވިސްނުނެވެ. ވުމާއެކު ކޮންމެ ގޮތެއް ވަރިހަމަކަމަށް ނިންމާފައި އަހަރެން އޭނަގެ އެ އެދުމަށް އެއްބާރުލުން ދިނީމެވެ.
މާގިނަ ދުވަސްތަކެއް ނުވިއެވެ. އަހަރެން އިނީ އަލަތު ދަރިފުޅަށް ބަލިވެއެވެ. އަފްޒަލްގެ އުއްމީދުތައް ފުރިހަމަވަނީއެވެ. އެއީ އަހަރެންވެސް ދެކެމުން އައި ހުވަފެނެކެވެ. ނަމަވެސް ކުރެވުނު އެންމެ ކަމަކުން އެކަމަށް ފަސްޖެހުނީއެވެ. ވިހެއުމާއެކު ޙަޤީޤަތް ފަޅާނާރާނެބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެންގެ ބަނޑަށް ދުވަސް ފުރިއްޖެއެވެ. އަހަރެންގެ ހިތް ނުތަނަވަސްވަމުން ދިޔައީ މާބޮޑަށެވެ. އަހަރެންގެ ސިއްރު ފަޅާއަރާނެކަމަށް ހިތް ބުނަނީއެވެ. އެފަދަ ވަހުމުތަކުން އަހަރެންގެ ހިތް ފޯކުރަނީއެވެ. ކުށެއް ކުރެވުމުން އެކަމުގެ ހިތި އިހުސާސް ކުރަން ނުޖެހި ނުދާނެކަން އަހަރެންނަށް ޤަބޫލުކުރެވުނެވެ.
އަހަރެންނާއި އަފްޒަލްއަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އަހަރެންނަށް ދަރިފުޅު ފުރަތަމަ ފެނުނު ވަގުތު ލޯބިން ފުރުނެވެ. ދެލޮލުން އުފާވެރިކަމުގެ ކަރުނަތައް އޮހިގަތެވެ. އަފްޒަލްގެ އަތަށް ދަރިފުޅު ލިބުނު ވަގުތު އޭނަގެ ދެލޮލުންވެސް އުފާވެރިކަމުގެ ކަރުނަ އައެވެ. ބުނެދޭން ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބުނު ވަގުތުކޮޅެކެވެ.
ދަރިފުޅު، ގާތުން ނުބޯން ފެށުމުން އަހަރެން ވަރަށް ކަންބޮޑުވިއެވެ. އަފްޒަލްވެސް ކަންބޮޑުވުން ފާޅުކުރިއެވެ. އަހަރެމެން ހީކުރީ ދަރިފުޅަށް ބޮވޭވަރަށް ކިރު ނުއުފެދެނީ ކަމަށެވެ. ނަމަވެސް ދަރިފުޅުގެ ގައިގެ ވަރު މާބޮޑަށް ދެރަވާން ފެށުމުން އަހަރެމެން ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔައީމެވެ.
“ވަރަށް ދެރަ.. ކުރިން ނުވިސްނުނީމަ ވީގޮތް މީ.. ކައިވެނީގެ ކުރިން ތެލެސީމިއާ ޓެސްޓު ނުކުރެއްވީ ކީއްވެތޯ؟” ޑޮކްޓަރުގެ ސުވާލުން އަފްޒަލްއަށް ބޮޑު ސިހުމެއް ލިބުނެވެ. އަހަރެންނަށްވެސް ލިބުނީ ސިހުމެކެވެ.
“ކިހިނެއްތޯ ވީ ޑޮކްޓަރ؟” އަފްޒަލް ސުވާލުކުރިއެވެ. އޭނަގެ ހިތުގައި ވަރަށް ގިނަ ސުވާލު އުފެދޭނެކަން އަހަރެންނަށް އެނގެއެވެ. އަހަރެން އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ.
“ދަރިފުޅަކީ ލޭ އަޅާ ކުއްޖެއް..” ޑޮކްޓަރގެ ޖުމުލައިން އަފްޒަލްއަށް ގޮނޑީގައި ބާރަށް ހިފަހައްޓާލެވުނެވެ. އަހަރެންނަށް ހަމަ ރަނގަޅަށް އެމަންޒަރު ފެނުނެވެ.
“ކެރިއަރަކާ ނޯމަލް މީހަކާ ދެމީހުންނަށް ލޭއަޅާ ކުއްޖަކު ލިބިދާނެތޯ؟” އަފްޒަލް ތުރުތުރު އަޅަމުންދިޔަ އަޑަކުން ސުވާލުކުރިއެވެ.
“ބައެއް ޙާލަތްތަކުގައި މިގޮތަށް ކަންތައް ދިމާވޭ.. އެކަމަކު އެއީ ވަރަށް ނާދިރު ޙާލަތެއް..” ޑޮކްޓަރުގެ ޖަވާބުން އަފްޒަލް ދެލޯ މަރާލިއެވެ. އަފްޒަލް މިހާރު ހީކުރާނީ ޑޮކްޓަރު އެބުނި ފަދަ ޙާލަތެއް އަހަރެމެން ދެމީހުންގެ ދިރިއުޅުމަށް ދިމާވީ ކަމަށެވެ. އެހެންކަމުން އަހަރެމެންގެ ކައިވެނި ރޫޅިދާނެކަމުގެ ބިރުވެރިކަން ނެތުނު ނަމަވެސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އަފްޒަލްއަށް ޙަޤީޤަތް ސިއްރުކޮށްގެން ހުރުން އަހަރެންނަށް ދަތި ކަމަކަށްވިއެވެ. އެހެންކަމުން ގެއަށް ދެވުނުހާ އަވަހަކަށް އަފްޒަލްއަށް ޙަޤީޤަތް އޮޅުންފިލުވައިދޭން އަހަރެން ނިންމީމެވެ.
ގެއަށް އާދެވުމުން އަހަރެން އަފްޒަލްއާއި އެވާހަކަ ދައްކާނެ ގޮތަކާއިމެދު ވިސްނީމެވެ. އަހަރެންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ ވިހާ ގަދަވަންދެން އެވާހަކަ ނުދައްކާ ފަސްކޮށްލުމެވެ. އެހެންކަމުން އަނެއްކާވެސް އެކަން އަހަރެން ހިތުގައި ކޮށްޓަން ފެށީއެވެ. އަހަރެން ވިހާ ގަދަވުމުން އަހަރެންނަށް އަފްޒަލްގެ ފަރާތުން ކުރިއަށްވުރެވެސް ބޮޑަށް ލޯބި ލިބެން ފެށިއެވެ. އަފްޒަލްގެ ބީހުންތަކުން އަހަރެންގެ ހިތާއި ހަށިގަނޑަށް އަރާމު ލިބެއެވެ. ހިތަށް ހަމަޖެހުން ލިބެއެވެ.
އެއްރެއަކު ނިދަން ވަދެފައި އަހަރެން އަފްޒަލް ގާތުގައި ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުންކަމުގައި ބުނީމެވެ. އަފްޒަލް އެދުނީ އެވާހަކަ އިހަށް ބާއްވާފައި ލޯބިކޮށްލުމަށް ވަގުތު ހުސްކޮށްލުމަށެވެ. ސިކުނޑި ތާޒާކޮށްލުމަށެވެ. ވުމާއެކު އަހަރެން އަފްޒަލްގެ އެ އެދުމަށް އެއްބާރުލުން ދިނީމެވެ. އަފްޒަލްގެ ހިތް ލޯބިން ފުރާލީމެވެ. އެއަށްފަހު ދައްކަން އޮތީ އެ ހުރިހާ ހިތްހަމަޖެހުމެއް ފިލާނެފަދަ ވާހަކައެއްކަން އެނގުނުނަމަވެސް އިތުރަށް އެވާހަކަ ސިއްރުކޮށްގެން ހުރުމަކަށް އަހަރެންގެ ޟަމީރު އެއްބަހެއް ނުވިއެވެ.
“އަފޫ.. އަހަރެންނަށް މާފުކުރޭ.. އަހަރެންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ..” އަހަރެން މާފަށް އެދުނީމެވެ.
“އެއީ އަނެއްކާ ކޮން ކުށެއް؟ އަހަރެންނަށް އެނގިގެން ޝިޔާ ކުށެއް ނުކުރޭ..” އަފްޒަލް ވަރަށް ލޯބިން ބުނެލިއެވެ.
“އަހަރެންނަށް ކުރެވުނު ކުށަކީ އަހަރެމެންގެ ދަރިފުޅު..” އަހަރެންނަށް އެހިސާބަށް ބުނެވުނުތަނާ އަފްޒަލް އަހަރެންގެ ގައިން ދޫކޮށްލިއެވެ. އަހަރެން ބުނި އެއްޗެއްގެ މާނަ އޭނައަށް އެ ވިސްނުނީ ގޯސްކޮށްކަން އަހަރެންނަށް އެނގުނެވެ.
“އަފޫ.. އަހަރެން އަފޫއަށް އޮޅުވާލީ.. އަހަރެންނަށް މާފުކުރޭ.. އަހަރެމެންގެ ދަރިފުޅަކީ އަހަރެންނަށް ކުރެވުނު ކުށުގެ ސަޒާ ކަންނޭނގެ..” އަހަރެންނަށް ރޮވުނެވެ.
“ޝިޔާ.. ތި ކިޔާ އެއްޗެއް ސާފުކޮށް ކިޔާ.. އަހަރެންނަކަށް ޝިޔާ ތިކިޔާ އެއްވެސް އެއްޗެއް ނުވިސްނޭ..” އަފްޒަލްގެ އަޑު ތަންކޮޅެއް ބާރުވިއެވެ.
“އަފޫ.. އަހަރެންނަކީވެސް ކެރިއަރެއް..” އަހަރެން އެހެން ބުނެލުމާއެކު އޮށޯވެގެން އޮވެފައި އަފްޒަލް ތެދުވިއެވެ.
“ކީއްވެ އަހަރެންނަށް އޮޅުވާލީ؟ އެނގޭތަ ޝިޔާއަށް ތި ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން؟” އަފްޒަލްގެ ގާތަށް ރުޅިއައެވެ.
“ލޯބިވާތީ.. އަފޫއާ ވަކިވާން ޖެހިދާނެތީ އަހަރެންނަށް ދޮގުހަދަން މަޖުބޫރުވީ..” އަހަރެން ރޮމުން ބުނީމެވެ.
“ޝިޔާ އަހަރެންދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވޭ.. ލޯބިވާނަމަ އަހަރެންނަށް އެވަރުގެ ބޮޑު ކަމެއް އޮޅުވައެއް ނުލާނެ.. އެނގޭތަ؟ ތިކުރި ކަމަކުން ހަލާކުވީ އަހަރެމެންގެ ދިރިއުޅުމެއް ނޫނޭ.. އަނިޔާ ލިބުނީވެސް އަހަރެމެންނަކަށް ނޫނޭ.. ތުއްތު ކުއްޖަކަށޭ އެ ހުރިހާ އަނިޔާއެއް އެ ލިބެނީ.. މީ ޝިޔާ ހަމަ ގަސްތުގައި ކުރި ކަމެއް..” އަފްޒަލްގެ ރުޅި މަޑެއް ނުވެއެވެ.
“އަޅެ ހެޔޮނުވާނެ އަފޫ.. އިންސާނުންނަށް ކުށްވެސް ކުރެވޭނީ.. އަހަރެންނަށް ކުށް ކުރެވިއްޖެ.. އެކަމަކު އަހަރެން އަފޫއާ ވަކިވާކަށް ބޭނުމެއް ނޫން.. އަފޫއާ ވަކިންނެއް އަހަރެންނަކަށް ނޫޅެވޭނެ.. އަހަރެންނަށް މާފުކުރޭ..” އަހަރެން އާދޭސްކުރީމެވެ.
“އަހަރެން ޝިޔާދެކެ ވަރަށް ލޯބިވިން.. އިތުބާރުވެސް ކުރިން.. އެކަމަކު..”
“ދެން އަހަރެންގެ ފަރާތުން އެކަހަލަ އެއްވެސް ކަމެއް ތަކުރާރެއް ނުވާނެޔޭ.. ހެޔޮނުވާނެ އަފޫ..” އަހަރެންގެ ރުއިމުގެ އަޑު ބާރުވިއެވެ.
“އަހަރެން ޝިޔާއަށް މާފުކުރާނެ އޮތީ އެންމެ ގޮތެއް..” އަފްޒަލް ބުންޏެވެ.
“އެއީ ކޮން ގޮތެއް؟ އަވަހަށް ބުނޭ.. އަފޫ ބުނި ކޮންމެ ގޮތެއް އަހަރެން ހަދާނަން..” އަހަރެން ބޭނުންވީ އަފްޒަލްގެ އިތުބާރު އަލުން ހޯދާށެވެ.
“އަހަރެން ބޭނުމެއް ނޫން އެނގިހުރެ އިތުރު ކުއްޖަކަށް މި އަނިޔާ ދޭކަށް.. އެހެންވީމަ ޝިޔާ ނުވިހާ އޮފަރޭޝަން ކުރަން އެއްބަސްވޭ.. އެއީ ޝިޔާއަށް އަހަރެންނާއެކު އުޅެވެން އޮތް ހަމައެކަނި ގޮތަކީ.. ޝިޔާއަށް މާފުކުރެވޭނެވެސް ހަމައެކަނި ގޮތަކީ..” އަފްޒަލްގެ އެ ހުށަހެޅުމާއި އަހަރެން އެއްބަސްވީމެވެ. އަހަރެންގެ ކުށް އަހަރެން ޤަބޫލުކުރަމެވެ. އަފްޒަލް އަހަރެންގެ ކުށަށް މާފުކުރިއެވެ. އަފްޒަލްގެ ފަރާތުން އަހަރެންނަށް ލިބެމުންދާ ލޯބީގެ ސަބަބުން އޭނަގެ ނުކުޅެދުންތެރިކަމެއް އަހަރެންނަކަށް ނުފެނެއެވެ. އަފްޒަލް އަހަރެންދެކެ ވާލޯބިން އަފްޒަލްގެ މައްޗަށް އަހަރެންގެ މަންމަގެ ހިތްހެޔޮވިއެވެ. އަހަރެންގެ އުއްމީދުތައް ފުރިހަމަވީއެވެ. ހިތް އެދޭ ބައިވެރިޔާއާއެކު އުފާވެރި ދިރިއުޅުމެއް ވޭތުކުރެވެނީއެވެ. އަދި އަދަށް ދާންދެންވެސް އަހަރެމެންގެ ލޯތްބަކަށް ބަދަލެއް ނާދެއެވެ.
(ނިމުނީ)
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”