ދިވެހިރާއްޖެއިން މިއަދާ ހަމައަށް އައިއިރު ފެނިފައިވަނީ ހަތަރު ބާވަތެއްގެ ފިލޮޅެވެ. އެއީ ލައް ފިލޮޅާއި، ކަށިތުން ފިލޮޅާއި، ތުންރަތް ފިލޮޅާއި އަދި ހުއިފަތު ފިލޮޅެވެ. މި ލިޔުމުގައި އަޅުގަނޑު ހިމަނާފައިވާނީ ކަށިތުން ފިލޮޅާ ބެހޭ ކޮންމެވެސް ވަރެއްގެ މަޢުލޫމާތު ކޮޅެއްގެ އިތުރުން އަޅުގަނޑުމެން މި ވައްތަރުގެ ފިލޮޅު ބާނާ އުޅޭ ގޮތުގެ މަޢުލޫމާތެވެ.

ކަށިތުން ފިލޮޅު، ސައިންޓިފިކް ނަން: (lethrinus rubrioperculatus) ނުވަތަ (އިނގިރޭސި ބަހުން: Spotcheek emperor) އަކީ ވަރަށް ގިނައިން ރާއްޖޭގެ މަސްވެރިން ފަރުމަހުގެ މަސްވެރިކަމުގައި ޚާއްޞަކޮށް އަޑިއަށް ފައްތައިގެން ކުރާ ކެޔޮޅުކަމުގައްޔާއި، ފަޅުފަޅުގައި ދާއަޅައިގެން، ނުވަތަ ރޮނދުލައިގެން ގިނައިން ހިފާއުޅޭ ބާވަތެކެވެ.

މަހުގެ ކަރުތާފަތްގަނޑާއި ބޮލުގެ މަތީބައިގައި ހުޅުބެއް ނުހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ދެވަނަ ކަށި ތިންވަނަ ކައްޓަށްވުރެ ކުރުވާނެއެވެ. މަހުގެ ކުލައަކީ މަޑު ވައިލެޓް ކުލައަކަށްދާ މުށިކުލައެވެ. މަހުގެ ދެފަރާތުގައި ތަފާތު ގޮތްގޮތަށް ތަންކޮޅެއް ގަދަކޮށް ހުންނަ ކުރެހުންތަކެއް ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ތުންފަތް ހުންނަނީ ފިޔާތޮށި ކުލައެއްގައެވެ. ނިގޫފަތް ހުންނަނީ ވައިލެޓް ކުލައެއްގައެވެ. މަހުގެ އެންމެ ޚާއްޞަ ސިފައަކީ އޭގެ ކަރުތާފަތްގަނޑުގެ މަތީބައިން ކޮޅުގައި އިންނަ ރަތް ކުލައެއްގެ ލަފެވެ.

ރާއްޖޭގެ ރަށްތަށް އުފެދިފައިވާ ގޮތުން ގިނަރަށްރަށަކީ ތިލަފަޅުތައް އޮންނަ ރަށްރަށެވެ. އަދި މި ބުނެވިދިޔަ ތިލަފަޅުގެ ބޭރުކައިރީގައި ތޮށިއޮވެއެވެ. ތޮށީގެ ބޭރުކައިރިއަށް އުރަފަށް ކިޔައި އުޅޭއިރު، އެ ތޮށީގެ އަތްދޮށް ފަރާތަށް ނުވަތަ ރަށާވީ ފަރާތަށް ތޮށި ބަނޑުދޮށް ކިޔައި އުޅެއެވެ.

ފޮޓޯ: ހަސަން ޔޫސުފު

ތޮށިބަނޑުދޮށް ސަރަހައްދަކީ ގިނައަދަދަކަށް ކަށިތުން ފިލޮޅުއުޅޭ ސަރަހައްދެކެވެ. މި ފިލޮޅު ބޭނުމަށްޓަކައި އެކަމަށް އެންމެ އެކަށީގެންވާ ކަންވާރުގެ ސައިޒަކީ ތިރީސް ނުވަތަ ސާޅީސް ނަމްބަރުގެ ކަންވާރެވެ. ނުވައެއް ނުވަތަ ދިހަ ނަމަބަރު ބުޅިއެވެ. މި މަސްވެރިކަމަށް މާ ދިގު ކަންވާރެއް ވެސް ބޭނުމެއް ނުވެއެވެ. އެންމެ ދިގުވެގެން ވެސް ތިރީސް މީޓަރުގެ ދެ ބޮޅު ކަންވާރުން ފުދޭނެއެވެ. ރޯލުއޮޅާ އުފުއްޔަކަށް، ރޯލުއޮޅާ ބުރުގަނޑަކަށްވުރެ ފަސޭހަވާނީ ބުލިޗް ހުސްކުރި ފުޅިކަހަލަ ފުޅިއަކަށް އޮޅާފައި އޮތުމެވެ. ސަބަބަކީ އަތުގައި ރޯލުބާއްވަފައި ރޯލު އެއްލަން ފަސޭހަވުމެވެ.

ފޮޓޯ: ހަސަން ޔޫސުފު

މި މަސްވެރިކަމަކީ ބޮއްކުރައެއް ނުވަތަ ޑިންގީއެއް ފަދަ އެއްޗެއް ބޭނުން ނުކޮށް ވެސް ކުރެވިދާނެ މަސްވެރިކަމެކެވެ. މިގޮތުން އިސްކޮޅު ހުންނަ ވަރުގެ ތިލަފަޅުތަކުގެ ތޮއްޓާހަމައަށް ރޯލުހިފައިގެން އެރިގެން ވެސް މި މަސްވެރިކަން އަޅުގަނޑުމެން ކޮށް އުޅެމެވެ.

ކޮންމެ ވައްތަރެއްގެ އެންމަހެއްގައި ވެސް މި ފިލޮޅު ބޭނިދާނެއެވެ. ނަމަވެސް މި މަސްވެރިކަމަށް ހަމަ އެންމެ ރަނގަޅު އެންމަހަކީ ބޯވައެވެ. ފަރުން ނެގުމަށްފަހު ގިނަވަގުތު ވެފައި ހުންނަ ބޯވައަށްވުރެ ތާޒާކަންމަތީގައި ހުންނަ ބޯވަމަހުގައި މި ފިލޮޅު ފަސޭހައިން ގަންނަކަން ފާހަގަކުރެވެއެވެ. ބުޅީގައި އަޅުވަން އެންމަހަކަށް ބޯވަ ބޭނުން ކުރުމުގައި އިތުރު “އެޑްވާންޓޭޖެއް” ވެސް އޮވެއެވެ. ފަރުތަކުގެ ކައިރިއަކީ އެކިއެކި ބާވަތްބާވަތުގެ ކުދިމަސް ގިނައަދަދަކަށް އުޅޭތަނަކަށް ވެފައި ފިލޮޅުބާނަން އެއްލާ އެންގަނޑަކީ ފަސޭހައިން އެ މަސްތަކަށް ކޮށައިގެން ކާލެވޭ ކަހަލަ އެންމަހަކަށް ވެއްޖެނަމަ އެ އެންގަނޑުގައި ފިލޮޅެއް ގަތުމުގެ ކުރިން ކުދިމަސްތައް އެ ކާލާނެއެވެ. ނަމަވެސް ބޯވަމަހަކީ ފަސޭހައިން ބުޅިން ނައްޓައިގެންދާ އެއްޗަކަށް ނުވާތީވެ މިފަދަ ކުދިމަސްތަކައް އެ ކާލުމަކީ ފަސޭހަކަމަކަށް ނުވުމާއިއެކު ފިލޮޅު އޭގައި ބޭނުމުގެ ފުރުޞަތު ބޮޑުވެއެވެ.

ފޮޓޯ: ހަސަން ޔޫސުފު

ފިލޮޅު މަސްވެރިކަމަށް އެންމެ ރަނގަޅީ ފޫދޭ ދިޔަވަރާއި މެދު ދިޔަވަރެވެ. މި ވައްތަރުގެ ފިލޮޅު އެންމެ ބޮޑުވާކަމަށް ވަނީ ފަންސާސް ސެންޓިމީޓަރަށެވެ. މިގޮތުން މި މަސްވެރިކަމުގައި ފަންސާސް ސެންޓިމީޓަރާއި ތިރީސް ސެންޓިމީޓަރާއި ދެމެދުގެ ފިލޮޅު ބޭނޭކަން ފާހަގަކުރެވެއެވެ. ދިވެހިރާއްޖޭގައި އުޅޭ މަސްތައް، މި ފޮތުގައި ހަތަރު ބާވަތެއްގެ ފިލޮޅުގެ ނަން ބަޔާންކުރެވިފައި ވީ ނަމަވެސް ރާއްޖޭގެ އެކިހިސާބުތަކުގައި އެ ފިލޮޅުތަކަށް ކިޔައިއުޅޭ ތަފާތު ނަންނަން ހުރެއެރެއެވެ. މިސާލަކަށް ބުނަނީނަމަ ސައިޒުން ބޮޑުނަމަ އެ ފިލޮޅަކީ ކޮންމެ ވައްތަރެއްގެ ފިލޮޅަކަށް ވީ ކަމުގައި ވިޔަސް އެއަށް ނިސްބަތްކޮށް މާ ފިލޮޅުކިޔައި އުޅެއެވެ.

މި ވައްތަރުގެ ފިލޮޅަކީ ދިވެހިންގެ ތެރޭގައި ކެއުމަށް ބޭނުންކޮށް އުޅޭ މީރުމަހެކެވެ.

މަސްދަރު: ދިވެހިރާއްޖޭގައި އުޅޭ މަސްތައް

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.