ގޭތެރޭގައި ދިއްލާފައި އޮތް ފުޅިބައްތީގެ ހުޅުކޮޅު ރަނގަޅުކޮއްލަމުން ހާވިލްގެ މަންމަ ހާވިލަށް ބަލާލިއެވެ. ކުޑަކުޑަ ޖިފުޓިއެއް ކަހަލަ ގެއެކެވެ. ފުރާޅުގައި ޓިނު ޖަހާފައި ހުރިއެއްކަމަކު ގިނަ ބިތްތަކުގައި ހުރީ ފަންޖަހާފައެވެ. ގޭތެރޭގައި ހުރީ ދެ އަށްޓެވެ. ހިފާގެންގުޅޭ ހުރިހާއެއްޗެއްވެސް ހުރީ އެ ކުޑަކުޑަ ގޭގެ ތެރޭގައެވެ. ބޮޑުއަށި މަތީގައި އޮށޯވެލައިގެން އޮތް ހާވިލްގެ ކައިރިއަށް އައިސް މަންމަ އިށީދެލިއެވެ..

“ދަރިފުޅު ނިދާބަލަދެން.” ހާވިލްގެ މަންމަ ޚަދީޖާ މަސައްކަތްކުރީ ހާވިލް ނިންދެވުމަށެވެ. ކުއްލިއަކަށް ޖަހައިލި ގުގުރިއަކާއި އެކު ބޯކޮށް ވާރޭ ވެެސް ވެހެން ފަށައިފިއެވެ. ހާވިލަށް ވެެސް ބިރުންގޮސް މަންމަގައިގާ އޮޅުލައިގަނެވުނެވެ. ޚަދީޖާގެ ހިތުގައި ބިރުވެެރިކަން އިތުރުވެގެންދިޔައެވެ. ހާވިލްގެ ބައްޕަވީ މަހަށްގޮހެވެ. މިއަށް ފަދަ ވިއްސާރައިގައި ޖެހިދާނެތީ ޚަދީޖާ ހުރީ ބިރުންނެވެ. ފިކުރުތަކުގެ ތެރެއަަށް ގެއްލިގެން ހުރެ ބޮޑުއަށީގެ ހުސްކޮށް އޮތްބައިގައި ޚަދީޖާ ވެސް އޮށޯވެލިއެވެ. ކުއްލިއަކަށް މީހަކު ގޮވާލިއަޑަށް ޚަދީޖާ ބަލައިލިއެވެ. އެއީ މޫސަގެ އަޑެވެ. މަހުން އައީއެވެ. އޭރުވެސް މަޑުކެރި ވާރޭ ވެހެމުންދެއެވެ. ދޮރު ހުޅުވާލާފައި ޚަދީޖާ ބޭރަށް ނިކުތެވެ.

“ހާވިލް،” ހާވިލް ސިއްސައިގެން ދިޔައެވެ.

“ކޮން ހިޔާލެއްގަތަ ތި އިންނަނީ؟” ބޮޑުދައިތަގެ އަޑަށް ހާވިލް ގެނބިފައިވާ ޚިޔާލުގެ ތެރެއިން ނިކުމެވުނެވެ. ހާވިލް މާލެ އައިތާ މިވީ ހަފްތާއެކެވެ. މަންމަމެން ދޫކޮށްލާފައި މާލެއަންނަން ޖެހުމަކީ ހާވިލް ނުހަނު ދެރަވެ ހިތާމަ ކުރާކަމެކެވެ. މަންމައާއި ބައްޕަގެ އޯގާތެރިކަން ހާވިލްގެ ހިތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. ކިތައްމެ ނިކަމެތި ހާލުގައި އުޅުނެއް ކަމަކު އެދެމީހުން ހާވިލް ބަލަމުންއައީ ރަސްކަލެއް ފަދައިންނެވެ. ހާވިލްގެ ހިތުގައި އަބަދުވެސް މަންމަައާއި ބައްޕަގެ ހިތްހެޔޮކަމާއި އަޅައިލުން ދެންމެވީ ކަމެއްފަދައިން އާވެ އާވެހުރެއެވެ.

“ކީކޭ ބޮޑުދައިތާ؟”

“ދޭބަލަ ފިހާރައަކަށް . މެންދުރަށް ކައްކާނެ އެއްޗެއް ގަނެގެން އަންނަން.” އަތުގައި އޮތް ސަތޭކަ ރުފިޔާ ހާވިލަށް ދިއްކޮއްލަމުން ބޮޑުދައިތަ ބުންޏެވެ. ހާވިލް ހިނގައިގަތީ ފިހާރައަށް ދިއުމަށެވެ. ނަމަވެސް އަނެއްކާވެސް ހާވިލް ހުއްޓުވާލީ ބޮޑުދައިތައެވެ.

“ބޭބެ މިއަދު ބުނީ ހާވިލް އަށް ވަޒީފާ ހަމަޖެހިއްޖެއޭ. މާދަން އޮފީހަށް ނިކުންނަން ޖެހެއޭ.” ބޮޑުދައިތަގެ މި ޖުމްލައާއިއެކު ހާވިލްގެ ހިތް އުފަލުން ފޮޅުނެވެ. މަންމަމެންގެ އުންމީދުތައް ފުރިހަމަކޮށްދިނުމަށް މަގެއް ފަހިވެގެން ދިޔައީތީއެވެ.

ފިހާރައިން އައިގޮތަށް ހާވިލް މަންމައަށް ގުޅާލިއެވެ. ވަޒީފާ ލިބުނުވާހަކަ ބުންޏެވެ. މަންމަވެސް އެކަމާއި ވަރަށް އުފާކުރިއެވެ. އަދި ނަސޭހަތްތެރިވިއެވެ. ވަޒީފާގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށާއި ވެރިންނަށް އިހްތިރާމުކުރުމަށްވެސް ބުންޏެވެ. އެކުވެރިންގެ ގޮތުގައި ރަނގަޅު މީހުން އިޚްތިޔާރުކުރުމަށެވެ. ދީނުގެ ކަންކަމަށް ފަރުވާތެރިވުމަށެވެ. ރިޒުގު ދެއްވާ ފަރާތަށް ޙަމްދުކުރުމަށެވެ. އެތަކެއް ނަސޭހަތަކަށްފަހު ފޯނު ކަނޑާލީ ދަރިފުޅަށް ފާގަތި މުސްތަގުބަލަކަށް އެދި ދުޢާކުރަމުންނެވެ.

ފަތިސްނަމާދުގެ ބަންގިގޮވިއިރު ހާވިލްއޮތީ ހޭލައެވެ. ފެންވަރާ ރީތިވެގެން ހާވިލް ދިޔައީ މިސްކިތަށެވެ. އިރުއަރަންދެން ޒިކުރުކުރަން މިސްކިތުގައި އިނެވެ. ގެއަށް އައިއިރު ބޮޑުދައިތަ ހުރީ ހެނދުނުގެ ސައި ތައްޔާރުކޮށްފައެވެ. މަންމައާއި ބައްޕަ ފިޔަވައި ދެން ހާވިލް ދެކެ އެންމެ ލޯބިވާ މީހަކީ ބޮޑުދައިތައެވެ. ބޮޑުދައިތަމެން މާލެ ބަދަލުވިތާ މިހާރު ދިހަވަރަކަށް އަހަރުވެދާނެއެވެ. ބޮޑުދައިތަގެ ފިރިހެން ދަރިއަކު ނުހުރެވެ. ތިބެނީ ދެ އަންހެންކުދިންނެވެ.

ހާވިލްއަކީ ވެސް ބޮޑުދައިތަގެ ދަރިއެއް ފަދައިން ބަލާ ކުއްޖެކެވެ. ސައިމޭޒު ދޮށުގައި ހާވިލް އިށީނި ވަގުތަކީ ބޭބެ ވެެސް އައިސް އިށީނި ވަގުތެވެ.

“ބޭބެ، މިއަދު ހާވިލް އޮފީހަށް ގެންގޮސްދޭނަން، ސައިބޮއެގެން ތައްޔާރުވޭ. އޮފީހަށް ގަޑި ނުޖެހި ދިއުމަށް އާދަކުރަންވާނެ.” ބޭބެވެސް ނަސޭހަތްތެރިވިއެވެ. އަލަށް އޮފީހަށްދާ ދުވަހަށް ވީމާ ހާވިލް ވެސް އިނީ ހިތް ނުތަނަވަސް ވެފައެވެ.

ސައިބޮއެ ނިމިގެން ހާވިލް އަވަސްވެގަތީ އޮފީހަށް ދިއުމަށް ތައްޔާރުވުމަށެވެ . ލޯގަނޑުގެ ކުރިމަތީގައިހުރެ ބޮލުގައި ފުނާކޭތުނުވަރެއްވެސް ނޭނގެއެވެ. އޮފީސް ހުންނާނެ ގޮތަކާއިމެދުވެސް ވިސްނެއެވެ. ދިމާވާނީ ކޮންބަޔަކާ ކަމެއްވެސް ނޭގެއެވެ. ކޮންމެ ގޮތެއް ވިޔަސް ހާވިލް ބަލާނީ އެންމެނާވެސް ގުޅިގެން އުޅެވޭތޯއެވެ. މިކަހަލަ ޚިޔާލު ތަކެއްގެ ތެރެއަށް ގެނބިގެން ހުރެ ތައްޔާރުވެގެން ނިކުތެވެ. އޭރު ބޭބެވެސް ތައްޔާރުވެގެން ނިކުންނަނީއެވެ.

މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުން ލާފައި އޮފީހަށް ދިއުމަށް ބޭބެއާއި އެކު ސައިކަލުގައި ދުއްވަމުންދިޔައެވެ. އޮފީސް ހުންނަނީ ހާވިލް މެންގެ ގެއާއި ފުދޭވަރަކަށް ދުރުގައެވެ. ހިންގާފައިނަމަ ދިހަވަރަކަށް މިނެޓް ނަގާނެއެވެ. އޮފީސް ކުރިމަތީގައި ސައިކަލް ޕާރކުކޮށްލުމަށްފަހު ބޭބެ ހާވިލް ގޮވައިގެން ވަނެވެ. ރިޝެޕްޝަނުގައި ހުރި ގޮނޑިއެއްގައި އިށީނުމަށް ބުނުމަށްފަހު އެތަނުން ކުއްޖަކާއި ބޭބެ ވާހަކަދައްކާލުމަށްފަހު ބޭބެ ނިކުމެގެން ދިޔައެވެ. އިރުކޮޅަކުން އެތަނުން އަންހެންކުއްޖަކު އައިސް ހާވިލް ގޮވައިގެން އޮފީހުގެ ދެވަނަ ބުރިއަށް ދިޔައެވެ. އެއީ އޮފީހުގެ ފައިނޭންސް ޑިޕާރޓްމެންޓެވެ. އަދި އޮފީހުގެ ވެރިޔާގެ ކޮޓަރިވެސް ހުންނަނީ އެބައިގައެވެ. ހާވިލް ގެންދިޔައީ ވެރިޔާ ކައިރިއަށެވެ. އަލަށް ގެންނަ މުވައްޒަފުންނާއި ވެރިޔާ އަބަދުވެސް ބައްދަލުކުރެއެވެ. ވަޒީފާއާއި ގުޅޭ ގިނަ މައުލޫމާތާއި މަސައްކަތްކުރަންވީ ގޮތް ކިޔައިދިނުމަށްފަހު ހާވިލްގެ ސެކްޝަން ކަމަށްވާ އިދާރީ ބަޔަށް ހާވިލް ފޮނުވިއެވެ. ހާވިލްގެ އިތުރުން އެތަނުގައި އިތުރު ދެ މުވައްޒަފަކު މަސައްކަތްކުރެއެވެ. އެއީ ރީނާ އާއި އާޝިޔާއެވެ.

މެނދުރު ވެގެންދިޔައިރުވެސް ހާވިލް އިނީ މަސައްކަތުގައެވެ.

“ހެލޯ އާކުއްޖެއްތަ؟” އޮފީހުގެ މަތީ ބަޔަކުން ފައިބައިގެންއައި ކުއްޖަކު އާޝިޔާ ކައިރިއަށް އައިސް ހާވިލް ދައްކާލަމުން އަހާލިއެވެ. އޭރުވެސް ހާވިލް އިނީ އިސް އުފުލާ ބަލާވެސް ނުލައެވެ. އާޝިޔާގެ ވާހަކައިން އެ އައި ކުއްޖާއަށް ކިޔަނީ ޒީކް ކަން ހާވިލްއަށް އެނގުނެވެ. މެނދުރު ކެއުމުގެ ވަގުތުކަމުން ޒީކް އައީ އާޝިޔާއާއި އެކު ކާންދިއުމަށެވެ.

“އަހަރުމެން މިދަނީ ކާން. ހާވިލް ނުދާނަންތަ؟” އާޝިޔާ ސުވާލުކޮށްލިއެވެ. ހާވިލް އިސްއުފުލާ ބަލައިލިއެވެ. އެވަގުތު ޒީކްވެސް ހާވިލަށް ބަލާލިއެވެ. ޒީކްއާއި ހާވިލްގެ ހަތަރުކަޅި ހަމަވިއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޔޫސުފް ބިން މޫސާ
ދީނީ އަދި އިޖުތިމާޢީ ރޮނގުން ގަލަން ހިނގައިލުމުގެ އިތުރުން ވާހަކަ ލިޔުމަކީވެސް ޔޫސުފުގެ ހުނަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް