ސުކޫލުތަކުގެ ޓީޗަރުން އަލުން ވަޒީފާއަށް ނިކުންނަން ޖެހޭ ވަކި ތާރީޚެއް އަދި އަންގައިފައިނުވާނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެފައިވާނޭކަމަށް ނެޝެނަލް އޮޕަރޭޓިން ސެންޓަރުން ވިދާޅުވެއްޖެއެވެ.
އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މި މަހުގެ 14ގައި ޓިޗަރުން ސުކޫލުތަކަށް ރިޕޯޓުކުރަން ޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓިރީން އަންގަވައިފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދާކަމަށެވެ. އަދި އެގޮތަށް އަންގާ ލިޔުމެއް އެ މިނިސްޓރީއިން ނެރުއްވައިފައިވާކަމަށް ބުނާ ލިޔުމެއް ވެސް މީސްމީޑިއާގައި ދައުރުވަމުންދާ ކަމަށާއި އެ ފަދަ ލިޔުމެއް އެ މިނިސްޓްރީން ނެރުއްވައިފައި ނުވާނޭކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަ އެ މިނިސްޓިރީން ބައްލަވަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ޓީޗަރުން އަލުން ސުކޫލުތަކަށް ރިޕޯޓުކުރަން ފަށާނޭ ތާރީޚާއި އެހެނިހެން ތަފްސީލްތައް ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވާކަމަށެވެ.
ކޮވިޑް19 ގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށުމާއިއެކު ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ސުކޫލުތައް ބަންދުކޮށްފައި ވީނަމަވެސް ދަރިވަރުން ގޭގައި ތިބިގެން ފިލާވަޅު ލިބޭނޭ ގޮތް އެޑިއުކޭޝަން މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެގޮތުން ޓެލިކިލާސްތައް ނަގައި ދިނުމާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އެ މި ނިސްޓްރީއިން އަންނަނީ ދަރިވަރުންނަށް ކިޔަވައި ދެމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.