ބުންޑަސްލީގާ ގައި ރޭ، ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން ޑޫސެލްޑޯފް ބަލިކޮށް ތާވަލުގެ ކުރީގައި ބަޔާން މިއުނިކުން 10 ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ގޯލަކީ 15 ވަނަ މިނެޓުގައި ޑޫސެލްޑޯފް ގެ ޑިފެންޑަރު މަތިއަސް ޖޯޖެންސެން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މުޅި މެޗުގައި ވެސް މޮޅުކުޅުމެއް ދައްކަމުން އައި ބަޔާން ގެ ދެވަނަ ގޯލު 29 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ ބެންޖަމިން ޕަވާޑެވެ. ފުރަތަަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށް ބަޔާންގެ ގޯލު މެޝިން ލެވަންޑޮވްސްކީ ވަނީ ގޯލެއް ޖަހައި އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ތޯމަސް މުލާ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ޑޫސެލްޑޯފް ކޮޅަށް މިރޭ ޖެހި ގޯލާއި އެކު، ބުންޑަސްލީގާގެ ހުރިހާ ޓީމެއްގެ ކޮޅަށް ލެވަންޑޮވްސްކީ މިވަނީ ގޯލު ޖަހާފައެވެ. ލެވަންޑޮވްސްކީ ގެ ކެރިއަރުގައި ޑޫސެލްޑޯފް ކޮޅަށް މީގެ ކުރިން ގޯލެއް ޖެހިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ޑޫސެލްޑޯފް އާއި ދެކޮޅަށް މީގެކުރިން ފަސް މެޗު ކުޅެފައި ވާއިރު، ލެވަންޑޮވްސްކީ ވަނީ ޖުމުލަ 25 ހަމަލާ އެޓީމުގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް،  އޭގެތެރެއިން އެއްވެސް ހަމަލާއެއް ކާމިޔާބުކުރެވިފައި ނުވެއެވެ.

ގޯލުޖެހުމަށް ފަހު، ލެވަންޑޮވްސްކީ އާއި އަލްފޮންސޯ ޑޭވިސް އުފާފާޅުކުރަނީ

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ، ލެވަންޑޮވްސްކީ ވަނީ އިތުރު ގޯލެއް ޖަހައި، ބަޔާންގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މިއީ ސާޖް ނަބްރީ ތަނަވަސްކޮށްދިން ފުރުސަތަކުން 50 ވަނަ މިނެޓުގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި މިހާތަނަށް ކުޅުނު 37 މެޗުން އޭނާ ކާމިޔާބުކުރި 43 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ. ލެވަންޑޮވްސްކީ ގެ ކެރިއަރުގައި އޭނާ އެންމެ ގިނައިން ގޯލު ޖަހާފައިވާ 2016/2017 ވަނަ ސީޒަނުގައި ވެސް ޖަހާފައިވަނީ 43 ގޯލެވެ. ބަޔާންގެ ފަސްވަނަ ގޯލު 52 ވަނަ މިނެޓުގައި ޖަހައިދިނީ އަލްފޮންސޯ ޑޭވިސް އެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއެކު، މިހާތަނަށް ކުޅުނު 29 މެޗުން 67 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގައި ބަޔާން މިއުނިކް އޮތްއިރު، 28 މެޗުން 57 ޕޮއިންޓު ހޯދައިގެން ތާވަލުގެ ދެވަނައިގައި އޮތީ ބޮރޫސިއާ ޑޯޓްމަންޑެވެ. ތާވަލުގެ ތިންވަނައިގައި 56 ޕޮއިންޓާއެކު، އޮތީ ބަޔާން ލެވަކޫސަން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.