ރަސްގެއެއް ނެތި މަދްރަސީ ދައުރު ނިންމުން – ލަންޑަނުގައި ބޮޑު ޚަބަރެއް

ލަންޑަން: އިނގިރޭސި ވިލާތުގެ ފުރާވަރުގެ ކުއްޖަކު އޭނާގެ މަދަރުސީ ޙަޔާތުގައި ޙާޟިރު ނުވާ އެންމެ ދުވަހެއްވެސް ނުބާއްވާ ސްކޫލް ދައުރު ނިންމާލައިފިއެވެ. ބޭބީ ނާރސަރީ އިން ފެށިގެން ގޮސް ގްރޭޑް 12 ނިމެންދެން ސްކޫލަށް ޙާޟިރުވާން ޖެހޭ ދުވަސްތަކުން އެންމެ ދުވަހެއްވެސް ވައްޓާނުލައި ޢުމުރުން 16 އަހަރުގެ ސްޓެފަން ބޫތަށް ސްކޫލް ދައުރު ނިންމާލެވިފައިވަނީ އޭނާގެ ނަސީބުން ކަމަށް އޭނާ ސިފަކުރެއެވެ. އޭގެ ސަބަބަކަށް ވަނީ މަދަރުސީ ޙަޔާތުގައި އޭނާވެސް ބަލިވާ ކަމަށާއި ނަމަވެ ސްކޫލަށް ނުދެވޭވަރަށް ބަލިވަނީ މުޅިންވެސް ޗުއްޓީ ދުވަސްދުވަހާއި ދިމާކޮށް ކަމަށް ސްޓެފަން ބުނެއެވެ.

“ސްކޫލް އޮންނަ ދުވަސް ދުވަހާއި ދިމާކޮށް ދުވަހަކުވެސް އަހަރެން ބައްޔެއް ވެފައެއް ނެތް. ސްކޫލަށް ނުގޮސް ގޭގައި މަޑުކުރަން ޖެހޭވަރަށް ޙާލު ދެރަވެފައެއް ނުވޭ. އަހަރެން ސްކޫލަށް ދާހިތް ވަރަށް ވޭ. އަހަރެން ބޭނުންވޭ ވަރަށް މޮޅު ކުއްޖަކަށް ވާން. ރަނގަޅު މާކްސް ހޯދަން ބޭނުންވޭ…. އަހަންނަށް އެ ފުރުޞަތު ލިބިގެން ދާތީ ވަރަށް އުފާވޭ. ވަރަށް ހިތްހަމަ ޖެހޭ.” ޑެއިލީ މެއިލްގައި ސްޓެފަން ބުނެފައިވާކަމަށް ލިޔެފައިވެއެވެ.

“އަހަރެން ބައްޔެއްވިޔަސް، ބަލިވަނީ މުޅިންވެސް ސްކޫލް ޗުއްޓީ ދުވަސްދުވަހު. އެއީ ދެން ބުނެވޭނީ ހަމަ އަހަރެންގެ ނަސީބޭ.”

ލަންޑަންގެ ސްޓޯކް އޮން ޓްރެންޓަށް ނިސްބަތްވާ ސްޓެފަންގެ ފަޚްރުވެރި މަންމަ ބުނަނީ: “ސްޓެފަން އަށް ޤުދުރަތުން މިކަން މިންވަރު ކުރައްވާފަވަނީއޭ ބުނެވޭނީ. އޭނަ ސައިންސްގެ މާއްދާތައް ވަރަށް ކިޔަވާހިތްވާނެ…. އެއީ މިހާރު މިއުޅޭ ފުރާވަރުގެ ކުދިންނާ ވަރަށް ތަފާތު ކުއްޖެއް. އެންމެ ލަސްވިޔަސް ހެނދުނު 6.30 ގައި އޭނަ ހޭލާނެ. ދުވަހަކުވެސް ސްކޫލަށް ގަޑިޖެހިފައެއް ނޯންނާނެ. އޭނައަށް ވިސްނޭ، ރަނގަޅު ވަޒީފާއެއް ހޯދަން ބޭނުންނަމަ، ރަނގަޅު މާރކްސް ހޯދައި ކިޔަވާ މޮޅުވާން ޖެހޭނެކަން.”

—————
(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.