‏ކޮވިޑް 19ގެ ސަބަބުން ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ވެސް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ މި ވަގުތުގައި އެކަންކަމުން އަރައިގަތުމަށްޓަކައި ޔުނިސެފުން ފުޅާދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމުގައި އެޑިއުކޭޝަން މިންސްޓްރީއިން ވިދާޅުވެއްޖެއެވެ.

މިކަމާއި ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައި ވީނަމަވެސް ހުއްޓުމެއް ނެތި ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށް ދިނުމަށްޓަކައި މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިކަމުގައި ވަރަށް ފުޅާދާއިރާއެއްގައި ޔުނިސެފުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ.

މިގޮތުން އެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި މުދައްރިސުންނަށް ބޭނުންވާ މަޢުލޫމާތާއި ތަމްރީނު ދިނުމާއި، މުދައްރިސުންނަށް އަމާޒުކޮށްގެން ޔުނިސެފުގެ އެހީތެރިކަމާއެކު ގޫގުލް ފޯ އެޑިޔުކޭޝަން ތަމްރީނު ޕްރޮގްރާމެއް ފެށިގެން ކުރިއަށް ގެންދިއުމާއި، ދަރިވަރުންނަށް ރައްކާތެރި އޮންލައިން މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން މުދައްރިސުންނާއި ބެލެނިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ގޫގުލް ކްލާސްރޫމުގެ ބޭނުންކޮށްގެން އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދިނުމުގައި މުދައްރިސުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދީ އޮންލައިންކޮށް ކިޔަވައިދިނުމުގެ ވައްޓަފާޅި ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން ޓެލެކިލާސްތައް ކުރިއަށް ގެންދިއުމުގައި ދިމާވަމުން އައި ދަތިތައް ހައްލުކޮށްދެއްވުމުގެ ގޮތުން ޔުނިސެފުން، ނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެޑިއުކޭޝަން-އެންއައިއީގައި ސްޓޫޑިއޯ ސެޓަޕެއް ގާއިމުކޮށްދެއްވައި، އެކަމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.

ކޮވިޑް19 ގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ލިބޭ ގެއްލުންތައް ދިރާސާކޮށް، ތަޢުލިމީދާއިރާ މި ބަލިމަޑުކަމަށް ތައްޔާރުކުރުމަށްޓަކައި ބޭނުންވާ ޕްލޭންތައް ހެދުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކޮންސަލްޓެންޓެއް ހޯއްދަވައިދެއްވައިދެއްވުމުގެ އިތުރުން  ސްކޫލަށް ނުގޮސް ގޭގައި ތިބެން ޖެހުމާއެކު ފުރަބަންދުގެ ހާލަތުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ނަފުސާނީ ގޮތުން ދިމާވާ މައްސަލަތަކަށް އެހީތެރިކަން ޔުނިސެފުން ފޯރުކޮށްދެމުން އަންނަ ކަމަށާއި، އަދި ޅަފަތުގެ ތަޢުލީމުގެ މަރުހަލާގެ ދަރިވަރުންނަށް ޚާއްސަކޮށްގެން މަޝްހޫރު ލިޔުންތެރިންގެ ފޮތްތައް ފޯރުކޮށް ދިނުމުގައި ވެސް ޔުނިސެފު އެހީވެފައިވާކަމަށް މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ވެއެވެ.

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މުޅިދުނިޔޭގެ ޔުނިވާރސިޓީތަކާއި ސްކޫލުތައް ވެސް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި އަލުން ރާއްޖޭގެ ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފެއްޓުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކަށްވެސް ޔުނިސެފުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.

މިގޮތުން ސްކޫލްތަކަށް ސައިބޯނި ފޯރުކޮށް ދިނުމަށްޓަކައި ވެސް ޔުނިސެފުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެ އިތުރުން ސްކޫލްތައް އަލުން ހުޅުވާއިރު ކަރިކިއުލަމްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އޮންލައިންކޮށް ކިޔަވައިދިނުމުގައި ބޭނުންކުރާނެ ޓޫލްސް ތައްޔާރުކޮށްދިނުމުގައި އެހީތެރިވުމާއި އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގެ މަޢުލޫމާތުގެ ނިޒާމު (މީމިސް) ޕޯޓަލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް ޔުނިސެފުން އަންނަނީ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށް ދެމުން ކަމަށް އެ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައިވެއެވެ.

މި އުނދަގޫ ދަނޑިވަޅުގައި ޔުނިސެފުގެ ފަރާތުން ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ވެދެއްވަމުން އަންނަ އެހީތެރިކަން ފާހަގަކޮށް އެ މިނިސްޓްރީގެ ފަރާތުންވަނީ ޝުކުރު ދަންނަވާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.