ޖޯޖު ފްލޮއިޑުގެ މައްސަލައިގައި ޝުޢޫރު ފާޅުކުރި ކުޅުންތެރިންނަށް ފިޔަވަޅު ނާޅަން ފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން (ފީފާ) އިން ގޮވާލައިފިއެވެ.

މިކަމާއި ގުޅިގެން ފީފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޯޖު ފްލޮއިޑުގެ މަރާ ގުޅިގެން ކުޅުންތެރިން ފާޅުކޮށްފައިވާ ޝުޢޫރުތަކާއި، ކަންބޮޑުވުންތަކާއި އަދި، ކުޅުންތެރިން ބަންޑުން ކޮށްލި ޖަޒުބާތުތައް އެ ފެޑެރޭޝަނަށް ގަބޫލުކުރެވޭ ކަމަށެވެ. ނަސްލީ ތަފާތުކުރުންތަކާއި، އަދި އެނޫންވެސް އެހެން ތަފާތު ކުރުންތަކާ ދެކޮޅަށް އެންމެ ބޮޑު މަސައްކަތްތަކެއް ކުރަމުން އަންނަ އެއްބަޔަކީ އެ ފެޑެރޭޝަން ކަމަށާއި، އެކަންތައްތަކާ ދެކޮޅަށް ދާދި ފަހުން ހަރުކަށި ގަވާއިދުތަކެއް ވެސް އެކުލަވާލާފައި ވާނެކަމަށް ފީފާގެ ބަޔާނުގައިވެއެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އެ ފެޑެރޭޝަނުން ވެސް ތަފާތު ކެމްޕޭންތައް ކުރިއަށް ގެންދާ ކަމަށާއި، ފީފާގެ މުބާރާތްތަކުގައި ވެސް ނަސްލީ ތަފާތުކުރުންތަކާ ދެކޮޅު ތަފާތު ޝިޢާރުތައް އާންމުކުރާ ކަމަށެވެ. މުބާރާތްތަކުގައި ބޭނުންކުރުމަށް އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިފެބް) އިން ހުއްދަ ދީފައިވާ ފީފާގެ ގަވާއިދު، “ދަ ލޯސް އޮފް ދަ ގޭމް” ގެ ދަށުން ނިންމުންތައް ނިންމާއިރު، އެކަމެއްގެ ވަށައިގެން ހިނގާފައިވާ ކަންތައްތަކަކާއި، އެކަމެއް ހިނގި ޙާލަތަށް ރިޢާޔަތްކުރުމަށް ފުޓްބޯޅައިގެ މައި އިދާރާ އިން ނެރުނު ބަޔާނުގައި ގޮވާލާފައިވެއެވެ.

މިބަޔާނުގައި ފީފާގެ ރައީސް ބުނެފައިވަނީ ބުންޑަސްލީގާގައި ހިނގައިދިޔަ ކަންތައް ފީފާ އިން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެއްގައި ހިނގައިފިނަމަ، އެކަމަށް ދޭނީ އަދަބެއް ނޫންކަމަށާއި، އެކަމަށް ލިބިގެންދާނީ އަތްތިލަބަޑީގެ ހޫނު ތަރުޙީބެއް ކަމަށެވެ. އެންމެން އެކުގައި ނަސްލީ ތަފާތުކުރުންތަކާއި، އެނޫންވެސް އެހެން ތަފާތުކުރުންތަކަށް ނޫނެކޭ ބުނަން ޖެހޭ ކަމަށްވެސް ފީފާގެ ރައީސް ބުނެފައިވެއެވެ.

ފީފާ އިން މި ބަޔާން ނެރެފައި މިވަނީ ބުންޑަސްލީގާގެ ބައެއް ކުޅުންތެރިން ޖޯޖު ފްލޮއިޑުގެ މަރާ ގުޅިގެން ފާޅުކުރި ޝުޢޫރުތަކުގެ މައްސަލަ އެ ލީގުގެ ކޮންޓްރޯލް ކޮމިޓީން ބަލާނެކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.

ބުންޑަސްލީގާގައި މެއި 30 އަދި 31 ވަނަ ދުވަހު ކުޅުނު މެޗުތަކުން ބައެއް ކުޅުންތެރިން ވަނީ ޖޯޖު ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، ޓީޝާޓުތަކާއި، އަތުގައި އަޅާ ބޭންޑުތަކުގައި ލިޔެގެން އެކުޅުންތެރިންގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. އަދި، ބައެއް ކުޅުންތެރިން ގޯލުޖެހުމަށް ފަހު، ފްލޮއިޑުގެ މަރާ ދެކޮޅު ކަން ހާމަކުރުމުގެ ގޮތުން، ބިންމަތީގައި ކަކޫ ޖައްސާފައިވެއެވެ.

ބުންޑަސްލީގާގެ ގަވާއިދު ބުނާގޮތުން ސިޔާސީ ނުވަތަ އެފަދަ އެއްވެސް ޝުޢޫރެއް ފާޅުކުރުމަކީ ކުށެކެވެ. ކުޅުންތެރިއެއްގެ މައްޗަށް އެކަން ސާބިތުވެއްޖެނަމަ، އެކަމުގެ އަދަބަކީ ސަސްޕެންޑް ނުވަތަ ޖޫރިމަނާ ކުރުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.