މިއީ މީގެ 32 އަހަރު ކުރިން ހަނިމާދޫގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ދެއްވަން ފެއްޓެވި އެ ރަށު ވާދީ ހަބީބާ އަޙުމަދެވެ. ރައްޓެހިންގެ ނަމުންނަމަ ހަބީއެވެ. މިހާރު ހަނިމާދޫ ހެލްތު ސެންޓަރުގައި ފެމިލީ ހެލްތު އޮފިސަރުގެ މަޤާމުގައި މަސައްކަތް ކުރަމުން ގެންދާ ހަބީބާ އަކީ އަތޮޅުތެރޭގެ ރަށްފުށުގައި ޑޮކްޓަރީ ބޭސްވެރިކަން ނެތް ދުވަސްވަރެއްގައި އެކަމުގެ ތެރެއަށް ނުކުމެ، ކެރިގެން އެކަމާއި ކުރިމަތިލައި މިއަދާ ހިސާބަށް ވެސް އެ މަސައްކަތުގައި ސާބިތުވެ ހުރި ފިސާރި ހިތްވަރުގަދަ ކަނބަލެކެވެ.
މިދާއިރާއަށް އުމުރުން އެންމެ 19 އަހަރުގައި ވަދެވުނު ގޮތް ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ މި ދާއިރާއަށް ވަނުމަށް މައިގަނޑު ދެ ސަބަބެއް މެދުވެރިވި ކަމުގައެވެ. 1987 ވަނަ އަހަރު ހަނިމާދޫ ގައި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރުނެވެ. އެ ބަލިމަޑުކަމުގައި ބަލިމީހުންނަށް އެ ދުވަސްވަރު ފަރުވާ ދިނުމަށް އުޅުނު ހެލްތުވޯކަރަށް އެހީތެރިވެދިނުމުގެ ފުރުޞަތު ލިބިގެން ދިޔަ ދިއުމަކީ މިކަމުން ކުރިއަށް ދިއުމަށް މެދުވެރިވި ފުރަތަމަ ސަބަބެވެ.
ދެވަނަ ސަބަބެއް ގޮތުގައި އޭނާ ފާހަގަކޮށްފައިވަނީ އެ ދުވަސްވަރު ބަލިމީހުންނަށް ފަރުވާދޭން އެކަށީގެންވާ ވަރަށް ރަށުގައި މީހުން ނެތުމާއި ވެސް އެކުގައި ދައްތަގެ އެދިލެއްވުމުގެ މަތިން މި ދާއިރާއަށް ނުކުތުމަށް ނިންމީ ކަމުގައެވެ. މިކަމުން ކުރިއަށް ދާން ނިންމި އިރު، ހިތުގައި މާބޮޑު ޝައުގުވެރިކަމެއް ނެތް ނަމަވެސް، ރަށުގެ ރައްޔިތުން އޭނާއަށް މި ދާއީރާއިން ކުރިއަށް ދިއުމަށް ދެއްވި ހިތްވަރާއި ފަހިކޮށްދެއްވި ފުރުޞަތުގެ ބޭނުން ހިފައި، ދިހަ މަސްދުވަހުގެ ފެމިލީ ހެލްތު ވޯކަރ ގުރޭޑް 1 ގެ ކޯސް ނިންމުމަށްފަހު މި ވަޒީފާއަށް ނުކުތީ 1988 ވަނަ އަހަރުގައެވެ.
އެ ދުވަސްވަރަކީ ހަނިމާދޫގައި ސިއްޙީ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްޞަ ކުރެވިފައިވާ ހެލްތު ޕޯސްޓެއް ނުވަތަ ހެލްތު ސެންޓަރެއްފަދަ ތަނެއް ހުރި ދުވަސްވަރެއް ނޫނެވެ. އެދުވަސްވަރު މަސައްކަތްތައް ބިނާވެފައި އޮންނަ ގޮތާއި ގުޅޭގޮތުން އޭނާ ހިއްސާކޮށްފައި ވެއެވެ.
“ފުރަތަމަ މި ވަޒީފާއަށް ނުކުމެ މަސައްކަތް ކުރަން ޖެހުުނީ ހަނިމާދޫ ރަށު އޮފީހުގަ. އެދުވަސްވަރު މި ޚިދުމަތަށް ޙާާއްޞަ ގޮޅިއެއް ނުވަތަ ޝެކްސަނެއް ނުހުރޭ. ކުޑަކުޑަ ކަބަޑުގަނޑެއް ހުންނަނީ ހަމައެކަނި މިކަމުގައި ގެންގުޅޭ ސާމާނުތައް ބަހައްޓަން. ދެން ލިޔަންޖެހޭ އެންމެހާ ލިޔުންތައް ލިޔަނީ ވެސް އޮފީހުގައި އެހެން މަސައްކަތަކަށް ހާއްސަކޮށްފައި ހުންނަ މޭޒެއްގެ އެއްކޮޅުގައި އިންދެގެން.”
އަތުގެ ތަނެއް ބިންދައިގެން ދިޔުން ނުވަތަ ހުޅުން ނެއްޓުންފަދަ ކަމެއް އެ ދުވަސްވަރު ދިމާވެއްޖެނަމަ، އެކަމަށް ދިވެހި ބޭސްކުރާ މަދުބަޔަކު އެ ދުވަސްވަރު ރަށުގައި އުޅުނެވެ. ނަމަވެސް ހުމެއް އައުން ނުވަތަ ތަނެއް ބޮޑަށް ކަނޑައިގެން ދިޔުން އަދި މިނޫންވެސް ކޮންމެ ވައްތަރެއްގެ ބައްޔެއް ޖެހުނަސް ފުރަތަމަ ފަރުވާދެނީ އޭނާއެވެ. އެ ޚިދުމަތްދެމުން ގެންދިޔައީ އަމިއްލަ ގޭގައެވެ.
“ގެއަކީ އެދުވަސްވަރު ހުރިހާ ފަރުވާއެއް ވެސް ދޭތަނަކީ. ކޮންމެ ގަޑިއަކު އޮފީސް ނުހުޅުވޭތީ މަސައްކަތަށް ބޭނުންވާ ހުރިހައި ސާމާނެއް ވެސް ހުންނާނީ ގެއަށް ގެނެސް ބަހައްޓާފަ.”
ހަބީބާ މުނިއަވަސް އަށް ބުންޏެވެ.
ބައްޔެއް ވެގެން ކޮންމެ ވަގުތެއްގައި ވެސް މީހަކު އައިސްދާނެއެވެ. ދަންވަރު އައިކަމުގައި ވިޔަސް އެ ވަގުތުން ވަގުތައް ދެވެން އޮންނަ ފަރުވާއެއް އެންމެ ފުރިހަމައަށް ދެމުން ގެންދަނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. މީގެ އިތުރުން ތަނަކަށް ގޮސްގެން އެ ފަރުވާ ދޭންޖެހުނަސް އެކަމުގައި އޭނާގެ ފަރުވާލެއް ނެތެވެ. އެއްވެސް އިރެއްގައި މަސައްކަތް ކުރަމުންއައީ ލިބޭ ފައިސާއަށް ވިސްނައިގެން ނޫންކަމަށާއި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި ކިތަންމެ ވަގުތެއްގައި އުޅެން ޖެހުނަސް ފޫހިކަމެއް ނެތި އެކަމާއި ކުރިމަތިލައި އެކަމަށް ހައްލު ހޯދުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކޮށްދިނުމުގައި އޭނާއަކީ ލާމަސީލު މިސާލެކެވެ.
މިހާރު މިދާއިރާގައި ބައްތިރީސްވަނަ އަހަރު ގުނަމުންދާއިރު، މި މަސައްކަތުގައި ވިހިއަހަރުވީ ދުވަހު އޭނާއަށް ވަނީ ސަރުކާރުން އޭރު ދެމުންއައި ވިހިއަހަރު ސަރުކާރަށް ޚިދުމަތް ކުރުމުންދޭ ޕެންޝަން ވެސް ލިބިލައްވާފައެވެ.
ސިއްޙީ ދާއިރާގައި މިހާ ގިނަދުވަހު ޚިދުމަތްކުރި އިރު، ދިމާވި ދަތި ހާލަތްތައް ސިފަކުރަމުން އޭނާ ހިއްސާކޮށްފައިވެއެވެ.
“ދުވަސްވަރަކީ ހަނިމާދޫ އެއަރޕޯޓު ހަދަމުންދިޔަ ދުވަސްވަރު. މީހަކު ކަރަންޓުގައި ޖެހިގެން ހާލުބޮޑުވެގެން އެ މީހާއަށް ފަރުވާދޭން ދާން ޖެހުނުއިރު، ފުރަތަމަ ލިބުނު ދަރިފުޅަށް ވީ އެންމެ ދިހަދުވަސް. ނަމަވެސް އެހާލަތުގައި ވެސް ދަރިފުޅު ގޭގައި ބާއްވާފައި އެ މީހާއަށް ފަރުވާދިނުމަށް ދިޔައިން. ދަރިފުޅު ދައްތައާ ހަވާލުކޮށްފަ.”
މިކަހަލަ ކިތަންމެ ހާލަތެއްގައި ވެސް މަސައްކަތް ކޮށްފައިވާނެ ކަމަށާއި، ނަމަވެސް އެ ފަދަ ކޮންމެ ހާލަތަކާއި ޖެހިލުމެއްނެތި ކުރިމަތިލައި އެކަންކަން ހައްލުކުރުމުގައި އޭނާ ހޯދާފައިވާ ކާމިޔާބަކީ މަސައްކަތަށް ފަރުވާތެރިކަމުގެ ސާބިތު ހެކިތަކެވެ.
ބައެއް ބަލި މީހުން ގޮވައިގެން ފުރައިގެން ކުޅުދުއްފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދާންޖެހޭ ކަމަށާއި، ކަނޑުގަދަ ދުވަސްވަރުގައި ބަލި މީހުންނާއި އެކު ރޭގަނޑުގެ ވަގުތުގައި ވެސް ދަތުރުކޮށް ހެދުމަކީ އޭނާ އެއްވެސް ފަސްޖެހުމެއްނެތި ކުރަމުން ގެންދިޔަ ކަންތައްތަކެވެ.
މަސައްކަތުގައި ގިނަދުވަސްތަކެއް ފާއިތުވީ ފަހުން ހަނިމާދޫގައި 1999 ވަނަ އަހަރު ހެލްތު ސެންޓަރެއް ހުޅުވިގެން ދިޔައިރު، އެތަނުގައި އިތުރު މުވައްޒަފުންނާއި އެކު މަސައްކަތް ކުރަން ފެށުނު ދުވަހަކީ ވަރަށް ވެސް އުފާވެރި ދުވަހެއް ގޮތުގައި އޭނާވަނީ ފާހަގަ ކޮށްފައެވެ. އަބަދުވެސް ހިނިތުންވުމާ އެކު އަނެކުންނާ ބައްދަލުކުރާ ހަބީ އަކީ އަދާކުރަމުންގެންދާ ވަޒީފާގެ ގޮތުން މިއަދުވެސް ގިނަގުން ޒިންމާތަކެއް ނަންގަވަމުން ގެންދަވާ ފަރާތެކެވެ.
މިގޮތުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ފަސްއަހަރުން ދަށުގެ އުމުރު ފުރާގެ ކުދިން ކިރުމާއި، ވެކްސިންތައް ދިނުމާއި، ފަނީބޭސް ދިނުމާއި، ވިޓަމިން ދިނުމާއި، މާބަނޑު މީހުން ރަޖިސްޓަރީކޮށް ބެލެހެއްޓުމުގެ އިތުރުން، އެ މީހުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން ފަދަ އެތައް މަސައްކަތެއް މިއަދުވެސް އޭނާދަނީ ކުރަމުންނެވެ.
ރަށުގައި ފެތުރޭ ތަފާތު ހުމުގެ ރޯގާތަކާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ޕްރޮގުރާމްތައް އެތަނުގައި ހިންގުމުގެ އިތުރުން ހަނިމާދޫ ސުކޫލުގެ ދަރިވަރުންނާއި، ބެލެނިވެރިންނަށް މަޢުލޫމާތު ދީ އެ މީހުން ހޭލުންތެރި ކުރުވުމުގައި ވެސް އޭނާދައުރު ބޮޑެވެ.
އަބަދުވެސް ދެކެން ބޭނުންވަނީ ހަނިމާދޫގެ ސިއްޙީ ޚިދުމަތް ދުވަހަކަށްވުރެ ދުވަހެއް ކުރިއަރައިގެން ދިއުންކަމަށާއި، މި މަސައްކަތުގައި އިއްޔެވެސް އަދި މިއަދު ވެސް ކާމިޔާބުކަމާއިއެކު ކުރިއަށް މި ދެވެނީ އާއިލާގެ މީހުންނާއި އަދި އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ އެއްބާރުލުމާއި އެކުގައިކަން ފާހަގަކޮށް އޭނާވަނީ އެ އެންމެހާ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ.
މުނިއަވަސްގެ ފަރާތުން އެދެނީ ހަބީބާ އަޙުމަދަށް ދިގު އުމުރަކާއި، ފުރިހަމަ ސިއްޙަތެކެވެ. ތިޔަކުރައްވަމުން ގެންދަވާ މަސައްކަތުގައި އަބަދުވެސް ކާމިޔާބަށް އެދެމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި
ޙަބީބާ އަޙުމަދަކީ ހެލްތުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހައި ބޭފުޅުންނަށް ހުރި ލާމަސީލު ނަމޫނާއެއް.
32 އަހަރުވީ އިރު ރަށަށް ލިބުނީ ކޮން މޮޅެއް. މީހަކު ޓުރެއިން ކުރެވުނީއެއްނޫން. މީހުނަށް ކުރިންދިނީ ނުބައި ބޭސް، އަދި ކިރިޔާ ޖިކަން މިއެނގެނީ