ރާއްޖޭގެ ހުރިހައި ހިސާބެއްގައިވެސް، އިހަށްވެސް، މިހާރުވެސް ފެންކުޅި ކުޅެ އުޅެއެވެ. އެކި ރަށްރަށުގައި ފެންކުޅި ކުޅޭ ދުވަސް ނުވަތަ ދުވަސްތައް ތަފާތެވެ. އެއް އަތޮޅުގައިވެސް އެކި ރަށްރަށުގައި މިކަން އޮންނަނީ ތަފާތުކޮށެވެ.

ބައެއް ރަށްރަށުގައި ފެންކުޅި ކުޅެނީ ފިޠުރު ޢީދު ދުވަހުއެވެ. ނުވަތަ ފިޠުރު ޢީދުގެ ހުރިހައި ދުވަހެއްގައެވެ. ލ. އަތޮޅު ގަމުގައިވެސް ފެންކުޅި ކުޅެނީ މިދެންނެވި ގޮތަށް ފިޠުރު ޢީދުގައެވެ. ނަމަވެސް ކައިރީގައި އޮންނަ ފޮނަދޫގައި ފެންކުޅި ކުޅެނީ ޝައްވާލުމަހުގެ ހަ ރޯދަ ނިމި އެއާއި ޖެހިގެން އޮންނަ ދުވަހުއެވެ. އެއީ އެރަށަށް ފެންކުޅި ޢީދު ދުވަހެވެ.

ފެންކުޅި ކުޅުމަކީ ޘަޤާފީ ޢީދެކެވެ. އިންޑިޔާގައި ހޯލީ ފާހަގަކުރުން އެއީވެސް ފެންކުޅި ކުޅުމުގެ ޢީދެއްގެ ގޮތުގައި ކޮށްއުޅޭ ކަމެކެވެ. ތަފާތަކީ ކުލަ އާއި އެކު ފެންކުޅޭކަމެވެ. އިރުދެކުނު އޭޝިޔާގެ ޤައުމުތަކުގައި އައު އަހަރުގެ ފެށުން ފާހަގަ ކުރުމަށް ފެންކުޅި ޢީދު ބާއްވައެވެ. އެގޮތުން ބަރުމާ، ކެމްބޯޑިއާ، ލާއޮސް، ތައިލޭންޑް، ޔުނާން އަދި ޗައިނާގައި މި ޢީދު ވަރަށް ކުލަގަދަކޮށް، ވަރަށް ފޯރިއާއިއެކު ފާހަގަކުރެއެވެ. ހުޅަނގުގެ މީހުން ނުވަތަ ޢާއްމު ބަހުރުވައިން މި ޢީދަށް ‘ވޯޓަރ ފެސްޓިވަލް’ ނުވަތަ ފެންކުޅި ޢީދު ކިޔަނީ މިއީ އެކަކު އަނެކަކުގެ ގަޔަށް ފެންޖެހުމުގެ މުނާސަބަތަކަށް ވާތީއެވެ. ރާއްޖޭގައިވެސް، ޒަމާނުއްސުރެން ފެންކުޅި ޢީދު ފާހަގަ ކުރަނީ ނުވަތަ ފެންޖަހާ ދުވަހެއް ބާއްވަނީ އެކަކު އަނެކަކުގެ ގަޔަށް ފެންޖަހައި މަޖާކުރުމަށެވެ.

އިހުޒަމާނުއްސުރެން ކުޅެމުން އަންނަ ފެންކުޅި ކުޅުމުގެ ވައްޓަފާޅިއާއި ވަގުތަށް މިހާރު މިވަނީ ބަދަލުތައް އައިސްފައެވެ. 1980 ގެ އަހަރުތަކުގައި އަދި އޭގެ ކުރިންވެސް، ލ. ފޮނަދޫގައި ފާހަގަކުރާ ފެންކުޅި ޢީދު ދުވަސް ވަރަށް ފޯރިގަދަވެފައި ތަފާތެވެ. އޭރުގެ ޙާލަތު ހުންނަގޮތުން ގިނަމީހުންނަކީ މާގިނަ އަންނައުނު ގެންގުޅޭ ބައެއް ނޫނެވެ. އެހެންކަމުން ފެންކުޅި ޢީދު ދުވަހު ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ ފެނުން ރެކިގެން އުޅުމަށެވެ. އޭރު ފެންޖަހައި އުޅެނީ އަންހެނުން ފިރިހެނުންގެ ގަޔަށެވެ. ފިރިހެނުން އަންހެނުންގެ ގަޔަށެވެ. އެއް ގެއެއްގެ މީހުން އެގޭގެ މީހުންގެ ގަޔަށް ފެންޖަހައި ތެންމާލައެއް ނޫޅޭނެއެވެ. ނަމަވެސް މިހާރު މިވަނީ މިހުރިހައި ކަމެއް ބަދަލުވެފައެވެ. ފެން ޖަހާނެ ވަކި ހަމައެއް ލަމައެއް ނޯވެއެވެ. އިންޑިޔާގެ ހޯލީ އިން ދަސްކޮށްގެން މިހާރު ފެންޖަހަނީ ކުލަވެސް ބޭނުންކޮށްގެންނެވެ. މިހާރު ގެންގުޅެނީ ބޭރުން އުފައްދާފައިވާ ފެންބަޑިއެވެ. ނަމަވެސް ކުރިން ބޭނުންކޮށް އުޅެނީ އޮނުގަހުގެ ބަދައިން ހަދާ ފެންބަޑިއެވެ. ކުޑަކުދިން ފެން ޖަހަން ގެންގުޅެނީ އަލަނާސި ހުސްކުރި ދަޅު ނުވަތަ ގެރިކިރު ހުސްކުރި ދަޅުފަދަ ތަކެއްޗެވެ. ނުވަތަ ނާށި އުނބުގަނޑެކެވެ.

އިހުގައި ފެންކުޅި ކުޅެގެން މާބޮޑު މައްސަލަތަކެއް ދިމައެއް ނުވެއެވެ. ފިރިހެންވެރިން ބައި ހަދާފައިގޮސް މިވެނިގެއެއްގައި އިންނަ މާރީތި އަންހެން ކުއްޖަކު ތެއްމާލުމަށް މަސައްކަތްކުރަނީ ވަރަށް ފޯރީގައެވެ. އަންހެންކުއްޖާ އުފުރާލައިގެން ގެންގޮސް ކޮންމެވެސް ގެއެއްގެ ވަޅަށްވެސް ލާފާނެއެވެ. އޭރު އެކަންވެސް މައްސަލައަކަށް ނުވެއެވެ.

ފެންކުޅި ކުޅުމުގައި އޭރު ވަރަށް ބަނިޔާދަން ގޮތްތަކެއް ގެންގުޅެއެވެ. ރަށުގެ އަޝްރާފުންނަށާއި، ކަމުވޮށިވެގެންވާ މީހުންގެ ގަޔަށް ފެންޖަހަނީ އެމީހުންގެ ގަދަރާއި އިއްޒަތާ އަރާއަރަފޯދިގެންވާ ގޮތަކަށެވެ. ވާރޭފެނަށް މީރުވަސްދުވާ އެއްޗެއް އަޅައިގެންނެވެ. އެފަދަ އިއްޒަތްތެރިންގެ ގަޔަށް ފެންޖަހަނީ ނަމެއްގައެވެ. ފެންބޯ ތައްޓެއްގެ ފެނުން ތެންމައިލީމާ އެނިމުނީއެވެ. އެއީ އެޒަމާނުގައި ކަންއޮތް ގޮތެވެ. ނަމަވެސް މިހާރު ގިނަރަށްރަށުގައި އެކަމެއް ނެތެވެ. ނަމަވެސް އޭރުވެސް އާދައިގެ މީހުން އެއްކޮށް ތެންމާ ނުލެވޭ ކަމަށްވާނަމަ ފެންޖެހި ކަމަކަށް ނުބަލައެވެ.

މީހެއްގެ ގަޔަށް ފެންޖެހުމަކީވެސް މިހާރުގެ ހާލަތަށް ބަލާއިރު މައްސަލަތަކާއި ކުރިމަތިލާން ޖެހޭ ކަމެކެވެ. އެމީހެއްގެ ހުއްދައެއްނެތި ފެން ޖެހުމުން ކުށްވެރި ވެދެއެވެ. އެކަމަކު ފެންޖެހުމުގެ ކުރިން މިހާރު ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެގޮތުން މޯބައިލް ފޯން އޮތްތޯ ބަލަން ޖެހެއެވެ. އެހާރު މިފަދަ އެއްޗެހި ނުގެންގުޅޭތީ އެކަމަށް ވިސްނާން ނުޖެހެއެވެ. ނަަމަވެސް މިހާރު އަގުބޮޑެތި ފޯނާއި، އަދިވެސް އެފަދަ ޑިވައިސްތައް ޖީބުގައި ގެންގުޅުމަކީ އާންމު ކަމަކަށްވުމުން އެކަމަށް ވިސްނަން ޖެހެއެވެ. އެހެން ނޫނީ ކުޑަ ފެން ފޮދެއްގެ ސަބަބުން އެތައްބައިވަރު “ފައިސާއެއް” އަތުން ގެއްލިގެން ހިނގައިދާނެއެވެ.

ތުއްތުކުދިން ފެންކުޅި ކުޅެނީ - މިއީ ކުޑަކުދިންނަށް ވަރަށް މަޖާ ދުވަހެއް

ތުއްތުކުދިން ފެންކުޅި ކުޅެނީ – މިއީ ކުޑަކުދިންނަށް ވަރަށް މަޖާ ދުވަހެއް

ފެންކުޅި ޢީދެއްގެ ގޮތުގައި ވަކިން ދުވަހެއް ފާހަގަ ކުރުމަކީ މިޒަމާނަށް ބަލާއިރު ވަރަށް ނާ ތަހުޒީބު ކަމެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް އެކި މީހުންގެ ނަޒަރިއްޔާތަކީ ތަފާތު އެއްޗެކެވެ. މިކަމުގައި ބުރަވެވެނީ މިއީވެސް ރާއްޖޭގެ ސަޤާފަތާއި އާދަކާދައާ ގުޅިފައިވާ ކަމެއްކަމުގައެވެ. އުވިގެން ދިނުދީ އާލާކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ފެންކުޅި ޢީދު ފާހަގަކުރުމުގައިވެސް ތަންކޮޅެއް ހަމަޖެހޭ އުޞޫލުތަކަކާއި މިންގަނޑުތަކެއް ގެންގުޅެން މަޖުބޫރު ވެއެވެ. އެހެންކަމުން މިކަމަކީވެސް އީދުގެ ކުޅިވަރުތައް ރާވާފަދައިން ރޭވިގެން އުސޫލެއްގެ މަތީން ގެންދާ ޢީދަކަށް ވެއްޖެނަމަ، މިހާރު މި ދިމާވާފަދަ މައްސަލަތައް މަދުވާނެކަން ގައިމެވެ.

ފެންކުޅި ޢީދަކީ ޘަޤާފީ ޙަރަކާތެކެވެ. ރާއްޖޭގެ ތާރީޚާއި ޘަޤާފަތް ދިރުވައި އާލާކުރުމުގެ ވާހަކަ ދެކެވޭއިރު މި ޢީދަކީވެސް އޭގެ ތެރެއަށް ހިމެނެން ޖެހޭނެ ޢީދެކެވެ. އެއީ ސަގާފީ މިފަދަ ކުޅިވަރު އޮޔާ ދިޔަ ނުދިނުމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.