ފިލްމީ ތަރި އަމަން ޢަލީ (ޓޮމް) އާއި 2000 ގެ އަހަރުތަކުގެ ތެރޭގައި ވީޑިއޯ ލަވަތަކުން ވިދާލި މަރިޔަމް ޝަހުޒާ (ޝަހޫ)ގެ “ލޯބިވިޔަސް” ބަލައިފިން ހެއްޔެވެ؟ މިއީ ކޮވިޑް-19 އާއި މެދު ހޭލުންތެރިކުރުވުމަށް އަމަން އާއި އޭނާގެ އަންހެނުން ޝަހޫ ކޮށްފައިވާ ވަރަށް ތަފާތު، އަދި އެހާމެ ލޯބި މަސައްކަތެކެވެ.

ކޮވިޑް-19 އަށް ހޭލުންތެރިކުރުވުމަށް ތަފާތު އޭންގަލްއެއްގައި އަމަން އުފައްދާފައިވާ “ލޯބިވިޔަސް”ގެ ފުރަތަމަ އެޕިސޯޑް މިހާރު ދޫކޮށްލާފައިވާއިރު، މިއީ ކޮވިޑް-19 އާއިމެދު ރައްކާތެރިވުމަށް މުހިންމު އަދި އެހާމެ ޢިބްރަތްތެރި މެސެޖްތަކެއް ދޭ ޑްރާމާއެކެވެ.

މުނިއަވަސް އަށް އަމަން ބުނީ މިއީ އޭއޯ ނިއުސް އާއި އަމަން އަދި ޝަހޫގެ އިތުރުން އައްޑު ސިޓީ ޕޮލިސް، އައްޑޫ ސިޓީ އެސްއެސްޑީތަކާއި އީއޯސީ އާއި އަދި ހުޅުމީދޫ ޞިއްހީ މަރުކަޒު ގުޅިގެން އުފައްދާފައިވާ ޑްރާމާ އެޕިސޯޑްތަކެކެވެ. މީގެ ކުރިއަށް ހުރި އެޕިސޯޑްތަކުގެ މަސައްކަތް އަންނަ ހަފުތާގައި އައްޑޫ ސިޓީގައި ފަށާނެ ކަަމަށް ވެސް އަމަން ބުންޏެވެ.

“ލޯބިވިޔަސް” ޑްރާމާގެ ވާހަކަ ލިޔުނީ ޝިމްލާ އަޙްމަދު އެވެ. ޑައިރެކްޓްކުރީ އަމަން އެވެ.

އެގާރަ ވަރަކަށް މިނެޓްގެ “ލޯބިވިޔަސް” އިން ލިބިގެންދާ ޢިބްރަތްތެރި މެސެޖްތައް ބަލައިލުމަށް ބެލުންތެރިންނަށް ދޫކޮށްލަމެވެ.

“ލޯވިޔަސް” ޑްރާމާ ފޭސްބްކްގައިވެސް ގިނަ ބަޔަކު ގެންދަނީ ހިއްސާކުރަމުންކަން ފާހަގަކޮށްލެވެއެވެ.

އަމަން އާއި ޝަހޫގެ ދިރިއުޅުން އައްޑުއަށް ބަދަލުކޮށްފައިވާއިރު، މިހާރު އަމަން ތައްޔާރުވަމުން އަންނަނީ އޭއޯ ނިއުސް އާއި ގުޅިގެން ޗެނަލެއް ހެދުމަށްކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން އަމަންގެ ސްޓޫޑިއޯ އެއްކޮށް އައްޑޫ ސިޓީއަށް ބަދަލުކޮށް މަސައްކަތް ފަށަން އުޅޭކަމަށް ވެސް ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.