ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން، އިތުރު 120 މީހުން ރަނގަޅުވެ، އެބަލިން ޝިފާ ލިބުނު މީހުންގެ އަދަދު 608 އަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އިތުރު 120 މީހުން ކޮވިޑް-19 އިން ރަނގަޅުވެފައިވާ ކަމަށާއި، ޖުމުލަ އަދަދު 608 އަރާފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 1841 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 612 މީހުންނާއި، ބަންގްލަދޭޝްގެ 1004 މީހުންނާއި، އިންޑިއާގެ 187 މީހުންނާއި، ނޭޕާލްގެ 23 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ސްރީލަންކާގެ 9 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންނާއި އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 4 މީހުންްނެވެ.

ކަރަންޓީނުގައި 1391 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 1277 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.