ބޮލީވުޑްގެ މަޝްހޫރު ފިލްމު “ޑޯން”އަކީ އަމީތާބް ބައްޗަންގެ އެންމެ މަޝްހޫރު ފިލްމުތަކުން ފިލްމެކެވެ. އެނގޭ ހެއްޔެވެ؟ އަމީތާބަށް ޑޯން ލިބުނީ އިތުރު ތިން ތަރިއަކަށް ހުށަހަޅައި އެ ތަރިން ފިލްމު ޤަބޫލު ނުކުރުމުންނެވެ.

“ޑޯން”ގެ ޑައިރެކްޓަރ ޗަންދުރަ ބަރޯތު ދިން އިންޓަވިއެއްގައި ބުނެފައިވާ ގޮތުން އޭނާ އެންމެ ފުރަތަމަ ޑޯންގެ ލީޑް ރޯލު ކުޅުވަން ބޭނުންވީ ދޭވް އާނަންދު ލައްވައެވެ. އެގޮތަށް އެކަން ނުވުމުން ޖީތެންދުރައާއި ދަރުމެންދުރައަށް ހުށަހަޅައި ކާމިޔާބު ނުވުމުން އަމީތާބަށް ހުށަހެޅީއެވެ. އަމީތާބު ފިލްމު ޤަބޫލުކުރީއެވެ.

ޑޯން ގައި އަމީތާބު ކުޅެފައިވަނީ ޑަބަލް ރޯލެކެވެ. އޭނާ ކުޅެފައިވާ ރޯލަށް ޖެހިގެން އައި އަހަރުގެ ފިލްމުފެއަރ އެވޯޑްގައި އޭނާއަށް ވަނީ ބެސްޓް އެކްޓަރުގެ އެވޯޑް ލިބިފައެވެ. އަދި މިއީ 1978 ވަނަ އަހަރުގެ ބޮލީވުޑް ބޮކްސް އޮފީހުގައި ތިން ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުވެސްމެއެވެ.

28 އަހަރު ފަހުން ފަރްޚާން އަޚްތަރު ވަނީ ޝާހް ރުކް ޚާންއާއެކު މި ފިލްމުގެ ރީމޭކެއް ހަދާފައެވެ. ރީމޭކަށްވެސް ވަނީ ކްރިޓިކުންނާއި ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.