ކަރުދަށް ކަޅުވުމަކީ ހަމައެކަނި ވަކި ޖިންސަކަށް ދިމާވާކަމެއް ނޫނެވެ. ބައެއްފަހަރު ކަރުދަށް ކަޅުވަނީ “އެކަންތޮސިސް ނިގްރިކަންސް” ކިޔާ ބައްޔެއްގެ ސަބަބުންނެވެ. “އެކަންތޮސިސް ނިގްރިކަންސް” އަކީ ހަންގަނޑުގެ އެކި ހިސާބުތައް މަޑުވެ، ކަޅު ކުލައަކަށް ބަދަލުވުމަށް ކިޔާ ނަމެކެވެ. އާންމުކޮށް މިހެން ދިމާވަނީ ކަރުދަށް އަދި ކިހިލިފަތްދޮށް ފަދަ ހަށިގަނޑުގެ އެންމެ ދަތި ދޭރެތަކުގައެވެ.

މިގޮތަށް ހަންގަނޑު ކަޅުވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި، ހަކުރު ބަލި ހުރުން، ހަށިގަނޑުގައި ގިނަ އަދަދަކަށް ސަރުބީ ހުރުން، ހޯމޯންސް އަށް ބަދަލު އައުން އަދި އަލްޓްރާ ވައިލެޓް ދޯދިތަކުން ކުރާ އަސަރުތައް ހިމެނެއެވެ.

ހަންގަނޑު ކަޅުވާނަމަ، ގޭގައި ދެވިދާނެ ބައެއް ފަރުވާ:

އާމަންޑް ބޭނުންކޮށްގެން ދެވިދާނެ ފަރުވާއެއް:

އާމަންޑަކީ ހަންގަނޑަށް އެންމެ ބޭނުންވާ ވިޓަމިންގެ މާއްދާތައް އެކުލެވޭ އެއްޗެކެވެ. އާމަންޑް ބޭނުންކުރުމުން ހަންގަނޑު އޮމާންކޮށް، ތާޒާކަންމަތީ ދެމެހެއްޓުމަށް އެހީވެދެއެވެ.

އާމަންޑް ހިނމުންކޮށް މުގުރާލުމަށް ފަހު، ސައި ސަމުސާގެ އެއްބައި އާމަންޑާއި، އެއް ސައިސަމުސާ ކިރު އަދި އެއް ސައި ސަމުސާ މާމުޔާ އެއްކޮށްލައި ޕޭސްޓެއް ތައްޔާރުކޮށްލާށެވެ. އަދި، އެއަށްފަހު، ހަންގަނޑު ކަޅުވެފައި ހުރި ކަރުގެ އެކި ހިސާބުތަކުގައި މި ޕޭސްޓު ރަނގަޅަށް އުނގުޅާލާށެވެ. މިގޮތަށް ބައިގަޑިއެއްހާއިރު ބެހެއްޓުމަށް ފަހު، ދޮވެލާށެވެ. ހަފުތާއަކު ހަތަރު ދުވަހު މިގޮތަށް ތަކުރާރުކޮށްލާށެވެ.

ވޯލްނަޓް ބޭނުންކޮށްގެން ދެވިދާނެ ފަރުވާއެއް:

ހަންގަނޑު ތާޒާކަންމަތީ ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ވިޓަމިން އާއި، މިނެރަލް ގެ މާއްދާތައް ވޯލްނަޓް ގައި އެކުލެވެއެވެ. މީގެއިތުރުންވެސް ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށް އެހީވެދޭ މާއްދާތައް ވެސް ވޯލްނަޓް ގައި އެކުލެވެއެވެ.

ވޯލްނަޓް ކޮޅެއް ހިނމުންކޮށް މުގުރާލުމަށް ފަހު، ޕްލެއިން ޔޯގަޓާ އެއްކޮށްލާ ޕޭސްޓެއް ތައްޔާރުކޮށްލާށެވެ. އެއަށްފަހު، ހަންގަނޑު ކަޅުވެފައި ހުރި ކަރުގެ އެކި ހިސާބުތަކުގައި ދިހަވަރަކަށް މިނެޓް ވަންދެން މި ޕޭސްޓު މަޑުން މަޑުން އުނގުޅާލާށެވެ. ޕޭސްޓް ރަނގަޅަށް ހިކުމުން އައިސް ފެން ބޭނުންކޮށްގެން ރަނގަޅަށް ދޮވެލާށެވެ.

އެލޯ ވެރާ ބޭނުންކޮށްގެން ދެވިދާނެ ފަރުވާއެއް:

އެލޯ ވެރާ އަކީ ހަންގަނޑު ކުލަ އަލިކޮށްދީ ތާޒާކަންމަތީ ދެމެހެއްޓުމަށް އެހީވެދޭ ގުދުރަތީ އެއްޗެކެވެ. އަދި ހަމައެހެންމެ، އެލޯ ވެރާ އަކީ ހަންގަނޑުގެ އާ ސެލްތައް އުފެއްދުމަށް އެހީވެދޭ “އެންޓިއޮކްސިޑެންޓް” އާއި އެހެން މާއްދާތަކުން މުއްސަނދި އެއްޗެކެވެ.

އެލޯ ވެރާ ގަހުގެ ފަތުގެ އެތެރޭގައި ހުންނަ އެލޯ ވެރާ ޖެލް ނަގާށެވެ. އެއަށްފަހު، ހަންގަނޑު ކަޅުވެފައި ހުރި ކަރުގެ އެކި ހިސާބުތަކުގައި އެ ޖެލް ރަނގަޅަށް އުނގުޅާ މަސާޖުކޮށްލާށެވެ. ވިއްސަކަށް މިނެޓް ވަންދެން ބެހެއްޓުމަށްފަހު، ރަނގަޅަށް ދޮވެލާށެވެ. ކޮންމެ ދުވަހަކު ވެސް މިގޮތަށް ތަކުރާރުކޮށްލާށެވެ.

އޯޓްސް ބޭނުންކޮށްގެން ދެވިދާނެ ފަރުވާއެއް:

އޯޓްސް އަކީ ހަންގަނޑުގައި މަރުވެފައިވާ ސެލްތައް ސާފުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

އޯޓްސް ހިނމުންކޮށް މުގުރާލުމަށް ފަހު، ދެ ސައި ސަމުސާ އޯޓްސް އެތެރެއަށް ކުޑަ ޓޮމާޓޯ ޕޭސްޓް ކޮޅެއް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު، ހަންގަނޑު ކަޅުވެފައި ހުރި ކަރުގެ އެކި ހިސާބުތަކުގައި މި ޕޭސްޓް ރަނގަޅަށް އުނގުޅާލާށެވެ. ވިއްސަކަށް މިނެޓް ވަންދެން ބެހެއްޓުމަށްފަހު، އައިސް ފެނުން ދޮވެލާށެވެ. ފެން ފޮހެލުމަށް ފަހު، ހަންގަނޑު ތެތްކޮށްލުމަށް ލޯޝަނެއް ނޫނީ ކްރީމެއް ބޭނުންކުރާށެވެ. ހަފުތާއަކު ދެ ފަހަރު މިގޮތަށް ތަކުރާރުކޮށްލާށެވެ.

ބޭކިންގ ސޮޑާ ބޭނުންކޮށްގެން ދެވިދާނެ ފަރުވާއެއް:

ބޭކިންގ ސޮޑާ އަކީ ވެސް ހަންގަނޑުގެ މަރުވެފައިވާ ސެލްތައް ސާފުކޮށްދީ، ކަޅުވެފައި ހުންނަ ހިސާބުތައް އަލިކުރުމަށް އެހީވެދޭ އެއްޗެކެވެ.

ސައިބޯ ޖޯޑެއްގެ ދެބައިކުޅަ އެއްބަޔަށް ވާވަރުގެ ބޭކިންގ ސޮޑާގެ ތެރެއަށް މަޑުމަޑުން ފެން އަޅައި، ޕޭސްޓެއް ތައްޔާރުކޮށްލާށެވެ. އެއަށްފަހު، ހަންގަނޑު ކަޅުވެފައި ހުރި ކަރުގެ އެކި ހިސާބުތަކުގައި ރަނގަޅަށް އުނގުޅާލާށެވެ. ޕޭސްޓް އެއްކޮށް ހިކުމުން، ރަނގަޅަށް ދޮވެލާށެވެ. ހަފުތާއަކު ދެފަހަރު މިގޮތަށް ތަކުރާރުކޮށްލާށެވެ.

ކިއުކަންބާ ބޭނުންކޮށްގެން ދެވިދާނެ ފަރުވާއެއް:

ކިއުކަންބާ އަކީ ހަށިގަނޑުގައި ހުންނަ މަރުވެފައިވާ ހަންތައް ސާފުކޮށްދީ، ހަންގަނޑު އޮމާންކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ.

ކިއުކަންބާ އަދި ލުނބޯހުތް އެއްވަރަކަށް ބޭނުންކޮށްގެން ޕޭސްޓެއް ތައްޔާރުކޮށްލާށެވެ. އެއަށްފަހު، ކަފަކޮޅެއް ބޭނުންކޮށްގެން ހަންގަނޑު ކަޅުވެފައި ހުރި ކަރުގެ އެކި ހިސާބުތަކުގައި ރަނގަޅަށް އުނގުޅާލާށެވެ. ދިހަވަރަކަށް މިނެޓް ވަންދެން ބެހެއްޓުމަށްފަހު، އައިސް ފެނުން ދޮވެލާށެވެ. ހިތްހަމަޖެހޭ ވަރަށް ނަތީޖާ ފެންނަން ދެން ކޮންމެ ދުވަހަކު ވެސް މިގޮތަށް ތަކުރާރުކޮށްލާށެވެ.

ޔޯގަޓް އަދި ރީނދޫ ބޭނުންކޮށްގެން ދެވިދާނެ ފަރުވާއެއް:

ޔޯގަޓަކީ ހަންގަނޑު ސާފުކުރުމަށް ރަނގަޅު އެއްޗެކެވެ. އޭގައި އެކުލެވޭ އެސިޑްގެ ސަބަބުން ހަންގަނޑު އަލިކޮށްދިނުމަށް އެހީވެދެއެވެ.

ޔޯގަޓް ތައްޓަކާއި، އެއް މޭޒުމަތީ ސަމުސާ ރީނދޫ ރަނގަޅަށް އެއްކޮށްލައި، ޕޭސްޓެއް ތައްޔާރުކޮށްލާށެވެ. ފަނަރަވަރަކަށް މިނެޓް ވަންދެން ބެހެއްޓުމަށްފަހު، އާދައިގެ ފެނުން ދޮވެލާށެވެ. ހަފުތާއަކު ދެފަހަރު މިގޮތަށް ތަކުރާރުކޮށްލާށެވެ.

މޭވާ މާސްކު:

މޭވާ މާސްކު ނުވަތަ ފުރުޓް މާސްކަކީ ބާޒާރުގައި އާންމުކޮށް ލިބެންހުންނަ އެއްޗެކެވެ. މޭވާ މާސްކު ތައްޔާރުކޮށްފައި ހުންނަނީ މޭވާގެ އެކި ބާވަތްތައް ބޭނުންކޮށްގެންނެވެ. މޭވާ އަކީ އޭގައި ގިނަ މިންވަރަކަށް ވިޓަމިން އާއި، މިނެރަލް ހިމެނޭ އެއްޗެކެވެ. މި ފަދަ މާއްދާތަކުން ހަންގަނޑު އަލިކޮށްދީ، ތާޒާކަންމަތީ ދެމެހެއްޓުމަށް އެހީވެދެއެވެ.

 

މަސްދަރު: މެޑްއިންޑިއާ.ނެޓް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.