އޮފީހުގައި އަވަދިނެތި އުޅެނިކޮށް އަހަރެން އެ އަޑަކަށްޓަކައި އަބަދުމެ އިންތިޒާރުކުރަމުން މިދާ އަހަރެންގެ ހިތުގެ ރާނީގެ ފޯންކޯލެއް އައެވެ. އަހަރެން އަވަސްވެގަތީ ކުރިންވެސް ބުނިފަދައިން އަޔާނާ ބޭނުންވެފައިވަނީ ކޮން ކަމަކަށްތޯ ބަލައި އަވަހަށް އެކަން ކޮށްދިނުމަށެވެ. އަޔާނާގެ ފޯނުކޯލެއް އައުމުން އަހަރެން ވަރަށް އުފާވިއެވެ. އަޔާނާ އަހަރެންގެ ފަރާތުން އެދުނީ އަޔާނާއާއިއެކު އަޔާނާގެ ކޮއްކޮމެން އުޅޭ ގެއަށް ދިއުމަށް އައިސްދިނުމަށެވެ. އަހަރެން އަވަސްއަވަސް ކޮށްލާފައި މިދަނީއޭ ބުނެ ސައިކަލަށް އަރައި ގެއަށް ދިއުމަށް އަވަސްވެގަތީމެވެ. ސައިކަލުގެ މުށްގަނޑުގައި ހުރިވަރެއް ދައްކާލައިފައި ގެއަށް އައިއިރު އަޔާނާ، އޭނާގެ މަންމައާއިއެކު ދޮރުމަތީގައި ހުއްޓެވެ. އަހަރެން އައިސް މަޑުކޮށްލުމުން އަޔާނާ ދިޔައީ ސިހިގެންނެވެ. “ހާދަ އަވަހޭ. އަހަރުމެންނަށް ގުޅާފަ ހަމަ ކިރިޔާ ތިރިއަށް މި ފޭބުނީ.” އަހަރެން އަޔާނާގެ މަންމައަށް ސިއްރުކުރުމުގެ ގޮތުން ބުނެލީމެވެ. “އާނ.. ގެއަށް އަންނަން އުޅެނިކޮން ތި ގުޅީ، އެހެންވެ އެހާ އަވަހަށް މި އާދެވުނީ.”

އަހަރެން ބެލީ ޙަޤީޤަތް ފޮރުވޭތޯއެވެ. ޙަޤީޤަތުގައިވެސް އަޔާނާމެންނަށް ފާހަގަ ނުކުރެވުނަސް މި ހިނގާ ހުރިހައި ކަމެއްގައިވެސް ބޮޑު ސިއްރެއް ވެއެވެ. އެކަން އަހަންނަށް ގައިމުވެސް އިހުސާސް ކުރެވެމުންދެއެވެ. އަހަރެންގެ ހިތް އަޔާނާގެ ލޯތްބަށް ބޭނުން ޖެހިފައިވާ މިންވަރެވެ. މިއީ ދުވަހަކުވެސް އެހެން އަންހެންކުއްޖަކަށްޓަކައި އަހަރެން ވަމުންދިޔަ ޤުރުބާނީއެއް ނޫނެވެ. އަޔާނާ ނޫން އެހެން އަންހެންކުއްޖަކަށް ވަނީ އަހަރެންގެ ހިތުން ޖާގައެއް ހޯދުމަށް ނުކުޅެދިފައެވެ.

އަހަރެންނަށް ތަފާތު އަންހެންކުދިންގެ ހުށަހެޅުންތައް ވަނީ ލިބިފައެވެ. ނަމަވެސް އެއިން އެއްވެސް ހުށަހެޅުމެއް އަހަރެން ވާނީ ޤަބޫލުނުކޮށް ދޫކޮށްލައިފައެވެ. ގާތުގައި އުޅުނު ރައްޓެހިންވެސް އެކަމާ ވަރަށް ޝަކުވާކޮށް ހެދިއެވެ. އޭރު އަހަރެން ބުނަމުން ދިޔައީ އަދި އަހަރެންގެ ހިތުގެ ރާނީ އަހަރެންނާ ބައްދަލުވާނެއެވެ. އެދުވަސް އައީމާ އަހަރެންނަށް އެކުއްޖަކުދެކެ ލޯބިވެވޭނެއެވެ. އަހަރެން ހިތުން އެކުއްޖަކަށް ޖާގަ ދީ އަހަރެންގެ މިލްކަކަށް އެކުއްޖަކު ހެދުމަށް އަހަރެން މަސައްކަތް ކުރާނެއެވެ. އެދުވަހެއް އިރާދަކުރެއްވިއްޔާ ތިޔަ އެކުވެރިންނަށް އަހަރެން ދައްކުވައިދޭނަމެވެ.

އަހަރެންގެ އެ ފޮނި އުއްމީދަކަށް ބަދަލެއް ނާދެއެވެ. މިއަދު މިއޮތީ އަހަރެން އެކުއްޖަކަށްޓަކައި ނޭނގި ނަމަވެސް އިންތިޒާރު ކުރެވެން ފަށައިފައެވެ. އާނއެކެވެ. އަހަރެން މިވަނީ ޙަޤީޤަތުގައިވެސް އަޔާނާގެ ޢިޝްޤުގައި ޖެހިފައެވެ. އަބަދުވެސް އަޔާނާމަތިން ހަނދާން ކުރެވެއެވެ. ހުވަފެނުގައިވެސް ހޭލައި ހުންނައިރުވެސް އަހަންނަށް ސިފަވަނީ އެ ރީތި ރާނީއާއެކު އުފަލުގައި އުޅޭ މަންޒަރެވެ.

ސައިކަލު ޕާކުކުރުމަށްފަހު އަޔާނާގެ ކޮއްކޮމެން ކިޔަވަން ތިބޭ ގެއަށް އަޔާނާއާއި އަޔާނާގެ މަންމަ ގޮވައިގެން ދިޔުމަށް އަހަރެން އަޔާނާމެންނާ ކައިރިވެލީމެވެ. އަހަރެން ގޮސް ހިނގާށޭ ދާން، ކާރެއް ގެންނަންވީ ދޯއޭ ބުނުމުން އަޔާނާގެ މަންމަ ދަރިފުޅުމެން ގޮސްލާށޭ، މަންމަ ދަތުރު ވަރުބަލިވެފަ ހުރީމަ ގޭގަ މަޑުކޮށްލާނީއޭ ބުންޏެވެ. މަންމަ އެހެން ބުނުމާއިއެކު އަހަރެންވެސް ވަގުތުގެ ބޭނުން ހިފުމުގެ ގޮތުން އެހެންވިއްޔާ އަހަރުމެން ގޮސް އެކުދިން ގޮވައިގެން މިގެއަށް އަންނާނީއޭ ބުނުމުން އަޔާނާގެ މަންމަ އެކަމަށް އެއްބަސްވިއެވެ.

“ހިނގައިފަތަ ދާނީ؟ ނޫނީ ކާރެއް ގެންނަންވީތަ؟” މިހެން އަޔާނާ ގާތު އަހައިލުމުން އަޔާނާ ބޭނުންވީ އަހަރެންނާއި އެއްކޮށް ސައިކަލުގައި ދިއުމަށެވެ. ޙަޤީޤަތުގައި އަހަރެންވެސް ބޭނުންވެފައި ހުރީ އެގޮތެވެ. އަހަރެން ވީ އުފަލުން އަވަސްއަވަހަށް އަޔާނާ ސައިކަލަށް ލައިގެން ދުއްވައިލީމެވެ. އަހަރެން ސައިކަލު ދުއްވަމުން ދިޔައީ އާދައިގެ ސްޕީޑެއްގައެވެ. އަހަރެންނަށް އަޔާނާއާއި މިހާ ގާތުން ބައްދަލުވެ ވާހަކަ ދައްކައިލުމުގެ ފުރުޞަތު ލިބުމުން އެތަކެއް ވާހަކަތަކެއް އަޔާނާއާއި ހިއްސާކުރުމަށް ބޭނުންވިއެވެ. ނަމަވެސް ކިތަންމެ ބޭނުންވިޔަސް ހުރިހައި ވާހަކައެއް އެއްފަހަރާ މިވަގުތުކޮޅުގެ ތެރޭގައި ނުދެއްކޭނެކަން އަހަންނަށްވެސް އެނގެއެވެ.

“އަޔާނާ، އަހަރެން އެބަހުރި އަޔާނާގެ ގާތުގައި ވަރަށް ގިނަ ވާހަކަ ދައްކަން.” މިހެން ބުނުމުން އެ އަސަރުގަދަ އަޑުން، އަވަހަށް ކިޔާށޭ އަހަރެން މިއިނީ އަޑުއަހާށޭ ބުނެލިއެވެ. އަހަރެން އަނެއްކާވެސް އަޔާނާމެންގެ ރަށަށް ދުވަސްކޮޅަކު ހުރެލުމަށް ދާ ވާހަކަ ބުނުމުން، އަޔާނާ ހަމައަށް ވާހަކަ ނުނިމެނީސް އަހަރުމެން ގޭގައޭ ހުންނަންވާނީ ބުނެލިއެވެ. މިހެން ބުނުމުން އަހަރެން ބޭނުންވަނީ ތިގޮތް ކަމަށާއި އެފުރުޞަތު އޮތްނަމަ އަހަރެން ހުންނާނީ ތިގޭގައޭ ބުނީމެވެ.

ސައިކަލުން ފައިބާ އަހަރެންވެސް އަޔާނާއާއިއެކު އެގެއަށް ވަނީމެވެ. އަޔާނާގެ ކޮއްކޮމެނާވެސް ވާހަކަ ދައްކައި ހެދީމެވެ. ކޮއްކޮމެން ތައްޔާރުވުމުން ކާރެއް ގެނެސް، އެކުދިން ގޮވައިގެން އަހަރެންނާ އަޔާނާ އައީ ގެއަށެވެ. ގެއަށް އައިސް އަަހަރެން ބަނޑުހައިވެފައި ހުރިވަރުން މަންމަ ގާތު ކާއެއްޗެއް ދިނުމަށް އެދުނީމެވެ. މަންމައާއިއެކު ކާގޭގައި އަހަރެން އިނީ އެކަންޏެވެ. މަންމަ ދައްކަމުންދިޔަ ތަފާތު ވާހަކައިން އަހަރެން އިނީ އަޖައިބުވެފައެވެ. އަޔާނާއަކީ ވަރަށް ހިތްހެޔޮ ކުއްޖެއް ކަމަށާއި މަންމަމެން މިގެއަށް އަޔާނާ ގެންނަން ބޭނުންވާ ވާހަކަ އަހަރެންނަށް ކިޔައިދެމުން ދިޔައިރު އަހަރެން ބުނާނޭ އެއްޗެއް ނޭނގި ފާޑަކަށް ހުއްޓުން އަރައިފައި އިނީމެވެ.

ކޮއްކޮމެން ވަނީ މަންމައަށް އަހަރެން އަޔާނާދެކެ ލޯބިވާ ވާހަކަ ކިޔައިދީފައެވެ. މަންމައަށްވެސް އަހަރެން އަޔާނާދެކެ ލޯބިވާ މިންވަރު އިހުސާސް ކުރެވުނު ފަދައެވެ. މަންމަ އަހަރެންނަށް ވަރަށް ހިތްވަރު ދިނެވެ. އަހަރެން އަޔާނާދެކެ ލޯބިވާ މިންވަރު ހާމަކޮށްދީ، އަޔާނާއާއިއެކު ޒަވާޖީ ޙަޔާތެއް ފަށަން ބޭނުންވާކަމަށް ބުނެ އަހަރެންގެ ހިތުގެ އިހުސާސްތައް އަޔާނާއަށް ކިޔައިދިނުމަށް ހިތްވަރު ދިނެވެ. އަދި މަންމަ ވަނީ ބައްޕައަށް މިވާހަކަތައް ކިޔައިދީފައެވެ. ބައްޕަވެސް އަޔާނާއާ ވަރަށް ޤަބޫލެވެ. އެކަމާ އަހަރެން ވަރަށް އުފާވިއެވެ. މަންމަގެ ވާހަކަތަކުން އަހަރެންނަށް އިތުރަށް ހިތްވަރު ލިބިގެން ދިޔައެވެ. އަޔާނާ އަހަރެންގެ މިލްކަކަށް ހެދުމަށް އަހަރެންގެ ހިތް، ގަދައަޅާ ކުރަމުން މިދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެން ދިޔައެވެ. މިހާރު މި ކުރެވޭ ފޮނި އިންތިޒާރުގެ ހަމައެކަނި މައްސަލައަކީ އަހަރެންނަށް އަޔާނާދެކެ ލޯބިވާވަރު ހާމަނުކުރެވުމެވެ. އެކަން ހާމަނުކުރަނީސް އަޔާނާއަކަށްވެސް އެކަމެއް ނޭނގޭނެއެވެ.

އަޔާނާ މާލެ އައުމަށްފަހު އަހަންނާ ވާހަކަ ދައްކާ ރާގަށް ކޮންމެވެސް ވަރަކަށް ތަފާތުކަމެއް އައިސްފައިވާކަމަށް އަހަންނަށް ފާހަގަކުރެވެއެވެ. ހަމަ އެގޮތަށް އަޔާނާގެ މަންމަވެސް ތަފާތެވެ. ފާހަގަކުރެވޭ ގޮތުން މިހާރު ކުރިއަށްވުރެ އަހަންނާ ގާތެވެ. އަހަރެންނާއެކު މި މާލެތެރެއަށް އަޔާނާ ދޫކޮށްލާނީވެސް އަޔާނާގެ މަންމަ އަހަރެންނަށް އިތުބާރު ކުރާތީއެވެ. އަނެއްކާ އަހަރެން އަޔާނާދެކެ ލޯބިވާ މިންވަރު އަޔާނާމެނަށް އެނގުނީބާވައެވެ؟ ނޫނީ ނާއިސް އަހަރެންގެ ހުރިހައި ވާހަކައެއް އަޔާނާމެނަށް ކިޔައި ދިނީބާވައެވެ؟ ނޫނެކެވެ. ނާއިސް އަހަރެން ގާތުގައި ނުބުނެ އެއްވެސް ވާހަކައެއް ކިޔައިދީފާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެއީ ނާއިސް ގާތު އަހަރެން އެކަން ސިއްރުކޮށްދިނުމަށް އެދިފައި ވާތީއެވެ.

އަޔާނާމެން ރަށަށް ދިއުމަށް ތައްޔާރުވެއްޖެއެވެ. އަހަރެންވެސް އަޔާނާމެނާއިއެކު އެރަށަށް ދިއުމަށް ދަތުރު ހެދީމެވެ. ދަތުރަށް ތައްޔާރުވުމަށްފަހު އަހަރެން އައީ ގެއަށެވެ. އެއީ އަޔާނާމެންނާއިއެކު ބޯޓަށް ދިއުމަށެވެ. އައިއިރު އަހަރެންގެ ކޮއްކޮމެން ތިބީ ސިޓިންރޫމުގައެވެ. ކޮއްކޮމެންގެ ސަބަބުން އަހަރެންނަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. އަޔާނާމެނާ ދޭތެރޭ ކޮއްކޮމެން ބެހެއްޓި ގާތްކަމަށްޓަކައި އަހަރެން ކޮއްކޮމެންނަށް ޝުކުރު އަދާކުރީމެވެ.

އަހަރެންގެ ބައެއް ތަކެތި ނެގުމަށް އަހަރެން ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަށް ވަންއިރު އަޔާނާ އެނދުމަތީ އިނެވެ. އަހަރެން ކޮޓަރިއަށް ވަނުމުން އަޔާނާ ސިހިގެން ދިޔައެވެ. އަހަރެން ތިކޮޅަށް ގެންދަންޖެހޭ ބައެއް އެއްޗެހި ހުރީމަ އެ ތަކެތި ނަގަންވެގެންނޭ މިއައީ ބުނެ އަލަމާރި ހުޅުވައިލުމާއެކު އަހަރެންވެސް ދިޔައީ ސިއްސައިގެންނެވެ. އަހަރެން ކުޑަކޮށްވެސް ހަނދާނެއް ނެތެވެ. ކުޑައިރުކޮޅަކު ވިސްނައިލަން ހުރެވުނެވެ. އަޔާނާމެން އަހަރެންނާ އޮންނަ ގުޅުމަށް އައިސްގެން އުޅޭ ބަދަލުގެ އަސްލަކީ މިއީކަމަށް ޤަބޫލުކުރެވުނެވެ.

އަޔާނާމެންވެސް ބޭނުންކުރަމުން ދިޔައީ އަހަރެންގެ އަލަމާރިއެވެ. އަހަރެން އަޔާނާއާ ބައްދަލުވެ ނެގި ހުރިހައި ފޮޓޯއެއް ޕްރިންޓް ކުރުމަށްފަހު އަލަމާރި ދޮރުގެ އެތެރެ ފަރާތުގައި ހިއްޕައިފައި ހުންނަކަން އެކަކަށްވެސް ނޭނގޭނެއެވެ. އަހަރެން އަޔާނާމެނަށް ކޮޓަރި ދިނުމަށްފަހު އަލަމާރި ތަޅުދަނޑި ހަވާލުކުރިއިރު ފޮޓޯތަކުގެ މަތިން ހަނދާނެއް ނެތެވެ. މި ފޮޓޯތައް އަޔާނާގެ މަންމައަށްވެސް ފެނުނީއެވެ. އަހަރެން މިހައި ދުވަހު އެންމެނަށް ސިއްރުކޮށްގެން އުޅުނު ލޯބީގެ ހުވަފެން އެންމެނަށް ހާމަވީއެވެ.

އަހަރެންނަށް ތަފާތު އެކި ޚިޔާލުތަކުގައި ކުޑައިރުކޮޅަކު ހުރެވުނެވެ. އެވަގުތު އަހަރެންގެ ހިތަށް ވެރިވެފައިވަނީ ބުނެދޭން ނޭނގޭފަދަ ހަމަހިމޭންކަމެކެވެ. މި ހަމަހިމޭންކަން ނަގައިލީ ފުރަގަހުން އައިސް އަޔާނާ އަހަރެން ގައިގައި ބައްދައިލުމުންނެވެ. ކުޑަކޮށް ޖެހިލުންވެސްވިއެވެ. އަހަރެން ގައިގައި ބައްދާލުމަށްފަހު އަޔާނާ އަހަރެންދެކެ ލޯބިވާކަމަށް ބުންޏެވެ. އަދި އަހަރެން އަޔާނާދެކެ ލޯބިވާކަން ކުރިން ނޭންގީ ކީއްވެތޯ ސުވާލުކޮށް އެފަދަ އެތައް ޝަކުވާއެއް އަހަންނަށް ކުރިމަތި ކުރުވިއެވެ. އަހަރެންނަށް އެ ސުވާލުތަކުގެ ޖަވާބެއް ނުދެވުނެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން އެމީހަކަށްޓަކައި އިންތިޒާރުކުރަމުން ދިޔަ އަހަރެންގެ ހިތުގެ ރާނީގެ ލޯބި، ނޭނގި ހުއްޓައިި މިއަދު އަހަރެންނަށް މިލްކުވީ ފަދައެވެ. ފުރަތަމަ ފަހަރަށް އަހަރެންނަށް އަޔާނާގެ އިހުސާސްތައް ދެނެގަނެވުނު ހިނދު އިތުރު ހަރަކާތެއް ނުކޮށް، އަހަރެންގެ ހިތް ބޭނުންވީ އަޔާނާގެ ހިތުގެ ތެޅުން އެންމެ ގާތުން އިހުސާސް ކޮށްލާށެވެ.

އެކަނިމާއެކަނި އަހަރެންގެ ކޮޓަރިތެރޭ މިފަދަ ގޮތަކަށް އަހަރުމެން ތިއްބައި، ފެންނަ މީހަކު ހީކުރާނެ އެއްޗަކަށް ވިސްނި އަހަރެން އަޔާނާ އަތުގައި ހިފައި ކުޑަކޮށް ގަޔާ ދުރުކޮށްލުމަށްފަހު އެނދުގައި އަޔާނާ ބައިންދާ، ކައިރީ ހުރި ގޮނޑީގައި އަހަރެން އިށީނީމެވެ. ގޮނޑީގައި އިށީނުމަށްފަހު ހިތްވަރުކޮށްލައިފައި އަހަރެން އަޔާނާދެކެ ވަރަށް ބޮޑަށް ލޯބިވާ ވާހަކައާއި އަހަރެންގެ ޙަޔާތުގެ ބައިވެރިއަކަށް އަޔާނާ ހެދުމަށް އަހަރެން ބޭނުންވާ ވާހަކަ ކިޔައިދިނީމެވެ. އަދި އަޔާނާއާ ފުރަތަމަ ބައްދަލުވީ ހިސާބުން ފެށިގެން އަހަރެން މިވާހަކަތައް ދައްކަން ބޭނުންވިކަމާއި، ތަފާތު އެތަކެއް ސަބަބުތަކާއި ހުރެ އެވާހަކަތައް ހިއްސާ ނުކުރެވުނީކަމަށް އަހަރެން އަޔާނާއަށް ކިޔައިދިނީމެވެ. އަދި އެކަމަށްޓަކައި އަޔާނާގެ ކިބައިން އަހަރެން މަޢާފަށް އެދުނީމެވެ. އަހަރެންގެ ހިތުގެ ހުރިހައި އިހުސާސެއް އަޔާނާގެ ކުރިމައްޗަށް، އެއްވެސް ހިފެހެއްޓުމެއް ނެތި ބަންޑުން ޖަހައިލެވުނެވެ. އަހަރެން ހިތުގެ އުދާސްތައް ފިލައި އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ.

ފުރަން ތައްޔާރުވެގެން އަހަރުމެން އެންމެން ބޯޓަށް އަރަން ދިޔައީ އެއްކޮށެވެ. ނަސީބަކުން ކޮޓަރިތެރޭ ހިނގައިދިޔަ އެއްވެސް ކަމެއް މީހަކަށް އެނގޭވަރެއް ނުވިއެވެ. ނަމަވެސް އަޔާނާ ކުރިއަށްވުރެ އަހަންނާ ގާތްކޮށް ވާހަކަދައްކަން ފެށިއެވެ. އަހަރުމެން ފުރުވަން މަންމަވެސް އައެވެ. މަންމަ އަޔާނާމެންނާ ސަލާމްކޮށް ހެދިއެވެ. އަހަރެން ފުރަމުން މަންމަ ގާތު އަހަރެން މި ދަތުރު ނިންމާފައި އަންނާނީ މަންމަމެންނަށް ހަދިޔާއެއް ހިފައިގެންކަމަށް ބުނެ ވަޢުދުވީމެވެ. މަންމައަށް އަހަރެން ދެއްކި ވާހަކަތައް ފަސޭހަކަމާއެކު ދެނެގަނެވުނެވެ. އަދި އަހަރެންނަށް އިތުރަށް ހިތްވަރު ދިނެވެ.

ބޯޓު ފުރާ ގަޑި ކައިރިވަނީއެވެ. ބޯޓު ވަނީ މީހުން އަރައި ބަރާވެފައެވެ. މޫސުން ވަރަށް ރީއްޗެވެ. ވިއްސާރައިގެ ކުޑަވެސް އަސަރެއް ނެތެވެ. އަހަރެން އަޔާނާމެން ގާތު ދަބަސް ބެހެއްޓުމަށްފަހު ރައްޓެއްސަކާ ވާހަކަދައްކާލުމަށް މައްޗަށް އެރީމެވެ. އިރުކޮޅެއް ފަހުން ފެނިގެން ދިޔައީ މި އުފާވެރިކަން ހިތަށް ވެރިވެފައިވާ ދަނޑިވަޅުގައި އަހަރެން އެންމެ ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. އަހަރެންގެ ހިތަށް ހީވީ ހޮނުގުގުރިއެއް ޖެހިހެންނެވެ.

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ޝާހީން