ވާދަވެރި މެންޗަސްޓަރ ޔުނައިޓެޑް ފަހަތަށް ޖައްސާލުމަށްފަހު، އިނގެރޭސިވިލާތުގެ އެންމެ މަގުބޫލު ފުޓްބޯޅަ ކުލަބުގެ ލަގަބު ލިވަޕޫލް ހޯދައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރާ ބެހޭ ދިރާސާތައް ކުރަމުން އަންނަ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ “ޔޫގަވް” އިން އިނގެރޭސިވިލާތުގައި ކުރި ދިރާސާއަކުން ހާމަވި ގޮތުގައި، އެ ގައުމުގެ އެންމެ ގިނަ ބަޔަކަށް ކަމުދާ ފުޓްބޯޅަ ކުލަބަކީ ލިވަޕޫލް އެވެ. އެ ކުންފުނިން ކުރި މި ދިރާސާ އަކީ އިނގެރޭސިވިލާތާއި، ޔޫރަޕުގެ އެންމެ މަގުބޫލު 40 ފުޓްބޯޅަ ކުލަބެއް ދެނެގަތުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. މި ދިރާސާ ކުރިއަށް ގެންދިއުމުގައި ބަލާފައި ވަނީ މުޖުތަމަޢުގެ ތެރޭގައި ކުލަބުގެ ގުޅުން އޮންނަ މިންވަރާއި، ކުލަބުގެ މެނޭޖުމަންޓާއި، ކުޅުންތެރިންނާއި، ސަޕޯޓަރުންގެ ސަގާފަތާއި، އާދަކާދަ އާއި، ޓީމުގެ ކުޅުމުގެ ވައްޓަފާޅި އަށެވެ.

އިނގެރޭސިވިލާތުގެ އެންމެ މަގުބޫލު 10 ފުޓްބޯޅަ ކުލަަބު

“ޔޫގަވް” އިން ކުރިއަށް ގެންދިޔަ މި ދިރާސާ އިން ހާމަވި ގޮތުގައި، އިނގެރޭސި ވިލާތުގެ 8.3 އިންސައްތަ އަކީ ލިވަޕޫލްގެ ސަޕޯޓަރުންނެވެ. މެންޗެސްޓަރ ޔުނައިޓެޑަށް ސަޕޯޓު ކުރަނީ 6 އިންސައްތައެވެ. ލިސްޓުގެ ތިންވަނައިގައި 3.1 އިންސައްތަ މީހުންގެ ސަޕޯޓާއި އެކު އޮތީ ޗެލްސީ އެވެ. ހަތަރުވަނައިގައި 2 އިންސައްތަ މީހުންގެ ސަޕޯޓާއި އެކު މެންޗެސްޓަރ ސިޓީ އޮތްއިރު، ފަސްވަނައިގައި ހަމަ 2 އިންސައްތަ މީހުންގެ ސަޕޯޓާއި އެކު އޮތީ އާސެނަލް އެވެ.

މެންޗެސްޓަރ ޔުނައިޓެޑާ އޮންނަ ފަރަގު ލިވަޕޫލް އިން ބޮޑު ކުރަނީ

ފީފާ ކުލަބު ވޯލްޑް ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަރ ކަޕު ކާމިޔާބު ކުރުމުން ލިވަޕޫލްގެ މަގުބޫލުކަން އިތުރުވެފައިވެއެވެ. ފަހަކަށްއައިސް އެޓީމުން ދައްކަމުން އަންނަ މޮޅުކުޅުމާއި، އެޓީމުގެ ކޯޗު ޖާގެން ކްލޮޕާއި، ފޯވާޑު މުހައްމަދު ސަލާހް އަދި ޑިފެންޑަރު ވާޖިލް ވެން ޑައިކަކީ އިނގެރޭސި ވިލާތުގެ ގިނަބައެއްގެ މަގުބޫލުކަން ލިބިފައިވާ ތިން މީހުންނެވެ. އެ މީހުންނަށް އެހާބޮޑު މަގުބޫލުކަމެއް ލިބިފައިވުމަކީ ވެސް ލިވަޕޫލްގެ މަގުބޫލުކަން ބޮޑުވި ސަބަބެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. 30 އަހަރަށް ފަހު، އިނގެރޭސި ޕްރިމިއަރ ލީގު ކާމިޔާބުކުރުމާ ގާތަށް ލިވަޕޫލް ޖެހިލާފައި ވާއިރު، ލީގު ލިބުމުން އެ ކުލަބުގެ މަގުބޫލުކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.