ރާއްޖެ އިން ފަރުވާ ކުރެވެން ނެތް، ހާލު ބޮޑު 33 ބަލި މީހަކު ބޭރަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީގު ވިދާޅުވީ ރާއްޖެ އިން ފަރުވާ ކުރެވެން ނެތް، ހާލު ބޮޑު އެތައް ބަޔަކު އެބަތިބި ކަމަށާއި، އެމީހުންނަކީ ކޮންމެހެން ބޭރަށް ދާން ޖެހޭ މީހުންކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި، ބޮޑެތި ސާޖަރީތައް ހަދަންޖެހޭ މީހުންނެވެ.

“މިހާރު އަޅުގަނޑުމެންގެ ކްރިޓިކަލް ލިސްޓުގައި އެބަތިބި ވަރަށް ގިނަ މީހުން ދާން. އޭގެ ތެރެއިންވެސް މިހާރު ފުރާނާލައިގެން އެންމެ ކްރިޓިކަލް 33 މީހަކު ގެންދެވޭތޯ މި މަސައްކަތް ކުރަމުންދަނީ. އެ މީހުން ރާއްޖެ އިން ބޭރަށް ގެންދިއުމުގެ މަސައްކަތް އެބަކުރަން.  އެމީހުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ގެންދިއުމަށް ފޮރިން މިނިސްޓްރީން އިންޑިއާ އަދި ސްރީލަންކާ ސަރުކާރާ ވާހަކަ ދައްކަމުން ދަނީ.”

މަރިޔަމް ވިދާާޅުުުުވިއެެވެ.

ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުން ކޮވިޑް-19 ގެ ސަބަބުން ބޭރަށް ފޮނުވޭނެ އިންތިޒާމް ހަމަނުޖެހޭތީ، ހާލަތު ބަދަލުވަންދެން އެފަދަ ފަރާތްތަކަށް ބައްޔާއި ގުޅުންހުރި ބޭރުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ ހޯދައިދިނުމަށް އާސަންދަ ކުންފުނިން އިސްނަގައިގެން ހުޅުމާލެ ހޮސްޕިޓަލާއި، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލް ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު މެއި 25 ވަނަ ދުވަހު ވަނީ ހަމަޖައްސައްފާއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.